Roadha Mihaaru
3 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް

3 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް

03 ޖޫން 2024

އިދިކޮޅު އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ފާސްކުރި، މި ސަރުކާރުގެ ތިން ވަޒީރުންނަށް އަލުން ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލަ، ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އިދިކޮޅު އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ފާސްކުރި، މި ސަރުކާރުގެ ތިން ވަޒީރުންނަށް އަލުން ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލަ، ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ކެބިނެޓަށް އައްޔަން ކުރެއްވި 22 ވަޒީރުންގެ ތެރެއިން އެމްޑީޕީން ވިޕެއް ނެރުނީ ހަތަރު މިނިސްޓަރަކަށް ރުހުން ނުދިނުމަށެވެ. ވަކި ސަބަބެއް ނެތި، އޭގެ ތެރެއިން ތިން މިނިސްޓަރަކަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރި އެވެ.

އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

ނަމަވެސް ރައީސް ޑރ. މުއިއްޒު ވަނީ އެ ތިން ބޭފުޅުން އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވައިފަ އެވެ. އަދި ރުހުން ހޯދުމަށް އަލުން ނަންފުޅުތައް މަޖިލީހަށް ފޮނުއްވައިފަ އެވެ.

އެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް، ތަޅުުމުގައި ވަނީ އިއުލާނުކޮށްފަ އެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މައްސަލަ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާ ކަމަށެވެ.

ވަޒީރުންނަށް ރުހުން ދޭނީ ކޮމިޓީން ދިރާސާކުރުމަށް ފަހުގަ އެވެ.

ތިން ވަޒީރުންނަށް ރުހުން ދީފައިނުވި ނަމަވެސް، އަލުން އައްޔަން ކުރެއްވުމާ އެކު ތިން ބޭފުޅުން އަދިވެސް ތިއްބެވީ މަގާމުގަ އެވެ.