Roadha Mihaaru
"ރީތި ހަމައަކީ މިނިސްޓަރުންނަށް ރުހުން ދިނުން"

ޑިމޮކްރަސީގެ ރީތި ހަމައަކީ ރައީސް އައްޔަންކުރައްވާ މިނިސްޓަރުންނަށް ރުހުންދިނުން: ނައިބު ރައީސް

28 ޖެނުއަރީ 2024

ޑިމޮކްރަސީގެ ރީތި ހަމައަކީ ރައީސް އައްޔަންކުރައްވާ މިނިސްޓަރުންނަށް ރުހުންދިނުން ކަމަށް، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑިމޮކްރަސީގެ ރީތި ހަމައަކީ ރައީސް އައްޔަންކުރައްވާ މިނިސްޓަރުންނަށް ރުހުންދިނުން ކަމަށް، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.

އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުން ދިގު ދެންމުމަށްފަހު މިއަދުގެ ޖަލްސާއަށް އަނެއްކާ ވެސް އެ މައްސަލަ ވަނީ ތާވަލްކޮށްފަ އެވެ. ނަމަވެސް، ޑިމޮކްރެޓްސް އިން ވަނީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމާއެކު އިތުރު ތިން މިނިސްޓަރުންނަށް ރުހުން ނުދޭން ނިންމައިފަ އެވެ. އެކަމާ މެދު އެމްޑީޕީން ގޮތެއް ނިންމުމަށް މިހާރު ދަނީ ބައްދަލުވުމެއް ބާއްވަމުންނެވެ.

އެ މައްސަލައާ ގުޅިގެން، ނައިބު ރައީސް "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޑިމޮކްރަސީގެ އެންމެ ރީތި ހަމައަކީ ރައީސް އިހުތިޔާރުކުރައްވާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުން ކަމަށެވެ. އެކަމާ ދެކޮޅަށް ބައެއް ޕާޓީތަކުން ދައްކާ ހުއްޖަތްތަކަކީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ މެންބަރަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ޕާޓީން ރުހުން ނުދޭން ނިންމާފައި ވަނީ އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރަށެވެ.

އެ ޕާޓީން ބުނި ގޮތުގައި އެ ހަތަރު ވަޒީރުންނަށް ރުހުން ނުދޭން ނިންމީ ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ހުރުމުންނެވެ. އެގޮތުން، ޒަމީރަށް ރުހުން ނުދޭން ނިންމީ ހާރިޖީ ދާއިރާއިން ވެސް ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުން ގޯސްވެ، 50 އަހަރުވީ ޓޫރިޒަމަށް ވެސް ގެއްލުންތަކެއް ލިބެމުންދާ ސިޔާސަތެއްގެ ސަބަބުން ކަމަށް ބުންޏެވެ.

އެޓާނީ ޖެނެރަލް އުޝާމްއަށް ރުހުން ނުދޭން ނިންމި ސީދާ ސަބަބެއް ޑިމޮކްރެޓްސް އިން ވާހަކަ ދެއްކެވި މެމްބަރު ވިދާޅެއް ނުވެ އެވެ.

އޭނާ ވިދާޅުވީ ބައެއް އެހެން މިނިސްޓަރުންނާ މެދު ވެސް ހިތްހަމަ ނުޖެހުން ހުރި ކަމަށާއި ނަމަވެސް އެ ބޭފުޅުންނާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.