Roadha Mihaaru
މުޅި އޭޝިއާ ގަދަ ހޫނުގައި ފިހެނީ

މުޅި އޭޝިއާ ގަދަ ހޫނުގައި ފިހެނީ

28 އެޕްރީލް 2024

ދެކުނު އޭޝިއާ އާއި ދެކުނުއިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުގައި އާދަޔާ ހިލާފަށް ހޫނު ގަދަވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އިދާރާތަކުން އިލްތިމާސްކުރުމާ އެކު ޕާކުތަކާއި އެއާކަންޑިޝަންކޮށްފައިވާ މޯލް ފަދަ ތަންތަނުގައި މީހުން ވަގުތު ހޭދަކުރަން ފަށައިފި އެވެ.

ދެކުނު އޭޝިއާ އާއި ދެކުނުއިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުގައި އާދަޔާ ހިލާފަށް ހޫނު ގަދަވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އިދާރާތަކުން އިލްތިމާސްކުރުމާ އެކު ޕާކުތަކާއި އެއާކަންޑިޝަންކޮށްފައިވާ މޯލް ފަދަ ތަންތަނުގައި މީހުން ވަގުތު ހޭދަކުރަން ފަށައިފި އެވެ.

މިދިޔަ ހަފްތާއިން ފެށިގެން އާދަޔާ ހިލާފަށް ހޫނު ގަދަވެ ބައެއް ގައުމުތަކުގައި ވަނީ 45 ޑިގްރީ ސެލްސިއަސް އަށް ހޫނުމިން އަރައިފަ އެވެ. އެހެންވެ ބައެއް ގައުމުތަކުގައި ސަރަހައްދުތަކުގައި ވަނީ ސްކޫލްތައް ބަންދު ވެސް ކޮށްފަ އެވެ.

ފިލިޕިންސްގެ ވެރިރަށް މެނީލާގައި ވަނީ ދަރިވަރުން ސްކޫލަށް ގޮސްގެން ކިޔެވުން މިއަދުން ފެށިގެން ދެ ދުވަހަށް މެދުކަނޑާލައިފަ އެވެ.

ތައިލެންޑުގައި މި އަހަރުގެ މިހާތަނަށް ވަނީ ހޫނު ގަދަވެ ހީޓް ސްޓްރޯކް ޖެހިގެން 30 މީހަކު މަރުވެފަ އެވެ. ހޮނިހިރު ދުވަހު އުތުރުގެ ސަރަހައްދުތަކުގައި 44.1 ޑިގްރީ ސެލްސިއަސް އަށް ހޫނުމިން އަރާފައި ވާއިރު މޫސުމާ ބެހޭ އިދާރާއިން ވަނީ އަދިވެސް ހޫނު ގަދަވާނެ ކަމަށް ބެލެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދިފަ އެވެ.

އިންޑިއާގެ މަތޫރާގައި މިދިޔަ ހަފްތާގައި އަންހެނަކު ހޫނުން ސަލާމަތްވުމަށް ކުޑަ ނަގައިގެން ހިނގާފައި ދަނީ. -- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ މަތޫރާގައި މިދިޔަ ހަފްތާގައި އަންހެނަކު ހޫނުން ސަލާމަތްވުމަށް ކުޑަ ނަގައިގެން ހިނގާފައި ދަނީ. -- ފޮޓޯ: އޭއެފްޕީ

ކެމްބޯޑިއާ، މިއަންމާ، ވިއެޓްމާން، އިންޑިއާ އަދި ބަންގްލާދޭޝްގައި ވެސް 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ހޫނުމިން އަރާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އދ. ގެ މޫސުމާބެހޭ އިދާރާއިން މިދިޔަ ހަފްތާގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު ވަނީ ރެކޯޑް މިންވަރަކަށް ހޫނުމިން އަރައިފަ އެވެ. އެ އިދާރާއިން ބުނި ގޮތުގައި އޭޝިއާ ސަރަހައްދުގައި ހޫނުމިން އިތުރުވާ މިންވަރު ދަނީ ހަލުވިކަމާ އެކު މަތިވަމުންނެވެ.

ދިރާސާތަކުން އެނގިފައިވާ ގޮތުގައި މޫސުމަށް އަންނަމުންދާ ބަދަލުތަކާ އެކު ގަދަ ހޫނުގެ ދުވަސްތައް ތަޖުރިބާކުރަން ޖެހޭ މުއްދަތު އިތުރުވުމާއި ހޫނު ދުވަސްތައް ދަނީ ގިނަވަމުންނެވެ.

މިއަންމާގެ ޔަންގޯންގައި މީހަކު ގަދަ ހޫނުގައި ކުޑައެއް ނަގައިގެން ހިނގާފައި ދަނީ. -- ފޮޓޯ: އޭއެފްޕީ

މިއަންމާގެ ޔަންގޯންގައި މީހަކު ގަދަ ހޫނުގައި ކުޑައެއް ނަގައިގެން ހިނގާފައި ދަނީ. -- ފޮޓޯ: އޭއެފްޕީ

މިޔަންމާގައި އޭޕްރީލް މަހުގެ އެވްރެޖް ފިނިހޫނުމިނަށް 3-4 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވެފައިވާކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން މިދިޔަ ހަފްތާގައި ބުނެފައިވެ އެވެ. އެ ގައުމުގެ މެދުތެރޭ ސިޓީ މަންޑޭލޭގެ ފިނިހޫނުމިން 43 ސެލްސިއަސް އަށް އަރާފާނެ ކަމުގެ އިންޒާރު ވެސް މިހާރު ވަނީ ދީފަ އެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން އިއްޔެ ބުނީ ހަފްތާ ބަންދުގެ ނިޔަލަށް ބައެއް ސްޓޭޓްތަކުގައި ހޫނުގަދަވުމުގެ ގަދަ ހާލަތު ދެމިއޮންނާނެ ކަމަށާއި ބައެއް ތަންތަނުގެ ފިނިހޫނުމިން 44 ސެލްސިއަސް އަށް އަރާނެ ކަމަށެވެ. ގަދަ ހޫނުގެ ސަބަބުން އެ ގައުމުގައި ވަނީ މިހާރު ކުރިއަށްދާ އާންމު އިންތިހާބުގެ ވޯޓުލުން ވެސް އެއް ދުވަހަށް މެދުކަނޑާލައިފަ އެވެ. އެ ގައުމުގައި ވަނީ ވޯޓުލާން ކިއޫގައި ތިއްބާ، ހޫނު ގަދަވުމުގެ ސަބަބުން އެތައް ބަޔަކު އަނބުރައިގަނެގެން ވެއްޓިފަ އެވެ.

މާޗް، އޭޕްރީލް އަދި މެއި އަކީ އާންމުކޮށް މި ސަރަހައްދުގައި އަހަރުގެ އެންމެ ހޫނު އަދި ހަނަފަސްކަން އެންމެ ދުވަސްތަކެވެ. އެކަމަކު މި އަހަރު، މޫސުމީ ހާލަތެއް ކަމަށްވާ އެލް ނީނޯގެ ސަބަބުން ވަނީ ހޫނު ގަދަވުމުގެ މައްސަލަ އިތުރަށް ގޯސްވެފަ އެވެ. -- އޭއެފްޕީ