Roadha Mihaaru
ނަޝްވާ: ހިރިލަންދޫގެ ފަހުރަކީ މިއީ

ނަޝްވާ: ހިރިލަންދޫގެ ފަހުރަކީ މިއީ

20 މާޗް 2024

ކިޔެވުމުގައި އަބަދު ވެސް ވިދާލި ރަން ތަރިއެކެވެ. މި ރަށު ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަން އަދާކުރަމުން އޯ ލެވެލް ނިންމީ ރާއްޖޭގެ ފަހުރުވެރި ދެ ވަނައާއެކުގަ އެވެ. ސީއެޗްއެސްއީގައި ކިޔަވަމުން އޭ ލެވެލް ނިންމީ ވެސް އެ ފަހުރާއެކުގަ އެވެ.

އާސިމާ ނިޒާރު ތ. ހިރިލަންދޫން އާސިމާ ނިޒާރު

ކިޔެވުމުގައި އަބަދު ވެސް ވިދާލި ރަން ތަރިއެކެވެ. މި ރަށު ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަން އަދާކުރަމުން އޯ ލެވެލް ނިންމީ ރާއްޖޭގެ ފަހުރުވެރި ދެ ވަނައާއެކުގަ އެވެ. ސީއެޗްއެސްއީގައި ކިޔަވަމުން އޭ ލެވެލް ނިންމީ ވެސް އެ ފަހުރާއެކުގަ އެވެ.

އެކަމަކު، ތ. ހިރިލަންދޫ، މަރިޔަމް ނަޝްވާގެ ކާމިޔާބީ އެ ހިސާބަކުން ނުނިމެ އެވެ.

އަބަދު ވެސް ބޭނުންވީ ރަނގަޅު ނަތީޖާއެއް ހޯދައި، ސްކޮލަޝިޕެއްގައި ރާއްޖެއިން ބޭރުގައި ކިޔަވާށެވެ. އެ އުއްމީދު ހަގީގަތަކަށް ވީ ތުރުކީ ސަރުކާރުން ރާއްޖެއަށް ދިން ފުލީ ފަންޑެޑް ސްކޮލަޝިޕުން އަންކާރާގައި ހުންނަ ޔިލްޑިރިމް ބެޔަޒިތް ޔުނިވާސިޓީން މިދިޔަ ޖޫން މަހު ހަތަރު އަހަރުގެ ޑިގްރީ ނިންމީ އެންމެ މޮޅު ދަރިވަރުގެ ފަހުރުވެރި ތާޖާއެކުގަ އެވެ.

ހިރިލަންދޫގެ އިތުރު ދެ ޒުވާނަކު ވެސް ވަނީ ބޭރުގެ ދެ ޔުނިވާސިޓީން އެއް ވަނަ ހޯދައިފަ އެވެ. ނަޝްވާ އަކީ ކޯހުން އެއް ވަނަ ހޯދި ތިން ވަނަ ދަރިވަރެވެ.

ތުރުކީގައި ނަޝްވާ ހެދި ކޯހުން އެއްވަނަ ހޯދައިގެން އަނބުރާ ރަށަށް ދިއުމުން، ރަށުގެ އާއްމުން އޭނާއަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: ހިރިލަންދޫ ކައުންސިލް

ތުރުކީގައި ނަޝްވާ ހެދި ކޯހުން އެއްވަނަ ހޯދައިގެން އަނބުރާ ރަށަށް ދިއުމުން، ރަށުގެ އާއްމުން އޭނާއަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: ހިރިލަންދޫ ކައުންސިލް

މާލޭގެ އޮފީސްތަކާއި ކުންފުނިތަކުން ރަނގަޅު ހުށަހެޅުންތައް އެބަހުއްޓެވެ. އެކަމަކު، ބިޒްނަސް ފެކަލްޓީ އަދި އިންޓަނޭޝަނަލް ޓްރޭޑް އިން ބިޒްނަސް ކޯހުން 500 އެއްހާ ދަރިވަރުންނާ ވާދަކޮށް އެއްވަނަ ހޯދި 25 އަހަރުގެ ޒުވާނާގެ ތަފާތު ކަމަކީ މިއީ އެވެ؛

ވަގުތީ ވަޒީފާއަކުން ވިޔަސް ނަޝްވާ ބޭނުންވީ އަމިއްލަ އާއިލާ ކައިރީގެން ހުރެގެން ރަށާއި ގައުމަށް ހިދުމަތް ކުރާށެވެ.

އެހެންވެ، ހަ މަސް ދުވަހަށް ލިބުނު ފުރުސަތުގައި ރަށު ކައުންސިލް އިދާރާގެ އެސިސްޓެންޓު ކައުންސިލް އޮފިސަރެއްގެ ގޮތުގައި އޭނާ މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ.

"މާލޭގެ ދިރިއުޅުމާ މެދު އެހާ ހިތްހަމައެއް ނުޖެހޭ. އެހެންވެ، ރަށަށް ހިދުމަތްކުރަން ބޭނުންވީ. އެކަމަކު، އަސްލު ރަށްރަށުގައި ނެތް އެހާ ވަޒީފާގެ ފުރުސަތެއް." އާބާދީގައި 1،146 މީހުން ދިރިއުޅޭ ރަށުގެ ކައުންސިލް އިދާރާގައި ހުރެ، ވާހަކަދައްކަމުން ނަޝްވާ ބުންޏެވެ.

ނަޝްވާ، ޑިގްރީގެ ގްރެޖުއޭޝަނަށްފަހު އޭނާގެ މަންމައާއެކު.

ނަޝްވާ، ޑިގްރީގެ ގްރެޖުއޭޝަނަށްފަހު އޭނާގެ މަންމައާއެކު.

ނަޝްވާ ބުނީ ދަސްކުރި އެއްޗެއްގެ ބޭނުން އެންމެ ފުރިހަމައަށް އަދާނުކުރެވުނަސް ކުރާ މަސައްކަތާ ގުޅުންތަކެއް އެބަހުރި ކަމަށެވެ. ޕާޗޭސް އޯޑަރު ހެދުމާއި ޕޭމަންޓު ވައުޗާ އަދި ރިސިޕްޓް ހެދުމަކީ އޭނާ ކުރަންޖެހޭ ކަންކަމެވެ. އޭގެ އިތުރުން، އާއްމުންނަށް ހުޅުވާލައިގެން ކައުންސިލުން މިހާރު ވެސް ކްރެޑިޓް ސްކީމް ހިންގަ އެވެ. އެއާޕޯޓު ފެރީއަކީ ހިރިލަންދޫ ކައުންސިލުން އާމްދަނީ ހޯދަން މީގެ ކުރިން ކުރި ކަމެކެވެ.

"ގޮތަކަށް ބަލާނަމަ، ކިޔެވި އެއްޗިއްސާ ކޮންމެ ވެސް ގޮތަކަށް ގުޅުން އެބަހުރި މި ކުރާ މަސައްކަތް. އެއީ، ޕޭމަންޓުތަކާ ޑީލްކުރުމާ އެ ކަހަލަ ކަންކަން."

ނަޝްވާ، ކައުންސިލް އިދާރާގައި މަސައްކަތްކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ނަޝްވާ، ކައުންސިލް އިދާރާގައި މަސައްކަތްކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ވިލާ ކޮލެޖުން ބިޒްނަސް މެނޭޖްމަންޓުން މާސްޓާސް އަށް ވެސް ކިޔަވަމުން އަންނަ ނަޝްވާ ބުނީ އޯ ލެވެލް އަދި އޭ ލެވެލްގައި ވަކި ވަނައަކަށް ޓާގެޓުކޮށްގެން މަސައްކަތް ނުކުރާ ކަމަށެވެ. ނަމަވެސް، ތުރުކީ ބަސް ދަސްކުރުމުގެ އެއް އަހަރުގެ ކޯހަށްފަހު ކުރި އަލަތު ކައިވެންޏާއެކު ފިރިމީހާ އަދި އާއިލާއާ އެތައް މޭލެއް ދުރުގައި ހުރެ ކިޔަވަން ޖެހުމުން ނަޝްވާގެ އަޒުމް އިތުރަށް ވަރުގަދަވި އެވެ.

ބޭނުންވީ އޭނާއަށް ކިޔަވައިދިނުމަށް މަންމަ އާއި ބައްޕަ ކުރި މަސައްކަތަށް ކުޑަ ނަމަވެސް ބަދަލެއް ދޭށެވެ.

"ފެށުނީއްސުރެ [އެއްވަނަ ހޯދަން] އެގޮތަށް ޓާގެޓުކޮށްގެން މަސައްކަތްކުރީ،" ނަޝްވާ ބުންޏެވެ.

ކޯހާއި ފެކަލްޓީން އެއް ވަނަ ހޯދުމުން، ގްރެޖުއޭޝަން ހަފުލާގައި އޭނާއަށް ވަނީ ވާހަކަދައްކަން ފުރުސަތު ދީފަ އެވެ. އެ ސްޕީޗު ދޭންޖެހޭނީ ހަމައެކަނި ތުރުކީ ބަހުންނެވެ. އެކަމަކު، އެ ރަސްމިއްޔާތުގައި އިނގިރޭސި އާއި ދިވެހި ބަސް ވެސް އިތުރުކޮށްގެން ނަޝްވާ ވާހަކަދެއްކީ މަންމަ އާއި ރަހުމަތްތެރިންނަށް ވެސް އެ ކިޔާ އެއްޗެއް ފަހުމްކޮށްދިނުމުގެ ބޭނުމުގަ އެވެ.

ނަޝްވާ: އޭނާ ވަނީ ވިލާ ކޮލެޖުން އެމްބީއޭ ވެސް ހަދަމުން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ނަޝްވާ: އޭނާ ވަނީ ވިލާ ކޮލެޖުން އެމްބީއޭ ވެސް ހަދަމުން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެއް އަހަރުގެ މާސްޓާސް ކޯސް ނިމުނަސް، އޭނާ ބޭނުންވަނީ ރަށުގައި ހުރެގެން މަސައްކަތްކުރާށެވެ. ޕީއެޗްޑީ ކިޔަވަން ފުރުސަތު ލިބިއްޖެނަމަ އޭގެ ބޭނުން ހިފަން ވެސް ނަޝްވާ ހުރީ ތައްޔާރަށެވެ.

އޯ ލެވެލް އަދި އޭ ލެވެލް އިން މަތީ ވަނަތައް ހޯދާ ދަރިވަރުން ކޮބައިތޯ އަބަދު ވެސް އާއްމުން ސުވާލު އުފައްދަ އެވެ. މިއީ، އޭގެ އެއް ތަރި އެވެ. އެކަމަކު، ނަޝްވާގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތެވެ.

"މި ވަގުތު ބޭނުންވަނީ ރަނގަޅު، ސްޓޭބަލް ވަޒީފާއެއް." އޭނާ ބުންޏެވެ.