Roadha Mihaaru
މިއީ މި ކުއްޖާ ކުޑަދޮރުން ފޭބި ފުރަތަމަ ފަހަރެއް ނޫން

މިއީ މި ކުއްޖާ ހިޔާ ޓަވަރެއްގެ ކުޑަދޮރުން ފޭބި ފުރަތަމަ ފަހަރެއް ނޫން!

29 މެއި 2024

މިދިޔަ ހުކުރު ދުވަހު ސޯޝަލް މީޑިއާގައި އާންމުވީ ކުޑަ އަންހެން ކުއްޖަކު ހިޔާ ޓަވަރެއްގެ ކުޑަދޮރުން ފައިބާ މަންޒަރު ފެންނަ ވީޑިއޯއެކެވެ. ކުއްޖާ ފައިބަނީ ހިޔާ ޓަވަރެއްގެ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރަކުންނެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ ހުކުރު ދުވަހު ސޯޝަލް މީޑިއާގައި އާންމުވީ ކުޑަ އަންހެން ކުއްޖަކު ހިޔާ ޓަވަރެއްގެ ކުޑަދޮރުން ފައިބާ މަންޒަރު ފެންނަ ވީޑިއޯއެކެވެ. ކުއްޖާ ފައިބަނީ ހިޔާ ޓަވަރެއްގެ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރަކުންނެވެ.

ހިޔާ 16 ވަނަ ޓަވަރުގައި ގާތްގަނޑަކަށް 10 ފޫޓަށް ހުންނަ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރުން ފައިބައިގެން ހިނގާފައި ގޮސް އެ ކުއްޖާ ސިޑިގޮޅިއަށް އަރައި އެތަނަށް ފައިބާތަން ވެސް އެ ވީޑިއޯއިން ފެނެ އެވެ. އެ ޝީޓުމަތިން އެގޮތަށް ފޭބެން އިންނަނީ ހިޔާ ފްލެޓްތަކުގެ ފުރަތަމަ ފްލޯގައި އެކަންޏެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އެއީ އެންމެ 9 އަހަރުގެ ކުއްޖެކެވެ. ރަތް ކުލަ ލާފައި ހުރި ފްލެޓެއްގެ ފުރަތަމަ ފްލޯގެ ކުޑަދޮރުން އެ ކުއްޖާ ފައިބާ މަންޒަރު އާއްމުވުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނުރައްކާކޮށް ހުރި ތަނަކުން، އެގޮތަށް ފޭބުމަކީ އެ ކުއްޖާ އަށް ވަރަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމަށް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ބުނީ މިއީ އެ ކުއްޖާ ކުޑަދޮރުން ފައިބައިގެން އުޅުނު ފުރަތަމަ ފަހަރު ނޫން ކަމަށެވެ. މީގެ ކުރިން ވެސް ދެފަހަރަކު އެ ކުއްޖާ ކުޑަދޮރުން ފައިބައިގެން، ގެއްލިގެން އުޅުނު ކަމަށް ވެސް އޭނާ ބުންޏެވެ.

"އެއްފަހަރު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ ފޭސް 1ގައި ހުއްޓާ،" އޭނާ ބުންޏެވެ.

ކުޑަދޮރުން ޝީޓު މައްޗަށް އަރައި ސިޑިގޮޅިއަށް ފޭބޭ ގޮތަށް ހިޔާ ފްލެޓުގައި ހުންނަނީ ފުރަތަމަ ފްލޯގައި އެކަނި. -- ފޮޓޯ | ފަޔާޒް މޫސާ

ކުޑަދޮރުން ޝީޓު މައްޗަށް އަރައި ސިޑިގޮޅިއަށް ފޭބޭ ގޮތަށް ހިޔާ ފްލެޓުގައި ހުންނަނީ ފުރަތަމަ ފްލޯގައި އެކަނި. -- ފޮޓޯ | ފަޔާޒް މޫސާ

އާއިލާއިން އަޅާނުލާ ތުހުމަތު، ކުއްޖާގެ މައްސަލަ ޖެންޑާގައި!

އެ ކުއްޖާގެ މަންމަ އާއި ބައްޕަ ވަރިވުމުން ކުއްޖާ އުޅެމުން ދަނީ މަންމަ ކައިރީ އެވެ. ނަމަވެސް މަންމަ އެ ކުއްޖާއަށް އަޅާނުލާ ކަމަށް ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ އެގޮތަށް ގެއިން ނުކުންނާތީ، ޕޮލިހުން ވަނީ މީގެ ކުރިން ވެސް އެ ކުއްޖާގެ މައްސަލަ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެ މިނިސްޓްރީން ވެސް އަންނަނީ އެ ކުއްޖާގެ ކަންކަން ބަލަމުން ކަން އެނގިފައިވެ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ ކުއްޖާގެ އާއިލާއާ ގުޅިގެން އެ މައްސަލާގައި ވާހަކަ ދައްކަމުންދާ ކަމަށެވެ. އެއީ ކުޑަ ކުއްޖަކާ ގުޅޭ މައްސަލައަކަށް ވުމުން އިތުރު މައުލޫމާތު ހާމައެއް ނުކުރެ އެވެ.