Roadha Mihaaru
ކޭޕާކްއާ ގުޅޭ ލިޔުންތައް ދޭން އެޗްޑީސީއަށް އަންގައިފި

ކޭޕާކާ މެދު ފިޔަވަޅެއް އަޅާފައިވާ ނަމަ އެކަން ލިޔުމުން އަންގަން އެޗްޑީސީ އަށް ހުކުމްކޮށްފި

09 ޖޫން 2024

ހުޅުމާލޭގައި އިމާރާތްކުރާ ލަކްޒަރީ އެޕާޓްމެންޓްތަކެއް ކަމަށްވާ ކޭޕާކް އެޕާޓްމެންޓްތައް ނިންމަން ހަވާލުކުރި މުއްދަތުގައި އެ މަސައްކަތް ނިންމާފައި ނުވާތީ އެކަމާ މެދު އެޗްޑީސީން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ނަމަ އެކަން ލިޔުމުން އަންގަން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ހުޅުމާލޭގައި އިމާރާތްކުރާ ލަކްޒަރީ އެޕާޓްމެންޓްތަކެއް ކަމަށްވާ ކޭޕާކް އެޕާޓްމެންޓްތައް ނިންމަން ހަވާލުކުރި މުއްދަތުގައި އެ މަސައްކަތް ނިންމާފައި ނުވާތީ އެކަމާ މެދު އެޗްޑީސީން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ނަމަ އެކަން ލިޔުމުން އަންގަން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ކޭޕާކްގެ އެޕާޓްމަންޓްތަކާ ގުޅޭ ގޮތުން ސިވިލް ކޯޓަށް ދައުވާ ހުށަހެޅުމަށްޓަކައި ހެކި ހާމަކޮށްދިނުމުގެ އަމުރަކަށް އެދި ހުށަހެޅި މީހަކު އެދިފައި ވަނީ ކޭޕާކް އިމާރާތް ކުރުމަށް ހަންބޯ ކުންފުންޏާ ހަވާލުކުރި އެއްބަސްވުމާއި ޕްރޮޖެކްޓްގެ އެއްވެސް ސެކިއުރިޓީއެއް ހުށަހަޅާފައިވާ ނަމަ އެ ލިޔުން ހޯދުމަށެވެ.

ހަންބޯ ކުންފުންޏާއި އެޗްޑީސީއާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ތަންފީޒު ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރު އެހެން ފަރާތަކަށް ނުވަތަ ނޯ އޮބްޖެކްޝަން ދީފައިވާ ނަމަ އެކަން އެނގޭނެ ލިޔުމެއް ހޯދުމަށް ވެސް އެ މީހާ އެދުނެވެ. ދެން އެދުނީ އެޕާޓްމެންޓްތަކުގެ މަސައްކަތް މުއްދަތުގައި ނިންމާފައި ނުވާތީ އެޗްޑީސީން އެކަމާ މެދު އެއްވެސް ފިޔަވަޅެެއް އަޅާފައިވާ ނަމަ އެކަން ވެސް އަންގައި ދިނުމަށެވެ.

މި ހުށަހެޅުމާ ގުޅޭ ގޮތުން ސިވިލް ކޯޓުން އަމުރު ނެރެފައިވަނީ އަމުރަށް އެދުނު މީހާގެ އެދުނު ހުރިހާ ލިޔުމެއް 14 ދުވަސް ތެރޭގައި އެޗްޑީސީން އެ މީހާ އަށް ފޯރުކޮށްދިނުމަށެވެ. އެ ލިޔުންތަކާ އެކު، ދައުވާ ހުށަހަޅަން އެ މީހާ އަށް އަންނަ މަހުގެ 30 ވަނަ ދުވަހާ ހަމައަށް މުއްދަތެއް ދީފައިވެ އެވެ. އެ މުއްދަތުގައި ދައުވާ ނުކުރާ ނަމަ އެ ލިޔުންތައް އިތުރު ބޭނުމެއް ނުކޮށް، ފަސް ދުވަހުގެ ތެރޭގައި އެޗްޑީސީ އަށް ރައްދު ކުރުމަށް ވެސް އެންގި އެވެ.

ކޭޕާކްގެ ނަމުގައި ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ލަގްޒަރީ އެޕާޓްމެންޓްތައް ވިއްކުމުގައި އެ ކުންފުނިން ވަނީ މަކަރާއި ހީލަތް ހަދައި، އެތައް ބަޔަކަށް އޮޅުވާލައިފަ އެވެ. ފްލެޓް ގަތް ގިނަ ބަޔަކު ވަނީ މި މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ މައްސަލަތައް ކޯޓުން ނިންމާފައިވާއިރު، އެ އެޕާޓްމެންޓްތައް އެމީހުންނަށް ދިނުމަށް ހުކުމް ކޮށްފައިވެ އެވެ.

އެ ފްލެޓްތައް އިމާރާތްކުރަމުން އަންނަ ހަންބޯ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ސޮއި ފޯޖުކޮށް، އެއް އެޕާޓްމެންޓެއް އެތައް ބަޔަކަށް ވިއްކައި، އެ އެޕާޓްމެންޓްތައް ވިއްކި ފައިސާ އަމިއްލަ ބޭނުންތަކަށް ބޭނުންކޮށް މައި ކުންފުނި، ހަންބޯއަށް އެއްވެސް ފައިސާއެއް ނުދީ، ސްކޭމް ކުރުމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ. އެ މައްސަލާގައި މަންޑޭގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ދައުވާ ވެސް އުފުލައިފަ އެވެ.

ކޭޕާކް ރެސިޓެންސް އިން އެތައް ބަޔަކު އެޕާޓްމެންޓް ގަނެފައިވާއިރު، އެ އެޕާޓްމެންޓްތައް ވިއްކި ފައިސާ ހަންބޯ ކުންފުންޏަށް ލިބިފައިނުވާތީ، އެޕާޓްމެންޓްތައް ހަވާލުކުރުމަށާއި އެއްބަސްވުންތަކަށް އަމަލު ކުރަން އެ ކުންފުނިން ދަނީ ދެކޮޅު ހަދަމުންނެވެ.