Roadha Mihaaru
ބީއޭއެމުން އިންތިހާބު އިއުލާންކުރީ ކޮމިޝަނަށް ތަބާ ނުވެ

ބީއޭއެމުން އިންތިހާބަށް އިއުލާން ކުރީ ސްޕޯޓްސް ކޮމިޝަނާގެ އެންގުމަށް ބޯލެނބުމެއް ނެތި

13 މާޗް 2024

ބެޑްމިންޓަން އެސޯސިއޭޝަނުން، އިންތިހާބަށް އިއުލާން ކުރުމުގެ ކުރިން ވެސް، އެ މަސައްކަތް ކުރިއަށް ނުގެންދަން އެ އެސޯސިއޭޝަނަށް އެންގެވިކަމަށް، ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން، އިންތިހާބަށް އިއުލާން ކުރުމުގެ ކުރިން ވެސް، އެ މަސައްކަތް ކުރިއަށް ނުގެންދަން އެ އެސޯސިއޭޝަނަށް އެންގެވިކަމަށް، ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

މި މަހު 22 ގައި އައްޑޫގެ އިކްއެޓޯރަލް ވިލެޖްގައި އިންތިހާބު ބާއްވަން އެ އެސޯސިއޭޝަނުން އިއުލާން ކުރީ އިއްޔެ އެވެ.

ތޮލާލް ވިދާޅުވީ، އެ އެސޯސިއޭޝަނާ ގުޅިގެން ސްޕޯޓްސް ކޮމިޝަނަށް ލިބިފައިވާ ޝަކުވާތަކާ އެކު، ކަންކަން ހައްލު ކުރުމަށް ފަހު ނޫނީ އިންތިހާބު ކުރިއަށް ނުގެންދަން އިންތިހާބަށް އިއުލާން ކުރުމުގެ ކުރިން ވެސް އަންގާފައި ވާނެ ކަމަށެވެ.

"އިންތިހާބަށް އިއުލާން ކުރުމުގެ ކުރިން ވެސް އޮންނާނީ ސިޓީއަކުން ދަންނަވާފަ އިންތިހާބު މަސައްކަތް ކުރިއަށް ނުގެންދަން. އެހެން އޮއްވައި އިއްޔެ އިންތިހާބަށް އިއުލާން ކުރުމުން އަނެއްކާ މިއަދު އެންގުމެއްގެ ގޮތުގައި މި އެންގީ،" ތޮލާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިހާބުގައި ވޯޓް ދޭ ޑިވެލޮޕްމެންޓް ސެންޓަރު (ބީޑީސީ) ގެ ވޯޓާ މެދު އާންމުނާއި ބައެއް ކުޅުންތެރިންގެ ފަރާތުން ވެސް ޝަކުވާ ހުށަހަޅައިފައިވާ ކަމަށެވެ. އެކަން ބެލުމަށް ފަހު އިސްލާހު ކުރުމަށް އަންގައި ސިޓީއެއް ފޮނުއްވި ކަމަށް ތޮލާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިދިޔަ ހަތަރު އަހަރު ހިސާބުތައް އޮޑިޓްކޮށް މާލީ ތަފުސީލުތައް ފޮނުވަން އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެ އެސޯސިއޭޝަނުން ފޮނުވި މާލީ ހިސާބުތައް ފުރިހަމަ ނޫންކަން ފާހަގަ ވެފައިވާ ކަމަށް ތޮލާލް ވިދާޅުވި އެވެ.