Roadha Mihaaru
މީހުން ހައްލާލައިގެން ހިޔާ ފްލެޓަށް ގެންގޮސް ފޭރެނީ!

ދުވަސްވީ ފިރިހެނުން ހައްލާލައިގެން ހިޔާ ފްލެޓަށް ގެންގޮސް ފޭރެނީ!

21 މެއި 2024

ދުވަސްވީ ފިރިހެނުން ހައްލާލައިގެން ހިޔާ ފްލެޓަށް ގެންގޮސް ފޭރެމުންދާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ދުވަސްވީ ފިރިހެނުން ހައްލާލައިގެން ހިޔާ ފްލެޓަށް ގެންގޮސް ފޭރެމުންދާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެޕާޓްމެންޓަށް މީހުން ގެންދަނީ ދިމާވުމުން، އެކި ވާހަކަ ދައްކައި ހައްލާލައިގެން ކަމަށެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައިވާތީ، މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައިގެ އިތުރުން ވެސް އެކި މީހުންނަށް މިކަން ދިމާވެފައިވާ ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ހިޔާގެ އެޕާޓްމެންޓަކަށް މީހުން ގެންދަނީ ޒުވާން އަންހެނެކެވެ. ހުޅުމާލެ ފޭސް2އެއްގެ ހިޔާ ސަރަަހައްދުގައި އުޅޭ ދޮށީ އުމުރުގެ ފިރިހެނުންނާ ވާހަކަ ދައްކަން ފަށައި، އެންމެފަހުން އެޕާޓްމެންޓަށް ދައުވަތު ދެނީ ކަމަށް އޭނާ ބުންޏެވެ.

އެ ދައުވަތަށް އެޕާޓްމެންޓަށް މީހުން ދިޔުމުން ފިލާ ތިބޭ ދެތިން ފިރިހެނުން ދޮރު ތަޅުލާ ކަމަށާއި އަދި، ބައެއް މީހުންގެ އަންނައުނު ބާލުވައި ވީޑިއޯ ކުރާ ކަމަށް އޭނާ ބުންޏެވެ. އަދި ބްލެކްމެއިލް ކުރުމަށް ފަހު އެކައުންޓްގައި ހުރި ފައިސާ ފޭރިގަންނަ ކަމަށް ވެސް ބުންޏެވެ.

އޭނާ ލަފާ ކުރާ ގޮތުގައި އެތައް ބައެއްގެ އަތުން ވަނީ މިގޮތަށް ފޭރިގެންފަ އެވެ. ނަމަވެސް، ފުލުހަށް ރިޕޯޓް ކޮށްފައިވަނީ މީގެ ތެރެއިން މަދު މައްސަލައެކެވެ.

ކާކުކަން ނޭނގޭ ނުވަތަ ގޮތް ނޭނގޭ މީހުން މިގޮތަށް ތަންތަނަށް ދާން އެދުނު ކަމަށްވިޔަސް، އެކަން ނުކުރަން ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.