Roadha Mihaaru
ޗެތުރީ ގައުމީ ޓީމަށް އަލްވަދާއު، ފަހު މެޗު ޖޫން މަހު

39 އަހަރުގައި ޗެތުރީ ގައުމީ ޓީމަށް އަލްވަދާއު، ފަހު މެޗު އަންނަ މަހު ހައެއްގައި

16 މެއި 2024

އިންޑިއާގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ސްނިލް ޗެތުރީ އުމުރުން 39 އަހަރުގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އިންޑިއާގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ސްނިލް ޗެތުރީ އުމުރުން 39 އަހަރުގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު ހައެއްގައި ކުވޭތާ ދެކޮޅަށް އިންޑިއާ ކުޅޭ މެޗަކީ، ގައުމީ ޖޯޒީގައި އޭނާ ކުޅޭނެ ފަހު މެޗެވެ. އެ މެޗުން މޮޅުވެގެން، ކޮލިފައިންގެ އަނެއް ބުރަށް އިންޑިއާ އަށް ވަދެވޭނެ އެވެ.

"އެންމެ ފަހު މެޗު ... އަހަރެމެން އެންމެންނަށްޓަކައި... މި މެޗުން މޮޅުވަމާ ހިނގާ. (އޭރުން) އުފަލާ އެކު ވަކިވެގެން ދެވޭނެ،" އެކްސްގައި އާންމުކުރި ވީޑިއޯގައި އިންޑިއާގެ ކެޕްޓަން ބުންޏެވެ.

ގައުމީ ޓީމަށް ކުޅުނު 19 އަހަރުގައި، ޗެތުރީ ވަނީ، ދުނިޔޭގެ އެންމެ ގަދަ 100 ޓީމުގެ ތެރެއަށް އިންޑިއާ ވައްދަން މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަދި އޭޝިއަން ކަޕަށް ތިން ފަހަރު އެ ޓީމު ކޮލިފައިކޮށް ދިނުމުގައި އޭނާގެ ހިއްސާ ބޮޑެވެ.

ކުޅުން ހުއްޓާނުލާ ކުޅުންތެރިންގެ ތެރެއިން، ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނެލް މެސީގެ ފަހަތުން ތިންވަނައިގައި އޮތީ ޗެތުރީގެ ނަމެވެ. އޭނާ ވަނީ އިންޑިއާގެ ޓީމަށް 94 ގޯލް ޖަހައި ދީފަ އެވެ.

ގާތްގަނޑަކަށް 10 މިނެޓްގެ ވީޑިއާގައި ޗެތުރީ ވަނީ އޭނާގެ ކެރިއާގައި އައި އަޑިގުނޑަންތަކާއި އުސްގަނޑުތަކުގެ ވާހަކަ ދައްކައިފަ އެވެ.

"ކުޑަކުއްޖަކު ފަދައިން އަހަރެންގެ ނަފުސު ފުޓްބޯޅަ ކުޅެން ހަމަ ޔަގީނުން ވެސް ބޭނުންވާނެ. އެކަމަކު ތަސައްރަފު ފުދިފައިވާ ކުޅުންތެރިޔާ އަދި މީހާ އަށް ވެސް އެނގޭ މިއީ އެ ވަގުތުކަން (ކުޅުން ހުއްޓާލަން ޖެހޭ ވަގުތުކަން)،" އޭނާ ބުންޏެވެ.

"އެކަމަކު އެއީ އެހާ ފަސޭހަ ކަމެއް ނޫން."

ކްރިކެޓްގެ ނުފޫޒުގަދަ އިންޑިއާގައި، ޗެތުރީ އަށް ބޮޑު ލޯތްބެއް އޮވެ އެވެ. ކްރިކެޓް ކުޅުންތެރިންނާ އެއްވަރުގެ އާމްދަނީއެއް ނުލިބުނަސް، އެ ތަރިންނާ އެއްވަރުގެ ބޮޑު އިހުތިރާމެއް އޭނާ ލިބިފައި އެބަ އޮތެވެ.

އޭނާ ޕޯސްޓް ކުރި ވީޑިއޯ އަށް ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ކޮމެންޓްކޮށް އޭނާގެ އަގުވަޒަން ކުރި އެވެ.

"..'ޒަމާނަކަށް ނމުން އައީ' މިއީ ބައެއް ފަހަރު ކުޅިވަރުގައި ލުއިކޮށް ބޭނުންކުރާ ބަސްކޮޅެއް. ނަމަވެސް އިންޑިއާގެ ފުޓްބޯޅަ އަށް މިއަށްވުރެ ބޮޑު ހަގީގަތެއް ނެތް ސުނިލް ޗެތުރީ - ކެޕްޓަން، ލީޑަރު، ލެޖެންޑް - ރިޓަޔާ ކުރިކަން އިއުލާނު ކުރަނީ،" ސަޕޯޓަރަކު އެކްސްގައި ބުންޏެވެ.

"އިންޑިއާގެ ފުޓްބޯޅައިގައި އެންމެ ވަރުގަދަ ލެޖެންޑް،" އެހެން ސަޕޯޓަރަކު ލިޔުނެވެ.

ޗެތުރީ އެ އުމުރުގައި ވެސް ފެންނަނީ ޒުވާން ކުޅުންތެރިންނަށް ވުރެ މޮޅަށް ކުޅޭ ތަނެވެ. ސަޕޯޓަރުންނާއި ތަޖުރިބާކާރުން ދެކޭ ގޮތުގައި އޭނާގެ ކާމިޔާބުގެ އަސްލަކީ، ކެއުން ބުއިމާއި އާންމު ދިރިއުޅުމުގައި ވެސް އޭނާ ގެންގުޅޭ ރަނގަޅު އުސޫލުތަކެވެ. އޭނާ ޑައިޓް ޕްލޭން ވަރަށް ހަރުދަނާކޮށް ކުރިއަށް ގެންދެ އެވެ.