Roadha Mihaaru
15 އަހަރަށްފަހު ރޮޒައިނާ ނުކުންނަނީ ހިތްހަމަޖެހިގެން!

15 އަހަރަށްފަހު ރޮޒައިނާ މަޖިލީހަށް އަލްވަދާއު: "ގޮނޑި ނީލަމުގައި އިން ދުވަހެއް ނީންނާނެ"

13 މެއި 2024

ރައްޔިތުންގެ މަޖިލީހުގައި ތިން ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު މިއަދު ތަޅުމުން ނިކުންނަނީ ހިތްހަމަޖެހުމާއެކު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގައި ތިން ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު މިއަދު ތަޅުމުން ނިކުންނަނީ ހިތްހަމަޖެހުމާއެކު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި މެންބަރުން ވާހަކަދެއްކެވުމަށް ދެއްވި ފުރުސަތުގައި ރޮޒައިނާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މަޖިލީހަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް ކަމަށާއި މިއަދަކީ މެންބަރެއްގެ ހައިސިއްޔަތުން ތަޅުމުގައި ވާހަކަދައްކަވާނެ ފަހު ދުވަސް ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، މިދިޔަ ތިން ދައުރުގައި ތުލުސްދޫ ދާއިރާގެ ރައްޔިތުންނާއި އައްޑޫ މީދޫ ދާއިރާގެ ރައްޔިތުން އޭނާއާ ހަވާލުކުރި ޒިންމާ އާއި އަމާނާތް އެންމެ ހެޔޮ ގޮތުގައި އަދާކުރެވިއްޖެ ކަމަށާއި އެކަމުގެ ހިތްހަމަޖެހުން އެބައޮތް ކަމަށެވެ.

"ހަމަގައިމު ވެސް އަޅުގަނޑުގެ ގޮނޑި ނީލަމުގައި އިން އެންމެ ދުވަހެއް ވެސް ނާންނާނެ. ފަނަރަ އަހަރު ނިންމާފައި އަޅުގަނޑު މިތަނުން މިދަނީ ވަރަށް ބޮޑު ހިތްހަމަޖެހުމަކާ އެކީގައި،" ރޮޒައިނާ ވިދާޅުވި އެވެ.

18 ވަނަ މަޖިލީހުގެ ޖަލްސާއެއްގައި ރޮޒައިނާ ވާހަކަ ދައްކަވަނީ: އޭނާ ވަނީ މަޖިލީހަށް ދެން ކުރިމަތިނުލާނެ ކަމަށް ވިދާޅުވެފައި -- ފޮޓޯ: ފައިލް

18 ވަނަ މަޖިލީހުގެ ޖަލްސާއެއްގައި ރޮޒައިނާ ވާހަކަ ދައްކަވަނީ: އޭނާ ވަނީ މަޖިލީހަށް ދެން ކުރިމަތިނުލާނެ ކަމަށް ވިދާޅުވެފައި -- ފޮޓޯ: ފައިލް

އޭނާ ވިދާޅުވީ ޕާޓީތެރޭގައި ލީ ވޯޓެއް ވެސް އަދި މަޖިލީހުގައި ލީ ވޯޓެއް ވެސް އަދި ގައުމީ ފެންވަރުގައި ލީ ވޯޓެއް ވެސް ފައިސާ އަށް ދޫކޮށްލާފައި ނޯންނާނެ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ތަޅުމުގައި ކުރިމަތިވާ ދަތިތަކުގެ އިތުރުން ސޯޝަލް މީޑިއާގައި ފުރައްސާރަ ކުރިމަތިލާން ޖެހުނު ކަމަށެވެ.

އޭނާއަށް މި ހިސާބަށް ވަރުބަލި ކަމެއް ނެތި އާދެވުނީ ގިނަ ބައެއް އެހީތެރިކަމާ އެއްބާރުލުމާ އެކު ކަން ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވީ، ނިކުމެގެން ދަނީ "ހިތްވަރާ ޖޯޝާ ފޯރިއާއެކީ"ގައި ކަމަށެވެ.

ރޮޒައިނާ ވަނީ ކުރިއަށް އޮތް ދައުރަށް މަޖިލީހުގައި އެންމެ ތިން މެންބަރުން ތިއްބަވާއިރު، އެ ބޭފުޅުންނަށް ފިރިހެން މެންބަރުންގެ ފަރާތުން ރަނގަޅު މަސައްކަތްތަކެއް ކުރުމުގެ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފަ އެވެ.

"ކުރީގެ މަޖިލީހުގައި ފާހަގަކުރެވުނު ޕާޓީއެއްގެ އެންމެ އަންހެން ބޭފުޅެއް އިންނެވިއިރު ޕާޓީގެ މެންބަރުންގެ ފަރާތުން ލިބުނު ފުރައްސާރަ ވެސް. އަންހެނުން މަދުވެފައި އެހާ އުނދަގޫ އިރު އަޅުގަނޑު އެދެން އަންހެނުންނަށް އިތުރު އެހީތެރިކަން ދެއްވަން،" ރޮޒައިނާ ވިދާޅުވި އެވެ.

ކުރިން ތުލުސްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ރޮޒައިނާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ކަމަށް ހޮވުނީ 2014 ގަ އެވެ. އޭގެ ފަހުން އޮތް މަޖިލިސް އިންތިހާބުގައި 2019 ވަނަ އަހަރު ވެސް ރޮޒައިނާ ވަނީ އެ ދާއިރާގެ ގޮނޑި ދިފާއު ކުރައްވައިފަ އެވެ. ރޮޒައިނާއަކީ އައްޑޫގެ ފުރަތަމަ އަންހެން މަޖިލިސް މެމްބަރެވެ.

އިތުރު ދައުރަކަށް ޕާޓީގެ ޕްރައިމަރީގައި ފޭދޫ އުތުރު ދާއިރާ އަށް ވާދަކުރެއްވި ނަމަވެސް ރޮޒައިނާ އަށް ޓިކެޓް ކާމިޔާބު ވެފައެއް ނުވެ އެވެ.