Roadha Mihaaru
ހައިކޯޓުން ސުވާލެއް: ކޯޓު އަޅަންވީ ވެސް ފަނޑިޔާރުންތޯ

ހައި ކޯޓުން ޕީޖީއަށް ސުވާލެއް: ކޯޓު އަޅަންވީ ވެސް ފަނޑިޔާރުންތޯ؟

21 އޯގަސްޓް 2023

ކްރިމިނަލް ކޯޓު ހިންގާ އެސްޓީއޯގެ ކުރީގެ އިމާރާތް ބާވެ އެ އިމާރާތުގެ އެއްބައި ވެއްޓި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވަނިކޮށް، ގާނޫނުގެ ރޫހަކީ ޝަރީއަތްތައް އަވަސް މިނުގައި ކުރިއަށް ގެންދިޔުން ކަމަށް ބުނެ އެ ކޯޓުގެ ނިންމުމަކަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ފާޑުކިޔުމުން ހައި ކޯޓުގެ ޝަރީއަތެއްގައި ފަނޑިޔާރު މުހައްމަދު ނިޔާޒް އެ ވާހަކަތަކަށް ހޫނު ރައްދުތަކެއް ދެއްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކްރިމިނަލް ކޯޓު ހިންގާ އެސްޓީއޯގެ ކުރީގެ އިމާރާތް ބާވެ އެ އިމާރާތުގެ އެއްބައި ވެއްޓި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވަނިކޮށް، ގާނޫނުގެ ރޫހަކީ ޝަރީއަތްތައް އަވަސް މިނުގައި ކުރިއަށް ގެންދިޔުން ކަމަށް ބުނެ އެ ކޯޓުގެ ނިންމުމަކަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ފާޑުކިޔުމުން ހައި ކޯޓުގެ ޝަރީއަތެއްގައި ފަނޑިޔާރު މުހައްމަދު ނިޔާޒް އެ ވާހަކަތަކަށް ހޫނު ރައްދުތަކެއް ދެއްވައިފި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށް ދެ ދައުވާއެއް އުފުލާފައިވާ އަހުމަދު އަމްނު ކިޔާ މީހެއް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ. އެގޮތަށް އަމުރުކުރީ މައްސަލާގައި ގިނަ ހެކިންތަކެއް ތިބުމުންނާއި ކޯޓުގެ ޖާގައިގެ ދަތިކަމާ ހުރެ މައްސަލަ ނިންމުމަށް ގިނަ ދުވަސްތަކެއް ހޭދަވާނެ ކަމަށް ގާޒީއަށް ފެނިވަޑައިގަންނަވާތީ އެވެ.

މި ނިންމުން ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފުކުރުމުން އިއްޔެ ބޭއްވި އަޑުއެހުމުގައި ޕީޖީގެ ވަކީލް އަހުމަދު ނައުޝާދު ވިދާޅުވީ، ބަންދުން މީހުން ދޫކޮށްލަން ޖެހޭނީ ގާނޫނުގައި ބުނާ ސަބަބުތައް އޮވެގެން ކަމަށާއި ގާޒީއަށް އޭގެ ބޭރުން ކަމެއް ފެނިވަޑައިގަތަސް ބަންދުން ދޫނުކުރެވޭނެ ކަމަށެވެ.

"ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ވެސް އަވަސްމިނުގައި ކުރިއަށް ގެންގޮސް ނިންމުމަކީ އިންސާފަށް ވާސިލްވުމަށްޓަކައި މުހިންމު ކަމެއް ކަމަށް ދެކެން. ވަކިން ހާއްސަކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހެއް ނަމަ އެމީހެއްގެ މައްސަލަ އަވަހަށް ކުރިއަށް ގެންދިޔުމަށް ދޭންޖެހޭ އަހަމިއްޔަތު ބޮޑު. ގާނޫނުތަކުގެ ރޫހަކީ ވެސް އެއީކަން އެނގޭ،" ނައުޝާދު ވިދާޅުވި އެވެ.

އެހާ ހިސާބުން، މައްސަލަ ބައްލަވާ ބެންޗުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު ވަނީ ޕީޖީ ވަކީލްގެ ވާހަކަ ހުއްޓުވައި ސުވާލެއް ކުރައްވައިފަ އެވެ. ފަނޑިޔާރު އެއްސެވީ ޕީޖީން އެ ވާހަަކަ އެގޮތަށް ދައްކަނީ މިހާރު ކްރިމިނަލް ކޯޓު އޮތް ހާލަތަށް ރިއާޔަތްކޮށްފައިތޯ އެވެ.

"ހަމައެކަނި ގާނޫނުގެ މައްޗަށް ތި ވާހަކަ ދައްކަވަނީ. ފިޒިކަލީ އެތަން ހުރި ހާލަތަށް ރިއާޔަތްކުރެއްވިންތޯ؟،" ފަނޑިޔާރު ސުވާލު ކުރެއްވި އެވެ.

ހައި ކޯޓުގެ ޝަރީއަތުގެ މަޖިލީހެއްގައި ޕީޖީގެ ވަކީލް ނައުޝާދު ވާހަކަ ދައްކަވަނީ.

ހައި ކޯޓުގެ ޝަރީއަތުގެ މަޖިލީހެއްގައި ޕީޖީގެ ވަކީލް ނައުޝާދު ވާހަކަ ދައްކަވަނީ.

ޖަވާބުގައި ނައުޝާދު ވިދާޅުވީ ކްރިމިނަލް ކޯޓު ހުރި ހާލަތަށް ބަލައިގެންވިޔަސް، ޝަރީއަތް ލަސްވާނެ ކަމަށް ގާޒީއަށް ފެނިވަޑައިގަންނަވާ ކަމަށް ހަމައެކަނި ރިއާޔަތްކޮށްގެން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހެއް ދޫކޮށްލުމަކީ ގާނޫނީ ހަމައެއް ނޫން ކަމަށެވެ.

"މުޖުތަމައު އަށް ނުރައްކާވާ ހާލަތު އޮވެ އޭނާ ފުރަތަމަ ބަންދުކުރި ހާލަތު ފިލައިގެން ނުދާ ހިނދުގައި ހަމައެކަނި ތަނެއްގެ ހާލަތަށް ރިއާޔަތްކޮށްގެން ބަންދުން ދޫނުކުރެވޭނެ. އެގޮތަށް އެކަން ކުރެވޭ ކަމަށްވާ ނަމަ، ޝަރީއަތް ނިމެންދެން ބަންދުކުރާ އެންމެން ވެސް މިގޮތަށް ދޫކުރެވެން އޮންނާނެ. އެކަން އެގޮތަށް ކުރެވިދާނެ ކަމަކަށް ނުދެކެން،" ނައުޝާދު ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުންނަށް ނުފެނުނަސް ގާނޫނު ބުނަނީ އަވަހަށް ޝަރީއަތް ކުރާށޭ" ކަމަށް ވިދާޅުވެ، ފަނޑިޔާރު އަނެއްކާވެސް ސުވާލުތައް ކުރެއްވި އެވެ. ފަނޑިޔާރު ވިދާޅުވީ މި ސަރަހައްދުގެ ޖިނާއީ ހުރިހާ މައްސަލައެއް ހުށަހެޅޭ ކްރިމިނަލް ކޯޓުގެ އެއް ބައި އޮތީ ވެއްޓިފައި ކަމަށާއި ޑިއުޓީ ބަހައިގެން ޝަރީއަތްތައް ބާއްވަން ޖެހިފައިވާ ކަމަށެވެ.

"އެތަނުގައި ކިހިނެއްތޯ މަސައްކަތް ކުރަނީ. އަޅުގަނޑަކަށް ހިއެއް ނުވޭ އެއީ ތިޔަ ބޭފުޅުންނަށް ވެސް އަދި ދައުލަތުގެ އެހެން އިދާރާތަކަށް ވެސް އޮޅިފައި އޮތް ކަމެއްހެން. އެހެންވީމަ އެކަންކަން ހައްލު ކުރެވެން ޖެހޭނީ. ހައްލުކޮށްގެން ތިގޮތަށް ވާހަކަ ދެއްކޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" ނިޔާޒު ވިދާޅުވި އެވެ.

"ޝަރީއަތް ކުރާނެ ތަނެއް ދައްކަން ޖެހޭނެ ނޫންތޯ؟ ދައްކާފައި ނޫންތޯ އަވަހަށް ޝަރީއަތް ހިންގާށޭ ބުނަން ޖެހޭނީ؟."

ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު: ކްރިމިނަލް ކޯޓުގެ އޮތް ހާލަތަށް ނުބަލައި ޕީޖީން ވާހަކަ ދައްކާތީ ނުރުހުން ފާޅުކުރެއްވި

ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު: ކްރިމިނަލް ކޯޓުގެ އޮތް ހާލަތަށް ނުބަލައި ޕީޖީން ވާހަކަ ދައްކާތީ ނުރުހުން ފާޅުކުރެއްވި

ނައުޝާދު ވިދާޅުވީ ކޯޓުގެ ހާލަތާއި އިދާރީ ކަންކަމާ ގުޅޭ ގޮތުން ޕީޖީ އޮފީހަށް ޖަވާބެއް ދެވިދާނެ ކަމަށް ނުދެކޭ ކަމަށެވެ.

"ދެން ކާކު ޖަވާބުދާރީވާނީ؟ ތި ދައުލަތެއް ނޫންތޯ ތި ތަމްސީލް ކުރަނީ؟" ފަނޑިޔާރު އަނެއްކާވެސް އެއްސެވި އެވެ. ނައުޝާދު ވިދާޅުވީ، ދައުލަތް ތަމްސީލް ކުރި ނަމަވެސް، ޕީޖީގެ ޒިންމާއަކީ ދައުވާކުރުން ކަމަށެވެ.

ފަނޑިޔާރު ވިދާޅުވީ، ގާނޫނު ހަމައެކަނި ހަދާފައި އޮތީ އަވަހަށް ޝަރީއަތް ހިންގުމަށް ނޫން ކަމަށާއި ޝަރީއަތް އަވަސް ކުރުމަށް މަގުފަހިކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައިވާނެ ކަމަށެވެ. ޝަރީއަތް އަވަސްކުރުމަށް ދައުލަތުގެ ހުރިހާ އިދާރާތަކަކުން ވެސް ކޯޓުތަކަށް އެހީތެރިވާން ޖެހޭނެ ކަމަށެވެ.

"ޝަރީއަތް ކުރެވޭނެ ގޮތެއް ނެތިއްޔާ އެ ހަގީގަތް ގަބޫލުކޮށްގެން އެކަމަށް ރިއާޔަތް ކުރެވިގެން ދާންވާނީ. އަޅުގަނޑުމެން ވެސް ބޭނުމެއް ނުވާނެ ނޫންތޯ ބަޔަކު ބަންދުގައި ބައިތިއްބާކަށް. ގާނޫނުގެ ރޫހަކީ ޝަރީއަތް އަވަސްކުރުން ކަމަށް ވިދާޅުވެ ޝަރީއަތް ބާއްވާނެ ގޮތެއް ހަދައިނުދީ ހައި ކޯޓުގައި ވަކާލާތު ކުރިޔަސް އަޅުގަނޑުމެން ކޮން ފަރުވާއެއްތޯ ދޭނީ؟،" ފަނޑިޔާރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންތޯ ކޯޓު އަޅަން ދާންވީ؟ ޝަރީއަތުގެ މާލަން ބިނާކުރަން ދާންވީ ފަނޑިޔާރުންތޯ؟،"

ކްރިމިނަލް ކޯޓު ހިންގަމުންދާ އިމާރާތް ބާވެ، އެތަނުގެ ބައިތައް ވެއްޓޭތީ އެ ކޯޓު ހިންގުން ހުޅުމާލޭގައި ހުންނަ ކުރީގެ ކޮވިޑް-19 ފެސިލިޓީ އަށް ބަދަލުކުރަން މިދިޔަ ފެބްރުއަރީ މަހު އޮތީ ނިންމައިފަ އެވެ.

ކްރިމިނަލް ކޯޓުގެ އިމާރާތުން މިހާރު ބޭނުން ކުރަނީ އެއްބައި ކަމަށްވާތީ ގިނަ މީހުން ހާޒިރުކޮށްގެން ބާއްވަންޖެހޭ ޝަރީއަތްތައް ބޭއްވޭ މިންވަރު މިހާރު މަދެވެ. އަދި ގިނަ ޝަރީއަތްތައް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. އެހެންވެ، ބޮޑެތި މައްސަލަތައް ކުރިއަށް ގެންދަން ދަތިތަކެއް ކުރިމަތިވެފައިވެ އެވެ. ކްރިމިނަލް ކޯޓަށް މިހާ ބޮޑަށް ޖާގައިގެ ދަތިކަން އޮތްއިރު، މިހާތަނަށް ވެސް އެ ކޯޓު ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް އޮތީ ނުނިމި އެވެ.