Roadha Mihaaru
ޕީޖީއަށް އިންޒާރެއް: ފަނޑިޔާރުން ހަވަރަކަށް ނުދެވޭނެ

ހައި ކޯޓުގެ އިންޒާރެއް ޕީޖީއަށް: "ފަނޑިޔާރުން ހަވަރަށް ދޭން ލައިސަންސެއް ނޯންނާނެ"

27 މެއި 2024

ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ފަނޑިޔާރުން އަމަލުކުރާ ގޮތާއި ނިންމާ ނިންމުންތަކާ ގުޅިގެން ފަނޑިޔާރުން "ހަވަރަށް" ދިނުމަކީ ޕްރޮސިކިއުޓާ ޖެނަރަލަށް ލިބިގެންވާ ލައިސަންސެއް ނޫން ކަމަށް ބުނެ ހައި ކޯޓުގެ ވަރުގަދަ އިންޒާރެއް ޕީޖީ އޮފީހަށް ދީފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ފަނޑިޔާރުން އަމަލުކުރާ ގޮތާއި ނިންމާ ނިންމުންތަކާ ގުޅިގެން ފަނޑިޔާރުން "ހަވަރަށް" ދިނުމަކީ ޕްރޮސިކިއުޓާ ޖެނަރަލަށް ލިބިގެންވާ ލައިސަންސެއް ނޫން ކަމަށް ބުނެ ހައި ކޯޓުގެ ވަރުގަދަ އިންޒާރެއް ޕީޖީ އޮފީހަށް ދީފި އެވެ.

އެ ކޯޓުން ޕީޖީ އޮފީހަށް މި އިންޒާރު ދިނީ މަރުގެ މައްސަލައެއްގައި ދައުވާ ލިބޭ އދ. މާމިގިލީ ޝޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ ބަންދު މައްސަލައިގައި ސުޕްރީމް ކޯޓުގެ އެންގުމަކަށް ހައި ކޯޓުން އަމަލު ނުކުރި ކަމަށް ބުނެ އެ އޮފީހުން ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ވިސްނަމުންދާ ކަމަށް މީޑިއާގައި ބުނުމުންނެވެ.

ސައްމާހުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުށް ސާބިތު ނުވުމުން، ދައުލަތުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފުކުރީ އެވެ. އެ މައްސަލާގެ ޝަރީއަތް ހައި ކޯޓުން ނިމެންދެން ސައްމާހު ބަންދުކޮށްދޭން ދައުލަތުން އެދުނު ނަމަވެސް، ހައި ކޯޓުން އެ އަމުރެއް ނުނެރެ އެވެ.

ހައި ކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން މި މަހުގެ ނުވަ ވަނަ ދުވަހު އެ ކޯޓުން ނިންމާފައިވަނީ ސައްމާހު ބަންދު ނުކުރަން ހައި ކޯޓުން ނިންމާފައި ވަނީ ގޯސްކޮށް ކަމަށާއި އެހެންކަމުން، ހަތް ދުވަސް ތެރޭގައި ސައްމާހުގެ ބަންދާ މެދު އަލުން ގޮތެއް ކަނޑައަޅާށެވެ. ނަމަވެސް، ހަތް ދުވަސް ވެގެން ސަމާހު ބަންދުން ދޫކޮށްލަން ޖެހުނުއިރު ހައި ކޯޓުން އަޑުއެހުމެއް ނުބާއްވަ އެވެ.

އިއްޔެ ހައި ކޯޓުގައި ސައްމާހުގެ ބަންދާ މެދު ގޮތެއް ނިންމަން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވީ ފަނޑިޔާރުން ނިންމާ ނިންމުމަކާއި އަމަލު ކުރާ ގޮތަކާ މެދު ހިތްހަމަނުޖެހޭ ކަމަށްވާ ނަމަ، އެ މައްސަލައެއް ޖޭއެސްސީ އަށް ހުށަހެޅުމަކީ ހައްގެއް ކަމަށާއި އެކަމާ ފަރުވާލެއް އަދި އިއުތިރާޒެއް ވެސް ނެތް ކަމަށެވެ.

އެކަމަކު ފަނޑިޔާރުން ހަވަރަށް ދިނުމަކީ ޕީޖީ އޮފީހަށް އޮތް ލައިސަންސެއް ނޫން ކަމަށް ފަނޑިޔާރު ފައިސަލް ވިދާޅުވި އެވެ.

ސައްމާހުގެ މައްސަލަ ބަލާ ހައި ކޯޓުގެ ބެންޗު: ފަނޑިޔާރުން ހަވަރަށް ދިނުމުގެ ލައިސެންސްއެއް ނޯންނާނެ ކަމަށް ބުނެ ޕީޖީ އޮފީހަށް ވަނީ އިންޒާރު ދީފައި

ސައްމާހުގެ މައްސަލަ ބަލާ ހައި ކޯޓުގެ ބެންޗު: ފަނޑިޔާރުން ހަވަރަށް ދިނުމުގެ ލައިސެންސްއެއް ނޯންނާނެ ކަމަށް ބުނެ ޕީޖީ އޮފީހަށް ވަނީ އިންޒާރު ދީފައި

"ހިނގަމުންދާ މައްސަލައެއްގައި ފަނޑިޔާރުންގެ މައްސަލަ ހުށަހަޅަން ތިމަންނަމެން ވިސްނަމޭ، ހައި ކޯޓުގެ ފަނޑިޔާރުންނަށް ސުޕްރީމް ކޯޓުގައި ފިޔަވަޅު އަޅައިދޭށޭ މި ބާވަތުގެ މޭރުމަކުން ދައުލަތުގެ ޕްރޮސިކިއުޝަނުން މަސައްކަތް ކުރުމަކީ ވަރަށް ޒިންމާދާރު ކުޑަ ކަމެއް. ނޫސްތަކުން އެގޮތަށް އަޅުގަނޑުމެންނަށް ފެނުމަކީ ގަބޫލު ކުރާ ކަމެއް ނޫން،" ފަނޑިޔާރު ވިދާޅުވި އެވެ.

"ހިނގަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވުމަށް ކުރެވޭ ކޮންމެ ކަމަކަށް ކޯޓުން ވެސް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ. އަޅުގަނޑަށް މައްސަލައެއް ނެތް މިއީ ނަސޭހަތެއް ކަމަށް ބެއްޔަސް ނޫނީ އިންޒާރެއް ކަމަށް ބެއްލެވިޔަސް."

މައްސަލައިގެ ބެންޗުގެ ރިޔާސަތުގައި އިންނަވާ ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވަނީ މި މައްސަލަ ހިނގައިދިޔަ ގޮތް ސާފުކޮށްދެއްވައިފަ އެވެ. ފަނޑިޔާރު ވިދާޅުވީ އެ ކޯޓަށް ދައުލަތުން ފޮނުވި ސުޕްރީމް ކޯޓުގެ އަމުރުގައި އޮތީ ހައި ކޯޓުން ގޮތެއް ކަނޑައަޅަންދެން ސައްމާހު ބަންދުގައި ބަހައްޓަން ކަމަށާއި އެ އަމުރުގައި ހަތް ދުވަސް ކަމަށް ނެތް ކަމަށެވެ.

އެހެންވެ އެ އަމުރާ ހިލާފަށް ބަންދުން ދޫކޮށްލީ ކީއްވެތޯ ފަނޑިޔާރު ޕީޖީ އޮފީހާ ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ޕީޖީގެ ވަކީލް އަހުމަދު ނައުޝާދު ވިދާޅުވީ ކަރެކްޝަނަލް ސާވިސް އަށް ލިބިފައިވާ އަމުރުގައި ބަންދު ކޮށްފައިވަނީ ހަތް ދުވަސް ކަމަށް ބުނެފައިވާ ކަމަށެވެ. އެއް ނަންބަރެއްގެ ދަށުން ސުޕްރީމް ކޯޓުން ދޫކުރާ އަމުރެއްގައި ފަރެއްގެ އޮންނަންވީ ކީއްވެތޯ ވެސް ފަނޑިޔާރު އެއްސެވި އެވެ. ވަކީލް ވިދާޅުވީ އެ ސުވާލަށް ޖަވާބު ދެއްވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ސައްމާހުގެ މައްސަލައިގައި ޕީޖީ އޮފީސް ތަމްސީލް ކުރާ ވަކީލުން: ފަނޑިޔާރުން ހަވަރަށް ދިނުމުގެ ލައިސަންސެއް ނޯންނާނެ ކަމަށް ބުނެ ޕީޖީ އޮފީހަށް ވަނީ އިންޒާރު ދެއްވައިފައި

ސައްމާހުގެ މައްސަލައިގައި ޕީޖީ އޮފީސް ތަމްސީލް ކުރާ ވަކީލުން: ފަނޑިޔާރުން ހަވަރަށް ދިނުމުގެ ލައިސަންސެއް ނޯންނާނެ ކަމަށް ބުނެ ޕީޖީ އޮފީހަށް ވަނީ އިންޒާރު ދެއްވައިފައި

"ތިޔަ ބޭފުޅުން މި ކޯޓަށް ފޮނުވި އަމުރުގައި ހަތް ދުވަސް ބަޔާންކޮށްފައެއް ނެތް. ތިޔަ ބޭފުޅުން ދޫކޮށްލައްވާފައި ހެޑްލައިން ހައްދަވާފައި މި ލިޔުއްވަނީ ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް މި ކޯޓުން އަމުރު ކުރުމުން ސުލޫކީ މައްސަލަ ހުށަހަޅަން ވިސްނަވާ ވާހަކަ. އެކަމަކު ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި އަމުރުގައި އޮތީ ހައި ކޯޓުން ގޮތެއް ކަނޑައަޅަންދެން ސައްމާހު ރިމާންޑް ޖަލެއްގައި ބަންދުކުރަން އަންގާފައި،" ފަނޑިޔާރު ވިދާޅުވި އެވެ.

ނަމަވެސް، ވަކީލް ނައުޝާދު ވިދާޅުވީ ދައުލަތުން ގަބޫލު ކުރާ ގޮތުގައި ސުޕްރީމް ކޯޓުގެ އަމުރު ނެރުނު ހުކުމްގެ އެހެން ޕެރެގްރާފަށް ބެލެމުން ސައްމާހު ބަންދުކުރީ ހަތް ދުވަހަށް ކަން އެނގޭ ކަމަށާއި އެއަށްވުރެ އިތުރަށް ބަންދުގައި ބަހެއްޓޭނީ ހައި ކޯޓުން ގޮތެއް ކަނޑައަޅައިގެން ކަމަށެވެ.

ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގެ އެއް އަމުރެއް ކަރެކްޝަނަލް ސާވިސް އަށް ވަކި ގޮތަކަށް ހައި ކޯޓަށް ވަކި ގޮތަކަށް ފޮނުވާފައި އޮތުމުން ޝަރުއީ ނިޒާމްގެ ލިޔެކިޔުންތަކާ މެދު ސުވާލު އުފެދިފައިވާ ކަމަށެވެ.

ދައުވާ ލިބޭ ސައްމާހު

ދައުވާ ލިބޭ ސައްމާހު

ހަތް ދުވަހުގެ ތެރޭގައި ހައި ކޯޓަށް ސައްމާހުގެ ބަންދާ މެދު ގޮތެއް ނުނިންމުނީ ފަނޑިޔާރުން ޗުއްޓީގައި ތިއްބެވީމަ ކަމަށާއި ޗުއްޓީ ކުރުކޮށް އޭނާ އެ އަޑުއެހުމަށް ވަޑައިގަންނަން ނިންމެވި ކަމަށް ފަރުހީޒާ ވިދާޅުވި އެވެ. އަދި ފަނޑިޔާރު މާނިއު ވެސް އޮންލައިންކޮށް ބައިވެރިވެ ވަޑައިގަންނަވަން ނިންމެވި ކަމަށާއި ނަމަވެސް، ފަނޑިޔާރު ފައިސަލް ހުންނެވީ ބޭސްފަރުވާއަކަށް ރާއްޖޭން ބޭރުގައި ކަމުން އެ ފަނޑިޔާރަށް ބައިވެރިވެވެން ނެތް ކަން އެންގި ކަމަށާއި އެހެންވެ ބެންޗު ބަދަލުކުރަން ވެސް ހުށަހެޅުއްވި ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު ކޯޓުގެ އިސް ފަނޑިޔާރު ނިންމެވީ ކޯޓުގެ ހާލަތު ހުރި ގޮތުން ބެންޗު ބަދަލު ނުކުރަން ކަމަށް ފަރުހީޒާ ވިދާޅުވި އެވެ.