Roadha Mihaaru
ކޭޕާކް އެޕާޓްމެންޓް ނުލިބިގެން ގާސިމްގެ ބޭފުޅަކު ކޯޓަށް

ކޭޕާކް އިން ގަތް އެޕާޓްމެންޓް ނުލިބިގެން ގާސިމްގެ ދަރިކަނބަލުން ކޯޓަށް

20 މެއި 2024

ކޭޕާކުން ވިއްކި އެޕާޓްމަންޓްތަކުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަނބަލުން ހާދިޖާ ސަނާ ގަތް އެޕާޓްމަންޓް ނުލިބިގެން މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކޭޕާކުން ވިއްކި އެޕާޓްމަންޓްތަކުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަނބަލުން ހާދިޖާ ސަނާ ގަތް އެޕާޓްމަންޓް ނުލިބިގެން މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.

ކޭޕާކްގެ ނަމުގައި ހުޅުމާލޭގައި އިމާރަތް ކުރަމުންދާ ލަގްޒަރީ އެޕާޓްމެންޓްތައް ވިއްކުމުގައި އެ ކުންފުނިން ވަނީ މަކަރާއި ހީލަތް ހަދައި، އެތައް ބަޔަކަށް އޮޅުވާލައިފަ އެވެ. ފްލެޓް ގަތް ގިނަ ބަޔަކު ވަނީ މި މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ.

އެ ފްލެޓްތައް އިމާރާތްކުރަމުން އަންނަ ހަންބޯ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ސޮއި ފޯޖްކޮށް، އެއް އެޕާޓްމެންޓެއް އެތައް ބަޔަކަށް ވިއްކައި، އެ އެޕާޓްމެންޓްތައް ވިއްކި ފައިސާ އަމިއްލަ ބޭނުންތަކަށް ބޭނުންކޮށް މައި ކުންފުނި، ހަންބޯއަށް އެއްވެސް ފައިސާއެއް ނުދީ، ސްކޭމް ކުރުމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ. އަދި އެ މައްސަލާގައި މަންޑޭގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ދައުވާ ވެސް އުފުލައިފަ އެވެ.

ކޭޕާކް ރެސިޓެންސް އިން އެތައް ބަޔަކު އެޕާޓްމެންޓް ގަނެފައިވާއިރު، އެ އެޕާޓްމެންޓްތައް ވިއްކި ފައިސާ ހަންބޯ ކުންފުންޏަށް ލިބިފައިނުވާތީ، އެޕާޓްމެންޓްތައް ހަވާލުކުރުމަށާއި އެއްބަސްވުންތަކަށް އަމަލު ކުރަން އެ ކުންފުނިން ދަނީ ދެކޮޅު ހަދަމުންނެވެ. އެހެންވެ، ހަދީޖާ ސަނާ ވަނީ އޭނާ ގަތް ކޭޕާކް އެޕާޓްމެންޓް ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

އެ މައްސަލައިގެ ތެރެއިން އޭނާގެ ގަތް އެޕާޓްމެންޓް އިތުރު އެހެން މީހަކަށް ވިއްކުން ހުއްޓުވަން ވަގުތީ އަމުރަކަށް އެދުނެވެ. އެ އަމުރު ހޯދަން ސަނާ އެދުނީ އެޕާޓްމެންޓް ގަނެ އެއްބަސްވުމުގެ ދަށުން ފައިސާ ދައްކާފައިވަނިކޮށް އެ އެޕާޓްމެންޓް ތިންވަނަ ފަރާތަކަށް ވިއްކައި، ދީ ހެދުމުގެ ސަބަބުން މައްސަލައިގައި އެދޭ ފަރުވާ ނުލިބިދާނެތީ އެވެ. އޭނާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ އޭނާ ގަތް އެޕާޓްމެންޓް ހަންބޯ ކުންފުނީގެ އަތުން ހޯދުމަށެވެ.

ނަމަވެސް، ހަންބޯ ކުންފުނިން ގަބޫލުކުރާ ގޮތުގައި ސަނާއަށް އެޕާޓްމެންޓް ދޭން ޖެހޭ ސަބަބެއް ނެތެވެ. އަދި މި މައްސަލައިގެ ތެރެއިން ވަގުތީ އަމުރެއް ނެރެން ޖެހޭ ސަބަބެއް ވެސް ނެތެވެ.

ކޯޓުގައި ހަންބޯ ކުންފުނިން ބުނެފައިވަނީ:

- އެޕާޓްމެންޓަކީ ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށްގެން ސައްހަ ނޫން މައުލޫމާތުގެ ތެރެއިން މަކަރާ ހީލަތާއި އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ އެޕާޓްމެންޓްތަކެއް އަދި މިކަމާ ގުޅިގެން މަންޑޭގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލަން ވަނީ ނިންމަފައި.

- ދެ ފަރާތުގެ ދެމެދު އޮތް އެއްބަސްވުމަކީ މަންޑޭ ސޮއިކޮށްފައިވާ އެއްބަސްވުންތަކެއް ކަމާއި މި އެޕާޓްމެންޓް ވިއްކައިގެން ލިބުނު ފައިސާތައް ބޭނުން ކޮށްފައިވަނީ މަންޑޭ ކަމަށް ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާކަން. ހަންބޯ ކުންފުންޏަށް ފައިސާ ޖަމާވެފައިނުވޭ.

- އޮޅުވާލުމާއި މަކަރާ ހީލަތް އޮތް މިފަދަ މައްސަލައެއް މިހެން އޮއްވައި މައުޟޫއީ ގޮތުން މައްސަލަ ބެލުމުގެ ކުރިން ޝަރީއަޔުން އެޕާޓްމެންޓް ވިއްކުމުގެ މުއާމަލާތް ހުއްޓުވުމަކަށް ގެނައުމަކީ މިފަދަ ބޮޑު ފްރޯޑް މައްސަލައެއްގައި އަދުލުއިންސާފަށް އެކަމުގެ ސަބަބުން ހުރަސް އެޅޭނެ ކަމެއް.

މި މައްސަލާގައި އިއްޔެ ސިވިލް ކޯޓުގެ ގާޒީ މުހައްމަދު އިސާފުޅު ނިންމެވި ނިންމުމުގައިވާ ގޮތުން ކޭޕާކް އެޕާޓްމެންޓް އެހެން ފަރާތަކަށް ދީ ވިއްކައި ހެދުމާއި ތިންވަނަ ފަރާތެއްގެ ހައްގު އެ އެޕާޓްމެންޓުގެ މައްޗަށް އުފަންވާނެ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި އެ އެޕާޓްމެންޓް އެހެން މީހެއްގެ ނަމަށް ބަދަލު ނުކުރަން ހަންބޯ ކުންފުނީގެ މައްޗަށް އަންގައި އަމުރުކޮށްދޭން ޖެހޭ ސަބަބެއް މި ވަގުތަށް ނެތެވެ.

ގާޒީގެ ހުކުމްގައި ބުނެފައިވަނީ:

- އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަން ނުވަތަ ނޫން ކަން ޝަރުއީ މަރުހަލާ އިން ކަނޑައަޅާފައި ނެތް.

- އަމުރަށް އެދުނު ފަރާތަށް ލިބެންޖެހޭ މައުޟޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް ފާޅުކަން ބޮޑު ގޮތެއްގައި މި ހިނދަށް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ

- ކުންފުނީގެ ކިބައިގައި ގެއްލުމުގެ ބަދަލު ދެވިދާނެ ފަދަ މާލީ ތަނަވަސްކަމެއް ހުރިކަމާ މެދު ސުވާލު އުފެދުނު ނަމަވެސް މި ހިނދަށް އަމުރު ނެރެންޖެހޭ ގާނޫނީ ސަބަބެެއް ނެތް ކަމަށް