Roadha Mihaaru
ރާ ވިއްކާ ކަމަށް ތުހުމަތުވާ ސަފާރީ އަދިވެސް ފަޅުގައި!

ރާ ވިއްކާ ކަމަށް ތުހުމަތުވާ ސަފާރީ އަދިވެސް ފަޅުގައި!

15 މެއި 2023

އއ. އުކުޅަހަށް ބަނގުރާ ވިއްކާ ކަމަށް ތުހުމަތުވާ ސަފާރީ އެ ރަށުގެ ފަޅުން އަދިވެސް ނުނަގާ ކަމަށް އުކުޅަހުގެ ބައެއް މީހުން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އއ. އުކުޅަހަށް ބަނގުރާ ވިއްކާ ކަމަށް ތުހުމަތުވާ ސަފާރީ އެ ރަށުގެ ފަޅުން އަދިވެސް ނުނަގާ ކަމަށް އުކުޅަހުގެ ބައެއް މީހުން މިއަދު ބުނެފި އެވެ.

ގެސްޓް ހައުސްގެ ވިޔަފާރިފުޅާ ދާއިރާއެއްގައި ހިންގާ އުކުޅަހުގެ އާއްމުންތަކެއް ވަނީ އެ ސަފާރީން ރާ ވިއްކާ ކަމަށް ބުނެ މިދިޔަ ހަފުތާގައި މުޒާހަރާ ކޮށްފަ އެވެ. އެއީ އެކަން ހައްލުކުރަން އެދުމުން ކައުންސިލުން އަޅާނުލީ ކަމަށް ތުހުމަތު ކޮށެވެ.

ކައުންސިލުން ހުއްދަ ދީގެން އެ ރަށުގެ ފަޅުގައި މި މަހުގެ ދެވަނަ ދުވަހު އެޅި އެ ސަފާރީ ފަޅުގައި އެޅުމަށް ހުއްދަ ދިނީ މަރާމާތު ކުރަން ބޭނުންވެގެން ކައުންސިލަށް ހުށަހެޅުމުން ކަމަށް މައުލޫމާތު ލިބެ އެވެ.

ނަމަވެސް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އުކުޅަހު ކޯޓުން ވަނީ 24 ގަޑިއިރު ތެރޭގައި އެ ރަށުގެ ފަޅުތެރެއިން ނެރެން އަމުރުކޮށްފަ އެވެ.

އެ ރަށުން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ ފަޅުން ސަފާރީ ނަގަން އެންގި ނަމަވެސް އަދިވެސް ނުނަގާ ކަމަށެވެ.

އެންގިފައިވާ ގޮތުގައި ސަފާރީ ފަޅުން ނުނެރެ އޮތީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އުކުޅަހުގެ ފަޅުން ސަފާރީ ނަގަން ކޯޓުން ދިން މުއްދަތު ގުނަނީ މޫސުން ގޯސްވެގެން ސަމާލުވާން މޫސުމާ ބެހޭ އިދާރާ އިން އެލާޓްތައް ނެރޭ ގަޑިތައް ނުހިމެނޭ ގޮތަށް އަމުރުގައި ވެ އެވެ. އުކުޅަސް ހިމެނޭ ސަރަހައްދަށް މެޓުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަނީ ހަ އެލާޓް ނެރުނެވެ.

ސަފާރީ ނެގުމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

އެ ސަފާރީން ރަށަށް ރާ ވިއްކާ ކަމުގެ ތުހުމަތުކުރަން ފެށުމުން، ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަދުވަހު ފުލުހުން ސަފާރީ ބަލައި ފާސްކުރި އެވެ. އެކަމަކު އޭގައި އެއްވެސް ބާވަތެއްގެ މަސްތުވާ އެއްޗެއް ނެތް ކަމަށް ފުލުހުން ބުންޏެވެ. ގެސްޓް ހައުސް ވިޔަފާރި ހިންގަން ހުއްދަ ދިނަސް މީހުން ދިރިއުޅޭ ރަށްތަކުގައި ރާ ވިއްކުން މަނަލެވެ.