Roadha Mihaaru
ކްލެމެންސީ ބޯޑަށް ޝުޖާއު އައްޔަންކޮށްފި

މަޖިލީހުން ކްލެމެންސީ ބޯޑުގައި ހުންނަވާ މެންބަރަކަށް ޝުޖާއު އައްޔަންކޮށްފި

04 ޖޫން 2024

މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ކަންކަން ބަލާ ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އައްޔަން ކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ކަންކަން ބަލާ ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އައްޔަން ކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ކްލެމެންސީ ބޯޑަށް ޝުޖާއުގެ ނަން ހުށަހެޅުއްވީ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީންނެވެ. އޭނާގެ ނަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 88 މެންބަރުންގެ އިއްތިފާގުންނެވެ.

ކްލެމެންސީ ބޯޑަކީ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެ ބޯޑުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުރުން ދެން ތިއްބަވަނީ ގާނޫނީ ދާއިރާ އާއި އިޖުތިމާއީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ދީނީ އިލްމުގެ ބޭފުޅަކާއި މަދަނީ ޖަމްއިއްޔާތަކުން އައްޔަން ކުރާ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ތެރެއިން ބޭފުޅަކާއި ޝަރުއީ ދާއިރާގެ ބޭފުޅެކެވެ.

އެ ބޯޑަކީ މައާފް ދިނުމަށް އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ރައީސަށް އިލްތިމާސް ހުށަހެޅުމުން، ރައީސްގެ ފަރާތުން އެ އިލްތިމާސް ދިރާސާކޮށް އެ އިލްތިމާސާ ގުޅޭގޮތުން ރައީސް އަމަލުކުރައްވަން ފެންނަގޮތުގެ ލަފާދިނުމަށް އެކުލަވާލި ބޯޑެކެވެ.

މި ބޯޑަށް އަލުން މެންބަރުން ކަނޑައަޅަން ޖެހުނީ ކުރީގެ މަޖިލީހުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. އެއީ ކުރީގެ މަޖިލީހުގެ މެންބަރުންގެ ދައުރު، މަޖިލީހުގެ ދައުރު ހަމަވުމާ އެކު ނިމޭތީ އެވެ.

ނިމިދިޔަ ދައުރުގައި އެ ބޯޑުގައި މަޖިލިސް ތަމްސީލް ކުރެއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.