Roadha Mihaaru
މޫސަގެ ފިހާރައިން ބޯޅަ ގަންނަނީ އުސޫލާ އެއްގޮތަށް

މޫސަގެ ފިހާރައިން ވެސް ބޯޅަ ގަންނަނީ އުސޫލާ އެއްގޮތަށް: ބީއޭއެމް

05 މާޗް 2024

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުގެ މަސްލަހަތު އޮންނަ "އަސްކަނި" ފިހާރައިން ބޯޅަ ގަންނަނީ އިދާރާތަކުގެ ލަފަޔާ އެކު އޮންނަ އުސޫލުގެ ތެރެއިން ކަމަށް، އެ އެސޯސިއޭޝަނުން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުގެ މަސްލަހަތު އޮންނަ "އަސްކަނި" ފިހާރައިން ބޯޅަ ގަންނަނީ އިދާރާތަކުގެ ލަފަޔާ އެކު އޮންނަ އުސޫލުގެ ތެރެއިން ކަމަށް، އެ އެސޯސިއޭޝަނުން ބުނެފި އެވެ.

ބީއޭއެމްއަށް ބޯޅަ ގަންނަނީ، މޫސަގެ ފިހާރައިން ތޯ އާއި އެކަން ކުރާ އުސޫލަކީ ކޮބައިތޯ، ސާފު ކުރަން "މިހާރު" އިން ފޮނުވި ސިޓީ އަށް ޖަވާބު ދެމުން އެ އެސޯސިއޭޝަނުން ބުނީ، ބޯޅަ ގަތުމުގެ އިތުރަށް ސްޕޮންސަރުންގެ އަތުން ވެސް ލިބޭ ބޯޅަ މުބާރާތްތަކުގައި ބޭނުން ކުރާކަމަށެވެ.

ބޯޅަ ގަތުމުގައި ގޮންޖެހުންތައް އެބަ ހުރި ކަމަށް، އެސޯސިއޭޝަނުގެ ނައިބު ރައީސް އަހްމަދު ޝާކިރު މޫސާ ސޮއި ކުރައްވާފައިވާ ސިޓީގައި ބުނެފައި ވެއެވެ. އެ ދަތިތައް ހުރުމުން، ކަމާ ގުޅުން ހުރި އިދާރާތަކުން ލަފާ ހޯދައިގެން ކަމަށެވެ.

"މޫސާ ނާޝިދުގެ މަސްލަހަތު އޮންނަ ވިޔަފާރިއަކުން ވެސް މި އެސޯސިއޭޝަނަށް ބޯޅަ ސަޕްލައި ކުރެ އެވެ. މި އެސޯސިއޭޝަނަށް ބެޑްމިންޓަން ކުޅޭ ބޯޅަ ގަތަުމުގައި ހުރި ގޮންޖެހުންތަކާ ގުޅިގެން ފާއިތުވި އަހަރުތަކުގައި ވެސް ކަމާ ބެހޭ މުއައްސަސާތަކުގެ ލަފަޔާއި އިރުޝާދު ހޯދާފައި ވާނެ އެވެ. އަދި ތަކެތި ގަތުމުގައި އުސޫލެއްގެ ގޮތުން މި އެސޯސިއޭޝަނުން އަމަލު ކުރަނީ މާލިއްޔަތު ގާނޫނާ އެއްގޮތަށެވެ.،" ބީއޭއެމްގެ ސިޓީގައި ވެއެވެ.

މޫސަގެ މަސްލަހަތު އޮންނަ ފިހާރަ އަކަށް ބޯޅަ ގަންނާތީ، އެ މައްސަލަ އޭސީސީ އަށް ވެސް ހުށަހެޅި އެވެ. އޭސީސީން ނިންމީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކަމަށެވެ.

"އެ ފިހާރައިން (ބޯޅަ) ގަތުމަށް ފެންނަކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ލަފާދީފައިވާތީ މިމައްސަލާގައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ގައި ބުނާފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމަށް މިކޮމިޝަންގެ ތަހްގީގަށް ބެލެވެން ނެތުމުން، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގައިވާ ފަދައިން މި މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީ އެވެ." 2017 ގައި އޭސީސީން ބެލި މައްސަލަތަކާ ގުޅޭ ގޮތުން އާންމު ކުރި ލިޔުމުގައި ބުނެފައި ވެއެވެ.

އެ ލިޔުމުގައި އެ ކޮމިޝަނުން ބުނެފައި ވަނީ އެ މައްސަލަ އޭސީސީ އަށް ހުށަހެޅި ދުވަސްވަރު ގަނެފައިވާ ތަކެއްޗާ ގުޅޭ ލިޔުންތައް އޭރު އެ އެސޯސިއޭޝަންގެ އޮފީސް ބަދަލުވެފައިވުމުން ތަހްގީގަށް ހޯދިފައި ނުވާ ކަމަށެވެ.

މޫސަގެ ފިހާރައިން ބޯޅަ ގަންނަން ޖާގަ ދޭ ގޮތް!

ބެޑްމިންޓަން ބޯޅަ، ފެދާ ޝަޓްލްސް އާއި ޔޮނެކްސް މާވިސް 500 / މާވިސް 350 ރަބަރު ބޯޅަ ހޯދަން އެސޯސިއޭޝަނުން 2016 ގައި އިއުލާން ކުރުމުން، އެހެން ކުންފުންޏަކުން ހުށަހަޅައިގެން ބިޑް ކާމިޔާބު ކުރި އެވެ. އެކަމަކު އެ ކުންފުނިން އެތަކެތި ފޯރުކޮށްދީފައި ނުވާތީ ދެވަނަ ފަހަރަށް އިއުލާން ކުރެ އެވެ.

މޫސަގެ "އަސްކަނި ސްޕޯޓްސް" އޭގެ ތެރެއަށް ވަންނަނީ އެހާހިސާބުންނެވެ. މިފަހަރު ދެ ކުންފުންޏަކުން ބިޑް ހުށަހަޅަ އެވެ. އޭގެ ތެރެއިން އަސްކަނިން ބިޑް ހުށަހަޅަނީ ކްރެޑިޓަށް ބޯޅަ ފޯރުކޮށްދޭނެ ކަމަށެވެ. އަސްކަންޏަށް ބިޑް ދޭން އެސޯސިއޭޝަނުން ބޭނުން ވާތީ ވެ މޫނުމަތި ރީތިކޮށްލަން، މައްސަލައިގެ ތެރެއަށް އޭސީސީ ވަނުމަށް، އެސޯސިއޭޝަނުން އިސްވެ ދައުވަތު ދެ އެވެ. އަސްކަންޏަކީ އެސޯސިއޭޝަނުގެ ރައީސްގެ ކުންފުންޏަކަށް ވާތީ މަސްލަހަތު އެ ދެމެދަށް ވަންނަކަމަށް ބުނެ އޭސީސީން، އެކަމާ މެދު ލަފާ ދިނުމަށް، ބެޑްމިންޓަން އެސޯސިއޭޝަނުން އޯގަސްޓް 2016 ގައި އޭސީސީގެ ކިބައިން އެދުނެވެ.

އެސޯސިއޭޝަންގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅާ ވިދާޅުވީ، އަނެއް ދެ ކުންފުންޏަކީ ވެސް މޫސަގެ ކޮންޓްރޯލް ކޮންމެ ވެސް ސިފައެއްގައި އޮންނަ ދެ ކުންފުނި ކަމަށެވެ. ފުރަތަމަ އިއުލާނުން ބިޑް ކާމިޔާބުކުރުމަށް ފަހު ސާމާނު އެ އެސޯސިއޭޝަނަށް ފޯރުކޮށް ނުދޭ ކުންފުންޏަކީ ވެސް އަދި ދެވަނަ ފަހަރަށް އިއުލާން ކުރުމުން، މޫސަގެ އަސްކަނި ސްޕޯޓްސް އާއެކު ދެން ބިޑް ހުށަހެޅީ ވެސް މޫސަގެ ކޮންޓްރޯލް އޮންނަ ދެ ކުންފުނި ކަމަށް އޭނާގެ މައްޗަށް ތުހުމަތުކޮށް އެ އެސޯސިއޭޝަންގައި ކުރިން މަސައްކަތް ކުރި އޮފިޝަލަކު ބުންޏެވެ.