Roadha Mihaaru

މައުމޫނަށް އެހީވުމަށް ފަހު ނުކުމެ ސޭޓު ހޯދި މުރާލި ދިރިއުޅުން

އިބްރާހިމް ބުނީ، މައުމޫނު އޮފީސް ނިންމަވާފައި ރިޔާސީ ގަނޑުވަރަށް އެނބުރި ވަޑައިގަތުމުގެ ކުރިން ކޮންމެ ދުވަހަކު ވެސް އެ މަނިކުފާނުގެ ކޮޓަރިކޮޅު ފޮޅާ ސާފުކޮށް ތަރުތީބު ކުރަން ޖެހޭ ކަމަށެވެ. ކޮޓަރިކޮޅު ބެލެހެއްޓުމަކީ ރަސްމީ ވަޒީފާ ކަމަށް ވިޔަސް ސަމާސާ ރާގެއްގައި އިބްރާހިމް ބުނިގޮތުގައި، އޭނާ އެ ދުވަސްވަރު އުޅުނީ "ފުޅިމަދު އުނގުރިއެއް" ގޮތަށެވެ. އެ މަސައްކަތުގެ އިތުރުން ހަވާލުކުރި ކޮންމެ ކަމެއް ކުރެ އެވެ.

މައުމޫނަށް އެހީވުމަށް ފަހު ހޯދީ މުރާލި ދިރިއުޅުމެއް
ނިޝާން އަލީ
ދ. ރިނބުދޫން ނިޝާން އަލީ

20 މާޗް 2025

އިބްރާހިމް ބުނީ، މައުމޫނު އޮފީސް ނިންމަވާފައި ރިޔާސީ ގަނޑުވަރަށް އެނބުރި ވަޑައިގަތުމުގެ ކުރިން ކޮންމެ ދުވަހަކު ވެސް އެ މަނިކުފާނުގެ ކޮޓަރިކޮޅު ފޮޅާ ސާފުކޮށް ތަރުތީބު ކުރަން ޖެހޭ ކަމަށެވެ. ކޮޓަރިކޮޅު ބެލެހެއްޓުމަކީ ރަސްމީ ވަޒީފާ ކަމަށް ވިޔަސް ސަމާސާ ރާގެއްގައި އިބްރާހިމް ބުނިގޮތުގައި، އޭނާ އެ ދުވަސްވަރު އުޅުނީ "ފުޅިމަދު އުނގުރިއެއް" ގޮތަށެވެ. އެ މަސައްކަތުގެ އިތުރުން ހަވާލުކުރި ކޮންމެ ކަމެއް ކުރެ އެވެ.

އެކަމަކު އޭރު ގައުމުގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނެވި ބޭފުޅާގެ ކޮޓަރިކޮޅު ބެލެހެއްޓުމުގެ މަސައްކަތް ކުރަން ލިބުމަކީ އިބްރާހިމަށް އަދިވެސް ހާއްސަ ކަމެކެވެ. އެ ވާހަކަ އަދިވެސް އޭނާ ދައްކަނީ ފަހުރުވެރިކަމާ އެކުގަ އެވެ.

ނަމަވެސް ރިޔާސީ ގަނޑުވަރުގައި ދެތިން އަހަރު މަސައްކަތް ކުރުމަށް ފަހު، އާމްދަނީގެ ތާށިކަމާ ހުރެ 1987 ވަނަ އަހަރުގެ ތެރޭގައި އޭނާ ރަށަށް ބަދަލުވީ އެވެ.

އޭރުއްސުރެ އޭނާ އަންނަނީ "ދަނބުމާސްޓޯރު" ގެ ނަމުގައި ފިހާރައެއް ހިންގަމުންނެވެ. ގޭގެ ގޯތި ތެރޭގައި ކުޑަކުޑަ ތަންކޮޅެއް ފިހާރައަކަށް ބަދަލުކޮށްގެން އެ ވިޔަފާރި ހިންގަމުންދާތާ މިހާރު 36 އަހަރު ވެއްޖެ އެވެ. އެ ވިޔަފާރިން މިހާރު ފައިދާއެއް ނުވިޔަސް އެނާ އެކަން ކުރަނީ ކުރާ ހިތުން ކަމަށް އިބްރާހިމް ބުނެ އެވެ.

ވިޔަފާރި ހިންގަމުންދަނީ އަދިވެސް އޭރު ހިންގަމުން ދިޔަ ކުޑަކުޑަ ތަންކޮޅުގެ ތެރޭގަ އެވެ. ވިޔަފާރި ކޮށްގެން މީހުން ގެންދާ މުދަލާއި ދަރަންޏަށް ގެންދާ ސާމާނުތައް ވެސް އޭނާ އަދިވެސް ނޯޓު ކުރަނީ ލޮގް ފޮތެއްގަ އެވެ. އެންމެ އިހުގެ ގޮތަށެވެ.

އިބްރާހިމް އޭނާގެ ބެޓަރީ ސައިކަލުގައި ތަނަކަށް ދަނީ: އިބްރާހިމް ބުނީ މިހާރު ރަށުގައި ވިޔަފާރި ރަނގަޅެއް ނޫނެވެ. ހަ ސަތޭކައެއްހާ މީހުން ދިރިއުޅޭ ރިނބުދޫގައި ހައެއްކަ ފިހާރަ ހުންނާތީ ފައިދާއެއް ނުނެރެވެ އެވެ. މިހާރު ފިހާރަ އަށް އޭނާ ވަންނަނީ ވެސް މީހަކު އެއްޗެއް ގަންނަން ދިއުމުންނެވެ. އެކަމަކު، ގެއްލުން ލިބުނަސް ހުއްޓާނުލާ އެ މަސައްކަތް ކުރަމުންދަނީ ކުރާ ހިތްވާ ކަމަކަށް ވާތީ ކަމަށް އިބްރާހިމް ބުންޏެވެ.

އިބްރާހިމް އޭނާގެ ގޭގެ އުނދޯއްޔެއްގައި އިށީނދެލައިގެން: އިބްރާހީމްގެ އަންހެނުން ވަނީ މީގެ އަހަރުތަކެއް ކުރިން މަރުވެފަ އެވެ. އެ ކައިވެންޏަށް އޭނާ އަށް ހަތަރު ކުދިން ލިބިފައިވާއިރު، އޭގެ ތެރެއިން އެއް ކުއްޖަކު ދިރިއުޅެމުންދަނީ އިބްރާހިމާ އެކު އެ ގޭގަ އެވެ. އަނެއް ތިން ކުދިން މާލޭގައި އުޅެމުން އަޔަސް އޭނާ އަށް އެހީވެ އެވެ.

ވިޔަފާރީގައި ބޭނުންވާ މުދާ ބޯޓަށް އަރުވަނީ އެންމެ ހަގު އަންހެން ދަރިފުޅު އިނދެގެން އުޅޭ މީހާ އެވެ. އެކަމަކު މުދާ ބަލައި ބަނދަރަށް ދަނީ އިބްރާހިމެވެ. އޭނާ ގެންގުޅޭ ކުޑަ ރަށު ޕިކަޕަކަށް އަރުވައިގެން މުދާ ގެއާ ހިސާބަށް ވެސް ގެންދަނީ އިބްރާހިމެވެ.

ފިހާރަ ބަންދުކުރުމަށް ފަހު، ހަވީރެއްހާއިރު އިބްރާހިމްގެ ބެޓަރީ ބައިސްކަލުގައި ކޮންމެ ދުވަހަކު ވެސް ރަށުގެ ބަނދަރު މައްޗަށް މަސް ބާނަން ވެސް ދެ އެވެ. އުމުރުން ކިތަންމެ ދުވަސް ވިޔަސް އޭނާ އުޅެމުން އަންނަނީ ހެލިފެލި ދިރިއުޅުމެކެވެ.