Roadha Mihaaru
އުރީދޫ ނޭޝަން އީއޭއެފްސީ ސީރީޒް ނިންމާލައިފި

އުރީދޫ ނޭޝަން އީއޭއެފްސީ ސީރީޒްގެ ސީޒަން 1 ނިންމާލައިފި

24 އެޕްރީލް 2024

ރާއްޖޭގައި ގޭމިން ކުރިއަރުވައި ތަރައްގީކުރުމަށް އުރީދޫ ނޭޝަނުން ބޭއްވަމުން އަންނަ މުބާރާތްތަކުގެ ތެރެއިން މި ދިޔަ ހަފްތާ ބަންދުގައި ބޭއްވި އީއޭއެފްސީ ސީޒަން 1 ނިންމައި، ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ދީފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރާއްޖޭގައި ގޭމިން ކުރިއަރުވައި ތަރައްގީކުރުމަށް އުރީދޫ ނޭޝަނުން ބޭއްވަމުން އަންނަ މުބާރާތްތަކުގެ ތެރެއިން މި ދިޔަ ހަފްތާ ބަންދުގައި ބޭއްވި އީއޭއެފްސީ ސީޒަން 1 ނިންމައި، ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ދީފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ހޮނިހިރު ދުވަހުގެ ނިޔަލަށް އުރީދޫ ހެޑް އޮފީހުގައި ބޭއްވި މި މުބާރާތްތަކަށް ގޭމަރުންގެ ފަރާތުން ހޫނު ތަރުހީބެއް ލިބުނުކަމަށާއި މި މުބާރާތް ކުރިއަށް ދިޔައީ ވަރަށް ފޯރިއާ އެކު ކަމަށް އުރީދޫން ބުންޏެވެ. އުރީދޫން ބުނީ މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނާ ގުޅިގެން ބޭއްވި މި މުބާރާތުގައި ގޭމަރުން މެޗުތަކުގައި ރީތި ކުޅުމެއް ދެއްކި ކަމަށެވެ.

އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން 1ގެ ޗެމްޕިއަންކަން ހޯދައި، އުރީދޫން ހުށަހެޅި 8،000ރ. ހޯދީ މުހައްމަދު ޒަމީލް ޒިހުނީ އެވެ. މި މުބާރާތުގެ ރަނާއަޕްކަން ރާއިދު ހަސަނަށް ލިބުމުން އޭނާއަށް 4،500ރ. ގެ ފައިސާގެ އިނާމު ވަނީ ދީފަ އެވެ. އަދި ދެ ވަނަ ރަނާއަޕްކަން ލިބުނު އަހްމަދު ރިޝްފާނަށް 2،500ރ. ގެ ފައިސާގެ އިނާމެއް ދިނެވެ.

އުރީދޫން ބުނީ މި މުބާރާތްތަކަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ އީ-ސްޕޯޓްސް ކޮމިއުނިޓީއަށް ހިތްވަރުދީ، ގިނަ ގޭމަރުންތަކެއް އެއްތަނެއްގައި ތިބެ ވާދަކުރެވޭނެ މާހައުލެއް ގާއިމުކުރުމަށް އެ ކުންފުނިން ބާއްވާ މުބާރާތްތަކެއް ކަމަށެވެ. އަދި އުރީދޫން މަސައްކަތްކުރަނީ ރާއްޖޭގައި އީ-ސްޕޯޓްސް ކުރިއަރުވައި މި ދާއިރާއިން ޒުވާނުންނަށް އިތުރު ފުރުސަތު ހޯދައިދިނުމަށް ކަމަށް ވެސް ބުންޏެވެ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ ކުރިއަށް ގިނަ މުބާރާތްތަކެއް ބޭއްވުމަށް ރާވާފައި ހުރިކަމަށާއި، މި މުބާރާތްތަކުގެ މައުލޫމާތުތައް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.