Roadha Mihaaru
ޣައްޒާއަށް އެހީ ގެންދަން އުޅުނު ބޯޓުތަކަށް ނުފުރުނު

ޣައްޒާއަށް އެހީ ގެންދަން އުޅުނު ބޯޓުތަކަށް ތުރުކީން ނުފުރުނު

28 އެޕްރީލް 2024

ފަލަސްތީނުގެ ޣައްޒާއަށް އެހީ ހިފައިގެން ތުރުކީން ފުރަން އުޅުނު "ފްރީޑަމް ފްލޮޓިލާ" ގެ ދެ ބޯޓެއް ދުއްވުމުގެ ހުއްދަ ބާތިލްކުރުމުން އުޅަނދުތަކަށް އިއްޔެ ފުރޭ ގޮތް ނުވި ކަމަށާއި އެއީ އިޒްރޭލުގެ ޕްރެޝަރާ ހެދި ދިމާވި ގޮތެއް ކަމަށް އެކަން އިންތިޒާމްކުރި ޖަމާއަތްތަކުން ތުހުމަތުކޮށްފި އެވެ.

ފަލަސްތީނުގެ ޣައްޒާއަށް އެހީ ހިފައިގެން ތުރުކީން ފުރަން އުޅުނު "ފްރީޑަމް ފްލޮޓިލާ" ގެ ދެ ބޯޓެއް ދުއްވުމުގެ ހުއްދަ ބާތިލްކުރުމުން އުޅަނދުތަކަށް އިއްޔެ ފުރޭ ގޮތް ނުވި ކަމަށާއި އެއީ އިޒްރޭލުގެ ޕްރެޝަރާ ހެދި ދިމާވި ގޮތެއް ކަމަށް އެކަން އިންތިޒާމްކުރި ޖަމާއަތްތަކުން ތުހުމަތުކޮށްފި އެވެ.

އެހީގެ ސާމާނާ އެކު ދަތުރު ފަށަން ރޭވި އެންޖީއޯތަކުން ބުނީ މިކަން ނާކާމިޔާބުވީ ދަތުރުގައި ބޭނުންކުރަން ތައްޔާރުކުރި ގިނީ ބިސާއޫގެ ދެ ބޯޓެއްގެ ހުއްދަ އެ ގައުމުން ހިފެހެއްޓުމުން ކަމަށެވެ.

"މިއީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ގަސްތުގައި މީހުން ބަނޑަށްޖައްސައި ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގައި ބިންތައް ފޭރިގެން އުޅޭ އުޅުމުގައި ގިނީ ބިސާއޫ ބައިވެރިވުން ކަމަށް ހިތާމައާ އެކު ފާހަގަކުރަން،" ފްރީޑަމް ފްލޮޓިލާ ކޯލިޝަނުން ބުންޏެވެ.

"މިއީ ގިނީ ބިސާއޯ އިންޓަނޭޝަނަލް ޝިޕްސް ރެޖިސްޓްރީ (ޖީބީއައިއެސްއާރު) އިން ފާޅުގައި އެޅި ސިޔާސީ ފިޔަވަޅެއްގެ ގޮތުގައި ފްރީޑަމް ފްލޮޓިލާ ކޯލިޝަނަށް އަންގާފައި ވަނީ ފްރީޑަމް ފްލޮޓިލާގެ ދެ ބޯޓަކުން ގިނީ ބިސާއޯގެ ދިދަ އަނބުރާ ނަގާފައިވާ ކަމަށް. މީގެ ތެރެއިން އެއް ބޯޓަށް އޮތީ ޣައްޒާގެ އާންމުން ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންވާ ތަކެތި ހިމެނޭ ގޮތަށް 5،000 ޓަނަށް ވުރެ ގިނަ މުދާ އަރުވާފައި،" ކޯލިޝަންގެ ބަޔާނުގައިވެ އެވެ.

އެ ގްރޫޕުން ބުނީ ގިނީ ބިސާއޯގެ ކަމާބެހޭ ފަރާތްތަކުން މި ދަތުރާ ބެހޭ ގޮތުން "އާދަޔާ ހިލާފަށް" އެތައް މައުލޫމާތެއް ހޯދަން އެކި ފަހަރުމަތިން އެދުނު ކަމަށެވެ. އޭގެ ތެރޭގައި ބޯޓު ބަނދަރުކުރާނެ ތަންތަނާއި އޭގައި ހުރި މުދަލުގެ މައުލޫމާތު އަދި ދަތުރުގެ އަސްލު މަންޒިލަށް ދެވޭނެ ކަމަށް ލަފާކުރެވޭ ތާރީހް ފަދަ މައުލޫމާތު ހިމެނޭ ކަމަށް ބުންޏެވެ.

"އާންމުކޮށް އެ ގައުމެއްގެ ދިދަ ހުންނަ ބޯޓަކާ ގުޅޭ ގޮތުން އެ ގައުމެއްގެ އިދާރާތަކުން ހޯދަނީ އުޅަނދުގެ ސަލާމަތާ ގުޅުންހުރި ކަންކަމުގެ މައުލޫމާތު ކަމަށާއި އެކަމަކު މިފަހަރު "ކާރެއް ރަޖިސްޓްރީ ކުރާއިރު ހޯދާހާ މައުލޫމާތު" ހޯދި ކަމަށް އެ އިއްތިހާދުން ބުންޏެވެ.

އިސްތަންބޫލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބޯޓުތަކުގައި ދަތުރަށް ފުރުމުގެ އުންމީދުގައި ތިބި ގާތްގަނޑަކަށް 280 ވޮލަންޓިއަރުން ބައިވެރިވި އެވެ. އެކްޓިވިސްޓުންނާއި ވަކީލުންނާއި ޑޮކްޓަރުން ވެސް ހިމެނޭ އެ ގްރޫޕްގެ މީހުން ފަލަސްތީނުގެ ދިފާއުގައި އަޑު އުފުލައި ލިޔުންތައް ހިފައިގެން ތިއްބެވެ.

ފަލަސްތީނަށް އެހީ ދިނުމުގައި އަބަދުވެސް އަޑު ގަދަކޮށް ވާހަކަ ދައްކައި އަދި މިހާތަނަށް 13 ފްލައިޓާއި ނުވަ ކަނޑު ބޯޓުގައި ފަލަސްތީނަށް އެހީ ފޯރުކޮށްދީފައިވާ ތުރުކީ ސަރުކާރުން މިފަހަރު އެހީގެ މި އުޅަނދުތަކުގެ މައްސަލައިގައި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 34،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު ކާބޯތަކެތި ހުސްވެ އާންމުން އުޅެމުންދަނީ ވަރަށް ދަތި ހާލުގަ އެވެ. -- އޭއެފްޕީ