Roadha Mihaaru
ރޮޒެއިނާ ތަޅުމުން ނުނިކުތް، ނަޝީދު ބެލީ ނެތް ކަމަށް!

ރޮޒެއިނާ ނުނުކުންނެވުމުން ނަޝީދު ވިދާޅުވީ "ނެތް ކަމަށް ބަލައި" މަޖިލިސް ކުރިއަށް ގެންދަވާނީ ކަމަށް

18 މެއި 2023

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ ނަން ރިޔާސަތުން ތަކުރާރުކޮށް އިއްވުމުން ވެސް އޭނާ މަޖިލިސް ތަޅުން ދޫކުރައްވަން ދެކޮޅު ހެއްދެވުމުން، ރޮޒެއިނާ ނެތް ކަމަށް ބަލައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާ ކުރިއަށް ގެންދަވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ ނަން ރިޔާސަތުން ތަކުރާރުކޮށް އިއްވުމުން ވެސް އޭނާ މަޖިލިސް ތަޅުން ދޫކުރައްވަން ދެކޮޅު ހެއްދެވުމުން، ރޮޒެއިނާ ނެތް ކަމަށް ބަލައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާ ކުރިއަށް ގެންދަވައިފި އެވެ.

އެކަމަކު މިއީ މަޖިލިސް ގަވައިދާ ޚިލާފު އަމަލެކެވެ. ނަން އިއްވުމުން، ދެން ޖަލްސާ ކުރިއަށް ގެންދެވޭނީ އެ މެމްބަރަކު ތަޅުމުން ބޭރުކުރުމަށް ފަހު އެވެ.

މަޖިލީހުގެ ތަޅުމުން ރޮޒެއިނާ ނަން އިއްވައި ނެރެން ނިންމީ އެމްޑީޕީން 12 މެންބަރުން އަމިއްލަ އަށް ވަކިވުމުން ވެސް އެ މެންބަރުން އެ ޕާޓީގެ ދަފްތަރުން އުނި ކުރުމަށް ރިޔާސަތުގައި އިންނެވި ނަޝީދު ދެކޮޅު ހެއްދުވުމުން އުފެދުނު ހިތްހަމަނުޖެހުންތަކުގަ އެވެ.

އެ މައްސަލާގައި އެމްޑީޕީގެ މެންބަރުން ނުރުހުން ފާޅުކުރައްވައި މަޖިލީހުގައި އަޑުގަދަ ކުރަން ފެއްޓެވުމުން ނަޝީދު ރޮޒެއިނާގެ ނަން އިއްވެވި އެވެ. ނަމަވެސް އޭނާ ތަޅުން ދޫކުރައްވައި ވަޑައިނުގަތުމުން ނަޝީދު ނިންމެވީ ރޮޒެއިނާ މަޖިލީހުގެ ތަޅުން ދޫކުރައްވަން ދެން ޖަލްސާ މެދުކަނޑާލުމަށެވެ.

ގާތްގަނޑަކަށް ބައިގަޑިއިރު ޖަލްސާ މެދުކަނޑާލުމަށް ފަހު، އަލުން ފެއްޓެވި އިރު ވެސް ރޮޒެއިނާ އިންނެވީ މަޖިލިސް ތަޅުމުގަ އެވެ.

އެކަމާ ގުޅިގެން ނަޝީދު ދެވަނަ ފަހަރަށް ރޮޒެއިނާގެ ނަން އިއްވެވި އެވެ. އަދި ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް ތަކުރާރުކޮށް އެންގެވި އެވެ. އެކަމަކު، އެ އަށް އަމަލެއް ނުކުރައްވަ އެވެ.

މީގެ ކުރިން މެންބަރުން ތަޅުން ދޫކުރަން ދެކޮޅު ހެއްދެވުމުން މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ނުވަތަ އެހެން މުއައްޒަފުން އައިސް މެންބަރުން ގަދަކަމުން ނެރެ އެވެ. ނަމަވެސް ނަޝީދު ވިދާޅުވީ އެގޮތަށް ރޮޒެއިނާ ނެރެން ބޭނުންފުޅު ނުވާ ކަމަށެވެ.

ރޮޒެއިނާ ދެކޮޅު ހައްދަވާތީ ނަޝީދު ވިދާޅުވީ ގަވައިދުގެ ބޭނުމަށްޓަކައި ރޮޒެއިނާ މަޖިލީހުގެ ތަޅުމުގައި ނެތް ކަމަށް ބަލާނެ ކަމަށެވެ. އެއްވެސް ފުރުސަތެއް ނުދީ ރޮޒެއިނާ ނެތް ކަމަށް ބަލައިގެން ޖަލްސާ ކުރިޔަށް ގެންދަވަން ނަޝީދު ނިންމެވި އެވެ.

އެކަމާ ގުޅިގެން، އެކި މެމްބަރުން ނިޒާމީ މައްސަލަ ނަންގަވައިގެން ތަކުރާރުކޮށް މައްސަލަ ޖެއްސެވިޔަސް ނަޝީދުގެ ފަރާތްޕުޅުން އެދެވޭ ޖަވާބެއް ނުލިބުނެވެ.