Roadha Mihaaru
ދިގުމުއްދަތެއް ވުމުން ސިފައިންނަށް ގެދޮރު މިލްކުކޮށްދެނީ

ދިގު މުއްދަތަށް ހިދުމަތް ކުރާ ސިފައިންނަށް ގެދޮރު މިލްކު ކޮށްދެނީ

27 އެޕްރީލް 2024

ސިފައިންގޭގައި ދިގު މުއްދަތަކަށް ހިދުމަތް ކުރާ އޮފިސަރުންނަށް ގެދޮރު މިލްކު ކުރެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ސިފައިންގޭގައި ދިގު މުއްދަތަކަށް ހިދުމަތް ކުރާ އޮފިސަރުންނަށް ގެދޮރު މިލްކު ކުރެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިންގެ ދަސްވެނިވުމުގެ ހަފުލާގައި މިނިސްޓަރު ވިދާޅުވީ، ސިފައިންގެ އެންމެ މަތީވެރިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ ސިފައިންގެ ވަސީލަތްތައް، ކަނޑާއި އެއްގަމުގައި ބޭނުން ކުރާ ހަތިޔާރު އިތުރު ކުރުމާ އެކު، ސިފައިން ފަރުދީ ގޮތުން ވެސް ތަރައްގީ ކުރުން ކަމަށެވެ.

ދިވެހި ސިފައިންގެ ހިދުމަތަކީ ޒުވާނުންނަށް ކެރިއާއެއްގެ ގޮތުގައި ކުރިއަށް ދެވޭނެ ތަނަކަށް ހެދުމަށް ރައީސް ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ޣައްސާން ވިދާޅުވި އެވެ.

"އޭގެ މާނައަކީ ތި ޒުވާނުންނެކޭ އެއްގޮތަށް ސްކޫލް ދައުރު ނިންމަވާ އެހެން ޒުވާނުން ވެސް ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެން އަސްކަރީ ނޫން ގައުމަށް ފައިދާވާ އެހެން ދާއިރާތަކުން ވެސް މިސާލަކަށް އިންޖިނިއަރަކަށް ވާން ބޭނުންވާ ކުއްޖެއް އިންޖިނިއަރިން ޑިގްރީ އަށް، ޑޮކްޓަރަކަށް ވާން ބޭނުންވާ ކުއްޖަކު މެޑިސިން ހަދަން،" ސިފައިންގެ ތަމްރީނު މަރުކަޒު ގިރިފުށީގައި ބޭއްވި ރަސްމިއްޔާތުގައި ޣައްސާން ވިދާޅުވި އެވެ.

"ސްކޮލަޝިޕްގެ ފުރުސަތުތައް ސިފައިންނަށް ހޯދައިދޭން ރައީސް ވަނީ މަސައްކަތް ފައްޓަވާފައި."

މިނިސްޓަރު ވިދާޅުވީ ސްކޫލް ނިމިގެން ސިފައިންގެ ހިދުމަތަށް ވަންނަ ޒުވާނުން ބޭރުން ކިޔަވައިގެން އައިސް، ސިފައިންގެ ހިދުމަތުގައި ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުން ގޮސް، ރިޓަޔަމެންޓް އުމުރާ ހަމައަށް ދެވިއްޖެ ނަމަ، ރިޓަޔާ ކުރާނީ އަނބިދަރިންނާއި ކާފަ އާއި މާމަ ކުދިންނާ އެކު އަބުރުވެރި ދިރިއުޅުމެއް އުޅެވޭ ހާލަތުގައި ކަމަށެވެ.

ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ އެންމެ ރަނގަޅު ބައިވެރިޔާ ހަމްނާ އަށް ޑިފެންސް މިނިސްޓަރު ޣައްސާން ތަށި ހަވާލުކޮށްދެއްވަނީ.---ފޮޓޯ: އެމްއެންޑީއެފް

ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ އެންމެ ރަނގަޅު ބައިވެރިޔާ ހަމްނާ އަށް ޑިފެންސް މިނިސްޓަރު ޣައްސާން ތަށި ހަވާލުކޮށްދެއްވަނީ.---ފޮޓޯ: އެމްއެންޑީއެފް

"އެކަން ކަށަވަރު ކޮށްދޭން ރައީސް ނިންމަވާފައި އޮތީ ސިފައިންގެ ތެރޭގައި ދިގު މުއްދަތަކަށް ހިދުމަތް ކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލްކުވެރިވާނެ ގޮތެއް ހަމަޖައްސައިދިނުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

"މި ފުރުސަތުގައި ވެސް ރެއާއި ދުވާލު ވަރަށް އަވަދިނެތި ވަރަށް ބުރަ މަސައްކަތް ކުރައްވައިގެން ސިފައިންނަށް ކުރިއެރުން ހޯދައިދެއްވުމަށް ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރަން."

ސިފައިންގެ ހިދުމަތުގައި ގިނަ ދުވަސްވާ ސިފައިންނަށް ގެދޮރު މިލްކު ކުރާ ގޮތަށް ހަމަޖެއްސިއިރު، މިހާރު ވެސް އެ މީހުންނަށް ފްލެޓު ދީ، ދައުލަތުގެ ހަރަދުގައި ހިލޭ ބޭސްފަރުވާ އާއި އެހެނިގެން ފަސޭހަތައް ވެސް ވަނީ ހަމަޖައްސައިދީފަ އެވެ. އެހެންވެ، ސިފައިންނަށް ވީތީ ދައުލަތުން އެ މީހުންނަށާއި އާއިލާ އަށް ބޮޑެތި ހަރަދުތަކެއް ކުރާތީ އެ ކަންބޮޑުވުންތައް އާންމުންގެ ތެރޭގައި ވަރަށް ބޮޑެވެ.

ޣައްސާން މިއަދު ވިދާޅުވީ ސިފައިން ވާން ޖެހޭނީ އަހްލާގީ ގޮތުންނާއި އެހެން ހުރިހާ ގޮތަކުން ވެސް އާންމުންގެ ތެރޭގައި ނަމޫނާ ބަޔަކަށް ކަމަށާއި ސާބިތު ކަމާ އެކު އަބަދުވެސް ނަފުސަށް ވުރެ ގައުމަށް އިސްކުރަން ޖެހޭނެ ކަމަށެވެ. އެ އުސޫލުތަކުގެ މަތީގައި ތިބޭ ނަމަ ޣައްސާން ވިދާޅުވީ ނަސްރަކީ ވަރަށް ގާތުގައިވާ އެއްޗެއް ކަމަށެވެ.