Roadha Mihaaru
އަލުން އިންތިހާބަށް ނުކުންނަން ޗެކްމާކް ރަޝީދު ކޯޓަށް

ޗެކްމާކް ރަޝީދު އަލުން އިންތިހާބުގައި ވާދަކުރަން ފުރުސަތު ހޯދަން ހައި ކޯޓަށް

19 މާޗް 2024

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އިތުރު ފުރުސަތެއް ހޯދުމަށް ހިތަދޫމެދު ދާއިރާގެ މެންބަރު ޗެކްމާކް އަހުމަދު ރަޝީދު ހައި ކޯޓަށް ހުށަހަޅުއްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އިތުރު ފުރުސަތެއް ހޯދުމަށް ހިތަދޫމެދު ދާއިރާގެ މެންބަރު ޗެކްމާކް އަހުމަދު ރަޝީދު ހައި ކޯޓަށް ހުށަހަޅުއްވައިފި އެވެ.

ޑިމޮކްރެޓްސްގެ ފަރާތުން ހިތަދޫމެދު ދާއިރާ އަށް ޗެކްމާކް ރަޝީދު ނަން ހުށަހެޅުއްވުމަށް ފަހު، ނަން އަނބުރާ ގެންދެވި އެވެ. އެނގިފައިވާ ގޮތުގައި އޭނާ ނަން އަނބުރާ ގެންދިޔައީ ރޯދަމަސް ތެރެއަށް އިންތިހާބު ވަންނާތީ އެވެ.

ނަމަވެސް، މަޖިލިސް އިންތިހާބު ރޯދަމަހުގެ ފަހަށް ތާވަލު ކުރުމާ އެކު، ޗެކްމާކް ފިހާތަކުގެ ވެސް ވެރިޔާ ރަޝީދު ވަނީ އޭނާގެ ފޯމު އަލުން ބަލައިގަތުމަށް އެދި އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ. އެނގިފައިވާ ގޮތުގައި އެ ކޮމިޝަނުން ނިންމީ އެކަން ބަލައިނުގަތުމަށެވެ.

އިންތިހާބު ބާއްވާ ތާރީހު ފަސްކުރި ނަމަވެސް، އިންތިހާބަށް އަލުން ވާދަކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފައެއް ނުވެ އެވެ.

އިލެކްޝަން ކޮމިޝަންގެ އެ ނިންމުމާ ދެކޮޅަށް އިންތިހާބީ ޝަކުވާއެއް ޗެކްމާކް ރަޝީދު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އަދި އެ ކޯޓުން ގޮތެއް ނުނިންމަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ފުރަތަމަ ތާވަލުކުރީ މި މަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް، މަޖިލީހުން ވަނީ ރޯދަމަސް ތެރޭގައި އިންތިހާބު ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފަ އެވެ.

އެ އިސްލާހުގެ ދަށުން އިލެކްޝަން ކޮމިޝަނުން ވަނީ އަންނަ މަހުގެ 21 ވަނަ ދުވަހަށް އިންތިހާބު ފަސްކޮށްފަ އެވެ.