Roadha Mihaaru
ސިންގަޕޫރުގެ އިދިކޮޅު ލީޑަރަށް ދޮގު ހެކީގެ ދައުވާ

ސިންގަޕޫރުގެ އިދިކޮޅު ލީޑަރަށް ދޮގު ހެކީގެ ދައުވާ

20 މާޗް 2024

ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ޕްރިތަމް ސިންގުގެ މައްޗަށް، ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއެއްގައި ދޮގު ހެކި ބަސް ދިނުމުގެ ދައުވާ އުފުލާފައިވާ ކަމަށް ފުުލުހުންނާއި ޕްރޮސިކިއުޓަރުން ބުނެފި އެވެ.

ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ޕްރިތަމް ސިންގުގެ މައްޗަށް، ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއެއްގައި ދޮގު ހެކި ބަސް ދިނުމުގެ ދައުވާ އުފުލާފައިވާ ކަމަށް ފުުލުހުންނާއި ޕްރޮސިކިއުޓަރުން ބުނެފި އެވެ.

ވޯކާސް ޕާޓީގެ ލީޑަރު ސިންގްގެ މައްޗަށް ސްޓޭޓް ކޯޓުތަކުގައި ދައުވާ އުފުލާފައި ވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކޮމިޓީގައި ދެ ފަހަރެއްގެ މަތިން "ދޮގު ހެކިބަސް" ދިން ކަމަށް ބުނެ އެވެ. ކުށް ސާބިތުވެއްޖެ ނަމަ ޖޫރިމަނާ ނުވަތަ ތިން އަހަރަށް ވުރެ ދިގުނޫން ޖަލު ހުކުމެއް އަންނާނެ އެވެ.

ފުލުހުންނާއި ދައުލަތުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ސިންގުގެ މައްޗަށް ތުހުމަތު ކުރެވެނީ، ކޮމިޓީން މައްސަލަ ބެލި އިރު އޭނާއާ ކުރި ސުވާލުތަކަށް ގަސްތުގައި ދޮގު ޖަވާބު ދިން ކަމަށެވެ.

ސިންގް ސޯޝަލް މީޑިއާގައި ވިދާޅުވީ އޭނާ މިދިޔަ އަންގާރަ ދުވަހު ކުށަށް އިއުތިރާފް ވެފައިވާ ކަމަށެވެ. އޭނާގެ ޕާޓީގެ ތަރުޖަމާނަކު ވިދާޅުވީ މައްސަލައިގެ އަޑުއެހުމެއް ދެން ތާވަލުކޮށްފައިވަނީ މެއި މަހުގެ 10 ވަނަ ދުވަހަށް ކަމަށެވެ.

"ގާނޫނީ މަރުހަލާ މުޅިން ނިމުމަކަށް އަންނަންދެން، ގާނޫނު ހަދާ މަޖިލީހުގެ ހުރިހާ ވާޖިބުތަކާއި ޓައުން ކައުންސިލްގެ މަސްއޫލިއްޔަތުތައް ކުރިއަށް ގެންދާނަން،" އިންސްޓަގްރާމްގައި ސިންގް ލިޔުއްވާފައިވެ އެވެ.

ސިންގް ދޮގު ހެކި ދިން ކަމަށް ބުނެފައިވަނީ ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހަކާ މެދު ސިންގަޕޫރު ފުލުހުން އަމަލުކުރި ނޭދެވޭ އަމަލުތަކެއްގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ބެލި އިރު އެވެ. އެކަމަކު އެ މައްސަލަ ހުށަހެޅި އަންހެން މެންބަރު ފަހުން ވަނީ އެއީ އޭނާ ހަދައިގެން ދެއްކި ވާހަކައެއް ކަމަށް ބުނެ މަޖިލީހުން އިސްތިއުފާ ދެއްވައި ޕާޓީން ވެސް ވަކިވެފަ އެވެ.

ސިންގް ވަނީ ދޮގެއްގެ މައްޗަށް ބިނާކޮށް ހުށަހެޅި މައްސަލައިގައި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ހާޒިރުވެ ވަޑައިގެން ހެކިބަސް ދެއްވައިފަ އެވެ.

ސިންގް ވަނީ ސިޔާސީ މައިދާނަށް ނުކުންނެވި އިރު ވެސް ސިންގަޕޫރުގައި އޮތް ގޮންޖެހުންތައް އެނގިވަޑައިގަންނަވާ ކަމަށާއި ހަމަހަމަ ޑިމޮކްރަޓިކް ވެއްޓެއް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި 1959 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ސިންގަޕޫރުގައި ވެރިކަން ކުރަމުން އަންނަނީ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) އެވެ. ސިންގަޕޫރުގައި 2020 ވަނަ އަހަރުގެ އާންމު އިންތިހާބުގައި ޕީއޭޕީއަށް 83 ގޮނޑި ލިބުނުއިރު، ގާނޫނު ހަދާ މަޖިލީހުގައި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި ވޯކާސް ޕާޓީއަށް 10 ގޮނޑި ލިބިފައިވެ އެވެ. -- އޭއެފްޕީ