Roadha Mihaaru
ދަނޑުގައިހުންނަ އެފްއޭއެމްގެ އޮފީހަށް ފުލުހުން ވަދެއްޖެ

ގަލޮޅު ދަނޑުގައި ހުންނަ އެފްއޭއެމްގެ އޮފީސް ވެސް ފުލުހުން ރެއިޑްކޮށްފި

26 މެއި 2024

އެފްއޭއެމްގެ ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތުހުމަތުގެ ތަހުގީގުގައި ގަލޮޅު ދަނޑުގައި ހުންނަ އެފްއޭއެމްގެ އޮފީސް ވެސް ފުލުހުން މިއަދު ރެއިޑްކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެފްއޭއެމްގެ ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތުހުމަތުގެ ތަހުގީގުގައި ގަލޮޅު ދަނޑުގައި ހުންނަ އެފްއޭއެމްގެ އޮފީސް ވެސް ފުލުހުން މިއަދު ރެއިޑްކޮށްފި އެވެ.

އެފްއޭއެމްގެ އިދާރީ އަދި ޓެކްނިކަލް ބައެއް މަސައްކަތްތައް ވެސް ކުރިއަށްގެންދާ އެ އެފީހަށް ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ.

އެފްއޭއެމްގެ ވެރިންނަށް ކުރެވޭ ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި، ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އަންގަވައިގެން ފެށި ތަހުގީގުގައި މިދިޔަ އޮކްޓޯބަރު މަހު ފުލުހުން ވަނީ މާފަންނު ސްޓޭޑިއަމް ކައިރީގައި ހުންނަ އެފްއޭއެމްގެ މައި އޮފީސް ވެސް ރެއިޑްކޮށްފަ އެވެ.

ގޮލޮޅު ދަނޑުގައި ހުންނަ އެފްއޭއެމްގެ އޮފީސް ވެސް ފުލުހުން ރެއިޑް ކުރީ، ފައިސާގެ މުއާމާލާތް ކުރުމުގައި އެ އެސޯސިއޭޝަނުން ބޭނުން ކުރާ ބައެއް ލިޔެކިޔުންތަކާއި ޑިޖިޓަލް މައުލޫމާތުތައް ވެސް އެއްކުރުމަށްކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.

ޕީޖީ ޝަމީމު، މީގެ ކުރިން ވިދާޅުވެފައި ވަނީ އެފްއޭއެމްގެ ހިޔާނާތުގައި ޕްރައިމް ސަސްޕެކްޓަކީ ބައްސާމް ކަމަށެވެ.

ކޯޓުން ވަކި ހުކުމެއް އިއްވުމުގެ ކުރިން ބައްސާމަކީ ކުށްވެރިއެއް ކަމުގައި ދޭހަވާގޮތަށް ސިފަ ނުކުރުމަށް މިދިޔަ ހަފުތާގައި ކޯޓުން އަމުރެއް ނެރުނެވެ.

އެފްއޭއެމްގެ ފައިސާއިން 10،000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ފޮނުވައި އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާތީ އޭނާގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ. އަދި ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތް އޮތުން ޝަރީއަތް ނިމެންދެން ދެމެހެއްޓުމަށް ކޯޓުން ވަނީ އަމުރެއް ވެސް ނެރެފަ އެވެ.

ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައި ވަނީ ޑޮލަރު މާރު ކުރުމުގެ ނަމުގައި އެފްއޭއެމްގެ އެކައުންޓުން ބައްސާމްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

އެ ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާކުރުމަށް، ބޭންކަށް ފޮނުވާ މައުލޫމާތުގައި އެފްއޭއެމުން ޖަހާފައި ވަނީ "ސޭލްސް އޮފް ޑޮލަރު" ކަމަށް، ޕީޖީ އޮފީހުގެ ނިއުސްލެޓާ "އުންސުރު" ގެ މާޗް މަހުގެ އަދަދުގައި ވެއެވެ.

" ... ނަމަވެސް، އެ ފައިސާ އަށް ވާ ދިވެހި ރުފިޔާ އެފްއޭއެމްގެ އެއްވެސް ރުފިޔާ އެކައުންޓަކަށް ޖަމާކޮށްފައި ނުވެ އެވެ. މާލީ މުއާމަލާތްތައް ހެކިދޭ ގޮތުގައި އެ ފައިސާ ބައްސާމް ބޭނުންކޮށްފައި ހުންނަނީ އަމިއްލަ ބޭނުން ތަކަށެވެ.،" އުންސުރުގެ އާޓިކަލްގައި ވެއެވެ.

އެ ފައިސާ ބޭނުންކޮށްގެން ބައްސާމް، މުދާ ގަނެ އޭނާގެ ވިޔަފާރި އަށް ހަރަދުކޮށް އާއިލާގެ ހަރަދުތަކާއި ބޭރު ދަތުރުތަކަށް ވެސް ހަރަދު ކުރުމުންދާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ޕީޖީ އޮފީހުގެ ލިޔުމުގައި ބުނެފައި ވެއެވެ.