Roadha Mihaaru
ސަން ސިޔާމް ބޮޑު ލޯނަކަށް ސަރުކާރުގެ ގެރެންޓީ ހޯދަނީ

165 މިލިއަން ޑޮލަރުގެ ލޯނު ގެރެންޓީއަށް ސަން ސިޔާމް ސަރުކާރުގައި އެދިއްޖެ

23 އެޕްރީލް 2024

މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު ރިސޯޓެއްް ހަދަން 165 މިލިއަން ޑޮލަރުގެ ލޯނަކަށް އަނެއްކާ ވެސް ސަރުކާރުގެ ގެރެންޓީ ހޯދަން އެދިވަޑައިގެންފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު ރިސޯޓެއްް ހަދަން 165 މިލިއަން ޑޮލަރުގެ ލޯނަކަށް އަނެއްކާ ވެސް ސަރުކާރުގެ ގެރެންޓީ ހޯދަން އެދިވަޑައިގެންފި އެވެ.

'މިހާރު' އަށް ލިބިފައިވާ ޑޮކިއުމެންޓުގައިވާ ގޮތުން މި މަހުގެ ހަތް ވަނަ ދުވަހު ލޯނު ގެރެންޓީއަަށް އެދިވަޑައިގެން ފިނޭންސް މިނިސްޓްރީއަށް ވަނީ އޭނާ ވަނީ ލިޔުން ހުށަހަޅުއްވައިފަ އެވެ.

އެ ލިޔުމުގައިވާ ގޮތުން މާލެ އަތޮޅުގެ އެމެރާލްޑް ލެގޫން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފައިނޭންސް ހޯދުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެ ރިސޯޓުގައި 1،500 އެނދު ތަރައްގީ ކުރަން ޕްލޭން ކޮށްފައިވާ އިރު އެ ކަމަށް 165 މިލިއަން ޑޮލަރު (2.5 ބިލިއަން ރުފިޔާ) ހަރަދު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައިވެ އެވެ.

އެމެރާލްޑް ލެގޫން ތަރައްގީ ކުރުމަށް ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕާ އެކު މަޝްވަރާތައް ކުރެވިފައިވާ އިރު ޗައިނާގެ ބޭންކެއް މެދުވެރިކޮށް ލޯނު ހަމަޖެއްސެން އޮތީ ސަރުކާރުން ގެރެންޓީ ދީގެން ކަމަށް އެ ލިޔުމުގައިވެ އެވެ.

އެހެންވެ އެކަމަށް ސަރުކާރުން ގެރެންޓީ ދިން ކަމުގެ ލިޔުމެއް ބޭނުންވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ސިޔާމްގެ ކުންފުނި، އަހުމަދު ސިޔާމް ހޯލްޑިން (އޭއެސްއެޗް) އިން 2017 ވަނަ އަހަރު ވެސް ސަރުކާރުން ސޮވެރިން ގެރެންޓީ ހޯދައިގެން ލޯނެއް ނެގި އެވެ. އެއީ ޗައިނާގެ އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނެކެވެ. އެއީ ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގެ ދަށުން ނ. ދިގުރަށުގައި އިރުފެން ރިސޯޓު ތަރައްގީ ކުރުމަށެވެ. ކޮވިޑު ދުވަސްވަރުގައި ލޯނަށް ފައިސާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެ، އެ މައްސަލަތައް ފެންމަތިވި އެވެ. ނަމަވެސް ފަހުން ސިޔާމް ވަނީ ނުދެއްކި ޑިލޭވި ޕޭމެންޓްތައް ދައްކަވައިފަ އެވެ.

އަލަށް ސޮވެރިން ގެރެންޓީ ހޯދާ ޕްރޮޖެކްޓަކީ ޖެނުއަރީ 23، 2018، ވަނަ އަހަރު ވެސް ސޮވެރިން ގެރެންޓީ ދޭން ސަރުކާރުން އެއްބަސްވެފައިވާ ލޯނެއް ކަމަަށް އެ ލިޔުމުގައިވެ އެވެ. އެކަމަށް އަލުން ލިޔުން ބޭނުން ވަނީ މިހާރު ވެސް ސަރުކާރުން އެކަން ކުރުމަށް ބޭނުންވޭތޯ ޔަގީން ކުރުމަށެވެ.

ސިޔާމް ސޮއިކުރައްވައި އެމެރާލްޑް ރިސޯޓްސްގެ ނަމުގައި ފިނޭންސް މިނިސްޓްރީއަށް ފޮނުވި ލިޔުމުގައި އިތުރަށް ބުނެފައިވަނީ ސޮވެރިން ގެރެންޓީ ދިނުމާ ގުޅޭ ގޮތުން ސަރުކާރުން އާންމުކޮށްފައިވާ ބަޔާނުގައި ހަތަރު ޕަސެންޓަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓުގައި ދޫކުރާ އިންވެސްޓްމެންޓް ލޯނުތަކަށް ސަރުކާރުން ގެރެންޓީ ދޭނެކަމަށް ބުނެފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ، ސަން ސިޔާމުގެ ކުންފުންޏަކުން ލޯނަށް ގެރެންޓީ ދިނުމަަށް އެދިފައިވާ ކަމަށާއި އެކަން ރިވިއު ކުރަމުން އަންނަ ކަމަށެވެ.