17 މާޗް 2024
ޒޯން މުބާރާތުގެ ފައިނަލްގައި ގދ. ތިނަދު އާއި ގއ. ވިލިނގިލި ކުޅެ ޗެމްޕިއަންކަން ތިނަދޫ ހޯދައި، އެ އުފާ ފާޅުކުރަމުން ދިޔައީ އެނބުރި ރަށަށް ދިއުމުގެ މަގުމަތީގައި ކަނޑުމަތީގަ އެވެ. ވިލިނގިލީގައި އޮތް އެ މެޗަށް ތިނަދޫން ވަރަށް ގިނަ މީހުން ވިލިނގިއްޔަށް ދިޔަ އެވެ. ބައެއް މީހުން ތުއްތު ކުދިން ގޮވައިގެންނެވެ. އުމުރުން ދުވަސްވީ މީހުންނާއި އަންހެނުން ވެސް ގިނަ އެވެ.
ޒޯން މުބާރާތުގެ ފައިނަލްގައި ގދ. ތިނަދު އާއި ގއ. ވިލިނގިލި ކުޅެ ޗެމްޕިއަންކަން ތިނަދޫ ހޯދައި، އެ އުފާ ފާޅުކުރަމުން ދިޔައީ އެނބުރި ރަށަށް ދިއުމުގެ މަގުމަތީގައި ކަނޑުމަތީގަ އެވެ. ވިލިނގިލީގައި އޮތް އެ މެޗަށް ތިނަދޫން ވަރަށް ގިނަ މީހުން ވިލިނގިއްޔަށް ދިޔަ އެވެ. ބައެއް މީހުން ތުއްތު ކުދިން ގޮވައިގެންނެވެ. އުމުރުން ދުވަސްވީ މީހުންނާއި އަންހެނުން ވެސް ގިނަ އެވެ.
މެޗު ބަލައި ނިންމައިފައި އެންމެން އެރީ ތިނަދޫ "އެނަމާ" ބޯޓަށެވެ. ހާސްކަމެއް، ފިކުރެއް ނެތެވެ. މީހުން ފުރި ބާރުވެގެން، އެއް ފަހަރަކު ބޯޓަށް މީހުން އަރާ ފިލާ ވެސް ދުރުކުރި އެވެ. އެކަމަކު، ކަނޑު މަޑުވެފައި، ރަށް އޮތީ މާ ދުރުގައި ނޫން ކަމަށް ވާތީ، ކިރިޔާ މީހަކަށް ހުރެލެވޭ ވަރުގެ ޖާގައެއް އޮތަސް މީހުން އެރުވީ އެވެ. ބޯޓު ނެރުން ނުކުތީ ލިބުނު އުފާވެރިކަމުގައި އެންމެން ނަށަމުންނެވެ. މުޅި ބޯޓު ތެރޭގައި އޮތީ އުފާ ފާޅުކުރުމެވެ.
"ހިތުން ފިލައިގެން ދާނެ ދުވަހެއް ނޫން. އެންމެން ވެސް ތިބީ އުފާވެރި ކަމުގައި،" އެނަމާ ބޯޓުގެ ވެރިޔާ، އަދި ރާއްޖެ ދުށް ކަނޑުމަތީގެ އެންމެ ހިތާމަވެރި ހާދިސާ އެ ބޯޓުގައި ހިނގިއިރު ބޯޓުގައި ހުރި މުހަންމަދު ޒުހައިރު، ރޭ "މިހާރު" އަށް ބުންޏެވެ.
އެނަމާ ބޯޓު ނަގަނީ: ގޯސްތަކެއް ހެދި، އަދި ނަސީބު ވެސް ދެރަ -- ފޮޓޯ: ހަވީރު
އެ އުފާވެރިކަން ސިކުންތުކޮޅެއްގެ ތެރޭގައި ބަދަލުކޮށްލީ އެވެ. ޒުހެއިރުގެ ވާހަކައިން ނަމަ، ދެއްވަދުއާ ހިސާބުން "ހަމަ އާދައިގެ ބާންޏަކާ އެކު" ބޯޓު ބަންޑުން ޖަހާލީ އެވެ.
"ހަމަ ހަގީގަތުގައި ވެސް މިވަރުގެ ހާދިސާއެއް ހިނގައިފާނެ ވަރުގެ ރާޅެއް ނޫން އެއީ. އެނަމާ އަކީ އެތައް ދުވަހަކު ބޮޑެތި ގަދަ ކަނޑުތަކުގައި ވެސް ދުއްވާފައި އޮތް ބޯޓެއް،" ޒުހެއިރު ބުންޏެވެ.
ދެން އައީ ހިތާމަ އާއި ބިރުވެރިކަމުގެ އިންތިހާ އެވެ؛ އެއީ މުޅި ތިނަދޫ ވެސް ދުވަހަކު ވެސް ހިތުން ފިލައިގެން ދާނެ ރެއެއް ނޫނެވެ. ވަށައިގެން ބެދިފައިވާ ބޯޓު ކަނޑު މެދުގައި ބަންޑުން ޖަހާލައި، 122 މީހުން ތިބީ މަރަށް ތެޅިތެޅި އެވެ. ކިރިޔާ ބޯހިއްލާލެވޭ ވަރަށް އޮތް ދިޔަގަނޑުގައި ސަލާމަތްވާނެ ކަމުގެ އުންމީދެއް ނެތި ކަނު އަނދިރީގައި އެއް ބަޔަކު ބާރު އަޑުން "ޔާﷲ" އޭ ގޮވަމުން ދިޔަ އެވެ. ހިތަށް އައިހާ ހެޔޮ ދުއާއެއް ކިޔަމުން ދިޔަ އެވެ. އަނެއް ބަޔަކު ހަޅޭއްލަވައި ރޮމުން ދިޔައީ ކުރިމަތިން މަރު ފެނިގެން އުޅޭހެންނެވެ.
"ކަނު އަނދިރީގައި މާކަނޑުގައި އެކަހަލަ ކަމެއް ދިމާވީމަ އިހުސާސް ވެސް ވާނީ އެއީ ކިހާވަރެއްގެ ބިރުވެރި ކަމެއްކަން،" ޒުހައިރު ބުންޏެވެ.
އެނަމާ ބޯޓު ދަތުރުކުރި ގޮތް އަދި ބަންޑުން ޖަހާލި ތަން
ބޯޓުން ނުނުކުމެވުނީ އެންމެ މީހަކަށެވެ. އޭނާ ބޯޓު ތެރޭގައި މަރުވީ އެވެ. އަނެއް ބަޔަކު ބޯޓުން ނުކުމެ މާކަނޑުގައި ފަތަފަތާ އޮތީ އެވެ. އަނެއް ބަޔަކު ގޮސް ބޯޓުގެ ބަނޑުފިލާމައްޗަށް އެރީ އެވެ. އެކަމަކު ކަނޑުވި މީހުންނަށް ވިސްނުނީ ބޯޓު އަޑިއަށް ހިނގައިދާނެ ކަމެވެ. އެހެންވެ، ބައެއް މީހުން ބަނޑުފިލާމަތިން ކަނޑަށް ފުންމާލި އެވެ.
މިއީ، ރާއްޖޭގައި އެއް ހާދިސާއެއްގައި އެންމެ ގިނަ ބަޔަކު މަރުވި، އެނަމާ ބޯޓު މާޗް 17، 2004 ގެ ރޭ 8:30 ހާއިރު ބަންޑުން ޖަހާލި ހާދިސާ އެވެ. އެ ހާދިސާ އަށް މިއަދަށް ބަރާބަރު 20 އަހަރުވީ އެވެ.
މި ހާދިސާގައި 22 މީހަކު މަރުވި އެވެ. ދެ މީހަކު ގެއްލުނެވެ. ބައެއް މީހުން މަރުވީ ރަށަށް ގެންދިއުމުގެ މަގުމަތީގަ އެވެ. އަނެއް ބަޔަކު ރަށަށް ގެންގޮސް ހޮސްޕިޓަލުގައި ފަރުވާދެނިކޮށެވެ. ހާދިސާގައި މަރުވި އެންމެ ޒުވާން އެއް އަހަރުގެ ކުއްޖާ މަރުވީ އިމަޖެންސީގައި ލަންކާ އަށް ގެންގޮސް ފަރުވާ ދެނިކޮށެވެ.
އެނަމާ ބޯޓު ބަންޑުން ޖަހާލީ، އެ ބޯޓާ ވަރަށް ކައިރިން ދުއްވާފައި ދިޔަ ގއ. ދެއްވަދޫ އަރުތަ ދޯނީގެ މޯހިރުގައި ޖެހިފަ އެވެ. އެކަމަކު، އެއީ، ޒުހައިރު ބުނި ގޮތުގައި "ބޯޓެއް ކީއްކުރަން، ބޮއްކުރައެއް ވެސް ބަންޑުން ޖަހާލާ ވަރުގެ" ބާންޏެއް ނޫނެވެ.
"ވީ ގޮތެއް ނޭނގެ. އެކަން އެއޮތީ ވެފައިތާ،" އޭނާ ބުންޏެވެ.
އެނަމާ ބޯޓު ބަންޑުން ޖަހާލި ދުވަހާ ޖެހިގެން އައި ދުވަހުގެ "ހަވީރު"ގެ ކަވަރޭޖް: މިއީ މުޅި ރާއްޖެ ހިތާމައިގެ ތެރެއަށް ވެއްޓުނު ދުވަހެއް
އެކަމަކު އެ ދޯނިން އުފެއްދި މޯހިރުގައި އެނަމާ ބޯޓު ބަންޑުން ޖަހާލިކަން އަރުތަ ދޯންޏަށް އެނގުނީ އެ ދޯނި މޭލެއްހާ ދުރަށް ދުއްވާފައި ދިޔަ ފަހުންނެވެ. އެ ދޯންޏަށް އެކަން އެނގުނީ އެނަމާގެ އެއްވެސް އަލިކަމެއް ނެތިގެންނެވެ. ގާތްގަނޑަކަށް 10-15 މިނެޓް ދުއްވާފައި ދޯނި އެނބުރި އައިއިރު، އެތައް ބަޔަކު ތިބީ ކަނޑުމަތީގަ އެވެ. އަރުތަ ދޯނިން މީހުން ނަގަމުން ދިޔަ އިރު، އެތަނަށް ދާންދޫ ދޯންޏެއް ކަމަށްވާ "މިއަރެން" ދޯނި ވެސް މަހަށް ގޮސްފައި އެނަމާ ބޯޓު ކައިރިން ދިޔަ އެވެ.
އަތުރަ ދޯންޏަށް ނެގީ އެންމެ ހާލު ބޮޑު މީހުންނެވެ. އެކަން އެގޮތަށް ކުރީ އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ ފުރާނަ ހިނގައިދާނެ ކަމުގެ ބިރު ބައެއް މީހުންނަށް ކުރިމަތިވެފައިވާތީ އެވެ. ބައެއް މީހުން ތިބީ ގެނބިގެން ވަރަށް ގަދައަށް ލޮނުބޮވިފަ އެވެ.
އެހެންވެ، މިއަރެން ދޯނި އެތާނގައި މަޑުކުރާށޭ، އެ މީހުން ރަށަށް ލައިފައި އެނބުރި އެބަ އަންނަމޭ ކިޔައިފައި އަރުތަ ދޯނި ނައްޓާލީ އެވެ. އެކަމަކު ކަންވީ އެހެނެއް ނޫނެވެ. މިއަރެން ދޯނި ވެސް ނައްޓާލީ އެވެ.
"މިޔަރެން ދޯނި އެތަނުން ހިނގައިދާނެ ކަމަށްް ގަބޫލެއް ވެސް ނުކުރެވޭ. އެ މީހުން ބުނީ ތިމަންނާމެންގެ އެބަހުއްޓޭ 12 ޓަނުގެ މަސް. މަޑުކުރެވޭކަށް ނެތޭ... އޭގައި ހުރި މަސްތަކަށް ފައިސާ ދޭނަމޭ ވެސް ބުނިން،" އަރުތަދޯނީގެ ކެޕްޓަން މުހައްމަދު ޒާހިރު، 20 އަހަރު ކުރިން "ހަވީރަ"ށް ދިން އިންޓަވިއުއެއްގައި ބުނެފައި ވެ އެވެ.
"އެ މީހުން ބައިތިއްބައިފައި، ހާލު ބޮޑު މީހުންކޮޅު ގޮވައިގެން އަޅުގަނޑުމެން ނައްޓާލީ. އެކަމަކު އިރުކޮޅަކުން އެނގިއްޖެ އެ މީހުން ވެސް [މިއަރެން ދޯނި] ނައްޓާލައިފިކަން. އެހެންވެ އަލުން އަނބުރާލައިފައި ދިޔައީ. އެ މީހުންނަށް ދާން ނުކެރޭނެ ކަމަށް ހީކޮށް އަޅުގަނޑުމެން އަވަހަށް ދިޔައީ."
"އައި މަގުމަތީގައި އަނެއްކާ ދޯނި ފަރަށް އަރައިފި."
އެނަމާ ބަންޑުން ޖަހާލައި ދުނިޔެ ދޫކުރި ބައެއް މީހުންގެ މަހާނަ -- ފޮޓޯ: ހަވީރު
ސަތޭކަ އަށް ވުރެ ގިނަ މީހުން ކަނޑުވެ، ހަދާނެ ގޮތް ނެތި މަރަށް ތެޅިތެޅި ތިއްބާ މިއަރެން ދޯނި އެއްވެސް އެހީއެއް ނުވެ ދިއުމަކީ އިންސާނިއްޔަތުގެ ކަންފުޅެއް ވެސް ނެތް އަމަލެކެވެ. އެ ދޯނި އޮތީ ބަންޑުން ޖަހާލައިފައި އޮތް އެނަމާ ކައިރީގައި، ކަނޑުވި މީހުންގެ މެދުގަ އެވެ. އެ ދޯންޏަށް އަރަން ވެސް ބައެއް މީހުން މަސައްކަތް ކުރި އެވެ. އޭގެ ތެރެއިން އެކަކަކީ، މި ހާދިސާގައި ގެއްލުނު އެކަކެވެ. އޭނާ އޮތީ ވެސް މިއަރެން ދޯނީގައި އެލިގަނެގެންނެވެ.
"އޭނާގެ ބޮޑުބޭބެއެއް ދޯނި ދުއްވަން ވެސް ހުރީ. އޭނާ އާދޭސް ކުރި ދޯންޏަށް އަރުވާށޭ ކިޔައިފައި. ޚުދު އަޅުގަނޑު ވެސް ކަނޑުމަތީގައި އޮވެ ގޮވަމުން ގެންދިޔައިން އެހެން ނުހަދާށޭ އާދޭސް ކޮށްފައޭ މިބުނީ އޭނަ އަރުވާށޭ. އަޅުގަނޑުމެން އަރުވާށޭ ކިޔައިފައި. އެކަމަކު ވެސް ހަމަ އެކަކު ވެސް ދޯންޏަށް ނާރުވައި އެ މީހުން އެތަނުން ނައްޓާލީ،" ޒުހައިރު ބުންޏެވެ.
އެހާ ގިނަ ބަޔަކު މަރުވި އެއް ސަބަބަކީ ވެސް އެ އެވެ. ޒުހައިރު ބުނާ ގޮތުން، މިއަރެން ދޯންޏަށް މީހުން ނެގުނު ނަމަ "މިހާ ގިނަ މީހުން މަރެއް ނުވީ"ހެވެ.
"އެއީ އެ މީހުން ހެދި ވަރަށް ބޮޑު ގޯހެއް. މި އުޅެނީ ބޯޓު ތެރޭގައި ފިތިގެން ނޫނީ ހާސްވެގެން ބަޔަކު މަރުވެގެނެއް ނޫން. އެ ހާސް ކަމުގައި ކަނޑުމަތީގައި ތިބެ ލޮނުބޮވި އެގޮތްމިގޮތް ވެގެން އެތައް ބަޔަކު ތިއްބާ އަޅާނުލެވުން އެއީ އެންމެ ބޮޑު މައްސަލަ އަކީ،" ޒުހައިރު ބުންޏެވެ.
އެނަމާ ބޯޓު ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި މީހުންގެ ހަށިތައް ވަޅުލަނީ -- ފޮޓޯ: ހަވީރު
މި ހާދިސާ އަށް ފަހު ބޮޑު ތަހުގީގެއް ހިންގައި މިއަރެން ދޯނީގެ އެންމެން، ކެޕްޓަނާ އެކު 17 ފަޅުވެރިން ހައްޔަރުކޮށް މާލެ ގެނައެވެ. އަދި ޝަރީއަތްކޮށް ޖަލު ހުކުމެއް ވެސް އިއްވި އެވެ. އެކަމަކު، އެ މީހުންނަށް އައީ ވަރަށް ކުޑަކުޑަ ހުކުމެކެވެ. ހުކުމް އިއްވި އިރު އެންމެން ތިބީ ސަލާމަތް ވެފަ އެވެ.
އެނަމާ ބޯޓު ބަންޑުން ޖަހާލި އިރު މުޅި ބޯޓުގައި ވެސް ފަސްޓް އެއިޑް ދަންނަ ހުރީ އެންމެ މީހެކެވެ. އެއީ އޭރު ރިސޯޓެއްގައި ވަޒީފާ އަދާކުރަމުން އައި ޒުވާނެކެވެ. އޭނާއާ އެކު އޭނާގެ ދަރިފުޅާއި އަންހެނުން ވެސް ކަނޑުވި އެވެ.
"އޭނާ އަށް ވެސް ސަލާމަތް ކުރެވުނީ އެ ދެ މީހުން އެކަނި. އެހެން މީހަކު ސަލާމަތް ކުރާކަށް އޭނާއަކަށް ވަގުތެއް ނުލިބުނު،" ޒުހެއިރު ބުންޏެވެ.
ޒުހައިރު ބުނަނީ މި ވާހަކަ އެވެ؛ އޭނާ ބުނާ ގޮތުން އެއީ އޭނާ ކޮންމެހެން ދިފާއުގައި ވެސް ދައްކާ ވާހަކައެއް ނޫނެވެ.
އެނަމާ ބޯޓު ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި މީހުންގެ ސަންދޯންތައް ގެންދަނީ -- ފޮޓޯ: ހަވީރު
"ގިނަ މީހުން މި މަރުވީ ކަނޑުމަތިން ނެގިފަހުން. ބައެއް މީހުން ހޮސްޕިޓަލަށް ވެސް ގެންދިޔަ ފަހުން. ބަންޑުން ޖަހާލައިގެން އެތައް ބަޔަކު ކަނޑުވި އިރު ބޯޓުތެރެއިން ސަލާމަތްވާން ވެގެންނާއި ކަނޑުމަތީގައި އެހާ ގިނައިރު ތިބެން ޖެހުނީމަ ދެން ވިސްނާލާ ލޮނު ބޮވިފައި ހުންނާނެވަރު. އެ މީހުން ދޯންޏަށް ނަގާފައި ފަސްޓް އެއިޑް ދެވުނު ނަމަ މިހާ ގިނަ ބަޔަކު މަރެއް ނުވީސް،" އޭނާ ބުންޏެވެ.
"އަނެއް ކަމަކީ ހޮސްޕިޓަލާ ހަމައަށް މީހުން ގެންދެވުނު ވެސް ލަސްވީ. ފަރުވާ އަށް އިމަޖެންސީގައި ގެންދިޔަ މީހުން ދިޔަ ދޯނި ވެސް ފަރަށް އެރީ. އެ މީހުން ނަގަން ފަހުން ތިނަދޫން ލޯންޗެއް ފޮނުވައިގެން ހޮސްޕިޓަލާ ހަމައަށް ގެންދެވުނީ. އެއީ މިކަހަލަ ހާދިސާއަކަށް ބަލާއިރު ވަރަށް ވަގުތު."
ހާދިސާ ހިނގި އިރު ފަތަން ނޭނގި، ލޮނު ބޮވިގެން އެތައް ބަޔަކަށް ތިނަދޫ ހޮސްޕިޓަލުން ވެސް އެރޭ ފަރުވާދިނެވެ. ވަރަށް ނާޒުކު ހާލަތުގައި ތިބި ބައެއް މީހުންނަށް ފަރުވާ ދީ އެ މީހުން އާންމު ހާލަތަކަށް ވެސް ގެނަ އެވެ.
އެނަމާ ބޯޓަށް މީހުން އަރުވަން ހުއްދަ އޮންނަނީ 70 އެވެ. އެކަމަކު އެ ބޯޓަށް އެރޭ 122 މީހުން އެރި އެވެ.
"ބޯޓު އޮތީ އަޅުގަނޑުގެ ކޮންޓްރޯލްގެ ދަށަކު ނޫން. ބޯޓަށް މީހުން އެރި އިރު ވެސް އަޅުގަނޑުމެން ބުނަމުން ދިޔައިން މާ ގިނައިންނޭ ތި މީހުން އަރުވަނީ،" ޒުހައިރު ބުންޏެވެ.
"އެއް ފަހަރު [މީހުން އަރަން އޮންނަ] ފިލާ ވެސް ނެގިން. އެކަމަކު ފަހުން އަނެއްކާ ވެސް މީހުން އެރީ."
ޒުހައިރު، "ހަވީރަ"ށް އިންޓަވިއު ދެނީ -- ފޮޓޯ: ހަވީރު
މެޗު ކުޅުނު އިރު ތިނަދޫގައި އެވަރުގެ ބޯޓަކަށް ހަމައެކަނި އޮތީ އެނަމާ އެކަންޏެވެ. އޭރު އެ ބޯޓު އޮތީ މާލެ އަށް ފުރަން ވެސް ތައްޔާރުކޮށްފަ އެވެ.
"ލޮނުމަސް އަޅައި ބޯޓު އެރޭ ނައްޓާލަން ތައްޔާރުކޮށްފައި އޮތީ. އެކަމަކު ރަށުގައި މިކަހަލަ ފޯރިއެއް އޮތުމާއި އޭރުގެ މެމްބަރާއި ރަށު މީހުން ވެސް އެދުމުގެ މަތިން އެ ދަތުރު ކުރީ،" ޒުހައިރު ބުންޏެވެ.
"ވިލިނގިލިން ބޯޓަށް މީހުން އެރި އިރު ސިފައިން ވެސް ތިބި. ރަށުގެ ކަތީބަކު ވެސް ހުރި."
އެކަމަކު ޒުހައިރު ގަބޫލު ކުރާ ގޮތުގައި އެވަރަށް މީހުން އެރުވުމަކީ އެ ބޯޓު ބަންޑުން ޖަހާލާ ވަރުގެ ސަބަބެއް ނޫނެވެ. ސަބަބަކީ، އެ ބޯޓުގައި އެއްވެސް މުދަލެއް ނެތުމެވެ. އަނެއްކޮޅުން އެނަމާ އަކީ އޭނާ ބުނާ ގޮތުން މީހުންނާއި މުދާ ވެސް އުފުލަން ހަދާފައިވާ ބޯޓެކެވެ. ބޯޓުގައި އެއްވެސް މުދަލެއް ނެތެވެ.
"ބޯޓު ބަންޑުން ޖަހާލީ ކީއްވެކަން އެއީ ހަމަ އަދިވެސް ބުނަން ނޭނގޭ އެއްޗެއް. އެކަމަކު ބޯޓު އެހެލި ފަހުން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު އެއް ކަމެއް ބުނެވިދާނެ. ބޯޓުގެ ބަނޑުފިލާގައި ކޮންމެވެސް އެއްޗެއް ހުރި ޖެހިފައި،" ޒުހައިރު ބުންޏެވެ.
ބޯޓުން ދަތުރު ކުރި ބައެއް މީހުން ތިނަދު އަށް ގެންގޮސް އަވަސް ފަރުވާ ދެނީ: ގިނަ މީހުންނަށް ލޮނުބޮވުނު -- ފޮޓޯ: ހަވީރު
އޭނާ ބުނަނީ ބަންޑުން ޖަހާލި ކަމަށް ބެލެވޭ ސަބަބަކީ އެއީ ކަމަށެވެ. އަދި އެއީ ކޮންމެވެސް ވަރުގަދަ މަހެއްގައި ޖެހިފައި ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.
"އެ ކަނޑުގެ އެ ހިސާބަކީ ވަރަށް ވަރަށް މަސް ދަތުރުކުރާ ހިސާބެއް. އަޅުގަނޑުމެން އޭރު ކަނޑުއޮޅިއެއް ހުރަސް ކުރީ،" އޭނާ ބުންޏެވެ.
އެތައް ބަޔަކު މަރުވި މި ހާދިސާ އަށް 20 އަހަރުވީ އިރު، އެނަމާ ބޯޓު މިހާރު ވަނީ ވިއްކާލައިފަ އެވެ. އެކަމަކު ޒުހައިރު ބުނި ގޮތުގައި އޭނާގެ ދަރިއެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެ ބޯޓުގެ އެ ހަނދާންތައް ދުވަހަކު ވެސް ފިލައިގެނެއް ނުދާނެ އެވެ. އެއީ އިބުރަތުން ފުރިފައިވާ އެތައް ކަމެއް، މީގެ 20 އަހަރު ކުރީގެ މިރޭ އޭނާގެ ލޮލުގެ ކުރިމަތިން ފެނިފައިވާތީ އެވެ.
"އަޅުގަނޑަށް ލިބުނު އެންމެ ބޮޑު އިބުރަތަކީ ކަނޑުމައްޗަކީ މަޖާކުރަން އަރާ ތަނެއް ނޫން ކަން،" އޭނާ ކުރުކޮށްލި އެވެ.
އެނަމާ ހާދިސާ: ތުއްތު ކުއްޖަކު ސަލާމަތްވީ ކިހިނެއް؟
އެނަމާ ހާދިސާ: އާއިލާއަކުން ހަތަރު މަރު!
"އެނަމާ" ބަންޑުން ޖަހާލި ރޭގެ އެހެން ވާހަކައެއް
އެންދަމަން ފޭބި މީހަކު މަރުވެއްޖެ
ގެއްލުނު ދޯނި ފެނިއްޖެ
ތިން މީހުންނާއެކު ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދަނީ
ހާލުގައި ޖެހުނު ލަންކާ މަސްވެރިންތަކެއް ސަލާމަތްކޮށްފި
ތިނަދޫ މައްސަލަ ދުލެއްނުކުރި، ސިވިލް ކޯޓަށް ހުށަހަޅަނީ
ތިނަދޫގެ ސިޓީގެ ދަރަޖައާ ގުޅޭ މައްސަަލަ ބޭރުކޮށްލައިފި
ބޯޓުން ގެއްލުނުމީހާ ހޯދުން މެދުކަނޑާލައިފި