Roadha Mihaaru
ގެއްލުނީ އެއް ފައި، ހާލުގައިޖެއްސި ބަޔަކު ވެސް ނޭނގެ

ގެއްލުނީ އެއް ފައި، ހާލުގައިޖެއްސި ބަޔަކު ވެސް ނޭނގެ

21 މާޗް 2024

ހޭވެރިކަންވީ އިރު އޮތީ މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ދަށުގަ އެވެ. އެތަނުން ނުކުންނަށް ބޭނުންވިޔަސް ހަރަކާތެއް ނުކުރެވުނެވެ. ވައަތު ފައިގެ ކަކުލުން ތިރި އޮތީ ޗިސްވެ ފައިތިލަ ނުފުށަށް އެނބުރިފަ އެވެ. ލެޔާއި މަސްތައް މުޅި ތަނަށް ބުރައިގެން ގޮސް ހުއްޓެވެ.

ނިއުމަތުﷲ އިދުރީސް ތ. ހިރިލަންދޫން ނިއުމަތުﷲ އިދުރީސް

ހޭވެރިކަންވީ އިރު އޮތީ މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ދަށުގަ އެވެ. އެތަނުން ނުކުންނަށް ބޭނުންވިޔަސް ހަރަކާތެއް ނުކުރެވުނެވެ. ވައަތު ފައިގެ ކަކުލުން ތިރި އޮތީ ޗިސްވެ ފައިތިލަ ނުފުށަށް އެނބުރިފަ އެވެ. ލެޔާއި މަސްތައް މުޅި ތަނަށް ބުރައިގެން ގޮސް ހުއްޓެވެ.

އޭގެ ކުރިން ވީ ގޮތް ކަމަށް، ހީވާގި ކެޔޮޅު، އިބްރާހިމް މުހައްމަދުގެ ހަނދާނުގައި ހުރީ މިގޮތަށެވެ.

"އަޅުގަނޑަށް ކުރިމަތިން ފެންނަނީ ސައިކަލުގައި ދެ މީހަކު އަންނަތަން. ވަރަށް ބާރު ސްޕީޑުގައި، އެގޮތް މިގޮތަށް. އަޅުގަނޑު ވަރަށް ބިރުގަތީ... ސައިކަލް މަޑުކޮށްފައި ފައި ޖެއްސުނުކަން އެނގޭ. ދެން ވީ އެއްވެސް އެއްޗެއް އަޅުގަނޑަކަށް ނޭނގެ،" އާދައިގެ ގޮތަކަށް ހުރި ގޭގެ ކުރިމަތީ ހުރި އައްޓެއްގައި އިނދެފައި ދެ އަސާގެ އެހީގައި ވަރަށް ހާލުން ތެދުވުމާ އެކު އަންހެނުން މަރިޔަމް ނިޝާ ގެނެސް ބަހައްޓާލި ގޮނޑީގައި އިށީނދެ އިބްރާހިމް އެ ހާދިސާ ކިޔައިދޭން ފެށި އެވެ.

ތ. ހިރިލަންދޫގައި ދިރިއުޅޭ އދ. ފެންފުށީ މީހެއް ކަމަށްވާ އިބްރާހިމް ބުނީ އެކްސިޑެންޓު ހިނގީ މަންމަ ރަށަށް ލާފައި މާލެ ގޮސް މާލޭގައި އޮތް ދޯންޏެއް ހިފައިގެން ރަށަށް ދާން ނިންމައިގެން ކުރި ދަތުރެއްގައި ހުޅުމާލޭގައި ކަމަށެވެ. އެއީ ހުޅުމާލޭ ފަޔަ ސްޓޭޝަން ކައިރިން ބޮޑު މަގުގަ އެވެ.

އިބްރާހިމް، 48، ބުނީ އެއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުގެ ރޭ ކަމަށެވެ. އާއިލާގެ ކުއްޖެއްގެ ގޭގައި ހުރެފައި އޭނާ ދިޔައީ މެންދަންވި ފަހުން، އޭނާގެ ދިރިއުޅުން އޭގައި ބިނާވެފައިވާ ދޯންޏަށް ނިދާށެވެ.

އެކްސިޑެންޓަށް ފަހު ވީ އިރެއް އޭނާއަކަށް ނޭނގެ އެވެ. ހޭ އެރި އިރު މީހަކު ފެންނަން ނެތުމުން "ﷲ އަކްބަރް" އޭ ގޮވަން އޮއްވައި ގޮސް އެހީވީ ސައިކަލެއްގައި ދިޔަ އަންހެނެކެވެ.

އިބްރާހިމް މުހައްމަދު އޭނާގެ އަނބިމީހާ އާއި ދެ ދަރިންނާ އެކު: އޭނާ ބޭނުންވަނީ އަލުން ތެދުވެ އަމިއްލަ މަސައްކަތުން އާއިލާ ބަލަހައްޓަން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިބްރާހިމް މުހައްމަދު އޭނާގެ އަނބިމީހާ އާއި ދެ ދަރިންނާ އެކު: އޭނާ ބޭނުންވަނީ އަލުން ތެދުވެ އަމިއްލަ މަސައްކަތުން އާއިލާ ބަލަހައްޓަން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިބްރާހިމް ބުނީ އެއީ ހުޅުމާލޭ ހޮސްޕިޓަލްގައި މަސައްކަތްކުރާ ނަރުހެއްކަން ފަހުން އެނގުނު ކަމަށެވެ. ކައިރީގައި ހުރި ފަޔަ ސްޓޭޝަންގައި ތިބި މީހުންނަށް އޭނާ ގޮވައި ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސްދިނެވެ.

އެތަނުގައި ތިން ގަޑިއެއްހާއިރު ބޭއްވުމަށް ފަހު، ވެފައި ހުރި އަނިޔާތަކަށް ބަލައި އެތަނުން ފަރުވާ ދެވެން ނެތް ކަމަށް ބުނުމުން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ އެވެ.

"އޭޑީކޭ އިން ބުނީ ފައި ބުރިކޮށްލާށޭ ޖެހޭނީ، ވަގުތު މާ ގިނަވެގެން ދިޔައީމާ،" އިބްރާހިމްގެ ވާހަކައިގެ ރާގު އެ ހިސާބުން ބަދަލުވި އެވެ.

އޭނާ ބުނީ ފައި ބުރިކޮށްލަން ޖެހޭނެ ކަމަށް ބުންޏަސް އިތުރު އެހެން އެއްވެސް ގޮތެއް އޮތްތޯ ބަލައިދނުމަށް އެދުމުން ސާޖަރީއެއް ހެދި ކަމަށެވެ.

އެކްސިޑެންޓުގައި އިބްރާހިމް މުހައްމަދަށް ލިބުނު އަނިޔާގެ ސަބަބުން އެއް ފައި ބުރިކޮށްލާފައި: މި ހާލުގައި ޖެހުނު އިރު އެކްސިޑެންޓުވި ގޮތެއް އަދި އެކަމުގައި ހިމެނެނީ ކޮން ބައެއް ކަމެއް ވެސް އޭނާއަކަށް ނޭނގެ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެކްސިޑެންޓުގައި އިބްރާހިމް މުހައްމަދަށް ލިބުނު އަނިޔާގެ ސަބަބުން އެއް ފައި ބުރިކޮށްލާފައި: މި ހާލުގައި ޖެހުނު އިރު އެކްސިޑެންޓުވި ގޮތެއް އަދި އެކަމުގައި ހިމެނެނީ ކޮން ބައެއް ކަމެއް ވެސް އޭނާއަކަށް ނޭނގެ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އަޅުގަނޑު ބުނީ އިތުރު ގޮތެއް އޮތްތޯ ބަލައިދޭށޭ. ބުނީމާ އަޅުގަނޑުގެ މި [ކަނާތު] ފައިން ނާރު ނަގައިގެން މި ފަޔަށް ލައްވައިގެން ބަރާބަރަށް މަސައްކަތްކުރި. އިނގިލިތަކާ އެއްޗެހި ހަރަކާތްކުރި،" އިބްރާހިމް ބުންޏެވެ.

އެހެންވެ ފައި ރަނގަޅު ކުރެވޭނެ ކަމުގެ އުންމީދު ޑޮކްޓަރުން އޭރު ދީފައި މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ހޮސްޕިޓަލްގައި ބޭއްވި އެވެ. އެކަމަކު ފަހު ސާޖަރީއާ ހިސާބުން، އެކަމުގެ ހާއްސަ ޑޮކްޓަރެއް ނެތް ކަމަށާއި ފަރުވާއަށް އިންޑިއާއަށް ދިއުމަށް ލަފާ ދިން ކަމަށް އޭނާ ބުންޏެވެ.

"އިންޑިއާއަށް ދިޔައިމަ އަސްލު ފަޔަށް ވެފައި ހުރި ގޮތް މި އެނގެނީ. މިކޮޅުން ފޮނުވާލި ކަމަށް މި ވަނީ ނާރު އެއްކޮށް ހިމަވެގެން ގޮސް، ލޭ، އޮކްސިޖަން ދަތުރުނުކޮށްދޭތީ ފައިގެ ތިލައަށް."

އިންޑިއާއިން ވެސް ފައިގެ ބޭނުން އަލުން ކުރެވޭނެ ގޮތެއް ވޭތޯ ބެލުމަށް އެތައް ކަމެއް ކުރި އެވެ. އެކަމަކު ކާމިޔާބުވާ ގޮތެއް ނުވި އެވެ.

"ކާމިޔާބު ނުވެގެން ދެން ބުނީ ފައި ބުރިކޮށްލާށޭ ޖެހޭނީ. އިތުރު ގޮތެއް ނެތޭ... ދެން ވަރަށް ހިތްދަތި ވެސް ވި އެހެން ބުނީމާ ވެސް. ދެން އެކަމަކު ވެސް ﷲ އަށް ޝުކުރުކޮށްލައިގެން ހިތަށް އެރީ ދެން މި ނޫން ގޮތެއް ނެތޭ. މިއޭ އޮތް ގޮތަކީ،" އިބްރާހިމްގެ އަޑު ކުރަކިވި އެވެ.

އެކްސިޑެންޓެއްގައި ފައި ބުރިކޮށްލަން ޖެހުމުން އިބްރާހިމް މުހައްމަދުގެ ދިރިއުޅުން ހުއްޓުނަސް އޭނާގެ އަޒުމަކީ އަލުން މަސައްކަތަށް ނުކުމެ އާއިލާ ގޮވައިގެން އުޅުން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެކްސިޑެންޓެއްގައި ފައި ބުރިކޮށްލަން ޖެހުމުން އިބްރާހިމް މުހައްމަދުގެ ދިރިއުޅުން ހުއްޓުނަސް އޭނާގެ އަޒުމަކީ އަލުން މަސައްކަތަށް ނުކުމެ އާއިލާ ގޮވައިގެން އުޅުން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކުއްލި މި ހިތްދަތިކަމާ އެކު އިބްރާހިމްގެ ހިތަށް އެންމެ ތަދުވީ އޭނާގެ ދޮޅު އަހަރުގެ އަންހެން ދަރިފުޅާ އެކު އުޅުނު އުފާވެރި ދުވަސްތައް ހަނދާންވެފަ އެވެ. އެ ދަރިފުޅާ އެކު ސަރަކާތްޖަހައި މަޖާކޮށް ކުރިން އުޅުނު ގޮތަށް ނޫޅެވޭނެތީ އެވެ.

"އަޅުގަނޑު ހިތަށްއެރީ މި ވަގުތަކީ އިމްތިހާނެކޭ. އުމުރުގެ، ހަޔާތުގެ އެންމެ ފޮނި ދުވަސްތަކުގައި ކުޑަ ދަރިއަކާ އެކު އުޅެލަން ލިބުނު ވަގުތު މި ޖެހުނީ ވަރަށް ހިތްދަތި ހާލެއްގައި އުޅޭށޭ. ދެން އެކަމަކު ޝުކުރު ކޮށްލާފައި ފައި ބުރިކޮށްލީ."

އެއީ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހެވެ.

އިބްރާހިމްގެ އުފަން ތިން ދަރިންނާއި ދޮން ދެ ދަރިން ތިބި އިރު އެއިން އެއްވެސް ކުއްޖަކީ އަދި އިބްރާހިމް އަށް ކުރިމަތިވެފައިވާ ހާލަތުގައި އެހީއެއް ވެ ދެވޭ ވަރުގެ ކުދިންނެއް ނޫނެވެ.

އަޅުގަނޑު ހިތަށްއެރީ މި ވަގުތަކީ އިމްތިހާނެކޭ. އުމުރުގެ، ހަޔާތުގެ އެންމެ ފޮނި ދުވަސްތަކުގައި ކުޑަ ދަރިއަކާ އެކު އުޅެލަން ލިބުނު ވަގުތު މި ޖެހުނީ ވަރަށް ހިތްދަތި ހާލެއްގައި އުޅޭށޭ. ދެން އެކަމަކު ޝުކުރު ކޮށްލާފައި ފައި ބުރިކޮށްލީ: އިބްރާހިމް

ފައި ބުރިކޮށްލީ ފައެއް ޖަހައިގެން އަލުން އަނެއްކާވެސް ކޮޅަށް ތެދުވެ ކެޔޮޅުކަން ވެސް ކުރެވޭނެ ދުވަހެއް ހޯދުމުގެ ވަރުގަދަ އަޒުމާ އެކުގަ އެވެ. އެކަމަކު ފައެއް ޖަހަން ހޭދަވާނެ ވަރު ބެލުމަށް ހޯދި ކޯޓޭޝަންގައި އޮތީ އިބްރާހިމް ބުނި ގޮތުގައި އޭނާ ފަދަ ނިކަމެއްޗަކަށް ފޯރާ ވަރެއް ނޫނެވެ. އެންސްޕާއިން މިކަމުގައި ކޮންމެވެސް ވަރެއްގެ އެހީއެއް ލިބުނަސް އިތުރު އެހީ ނުލިބި ފައެއް ޖެހޭނެ ގޮތެއް އަދި ނުވެ އެވެ.

އޭނާ ބުނީ ހިރިލަންދޫ މަސްވެރިންނާއި ކައުންސިލާއި އެތައް ބަޔަކު އޭނާއަށް އެހީ ވިޔަސް މިވަރުގެ ބޮޑު ކަމެއް ވެގެން ދިޔައިރު އޭނާ އަކީ އުޅޭ މީހެއްކަން ވެސް ދައުލަތަކަށް ނޭނގޭ ކަމަށާއި އެކްސިޑެންޓު ވީ ގޮތް ވެސް ސާފުކޮށްނުދެވޭ ކަމަށެވެ. މިވަރު ކަމެއްވީ އިރު އިންސާފެއް ވެސް ނުލިބޭ ކަމަށެވެ.

"ނިކަމެތި މީހާއަށް ވެސް އަދުލު އިންސާފު އޮންނަންވާނެ... އަޅުގަނޑަށް ވެސް [އުމުރުގެ މި ހިސާބަށް އައި އިރު] މި ގައުމަށް ހިދުމަތްތަކެއް ކުރެވިފައި ހުންނާނީ. ކޮންމެވެސް ކަހަލަ ގޮތެއް އޮންނަންވާނެތާ އަޅުގަނޑަށް ވެސް،" އިބްރާހިމް ޝަކުވާކުރި އެވެ.

އިބްރާހިމް ބުނީ ހޮސްޕިޓަލްތަކުގައި "ތެޅެމުން" މިހާ ދުވަސްވީ އިރު އޭނާ އަކީ އުޅޭ މީހެއްކަން ވެސް ނޭނގޭ ކަމަށާއި އޭނާގެ ފައި ބުރިކޮށްލަން ޖެހުނު ކަމެއް ރަށުގެ ގިނަ މީހުންނަށް ވެސް ނޭނގޭ ކަމަށެވެ.

އެކްސިޑެންޓުވީ ހިނގީ އޭނާގެ ސަބަބުންތޯ ނުވަތަ އެހެން ބައެއްގެ އިހުމާލުންތޯ ބަލަން ބޭނުންވި ކަމަށާއި އެކަމަކު އެކްސިޑެންޓުގެ ވީޑިއޯ ފުޓޭޖް ދައްކަން އެދުމުން ފުލުހުން އެކަން ނުކޮށްދިން ކަމަށް ބުންޏެވެ.

"އޯކޭ، މައްސަލައެއް ނެތް. އަޅުގަނޑު ދެން ވިސްނީ އެ ކަންތަކައިގެން ވެސް ދެން ނޫޅޭނީއޭ. ދުނިޔޭގައި އަމިއްލަ ހާލައިގެން އުޅެވޭތޯއޭ މަސައްކަތްކުރާނީ،" އަލުން ދިރިއުޅުން ފަށައިގަންނަން ކުރާ އުންމީދު އޭނާގެ ބޮޑެވެ.

އިބްރާހިމް މުހައްމަދު، އޭނާގެ ފައި ބުރިކޮށްލަން މެދުވެރިވި އެކްސިޑެންޓާ ބެހޭ ގޮތުން "މިހާރު" އަށް އިންޓަވިއު ދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިބްރާހިމް މުހައްމަދު، އޭނާގެ ފައި ބުރިކޮށްލަން މެދުވެރިވި އެކްސިޑެންޓާ ބެހޭ ގޮތުން "މިހާރު" އަށް އިންޓަވިއު ދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފައެއް ޖަހައިގެން، މަހަށް ގޮސް އުޅެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދު އޭނާގެ އެބަ އޮތެވެ. އަނބިމީހާ އާއި ދަރިން ގޮވައިގެން ދިރިއުޅުން ކުރިއަށް ގެންދިއުމުގެ ވަރުގަދަ އަޒުމު އެބަ އޮތެވެ. އޭނާގެ މި ހިތްވަރު އޭނާގެ އަނބިމީހާގެ ކެތްތެރިކަމާއި އޯގާތެރިކަމާ އޮތީ ގުޅިފަ އެވެ.

މިސްކިތަށް ކޮންމެ ވަގުތަކު ނަމާދަށް ގޮސް އުޅުނު އިބްރާހިމަށް އަސާގަނޑާ އެކު މިސްކިތަށް ދާން އުނދަގުލެވެ. އެހެންވެ ފުރޮޅުލީ ގޮނޑިއެއް ލިބުނަސް އޭނާ އަށް މި ވަގުތަށް އެއީ ބޮޑު ފަސޭހައަކަށް ވާނެ ކަމަށް ބުންޏެވެ.

ފައި ބުރިކޮށްލަން ޖެހުމުން އިބްރާހިމް ސިފަކުރި ގޮތުގައި ސިކުނޑި "ކުޑަވި" އެވެ. އެކަމަކު އާއިލާ އާއި އެތައް ބައެއްގެ އެހީތެރިކަމާ އެކު މިހާރު މަޑުމަޑުން ކަންކަން ހަމަޔަކަށް އެބަ އެޅެ އެވެ. އެކަމަކު އިބްރާހިމަކީ އޭނާ ބުނި ގޮތުގައި، އަމިއްލަ މަސައްކަތުން އާއިލާ ބަލަހައްޓަން ބޭނުންވާ މީހަކަށް ވާތީ އަދިވެސް އުންމީދަކީ ކުރިއެކޭ އެއްގޮތަށް މަސައްކަތަށް އެނބުރި ދިއުމެވެ. އޭނާ އެކަމެއްގެ މައްޗަށް ދިރިއުޅުން ބިނާކުރި މަސްވެރިކަމަށް ނުދެވި އިންނަން ޖެހޭތީ ހިތުގައިޖެހެ އެވެ.

އެހެންވެ އިބްރާހިމް އޭނާގެ ވާހަކަ ނިންމާލީ ވެސް އަލުން މަސައްކަތް ކުރެވޭ ހާލަތަށް ދިއުމުގައި އެހެން މީހުންގެ އެހީތެރިކަމަށް އެދެމުންނެވެ. އެހީ ދޭން ބޭނުން ނަމަ 9910017 އަށް ގުޅުމަށް އާއިލާއިން އެދެ އެވެ.