Roadha Mihaaru
ބެޑްމިންޓަން އެސޯސިއޭޝަނަށް ކޮރަޕްޝަނުގެ ތުހުމަތު

ބެޑްމިންޓަން އެސޯސިއޭޝަނަށް ކޮރަޕްޝަނުގެ އެތައް ތުހުމަތެއް

02 މާޗް 2024

ބެޑްމިންޓަންގެ އެތުލީޓުން ރަން މެޑައްޔާއި ޝަރަފުވެރި ކާމިޔާބު ހޯދައި، ކުޅިވަރުގައި ގައުމީ ދިދަ އެންމެ އުހުގައި ވިހުރުވަ އެވެ. މެޑަލް ޕޯޑިއަމްތަކުގައި ދިވެހި ގައުމީ ސަލާމުން އެ މާހައުލު ގުގުމާލަނީ ބެޑްމިންޓަން ކުޅުންތެރިން ވެސް ހޯދާ ކާމިޔާބުންނެވެ. އެ އެތުލީޓުންގެ މަސައްކަތަށް ތައުރީފެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބެޑްމިންޓަންގެ އެތުލީޓުން ރަން މެޑައްޔާއި ޝަރަފުވެރި ކާމިޔާބު ހޯދައި، ކުޅިވަރުގައި ގައުމީ ދިދަ އެންމެ އުހުގައި ވިހުރުވަ އެވެ. މެޑަލް ޕޯޑިއަމްތަކުގައި ދިވެހި ގައުމީ ސަލާމުން އެ މާހައުލު ގުގުމާލަނީ ބެޑްމިންޓަން ކުޅުންތެރިން ވެސް ހޯދާ ކާމިޔާބުންނެވެ. އެ އެތުލީޓުންގެ މަސައްކަތަށް ތައުރީފެވެ.

އެކަމަކު، އެ އެތުލީޓުންގެ ބަލަދުވެރި އެސޯސިއޭޝަނުގެ ހާލަތު އޮތީ ހަފުސް ވެފަ އެވެ. ހިންގުމުގެ ނިޒާމުގައި ދެފުށް ފެންނަ ގޮތަކަށް ޓްރާންސްޕޭރެންސީ އާއި ގުޑް ގަވަނަންސްގެ ކުޑައިގެ ދަށުން ހިންގަން ޖެހޭ އެސޯސިއޭޝަނަށް ހިޔާ އަޅަނީ އަމިއްލަ މަންފާ އާއި ވެރިންގެ ވިޔަފާރީގެ މަސްލަހަތެވެ. އެތުލީޓުންގެ މެދުގައި ހަމަހަމަކަން ނުހިފަހައްޓައި، އެސޯސިއޭޝަން އޮތީ ކޮރަޕްޝަންގެ ނިވަލުގައި ތާށި ވެފަ އެވެ.

ބީއޭއެމްގެ ހިންގުމުގައި ކުރިން އުޅުއްވި އޮފިޝަލަކު ވަނީ، އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުގެ މައްޗަށް، އެސޯސިއޭޝަންގެ މަސްލަހަތު ބޭނުންކޮށްގެން އަމިއްލަ ވިޔަފާރި އަށް ފަހިވާ ގޮތަށް ކަންކަން ކުރަމުންދާކަމަށް ތުހުމަތު ކުރައްވައިފަ އެވެ. ބެޑްމިންޓަންގެ މުބާރާތްތަކުގައި ބޭނުން ކުރާ ބޯޅަ (ޝަޓްލް)، ގަންނަނީ މުސާގެ އަމިއްލަ ވިޔަފާރި، "އަސްކަނި ސްޕޯޓްސް" ފިހާރައިންނެވެ.

"އެވައްތަރުގެ ބޯޅަ ޕްރޮވައިޑް ކޮށްދެނީ ވެސް މޫސަމެންގެ ފިހާރައިން. ދެން ކަނޑައަޅައިފަ އޮންނަނީ، މުބާރާތް ކުޅެން ޖެހޭނީ އެ ވައްތަރުގެ ބޯޅައިންކަން،" އެސޯސިއޭޝަން ހިންގުމުގައި ކުރިން އުޅުއްވި ބޭފުޅާ ވިދާޅުވި އެވެ.

އެ ތުހުމަތުތަކާ ބެހޭ ގޮތުން މޫސާއާ ސުވާލު ކުރުމުން އޭނާ އެދިވަޑައިގަތީ ލިޔުމުން، އެސޯސިއޭޝަނަށް ހުށަހެޅުމަށެވެ. އެކަން ސާފު ކުރުމަށް އެސޯސިއޭޝަން ފޮނުވި ސިޓީ އަށް ގާތްގަނޑަކަށް ހަފުތާއެއް ވީ އިރު ވެސް ޖަވާބެއް ނުދެ އެވެ.

މައުލޫމާތު ހޯދައިލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދަން އެދޭ މައުލޫމާތު ވެސް އޮންނަ އުސޫލުގެ ތެރެއިން އެ އެސޯސިއޭޝަނުން ހާމައެއް ނުކުރެ އެވެ. ސަރުކާރުން ބަޖެޓް ފޯރުކޮށްދޭ މުއައްސަސާތަކުން މައުލޫމާތު ހޯދައިލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދައި އެ މައުލޫމާތު އާންމު ކުރާ އައިމަން ލަތީފް (ޕިކޯ) ބުނީ ބެޑްމިންޓަން އެސޯސިއޭޝަނުން ދެ ފަހަރެއްގެ މަތީން މައުލޫމާތު ހޯދަން ހުށަހެޅި އިރު ވެސް، އެ މައުލޫމާތު ފޯރުކޮށްދެނީ ވަރަށް އުނދަގުލުން ކަމަށެވެ.

"ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތު ހޯދުން އެއީ ފަސޭހަ ކަމެއް ނޫން. އާރްޓީއައި [މައުލުމާތު ހޯދާ ލިބިގަތުމުގެ ހައްގު] އަށް ހުށަހަޅައިގެން ވެސް ވަރަށް އުނދަގުލުން ފޯރުކޮށްދެނީ،" އިދާރާތަކުން މައުލޫމާތު ހޯދައި، "ޒިންމާދާރު" ނަމުގައި ހަދާފައިވާ ވެބްސައިޓްގައި އާންމު ކުރާ އައިމަން ބުންޏެވެ.

ގާނޫނުގެ ކުދި ބާގަނޑުތަކުން މޫސަގެ އަސްކަނި ސްޕޯޓްސްއިން ބިޑް ކާމިޔާބު ކުރާ ގޮތް!

ބެޑްމިންޓަން ބޯޅަ، ފެދާ ޝަޓްލްސް އާއި ޔޮނެކްސް މާވިސް 500 / މާވިސް 350 ރަބަރު ބޯޅަ ހޯދަން އެސޯސިއޭޝަނުން 2016 ގައި އިއުލާން ކުރުމުން، އެހެން ކުންފުންޏަކުން ހުށަހަޅައިގެން ބިޑް ކާމިޔާބު ކުރި އެވެ. އެކަމަކު އެ ކުންފުނިން އެތަކެތި ފޯރުކޮށްދީފައި ނުވާތީ ދެވަނަ ފަހަރަށް އިއުލާން ކުރެ އެވެ.

މޫސަގެ "އަސްކަނި ސްޕޯޓްސް" އޭގެ ތެރެއަށް ވަންނަނީ އެހާހިސާބުންނެވެ. މިފަހަރު ދެ ކުންފުންޏަކުން ބިޑް ހުށަހަޅަ އެވެ. އޭގެ ތެރެއިން އަސްކަނިން ބިޑް ހުށަހަޅަނީ ކްރެޑިޓަށް ބޯޅަ ފޯރުކޮށްދޭނެ ކަމަށެވެ.

އަސްކަންޏަށް ބިޑް ދޭން އެސޯސިއޭޝަނުން ބޭނުން ވާތީ ވެ މޫނުމަތި ރީތިކޮށްލަން، މައްސަލައިގެ ތެރެއަށް އޭސީސީ ވަނުމަށް، އެސޯސިއޭޝަނުން އިސްވެ ދައުވަތު ދެ އެވެ. އަސްކަންޏަކީ އެސޯސިއޭޝަނުގެ ރައީސްގެ ކުންފުންޏަކަށް ވާތީ މަސްލަހަތު އެ ދެމެދަށް ވަންނަކަމަށް ބުނެ އޭސީސީން، އެކަމާ މެދު ލަފާ ދިނުމަށް، ބެޑްމިންޓަން އެސޯސިއޭޝަނުން އޯގަސްޓް 2016 ގައި އޭސީސީގެ ކިބައިން އެދުނެވެ.

ފުރަތަމަ ކުރި އިއުލާނުން ބިޑް ކާމިޔާބު ކުރި ކުންފުނިން ކަންތައް ކުރި ގޮތާއި ދެވަނަ ފަހަރަށް އިއުލާން ކުރުމުން، ފަހުން ފައިސާ ދައްކާ ގޮތަށް "އަސްކަނިން" ހުށަހަޅާތީ، އެ ގޮތަކީ އެސޯސިއޭޝަނަށް އެންމެ ރަނގަޅު ގޮތް ކަމަށް ބަލައި އޭސީސީން 2016 ގައި ލަފާ ދީފައި ވަނީ އަސްކަނި ސްޕޯޓްސް އަކީ މޫސަގެ އަމިއްލަ ވިޔަފާރި އަކަށް ވިޔަސް، އެ ފިހާރައިން ބޯޅަ ގަތުމަށް ފެންނަ ކަމަށެވެ.

އެ މައްސަލަ ބެޑްމިންޓަންގެ ކުރީގެ ބައެއް ކުޅުންތެރިންތަކެއް އޭސީސީ އަށް ހުށަހެޅުމުން އެ ކޮމިޝަނުން ނިންމީ ވެސް ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކަމަށެވެ.

"އެ ފިހާރައިން (ބޯޅަ) ގަތުމަށް ފެންނަކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ލަފާދީފައިވާތީ މިމައްސަލާގައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ގައި ބުނާފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމަށް މިކޮމިޝަންގެ ތަހްގީގަށް ބެލެވެން ނެތުމުން، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގައިވާ ފަދައިން މި މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީ އެވެ." 2017 ގައި އޭސީސީން ބެލި މައްސަލަތަކާ ގުޅޭ ގޮތުން އާންމު ކުރި ލިޔުމުގައި ބުނެފައި ވެއެވެ.

އެ ލިޔުމުގައި އެ ކޮމިޝަނުން ބުނެފައި ވަނީ އެ މައްސަލަ އޭސީސީ އަށް ހުށަހެޅި ދުވަސްވަރު ގަނެފައިވާ ތަކެއްޗާ ގުޅޭ ލިޔުންތައް އޭރު އެ އެސޯސިއޭޝަންގެ އޮފީސް ބަދަލުވެފައިވުމުން ތަހްގީގަށް ހޯދިފައި ނުވާ ކަމަށެވެ.

ފުރަތަމަ އިއުލާނުން ބިޑް ކާމިޔާބުކުރުމަށް ފަހު ސާމާނު އެ އެސޯސިއޭޝަނަށް ފޯރުކޮށް ދީފައި ވަނީ ކޮން ކުންފުންޏަކުންތޯ ބެލުމަށް ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އަދި ދެވަނަ ފަހަރަށް އިއުލާން ކުރުމުން، މޫސަގެ އަސްކަނި ސްޕޯޓްސް އާއެކު ދެން ބިޑް ހުށަހެޅީ ކޮން ކުންފުންޏެއްކަން ހޯދަން ކުރި މަސައްކަތް، މައުލޫމާތު ނުލިބޭތީ ސާފުވާ ގޮތެއް ނުވި އެވެ.

އެސޯސިއޭޝަންގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅާ ވިދާޅުވީ، އަނެއް ދެ ކުންފުންޏަކީ ވެސް މޫސަގެ ކޮންޓްރޯލް ކޮންމެ ވެސް ސިފައެއްގައި އޮންނަ ދެ ކުންފުނި ކަމަށެވެ.

"އޭނަގެ ގާތް މީހެއްގެ ނަމުގައި ހަދާފައިވާ ކުންފުންޏަކަށް ވާނީ. އޭނަގެ ކޮންޓްރޯލް އޮތް ކަމެއް އެއީ،" ނަން ޖަހަން ބޭނުން ނުވެ ވާހަކަ ދެއްކި އެ ބޭފުޅާ ވިދާޅުވި އެވެ.

ގާނޫނުން ކުށްވެރި ނުވި ނަމަވެސް، ގުޑް ގަވަނަންސް އަށް އިސްކަން ދޭނަމަ، ވެރިންގެ މަސްލަހަތު އޮންނަ ކަންކަމުގެ ތެރެއަށް އަމިއްލަ ކުންފުނި ނުވެއްދީސް ކަމަށް މޫސަ އަށް ފާޑު ކިޔާ ބެޑްމިންޓަންގެ ކުރީގެ ޗެމްޕިއަނަކު ބުންޏެވެ.

މިއީ، މިދިޔަ އަހަރު ސަރުކާރުން އެންމެ ރަނގަޅު އެސޯސިއޭޝަނުގެ އެވޯޑް ދިން ބެޑްމިންޓަން އެސޯސިއޭޝަނުގެ ހާލަތެވެ. ދެން އެހެން އެސޯސިއޭޝަންތަކުގެ ހިންގުން ބޮއްސުލާފައި އޮންނާނީ ކިހާ ވަރަކަށް ހެއްޔެވެ؟

ފައިސާ އާ ގުޅޭ ކަންކަމުގައި އެ އެސޯސިއޭޝަނުން އަމަލު ކުރާ ގޮތާ މެދު މީގެ ކުރިން ވެސް، ބެޑްމިންޓަންގެ ހިދުމަތްތެރިން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އެ އެސޯސިއޭޝަންގެ ކުރީގެ ރައީސްގެ އިސްމާއީލް ޝަފީއުގެ ދައުރުން ފެށިގެން އެ އެސޯސިއޭޝަނުން ފައިސާގެ މުއާމާލަތްކޮށްފައި ހުންނަ ގޮތުން އެސޯސިއޭޝަނުގެ މެންބަރުން ސުވާލު އުފައްދާފައި ވެއެވެ.

މި މައްސަލައް ފުނިޖެހެމުން ދިޔަ އެސޯސިއޭޝަން ޒިންމާ ކުރުވަން ކަމާ ބެހޭ އިދާރާތަކުން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން، ބެޑްމިންޓަން އެސޯސިއޭޝަންގެ ހާލަތާ ބެހޭގޮތުން "މިހާރު" އާ ވާހަކަ ދެއްކި އެ ކުޅިވަރުގެ ކުރީގެ ކުޅުންތެރިޔަކު ބުންޏެވެ.

"ސަރުކާރުން ކިރިޔާ ވެސް މިކަންކަން ބަލަން އުޅޭނަމަ، މިހިސާބަށް ކަންތައްތަކެއް ނުދިޔައީސް. މިހާތަނަށް އައި އެއްވެސް [ސްޕޯޓްސް] މިނިސްޓަރަކު ވެސް އަދި ސްޕޯޓްސް ކޮމިޝަނަރަކު ވެސް ނެތް މިކަންކަމަށް ފާރަވެރިވާން މަސައްކަތްކޮށްފައެއް ވެސް،" ކުރިން ބެޑްމިންޓންގައި ހަރަކާތްތެރިވި ކުރީގެ ކުޅުންތެރިޔަކު ބުންޏެވެ.

އޭނާ ބުނީ، ސަރުކާރުން ކުޅިވަރު އެސޯސިއޭޝަންތަކަށް ފާރަވެރި ނުވުމުން ލިބުނު ގެއްލުން، އެފްއޭއެމް މިހާރު ވެއްޓިފައިވާ ހާލަތުން އެކަނި ވެސް ފުދޭ ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ ވެސް ހުރީ މަސައްކަތުން އެކަހެރި ކޮށްފަ އެވެ. އޭނާ އަށް ގުޅުމުން ވިދާޅުވީ މި ވަގުތު މަސައްކަތްތަކާ ދުރުގައި ހުރި ކަމަށެވެ.