Roadha Mihaaru
ސަފާރީތަކުގައި ޓްރެކާ ހަރުކުރަން މަޖުބޫރު ކޮށްފި

ސަފާރީތަކުގައި ކަސްޓަމްސްގެ ޓްރެކިން ޑިވައިސް ހަރުކުރަން މަޖުބޫރު ކޮށްފި

30 މާޗް 2024

ބަނގުރަލާއި އޫރުމަހުގެ ބާވަތްތައް ހުންނަ ސަފާރީތަކުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޓްރެކިން ޑިވައިސް ހަރުކުރަން މަޖުބޫރުވާ ގޮތަށް ގަވާއިދު އިސްލާކޮށް، އެ އަށް އަމަލު ކުރަން ފަށާފައިވާ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ބަނގުރަލާއި އޫރުމަހުގެ ބާވަތްތައް ހުންނަ ސަފާރީތަކުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޓްރެކިން ޑިވައިސް ހަރުކުރަން މަޖުބޫރުވާ ގޮތަށް ގަވާއިދު އިސްލާކޮށް، އެ އަށް އަމަލު ކުރަން ފަށާފައިވާ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.

މިދިޔަ މަހުގެ 29 ގައި ގެނައި އެ އިސްލާހަށް އަމަލު ކުރަން ފެށީ މި މަހުގެ 15 ގަ އެވެ.

ކަސްޓަމްސް އިން ބުނީ، އެ އިދާރާގެ ކޮންޓްރޯލްގެ ދަށުން އެއް ތަނުން އަނެއް ތަނަށް ގެންދާ މުދަލާއި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ އުޅަނދުފަހަރު އުޅަނދު މޮނިޓާކޮށް ބެލެހެއްޓުމުގެ އުސޫލެއް 2018 ވަނަ އަހަރު އެކުލަވާލައި އަމަލު ކުރަން ފަށާފައިވާ ކަމަށެވެ.

އެ އުސޫލަށް ފުރަތަމަ އަމަލު ކުރަން ފެށި އިރު، ޓްރެކިން ޑިވައިސް ހަރުކޮށް، ކަސްޓަމްސް އިން މޮނިޓާ ކުރަމުން ގެންދަނީ ރަސްމީ ބަނދަރު ފިޔަވައި އެހެން ތަންތަނަށް ދިއުމަށް ހުއްދަ ދޭ އުޅަނދު ފަހަރުތަކާއި ކަސްޓަމްސް އިން ދޫކުރާ ބަނގުރަލާއި އޫރުމަސް ގެންދަން ޖެހޭ ތަންތަނަށް ގެންދިއުމަށްޓަކައި އެ ތަކެތި އުފުލާ އުޅަނދުފަހަރުތައް އެކަނި ކަމަށެވެ.

އާ އިސްލާހުގެ ދަށުން އިތުރު އުޅަނދުތަކެއް ވެސް ޓްރެކިން ޑިވައިސް ހަރުކުރަން ޖެހޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެއީ؛

1. ބަނގުރަލާއި އޫރުމަހުގެ ބާވަތްތައް ހުންނަ ސަފާރީތައް

2. ސޭފް އެންކަރޭޖްގެ ދަށުން ލޯކަލް ބަނދަރެއްގައި ބޭއްވުމަށް ހުއްދަ ދޭ އުޅަނދުތައް

3. ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ އުޅަނދުފަހަރަށް ތަކެތި ހިފައިގެންދާ ލޯކަލް އުޅަނދު ފަހަރު

އެ އުސޫލާ ހިލާފުވާ ފަރާތްތަކަށް ކަސްޓަމްސް އިން ދޭ ހިދުމަތްތައް މެދުކަނޑާލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ، ޑިވައިސް ހަރުކުރަން މަޖުބޫރުވާ އުޅަނދުތަކުގެ ހަރަކާތްތައް އެ އިދާރާ އިން މޮނިޓަ ކުރަމުން ގެންދާނެ ކަމަށެވެ.