Roadha Mihaaru
މާލޭގެ ގެއަކުން ބައިބައި ވެއްޓޭތާ އެތައް ދުވަހެއް

މާލޭގެ ގެއަކުން ބައިބައި ވެއްޓޭތާ އެތައް ދުވަހެއް، ހިސާބުގަނޑުގައި ޝަކުވާ!

21 މެއި 2024

ދެވިނަ މަގުގައި ތިން ބުރިއަށް ހުންނަ މއ. ގޮމަށި ގޭގައި މީހުން ނޫޅޭތާ ނުވަ ވަރަކަށް އަހަރު ވެދާނެ އެވެ. ގޭގައި ނޫޅެވޭ ވަރަށް ތަން ބާވުމުން، އެ ގޭގައި ދިރިއުޅެމުން ދިޔަ މީހުން ވެސް އެ ތަން ދޫކޮށްލައި ކުއްޔަށް ތަންތަނުގައި އުޅެން ފެށީ އެވެ. އޭރު އެ އިމާރާތް ހަދަން ފެށި ނަމަވެސް ހުއްޓާލައި، އޭރުން ފެށިގެން އެ ގެ ހުރީ ފަޅަށެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ދެވިނަ މަގުގައި ތިން ބުރިއަށް ހުންނަ މއ. ގޮމަށި ގޭގައި މީހުން ނޫޅޭތާ ނުވަ ވަރަކަށް އަހަރު ވެދާނެ އެވެ. ގޭގައި ނޫޅެވޭ ވަރަށް ތަން ބާވުމުން، އެ ގޭގައި ދިރިއުޅެމުން ދިޔަ މީހުން ވެސް އެ ތަން ދޫކޮށްލައި ކުއްޔަށް ތަންތަނުގައި އުޅެން ފެށީ އެވެ. އޭރު އެ އިމާރާތް ހަދަން ފެށި ނަމަވެސް ހުއްޓާލައި، އޭރުން ފެށިގެން އެ ގެ ހުރީ ފަޅަށެވެ.

ބާވެ އެ ގެއިން ބައިބައި ވެއްޓެމުންދާތީ އެ ގެ ހުންނަ ހިސާބުގައި ދިރިއުޅޭ މީހުން އޭރުއްސުރެ ދިޔައީ ޝަކުވާ ކުރަމުންނެވެ. އާންމުންނަށް ނުރައްކާވާތީ ކަމާބެހޭ އިދާރާތަކުގައި މައްސަލަ ވެސް ދިޔައީ ޖައްސަމުންނެވެ. ނަމަވެސް އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެކަމަށް ދާއިމީ ހައްލެއް ނުލިބެ އެވެ. ގެއިން ބައިބައި މަގުމައްޗަށް ވެއްޓި އެތައް ބަޔަކަށް އަނިޔާ ވެސް ވެއްޖެ އެވެ.

މއ. ގޮމަށިގެ ބައިބައި ވެއްޓިފައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މއ. ގޮމަށިގެ ބައިބައި ވެއްޓިފައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެ ގެއިން ބައިބައި ވެއްޓިގެން ހިނގި ބައެއް ހާދިސާތައް

2016: މަގުމަތިން ހިނގާފައި ދިޔަ އިންޑިއާ އަންހެނެއްގެ ގަޔަށް އެ ގެއިން ބައެއް ވެއްޓި އެ މީހާ އަށް ފަރުވާދިން ކަމަށާއި އެ މީހާގެ ކޮނޑު ކަށިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުނި

އޮގަސްޓް 30، 2020: ގޮމަށިގޭ މަތިން ބެރިއެއް ވެއްޓި މީހެއްގެ ބޯ ފަޅައިގެންދިޔުމާއި އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ހަތް ސައިލަކަށް ގެއްލުންވި

2021: ބެލްކަނިން ބައިބައި ވެއްޓޭތީ މަގުން ހިނގާ މީހުންގަ ރައްކާތެރިކަމަށް އެ ގެ ހިމެނޭ ސަރަހައްދުގެ މަގުމަތި ޓިނުން ހިޔާކުރި، ނަމަވެސް ފަހުން ވަނީ އެ ޓިނުތަކާ އެކު އެ ގޭގެ ބެލްކަނިން ބައެއް ވެއްޓި އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލުތަކަށް ގެއްލުން ވެފައި

މިހާރުގެ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި ހިނގި އެ ހާދިސާ އަށް ފަހު ކައުންސިލުން ވަނީ އެ ގޭގެ މަގަށް ވާގޮތަށް ހުރި ބެލްކަނިތައް ތަޅާލަދީފަ އެވެ. އަދި އެ ގެ ތަޅާލަން އެ ގޭގެ ވެރިންނަށް ވެސް ކައުންސިލުން އެންގި އެވެ.

މއ. ގޮމަށިގޭގެ ބެލްކަނި ތަޅާލާފައި .-- ފޮޓޯ: ނިޝާން އަލީ / މިހާރު

މއ. ގޮމަށިގޭގެ ބެލްކަނި ތަޅާލާފައި .-- ފޮޓޯ: ނިޝާން އަލީ / މިހާރު

މިދިޔަ ހަފްތާ ވެސް އެ ގެއިން ބައެއް މަގުމައްޗަށް ވެއްޓުނު ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުންޏެވެ. އެ ދުވަހު އެއް ވެސް މީހަކަށް ވެސް އަދި ސައިކަލަކަށް ވެސް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް ރޭ އެ ގޭގެ ބެލްކަނީގެ ބައެއް ވެއްޓުނީ އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ސައިކަލުތަކެއްގެ މައްޗަކަށް ކަމަށް އެ މީހުން ބުންޏެވެ.

"އެ ތަނުގައި އެވަގުތު ހުންނާނެ، ހަތަރެއް ނުވަތަ ފަސް ސައިކަލު. އެގޮތަށް އެ ގެއިން ބައެއް ވެއްޓޭއިރަށް ޕޮލިހުން ނޫނީ ކައުންސިލް މީހުން އަންނާނެ. އައިސް ކައިރީގައި އުޅޭ އެންމެން ކައިރީ އަހާނެ ކިހިނެއްތޯވީ. އެ މީހުން ދާނެ ފޮޓޯކޮޅެއް ނަގާލައިފަ. ދެން އަނެއްކާ ވެސް އެ ގެއިން ބައެއް ވެއްޓުނީމަ އަންނާނީ،" އެ ހިސާބުގައި ދިރިއުޅޭ މީހަކު ބުންޏެވެ.

"ޕޮލިހުން މި ބުނަނީ އޭގެ (ސައިލަކުތަކަށް ލިބުނު ގެއްލުން) ބަދަލު ހޯދަން ދާށޭ ކޯޓަށް. ކޯޓަށް ގޮސް އެހާ ހަރަދު އެބަ ކުރަން ޖެހޭ އެ ހުރިހާ ކަމަކަށް އެހެންވެ މީހުން ނުދޭ އެކަމަކަށް ވެސް."

މއ. ގޮމަށިގެ ބައިބައި ވެއްޓުމުން އެ ސަރަހައްދުގައި ހުރި ސައިކަލަކަށް އޭގެ ބައިތައް އެޅިފައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މއ. ގޮމަށިގެ ބައިބައި ވެއްޓުމުން އެ ސަރަހައްދުގައި ހުރި ސައިކަލަކަށް އޭގެ ބައިތައް އެޅިފައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެ ސަރަހައްދުގައި ދިރިއުޅޭ އެހެން މީހަކު ބުނީ މާލެ ސަރަހައްދަށް މޫސުން ގޯސްވާ ކޮންމެ ދުވަސްވަރަކީ އެ ހިސާބުގައި ދިރިއުޅޭ މީހުންނަށް އެ ގޭގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހޭ ދުވަސްވަރެއް ކަމަށެވެ.

"ވިއްސާރަކޮޅެއް ވެހިލިޔަސް، ވައިކޮޅެއް ޖެހިލިޔަސް އެ ފައިބަނީ އެ ގޭގެ ބައިބައި ވަކިން. އެ މަގުން ހިނގާ، މި ސަރަހައްދައި ދިރިއުޅޭ މީހުންނާ ހުރިހާ ބިރެއް،" އޭނާ ބުންޏެވެ.

"ރިޕޯޓު ކޮށްފިން. ކުރިން ކުރީމަ އެ ތަނުގައި ދިރިއުޅޭ 'ބޯ ކުދިންކޮޅު' އައިސް އެ ރިޕޯޓު ކުރާ މީހަކަށް ބިރު ދައްކާ. އެހެންވެ މިހާރު މީހުން އަޅާނުލާ ތިބެނީ. ފުރާނަތާ މުހިންމު ވާނީ."

މއ. ގޮމަށިގޭގެ ބެލްކަނި ތަޅާލާފައި .-- ފޮޓޯ: ނިޝާން އަލީ / މިހާރު

މއ. ގޮމަށިގޭގެ ބެލްކަނި ތަޅާލާފައި .-- ފޮޓޯ: ނިޝާން އަލީ / މިހާރު

މާލޭގައި ބާވެފައި ހުންނަ ބައެއް އިމާރާތްތަކުގެ ބެލްކަނީން ބައިތައް ވެއްޓި މީގެ ކުރިން ވެސް މީހުންނަށް އަނިޔާވެފައިވެ ތަކެއްޗަށް ވެސް ގެއްލުންވެފައިވެ އެވެ.

އެފަދަ ހާދިސާއެއް ހިނގާއިރަށް ކަމާބެހޭ ބައެއް އިދާރާތަކުން އެކަހަލަ އިމާރާތްތައް އިންސްޕެކްޓްކުރާ ކަމަށް ބުނުން ފިޔަވައި، އިތުރު ފިޔަވަޅެއް އަޅާތަނެއް ނުފެނެ އެވެ. އެހެންވެ، އާންމުންގެ ފާޑުކިޔުން އެކަމުގައި އަބަދުވެސް އޮވެ އެވެ.