Roadha Mihaaru
ހަނގުރާމަވެރިންނާ ދެކޮޅަށް ޕާކިސްތާނުން އޮޕަރޭޝަނެއް ފަށައިފި

ހަނގުރާމަވެރިންނާ ދެކޮޅަށް ޕާކިސްތާނުން އޮޕަރޭޝަނެއް ފަށައިފި

17 ފެބުރުއަރީ 2017

އިސްލާމްއާބާދު (ފެބްރުއަރީ 17) - ޕާކިސްތާނުގެ ދެކުނުގެ ސިންދު ޕްރޮވިންސްގައި ސޫފީން އަޅުކަން ކުރާ މިސްކިތަކަށް ދިން ބޮމުގެ ހަމަލާގައި 80 މީހުން މަރާލި ހާދިސާ އަށް ފަހު ހަނގުރާމަވެރިންނާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ސިފައިން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (ފެބްރުއަރީ 17) - ޕާކިސްތާނުގެ ދެކުނުގެ ސިންދު ޕްރޮވިންސްގައި ސޫފީން އަޅުކަން ކުރާ މިސްކިތަކަށް ދިން ބޮމުގެ ހަމަލާގައި 80 މީހުން މަރާލި ހާދިސާ އަށް ފަހު ހަނގުރާމަވެރިންނާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ސިފައިން ފަށައިފި އެވެ.

ސޫފީ މިސްކިތް ހުރި ސިންދު ޕްރޮވިންސުން މިހާތަނަށް ވަނީ 18 ހަނގުރާމަވެރިން މަރާލައިފަ އެވެ. އަދި އެ ޕްރޮވިންސްގެ ހުޅަނގު އުތުރުގެ ހިސާބަކުން ވަނީ 13 ހަނގުރާމަވެރިން މަރާލައިފަ އެވެ.

ސޫފީންގެ ތެރޭން މަރުވި މީހުންގެ ޖަނާޒާ މިއަދު ވަނީ ބާއްވައިފަ އެވެ. އަދި ސިންދު ޕްރޮވިންސްގެ ސަރުކާރުން ވަނީ ތިން ދުވަހުގެ ގައުމީ ހިތާމަ އިއުލާންކޮށްފަ އެވެ. މި ހަމަލާގައި ވަނީ 250 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ.

ޕާކިސްތާނުގެ ބޮޑު ވަޒީރު މުހައްމަދު ނަވާޒް ޝަރީފް ވަނީ ބޮމުގެ ހަމަލާގެ ފަހަތުގައި ތިބި މީހުން ހޯދާ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ. ސިފައިންގެ ވެރިޔާ ޖެނެރަލް ގަމަރު ޖާވަދު ބަޖްވާ ވިދާޅުވެފައި ވަނީ ޕާކިސްތާނުގެ ބިމަށް ވެއްޓޭ ކޮންމެ ލޭތިއްކެއްގެ ވެސް ބަދަލު ނުހިފާ ދޫނުކުރާނެ ކަމަށެވެ. ބޮމުގެ ހަމަލާގެ ޒިންމާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފަ އެވެ.

ޕާކިސްތާން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ހަނގުރާމަވެރިންގެ ތެރޭން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދު ބަންދުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަފްޣާނިސްތާން އެމްބަސީގެ އޮފިޝަލުން ވަނީ ޕާކިސްތާނުގެ ޚާރިޖީ ވުޒާރާ އަށް ހާޒިރުކޮށްފަ އެވެ. އަދި ބޭރުގެ މަދަދު ލިބޭ ހަނގުރާމަވެރިން ޕާކިސްތާނުގައި ހަމަލާ ދިނުމަށް އަފްޣާނިސްތާނުގެ ބިން ބޭނުންކުރަމުންދާ ކަމުގެ ޝަކުވާ ވަނީ ކޮށްފަ އެވެ. ހަނގުރާމަވެރިންނާ ދެކޮޅަށް ޕާކިސްތާނުން 2014 ވަނަ އަހަރު ނޯތު ވަޒިރިސްތާނުގައި އޮޕަރޭޝަނެއް ފެށުމާ ގުޅިގެން ޕާކިސްތާން ތާލިބާން ފަދަ ޖަމާއަތްތަކުގެ ހަނގުރާމަވެރިން ވަނީ އަފްޣާނިސްތާނަށް އެތެރެވާން ފަށައިފަ އެވެ.