Roadha Mihaaru
ދަމުނަމާދަށް ހުރި މީހެއްގެ ފޯނު،ވޮލެޓް ވަގަށް ނަގައިފި

ދަމުނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ވޮލެޓް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

02 އެޕްރީލް 2024

މާލޭގެ މިސްކިތެއްގައި ރޭ ދަމުނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ދަބަސް ވަގަށް ނެގި ދެ މީހަކު މިއަދު ހައްޔަރުކުރި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގެ މިސްކިތެއްގައި ރޭ ދަމުނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ދަބަސް ވަގަށް ނެގި ދެ މީހަކު މިއަދު ހައްޔަރުކުރި އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިއަދު ވިދާޅުވީ، އަލިކިލެގެފާނު މަގު ނުވަތަ ކުރީގެ ބާ އިންޖީނުގޭގެ މަގުގައި ހުންނަ ސަލާހުއްދީން މިސްކިތުގައި ދަމުނަމާދަށް ހުރި އަންހެނެއްގެ ފޯނާއި ވޮލެޓުގައި އޮތް 700ރ. ވަގަށް ނެގި މައްސަލައެއްގެ ރިޕޯޓު ލިބުނީ ރޭ މެންދަމު ތިނެއް ޖަހާކަންހާއިރު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ހެނދުނު ހަތެއް ޖަހާކަންހާއިރު، ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ. އެއީ އުމުރުން 36 އަހަރުގެ ދެ ފިރިހެނުންނެވެ.

އާންމުކޮށް ކޮންމެ ރޯދަމަހަކު ވެސް ވައްކަމުގެ މައްސަލަ ގިނަވާއިރު، މި ރޯދަމަހު މިސްކިތަކުން ވައްކަން ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އަމީނީ މަގުގައި ހުންނަ ވިޔަފާރިވެރިންގެ މިސްކިތުން މިއަދު ފަންކާއެއް ވަގަށް ނަގާފައި ވާއިރު، އިއްޔެ ވަނީ ތަގުވާ މިސްކިތުން ތިން ރޭ މަތިން ހަތް ފަންކާ ވަނީ ވަގަށް ގެންގޮސްފަ އެވެ. އެ މައްސަލާގައި ވެސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވެސް މިދިޔަ ހަފުތާގައި ވަނީ ވަގަށް ގެންގޮސްފަ އެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ރޯދަމަހުގެ 15 އާ ހިސާބަށް މާލެ ސަރަހައްދުން އެކަނި ވެސް ވަނީ 110 ވައްކަމުގެ މައްސަލަ ހުށަހަޅައިފަ އެވެ.