Roadha Mihaaru
އިންޑިއާ އޭޝިއަން ކަޕަށް، ޗެތުރީ ޕުސްކަސްއާ އެއްވަރު

އިންޑިއާ އޭޝިއަން ކަޕަށް، ޗެތުރީ ޕުސްކަސްއާ އެއްވަރު ކޮށްފި

15 ޖޫން 2022

ދެކުނު އޭޝިއާގެ ގަދަ ބާރު އިންޑިއާ އިން އޭޝިއަން ކަޕް ކޮލިފައިން ގައި މިއަދު 4-0 އިން ހޮންގް ކޮންގް މައްޗަށް ކުރި ހޯދައި، ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އަންނަ އަހަރު ބާއްވާ މުބާރާތުން ޖާގަ ހޯދައިފި އެވެ

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ދެކުނު އޭޝިއާގެ ގަދަ ބާރު އިންޑިއާ އިން އޭޝިއަން ކަޕް ކޮލިފައިން ގައި މިއަދު 4-0 އިން ހޮންގް ކޮންގް މައްޗަށް ކުރި ހޯދައި، ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އަންނަ އަހަރު ބާއްވާ މުބާރާތުން ޖާގަ ހޯދައިފި އެވެ

އެ މެޗުގައި ލަނޑު ޖަހައިދިން ކެޕްޓަން ސުނިލް ޗެތުރީ ހަންގޭރީގެ ލެޖެންޑް ފެރެންކް ޕުސްކަސްގެ ލަނޑު ޖެހުމުގެ ރެކޯޑަކާ ހަމަކޮށްފި އެވެ.

އިންޑިއާ އިން ވަނީ މެޗުގެ ފުރަތަމަ މިނިޓުގައި ހޮންގް ކޮންގް ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަންވަރު އަލީ އެވެ. މިއީ މި އަހަރު ގައުމީ ޓީމަށް ކުޅެން ފެށި އުމުރުން 21 އަހަރުގެ ޑިފެންޑަރުގެ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިންޑިއާ އިން ލީޑު ފުޅާ ކުރީ ޗެތުރީ ގައުމީ ޓީމަށް ޖަހައިދިން 84 ވަނަ ލަނޑުންނެވެ.

ޕުސްކަސް ވަނީ ހަންގޭރީ އަށް ކުޅެދިން 85 މެޗުން 84 ލަނޑު ޖަހައިފަ އެވެ. އޭނާގެ ހަނދާނުގައި ފީފާ އިން އަންނަނީ 2009 ވަނަ އަހަރުން ފެށިގެން އަހަރުގެ އެންމެ ރީތި ގޯލަކަށް "ފީފާ ޕުސްކަސް އެވޯޑް" ނަމުގައި އެވޯޑެއް ވެސް ދެމުންނެވެ. ހޮންގް ކޮންގް ކޮޅަށް އުމުރުން 37 އަހަރުގެ ޗެތުރީ ޖެހި ލަނޑާ އެކު އޭނާ އިންޑިއާ ގައުމީ ޓީމަށް 84 ލަނޑު ހަމަކުރީ 129 މެޗު ކުޅެގެންނެވެ.

ޗެތުރީ (ކ) އަދި ޕުސްކަސް (ވ). ދެ ކުޅުންތެރިން ވެސް ވަނީ ގައުމީ ޓީމަށް 84 ލަނޑު ޖަހައިދީފައި.--

ޗެތުރީ (ކ) އަދި ޕުސްކަސް (ވ). ދެ ކުޅުންތެރިން ވެސް ވަނީ ގައުމީ ޓީމަށް 84 ލަނޑު ޖަހައިދީފައި.--

މިއާ އެކު އޭނާ މިހާތަނަށް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ގަދަ ފަހަކުން ޗެތުރީ އަށް ވަނީ ޖާގަ ލިބިފަ އެވެ. ޗެތުރީ އަށް ވުރެ ދެ ލަނޑު ކުރީގައި 86 ގޯލާ އެކު އުޅެނީ އާޖެންޓީނާގެ ލިއޮނެލް މެސީ އެވެ. އަދި މެލޭޝިއާގެ މޮކްރާތު ދަހާރީ 89 ލަނޑު ޖަހާފައި ވާއިރު އީރާންގެ ފޯވާޑް އަލީ ދާއީ ވަނީ 109 ލަނޑު ޖަހައިފަ އެވެ. އެއްވަނައިގައި އޮތީ 117 ލަނޑު ޖަހާފައިވާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ޗެތުރީ ނަގާފައި ދެކުނު އޭޝިއާ ސަރަހައްދުގައި ގައުމީ ޓީމަށް ދެން އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) އަތުގަ އެވެ. އޭނާ ވަނީ 89 މެޗުން 57 ލަނޑު ޖަހައިފަ އެވެ. އަޝްފާގް އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ މިދިޔަ އަހަރު އެވެ. ޖެހިގެން އައި ޑިސެމްބަރު މަހު އާ ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗަށް ފަހު އަނިޔާގެ ސަބަބުން އަޝްފާގު އަދިވެސް ހުރީ ކުޅުމާ ދުރުގަ އެވެ.

އިންޑިއާ އިން ހޮންގް ކޮންގް ކޮޅަށް ޖެހި ތިންވަނަ ލަނޑު 85 ވަނަ މިނިޓުގައި ޖަހައިދިނީ، އެންމެ ފަހުން ބޭއްވި ދެ ސާފް ޗެމްޕިއަންޝިޕުގައި ވެސް ރާއްޖެ ކޮޅަށް ލަނޑު ޖެހި ފޯވާޑް މަންވީރު ސިންގް އެވެ. އޭނާ ވަނީ މިދިޔަ އަހަރު އޭއެފްސީ ކަޕުގައި ރާއްޖޭގެ މާޒިޔާ ކޮޅަށް ވެސް ލަނޑު ޖަހައިފަ އެވެ. ފަހު ލަނޑު އިތުރު ވަގުތުގައި ޖެހީ ޒުވާން ފޯވާޑް އިޝާން ޕަންޑިތާ އެވެ. މިއީ އޭނާ ވެސް ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މި ނަތީޖާއާ އެކު އިންޑިއާ ވަނީ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އަންނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައި ވެފަ އެވެ. ކޮލިފައިންގެ ހުރިހާ މެޗެއް ވެސް އިންޑިއާ ކާމިޔާބު ކުރި އެވެ. ފުރަތަމަ މެޗުގައި ވަނީ 2-0 އިން ކެމްބޯޑިއާ ބަލި ކޮށްފަ އެވެ. އެ މެޗުގައި އިންޑިއާގެ ދެ ލަނޑު ވެސް ޖެހީ ޗެތުރީ އެވެ. އަދި އިންޑިއާ އިން 2-1 އިން އަފްގާނިސްތާނު ބަލިކުރި މެޗުގައި ފުރަތަމަ އިންޑިއާ އަށް ލީޑު ނަގައިދިނީ ވެސް އޭނާ އެވެ.

މިއީ އޭޝިއަން ކަޕުގައި އިންޑިއާ ވާދަކުރާ ފަސްވަނަ ފަހަރެވެ. އަދި ވިދިވިދިގެން އޭޝިއަން ކަޕުން ޖާގަ ހޯދި ދެވަނަ ފަހަރެވެ.

މެޗުން ބަލިވި ނަމަވެސް ހޮންގް ކޮންގް ވަނީ ކޮލިފައިންގެ ހަ ގުރޫޕުގެ ދެވަނައިގައި ނިންމި އެންމެ ރަނގަޅު ފަސް ޓީމުތެރޭގައި ހިމެނިގެން އޭއެފްސީ ކަޕުގެ ޖާގައެއް ހޯދައިފަ އެވެ.

އިންޑިއާގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުން އޭޝިއަން ކަޕް ކޮލިފައިން ފަހު ބުރުގައި ދެން ވާދަކުރީ ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލާއި ބަންގްލަދޭޝް އެވެ. ރާއްޖޭން ކޮލިފައިން ނިންމާލީ ފަހު މެޗުގައި، ރާއްޖެ އޮތް ގުރޫޕުގައި ހިމެނޭ ސްރީ ލަންކާ އަތުން ހޯދުނު ހަމައެކަނި މޮޅާ އެކު ގުރޫޕުގެ ތިންވަނައިގަ އެވެ. ސްރީ ލަންކާ ވަނީ ކުޅުނު ތިން މެޗުން ވެސް ބަލި ވެފަ އެވެ. ބަންގްލަދޭޝް އާއި ނޭޕާލް ވެސް ކޮލިފައިން ނިންމާލީ ޕޮއިންޓެއް ނުހޯދި އެވެ.