Roadha Mihaaru
އީރާން-އިރާގު ހަނގުރާމައިގެ ބޮމަކުން ސަލާމަތްވި މީހާ

އީރާން-އިރާގު ހަނގުރާމަ: ފަސް ދިވެހިން މަރުވި ބޮމުގެ ހަމަލާ ހަމަލޮލުން

25 މާޗް 2024

އެއީ މުޅި މެދުއިރުމަތި ނާމާންކޮށްލި އިރާން-އިރާގު ހަނގުރާމައިގެ ވެސް އެންމެ ނުރައްކާ ދުވަސްވަރެވެ. އެކަމަކު ޒުވާން ޖޯޝުގައި ތ. ކަނޑޫދޫ އަބްދުއްރަޝީދު މުހައްމަދު ވެސް އެ ދުވަސްވަރުގެ ފަހުރެއްގެ ގޮތުގައި ފެށީ ބޯޓުދަތުރުކުރާށެވެ.

ނިއުމަތުﷲ އިދުރީސް ތ. ކަނޑޫދޫން ނިއުމަތުﷲ އިދުރީސް

އެއީ މުޅި މެދުއިރުމަތި ނާމާންކޮށްލި އިރާން-އިރާގު ހަނގުރާމައިގެ ވެސް އެންމެ ނުރައްކާ ދުވަސްވަރެވެ. އެކަމަކު ޒުވާން ޖޯޝުގައި ތ. ކަނޑޫދޫ އަބްދުއްރަޝީދު މުހައްމަދު ވެސް އެ ދުވަސްވަރުގެ ފަހުރެއްގެ ގޮތުގައި ފެށީ ބޯޓުދަތުރުކުރާށެވެ.

އީރާނާއި އިރާގާ ދެމެދު 1980 އިން 1988 އަށް ހިނގި ހަނގުރާމައިގެ ތެރޭ 1986 ވަނަ އަހަރު އޭރު ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނި މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) އިން އޮޕަރޭޓްކުރި ތެޔޮ ޓޭންކަރެއްގައި އޭބްލް ސީމަން (އޭބީ) އެއްގެ ވަޒީފާގައި ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް ދަތުރުތައް ފެށި އެވެ. އޭރު އަބްދުއްރަޝީދުގެ އުމުރުން 30 އެވެ.

މިހާރު އުމުރުން 68 އަހަރުގެ އަބްދުއްރަޝީދު މީގެ 38 އަހަރު ކުރީގެ ވާހަކަތައް ފެށި އިރު ވެސް ސިފަކޮށްދިނީ ހަނގުރާމައިގެ ހާލަތެވެ.

އަބްދުއްރަޝީދު އާއި އިތުރު އެތައް ދިވެހިންނެއް އުޅުނު އީރާންގެ ބިޔަ، 233،000 ޓަނުގެ އުޅަނދު "ގަލްފް ސްޓާ" އީރާންގެ ޚާރިކް އައިލެންޑް ކައިރީ އޮތް ބޯޓަކަށް ތެޔޮ ބަރުކުރަން ދިޔައީ ދެ ފަރާތުގައި ދެ މަނަވަރު ވެސް އޮވެގެންނެވެ. އެ ބޯޓުން އެހެން ބޯޓަކަށް ތެޔޮ ބަރުކުރަން އޮތް އިރު ވެސް މަނަވަރުތަކުން މުޅި ސަހަރައްދު ބަލަހައްޓަމުން ދިޔަ އެވެ. ބޮން އަޅަން ފަށައިފި ނަމަ ހަދަންޖެހޭ ގޮތާއި ލިބޭނެ އިންޒާރުތަކުގެ އިރުޝާދު ވެސް އޮތީ ދީފަ އެވެ.

އީރާން-އިރާގު ހަނގުރާމާގައި ބޯޓަކަށް ބޮން އެޅި އިރު އޭގައި ހުރި އަބްދުއްރަޝީދު މުހައްމަދު އެ ހާދިސާ "މިހާރު" އަށް ކިޔައިދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އީރާން-އިރާގު ހަނގުރާމާގައި ބޯޓަކަށް ބޮން އެޅި އިރު އޭގައި ހުރި އަބްދުއްރަޝީދު މުހައްމަދު އެ ހާދިސާ "މިހާރު" އަށް ކިޔައިދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ނުރައްކަލުގައި ދަތުރުކުރަން ޖެހިލުންވާތީ އޭރު ވެސް އެއްބަޔަކު ބުނަމުން ދިޔައީ އެ ހިސާބުން ބޯޓުން ފައިބައި ދަތުރު ނިންމާލާނީ ކަމަށެވެ.

ތެޔޮ ބަރުކޮށް ނިމި އަނެއް ދުވަހުގެ ހަވީރު 4 ޖަހާއިރު ބޯޓު ފުރަން އޮތީ ތައްޔާރުވެފަ އެވެ. ޑިއުޓީ ފެށެން އޮތީ އެ ދުވަހުގެ މެންދުރު 12 ޖަހާއިރު ކަމަށް ވާތީ އެ ދުވަހު ތަންކޮޅެއް ގިނަ އިރު ނިދާލަން ހިތުލައިގެން ހުރި އަބްދުއްރަޝީދަށް ހެނދުނު 10 ޖެހި އިރު ހޭލެވުނީ ކޮޓަރި ދޮރުކައިރީ ބަޔަކު މާ ބާރަށް ވާހަކަ ދައްކާ އަޑަށެވެ.

އެއީ ބޯޓުގައި އުޅޭ ޕާކިސްތާނު މީހުންނެވެ. ދިހަ ގަޑީގައި ޖޫސް ބޯށޭ ކިޔާފައި އަބްދުއްރަޝީދަށް ގޮވަނީ އެވެ. ނިދާލަން ވެސް އޮވެވެނީއެއް ނޫނޭ ކިޔައި އެ މީހުންނަށް އަޑުލާފައި އެންމެ ފަހުން އެ މީހުންނާ އެކު އަބްދުއްރަޝީދު ދިޔައީ ބޯޓުގެ ސްމޯކިން ރޫމަށެވެ.

ބްރިޖްގެ ގެގަނޑުގައި ލެނގިލައިގެން އަބްދުއްރަޝީދު ހަމަޖެހިލައިގެން ޓީވީ ބަލަން އިނެވެ. ވީ އިރުކޮޅެކެވެ. ގެގަނޑާ އެކީ ވިއްސައިގެން ހިނގައްޖެ އެވެ. އަލިފާންގަނޑު ފެތުރިގެންފި އެވެ.

ބޮން ވައްޓާލީ ބްރިޖް ކައިރިއަށް. އަޅުގަނޑު އައީ ބްރިޖާ އެކީގައި، ގެގަނޑާ އެކީ އެތެރެއަށް: އަބްދުއްޜަޝީދު

އެއީ އީރާން ބޯޓަށް އިރާގުން ވައްޓާލި ބާރުގަދަ ބޮމެކެވެ.

"ބޮން ވައްޓާލީ ބްރިޖް ކައިރިއަށް. އަޅުގަނޑު އައީ ބްރިޖާ އެކީގައި، ގެގަނޑާ އެކީ އެތެރެއަށް،" ބިރުވެރިކަން ފެށުނު ގޮތް ކިޔައިދިނެވެ.

ހަމަލާގެ ކުރިން އިންޒާރު ދިން ކަމަށް ބުންޏަސް، ހަމަލާއެއް އަންނަ އުޅޭކަން އެންގުމުގެ ގޮތުން ރަށުތެރޭ އަޅާ އެލާމުގެ އަޑެއް ވެސް ބޯޓަކާ ހިސާބަކަށް ނީވެ އެވެ. ކުއްލިއަކަށް ފެނުނީ ބޯޓުގެ ދެ ދިމާލަކަށް ބާރުގަދަ ދެ ބޮން ވައްޓާލި ތަނެވެ.

ސަލާމަތްވާން ދުއްވައިގަތް އިރު ހުރީ އެއް ފަރާތުގައި އަލިފާން ހިފައިފަ އެވެ. ގެގަނޑުގެ ވަށައިގެން ވެސް ހުރީ އަލިފާނެވެ.

ހަތްބުރިއަށް ނަގާފައިވާ ބޯޓުގެ ދެ ވަނަ ބުރީގައި ހުރި އަބްދުއްރަޝީދު ލައިފް ބޯޓަށް އަރައި ސަލާމަތްވާން ދިޔައިރު އޭގައި ވެސް ހުރީ ރޯވެފަ އެވެ. މުޅި ޑެކްމަތީގައި ވެސް އަލިފާނެވެ. ހުސް ގަޔާ، މުންޑެއް އެކަނި ލައިގެން ހުރި އަބްދުއްރަޝީދަށް ލައިފްޖެކެޓެއް ހިސާބު ވެސް އަތުޖެހޭ ވަރެއް ނުވި އެވެ.

އީރާން-އިރާގު ހަނގުރާމައިގެ ތެރޭ، ދިވެހިން ތިބި ބޯޓަކަށް ބޮން އެޅި އިރު އޭގައި ހުރި އެކަކު ކަމަށްވާ އަބްދުއްރަޝީދު މުހައްމަދު "މިހާރު" އަށް އިންޓަވިއު ދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އީރާން-އިރާގު ހަނގުރާމައިގެ ތެރޭ، ދިވެހިން ތިބި ބޯޓަކަށް ބޮން އެޅި އިރު އޭގައި ހުރި އެކަކު ކަމަށްވާ އަބްދުއްރަޝީދު މުހައްމަދު "މިހާރު" އަށް އިންޓަވިއު ދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދެން އެގޮތް މިގޮތަށް ގޮސް ދެ ވަނަ ބުރީގެ ގެގަނޑު ކައިރީ ފަހަތަށް ދިޔައިރު އެ ހިސާބަށް ކުރިން ދެވުނު މީހުން ތިބީ މޫދަށް ފުންމާލަށް ނުކެރިފަ އެވެ.

"ފަހަތުގައި ތިބި އެންމެން ތިބީ ފުންމާލަން ނުކެރިގެން... ބަނޑު ފަޅައިގެން ގޮސް ތިބި މީހުން ވެސް ތިބި،" ބިރުވެރިކަމާއި ހާސްކަމުގައި މީހުން ސަލާމަތްވާ އުޅުނު ވަގުތުކޮޅު އޭނާ ސިފަކުރި އެވެ.

އަބްދުއްރަޝީދު ބުނި ގޮތުގައި ބޯޓުގެ ކައްކާގެ ގޮހޮރުން ބައެއް ބޭރުގައި އޮތުމުން އެ މީހާ ހުރީ ގުޑާ ވެސް ނުލެވި ލެނގިލައިގެން ހުއްޓާ ވެސް ފެނުނެވެ. ފަހަތު ގެގަނޑުގެ ވިންޗު ކައިރީ އަލިފާން ނެތުމުން އެންމެން އެތަނަށް ދެވޭތޯ ބަލަނީ އެވެ. އެކަމަކު ފެތުރެމުން ދިޔަ އަލިފާންގަނޑު އެ ދިމާލަށް އޭރު ދަނީ އެވެ.

އަޅުގަނޑުގެ ނެތޭ އެންމެ އިސްތައްޓެއް ވެސް އަނދައިފައެއް. އެންމެ ތަންކޮޅެއްގައި ވެސް ނެތް ޖެހިފަ އަލިފާނެއް. އެއްގޮތަކަށް ވެސް ނޭނގެ އެ ވީ ގޮތެއް. މާތްކަލާނގެ ދެނެވޮޑިގެންވާނީ: އަބްދުއްރަޝީދު

އަބްދުއްރަޝީދު އެ ހިސާބުން ސަލާމަތްވާން އަނެއްކާ ދުއްވައިގަތެވެ. ޕާކިސްތާނު މީހަކު، އެ މީހުން ދޫކޮށް ނުދާށޭ ބުނެ ހިފެހެއްޓީ އެވެ. އެކަމަކު އޭނާ ފޮޅާލާފައި އަބްދުއްރަޝީދު އަނެއްކާ ދުއްވައިގަތީ އަމިއްލަ ފުރާނަ ސަލާމަތްކުރަން އެ ނޫން އެހެން ގޮތެއް ނެތްކަން އެނގޭތީ އެވެ.

"ދެން އަޅުގަނޑު އެ ދިޔަ ގޮތަށް ދިޔައީ [ރޯވެފައި އޮތް] ލައިފް ބޯޓުގެ ވެސް ދަށުން. އަޅުގަނޑަކަށް ނޭނގެ ވީ ގޮތެއް. އޭރު ހަމަ ބިރުން ތުރުތުރުލާ،" ހަމަ ދެންމެ ދިމާވި ކަމެއްހެން މީގެ 38 އަހަރު ކުރީގެ ހާދިސާ އޭނާ ކިޔައިދެމުން ދިޔަ އެވެ.

ކޮޓަރީގައި ރައްކާކޮށްފައި، ތިން މަހުގެ މުސާރަ އާއި އެހެން ސާމާނު ހުރިކަން ހަނދާން ވިޔަސް އެއިން އެއްވެސް އެއްޗެއް ސަލާމަތްކުރާކަށް އޭނާ މަސައްކަތެއް ނުކުރެ އެވެ. އޭނާ ބުނީ އެއީ ރަނގަޅު މުސާރައެއް ލިބުނު ބޯޓަކަށް ވުމުން ރަނގަޅު އަދަދެއް އޭރު އެއްކުރެވިފައި ވެސް ހުރި ކަމަށެވެ.

އަބްދުއްރަޝީދު ބުނީ އޭނާ މުންޑު ކޮށިކުރަމުން އެހެން ހަތަރު މީހެއްގެ ފަހަތުން ދިޔައިރު އޭގެ ތެރެއިން ތިން މީހަކު ހަމަ ހުރީ "އެއްކޮށް ރޯފިލާފައި" ކަމަށެވެ. އެކަމަކު އޭނާ އަޖައިބުވީ ބޯޓުގައި ހުރި ތެލުގައި ރޯވެ އަރަމުން ދިޔަ ގަދަ އާވީގައި މީހުންތައް ފިހުނު އިރު އޭނާއަށް މާބޮޑު ކަމެއް ނުވީމަ އެވެ.

"އަޅުގަނޑުގެ ނެތޭ އެންމެ އިސްތައްޓެއް ވެސް އަނދައިފައެއް. އެންމެ ތަންކޮޅެއްގައި ވެސް ނެތް ޖެހިފަ އަލިފާނެއް. އެއްގޮތަކަށް ވެސް ނޭނގެ އެ ވީ ގޮތެއް. މާތްކަލާނގެ ދެނެވޮޑިގެންވާނީ،" ޝުކުރު ކުރަމުން އޭނާ ބުންޏެވެ.

އޭނާ ބުނީ ސަލާމަތްވެ ވާނުވާ އެނގޭ ވަރު ވުމުން އެކަމާ ދެން ތިބި މީހުން ވެސް ތިބީ އަޖައިބުވި ކަމަށެވެ.

އެ ހިސާބުން އަލިފާންގަނޑު މުޅި ބޯޓަށް ގާތްގަނޑަކަށް ފެތުރިއްޖެ އެވެ. ސަލާމަތްވާން ބޭނުން ނަމަ ކަންޑަށް ފުންމާލަންވީ އެވެ. ކައިރީގައި ތެޔޮ ބަރުކުރަން ބާއްވާފައި އޮތް ބޯޓާއި އަބްދުއްރަޝީދުމެން ތިބި ބޯޓާ ދެމެދަށެވެ. ތިރި ބަލައިލުމުން މޫދުގައި އޮންނަ މީހަކު ވެސް ފެންނަނީ ކިރިޔާ އެވެ. އެހާ އުހެވެ. އަބްދުއްރަޝީދު ފުންމާނުލައި ގޮސް އެލިގަތީ ދެ ބޯޓު ދޭތެރޭ އޮތް ވަލެއްގަ އެވެ. އޭނާ ބުނީ ބޯޓުގައި އެ މީހުން ތިބި ހިސާބާއި މޫދާ ދެމެދު ގާތްގަނޑަކަށް 80 ވަރަކަށް ފޫޓު ހުންނާނެ ކަމަށެވެ.

"އަޅުގަނޑު އޮތީ ދެ ބޯޓު ދޭތެރޭގައި އޮތް ވަލެއްގައި އެލިގަނެގެން. އެހެން އޮއްވައި އަތް ވާޅުވެގެން އަތް ދޫވެގެން ވެއްޓުނީ. ގޮސް ސީދާ ކޮޅަށް، ނުވަތަ އަރިއަކަށް ގޮސް ޖެހުނީ. އެއްވެސް ތަދެއް ނުވޭ،" އޭނާ ބުނީ ގޮސް ޖެހުނު ގޮތަށް ވަރަށް އަޑިއަށް ދިޔަ ކަމަށާއި ލޮނުކޮޅެއް ވެސް ބޮވުނު ކަމަށެވެ.

އީރާން-އިރާގު ހަނގުރާމާގައި ދިން ބޮމުގެ ހަމަލާއަކުް ސަލާމަތްވި ދިވެއްސެއް ކަމަށްވާ އަބްދުއްރަޝީދު މުހައްމަދު "މިހާރު" އާ ވާހަކަ ދައްކަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އީރާން-އިރާގު ހަނގުރާމާގައި ދިން ބޮމުގެ ހަމަލާއަކުް ސަލާމަތްވި ދިވެއްސެއް ކަމަށްވާ އަބްދުއްރަޝީދު މުހައްމަދު "މިހާރު" އާ ވާހަކަ ދައްކަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޖެހުނު ބާރުމިނުގައި އަޑިއަށް ގޮސް މައްޗަށް އެރި އިރު ފެނުނީ ބޯޓުން ބޭރުވަމުން ދިޔަ ތެޔޮތަކާ އެކު މޫދުގައި ވެސް ހުޅު ހިފަމުން ދިޔަ ތަނެވެ.

"ދެން ފަތައިގަތީ އަލިފާންގަނޑާ ދުރަށް. މުންޑުގައި ގޮށެއް ޖަހައި ވައި އަޅުވާލައިގެން ދެން އޮތީ،"

އޭނާ ބުނީ ބޯޓުން ފުންމާލި ޕާކިސްތާނު މީހުންތައް ވެސް ކައިރިން ފެނުނު ކަމަށާއި އެކަމަކު އެ މީހުންނަށް ރަނގަޅަށް ފަތަން ނޭނގޭތީ އެ މީހުން އައިސް ގައިގައި ހިފެހެއްޓުމުން ގެނބިދާނެތީ ކައިރިނުވީ ކަމަށެވެ.

ބޯޓުން ފުންމާލި އެތައް ބަޔަކު ގެނބިގެން އަޑިއަށްދާތީ ވެސް ފެނުނެވެ. އެކަމަކު ފަތަން ނޭނގޭ ބައެއްގެ ތެރެއަށް ވަދެފި ނަމަ އެ ހާލަތުގައި ވާނެ ގޮތް އެނގޭތީ އާއި ފެތުރެމުން ދިޔަ އަލިފާނާ ހެދި އަމިއްލަ ސަލާމަތަށް ނޫނީ އެ ވަގުތު ނުވިސްނެ އެވެ.

އަބްދުއްރަޝީދު ބުނީ ކަނޑުގައި ތިބި މީހުން ފިހިފައި ތިބި ވަރު އެނގުނީ އީރާންގެ ލޯންޗުތައް އައިސް، ކަނޑުގައި ތިބޭތާ ގަޑިއެއްހާއިރު ފަހުން މީހުން ކަނޑުން ނަގަން ފެށުމުން ކަމަށެވެ.

"ހަމަ ހުދު ކަފަގަނޑެންހެއް، ހަންތައް އެއްކޮށް ނޮޅިފަ،" ލޯމަތީގައި އެތައް ބަޔަކު މަރުވެ ދިޔަ ބިރުވެރި ވަގުތުކޮޅަށް ފަހު ދެން ފެނުނީ ބޯޓުގައި އުޅުނު އެކުވެރިން އަޅަމުން ދިޔަ ވޭން ކަމަށް ބުންޏެވެ.

އެކަމަކު އަބްދުއްރަޝީދުގެ ނަސީބު އާދަޔާ ހިލާފަށް ރަނގަޅެވެ.

"ބޭބެގެ ނެތް ހަމަ އެންމެ ތަންކޮޅެއް ވެސް، ފައިގެ ވެސް އިސްތައްޓެއް ހިސާބު ވެސް ނެތް [ފިހިފައެއް]،"

އެކަމަކު ބޯޓުގައި އުޅުނު ފަންސަވީހަކަށް ދިވެހިންގެ ތެރެއިން ފަސް މީހަކު އެ ހާދިސާގައި ނިޔާވި އެވެ. އެ މީހުންނާ އެކު ބޯޓުން ޖުމްލަ 16 މީހަކު މަރުވި އެވެ.

އޭގެ ދެ ދުވަހެއް ފަހުން، ސަލާމަތްވި ހުރިހާ ދިވެހިން ދުބާއީއަށް ފޮނުވާލި އެވެ. އަބްދުއްރަޝީދު ނޫން އެންމެންނަށް 17 ދުވަސް ވަންދެން ހޮސްޕިޓަލުގައި ފަރުވާ ދިނެވެ. އޭނާ ބުނީ ވަރަށް ބޮޑަށް ފިހިފައި ތިބި މީހުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. އެ އެންމެން އެއްކޮށް ފަސޭހަވެ، ދިވެހި ސަރުކާރުގެ އެހީގައި ރާއްޖެއަށް ގެނައީ އެވެ. ގެއްލުނު ފައިސާ ވެސް ކުންފުނިން އަނބުރާ ދިނެވެ.

އޭނާ ސިފަކުރި ގޮތުގައި ސަލާމަތްވީ "މަރުގެ ދަތުރަކުން" ނެވެ. އެކަމަކު އޭގެ ފަހުން ވެސް އޭނާ ދަތުރުކުރުން ހުއްޓާލީ ދެ ދަތުރެއް ކޮށްފަ އެވެ.