Roadha Mihaaru
ޒަކާތުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ލިބިއްޖެ

ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ލިބިއްޖެ

03 އެޕްރީލް 2024

މި ރޯދަމަހުގެ ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ރޯދަމަހުގެ ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް މި ސަރުކާރުން އުފެއްދި އާ އިދާރާ، މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ނެރުނު ރޯދަމަހުގެ ފުރަތަމަ 20 ދުވަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފިތުރު ޒަކާތުގެ ގޮތުގައި އެ މުއްދަތުގައި ވަނީ ޖުމްލަ 4،499،433ރ. ލިބިފަ އެވެ.

ފިތުރު ޒަކާތް ބަލައިގަންނަން ފެށީ މި މަހު 11 އިން ފެށިގެންނެވެ.

ޒަކާތު ހައުސް އިން ކުރިން ބުނެފައިވާ ގޮތުގައި މި ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ވަނީ 1.6 މިލިއަން ރުފިޔާ ލިބިފަ އެވެ.

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އަދި ބަނޑޭރި ޕޭ މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެ އެވެ. އޮންލައިންކޮށް ޒަކާތް ދެއްކުމަށް ނޭނގޭ މީހުންނަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އަދި ރަށްރަށުގެ ކައުންސިލްތަކުން ވެސް ޒަކާތް ބަލައިގަންނާނެ އެވެ.

އިސްލާމީ މަރުކަޒުގެ ހޯލުގައި ޒަކާތް ބަލައިގަންނާނީ ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރު ފަހު 2:00 އަށެވެ.

ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ޒަކާތް ދެއްކޭނެ އިންތިޒާމު ވެސް ޒަކާތު ހައުސް އިން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

މާލޭގައި ގޮވާމުން ޒަކާތް ބަލައިގަންނަނީ އަމީނިއްޔާ ސްކޫލް ހޯލުގައި، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 އިން ހަވީރު 4:00 އަށެވެ. އަދި އަންނަ އަންގާރަ ދުވަހު ގޮވާމުން ޒަކާތް ބަލައިގަންނާނީ މެންދުރުފަހު 1:00 އިން ހަވީރު 6:00 އަށެވެ.