Roadha Mihaaru
ތުހުމަތުތަކާއެކު ސަނީފްގެ ރުޅިގަނޑު އެމްޑީޕީއަށް!

ރިޝްވަތުގެ ތުހުމަތުތަކާއެކު ސަނީފްގެ ރުޅިގަނޑު ޝާހިދާއި އެމްޑީޕީއަށް!

13 މާޗް 2024

އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ރިޝްވަތު ނަންގަވައިގެން ވޯޓުގައި ބައިވެރިނުވި ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން އެމްޑީޕީ އާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް ސަނީފް ނުރުހުން އަމާޒުކުރައްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ރިޝްވަތު ނަންގަވައިގެން ވޯޓުގައި ބައިވެރިނުވި ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން އެމްޑީޕީ އާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް ސަނީފް ނުރުހުން އަމާޒުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީން ހުށަހަޅާފައިވާ އެންޓި-ޑިފެކްޝަން ބިލަށް ބަހުސް ކުރައްވަމުން ސަނީފް ވިދާޅުވީ، އެންޓި-ޑިފެކްޝަން ގާނޫނު އެކުލަވާލައި ޕާޓީތަކަށް މެންބަރުން ވަކި ކުރެވޭ ގޮތް ހެދުމުގެ ކުރިން ޕާޓީތަކުގެ ގާނޫނު ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ މެމްބަރު ސަނީފް ވިދާޅުވީ، އެ ގާނޫނު ހަރުދަނާ ނުކުރެވޭހާ ހިނދަކު ޕާޓީތަކުގެ ވެރިންނަށް ހޮވޭ މީހުންނަކީ އެއްވެސް އިތުބާރެއް ނެތް، ރައްޔިތުންގެ ލޯތްބެއް އަދި ގާބިލްކަމެއް ނެތް ބަޔަކަށް ވެގެން ދާނެ ކަމަށެވެ.

ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސް ކަމަށް ވެސް އެންމެ ފަހުން ހޮވުނީ އެއްވެސް މީހަކު ނުލާތީ އިއްތިފާގުން ހޮވުނު ރައީސެއް ކަމަށާއި މިފަދަ ކަންކަން ތަކުރާރު ވާނަމަ ޕާޓީތަކުގެ ސައްހަކަން ގެއްލިގެން ދާނެ ކަމަށް ސަނީފް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ މި މަޖިލީހުން މިއަށް ގޮތެއް ނިންމާ ރިޝްވަތުގެ ކަޅި ފައިސާގައި ޖެހޭ މީހުން، ހަގީގީ މީހުން އިނގޭ ގޮތަށް މިކަން ނިންމައިދިނުން،" ސަނީފް

އެމްޑީޕީން ހުށަހެޅި އެންޓި-ޑިފެކްޝަން ބިލަށް ފާޑުވިދާޅުވެ ސަނީފް ވިދާޅުވީ، 18 ވަނަ މަޖިލީހުން ހެދި އެންޓި-ޑިފެކްޝަން ގާނޫނު އެމްޑީޕީން ވެރިކަމަށް އައުމަށް ފަހު އުވާލީ އަމިއްލަ މަންފާ އަށް ކަމަށެވެ.

"އަމިއްލަ ބޭނުމަށްޓަކައި ސިޔާސީ ބާރުވެރިކަން ހޯދުމަށްޓަކައި އަޅުގަނޑުމެން ޕާޓީ ވެރިކަމަށް އައިސްފައި ހެދި ގޮތަކީ ފުރަތަމަ ވެސް އެ ގާނޫނު އުވާލީ. އެ ގާނޫނު އުވާލަކަށް ނުޖެހޭ، އެ ގާނޫނު އުވާލާކަށް ނުޖެހޭ. އެ ގާނޫނަކީ ހަރުދަނާ ކުރަން ޖެހޭ ގާނޫނެއް،"ސަނީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގައި މިއަދާ ހަމައަށް ހުރީ ވަރަށް ސާބިތުކަމާއެކު ކަމަށާއި އޭގެ ބަދަލުގައި ލިބުނީ ދޮގު ތުހުމަތެއް ކަމަށެވެ.

"ވަޒީރުން ހޮވި ރުހުން ދިން ވޯޓުގައި އެމްޑީޕީ މެންބަރުން ރިޝްވަތު ނަގައިގެން ރުހުން ދިން އިރު، އަދި އެ ވޯޓަށް ފިލިއިރުގައި މިއާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދެއްކި އެއްވެސް ލީޑަރެއް ނެތް. މިއާ އެއްކޮށް ޕާޓީ ވިއްސި ވިހާލިވެ ޕާޓީ ދެކަފި ވެގެން ދިޔައިރުގައި އަޅުގަނޑުމެން ތްރީލައިން ވިޕް ނޫން ވިޕަށް ވޯޓު ނުދިނީމާ އަޅުގަނޑުމެންގެ ވާހަކަ ދެއްކީމާ މިއީ ލަދުވެތި ކަމެއް،" އެ ވޯޓުގައި ބައިވެރިވަޑައިނުގަންނަވާ ސަނީފް ވިދާޅުވި އެވެ.

ވަޒީރުންނަށް ރުހުން ދިން ދުވަހު ރިޝްވަތު ނެގި މީހުންގެ ވާހަކަ ނުދައްކާ، ޕާޓީގެ ލީޑާޝިޕުން އަޑީގައި އޮވެ އޭނާ ބަދުނާމު ކުރުން ކުށްވެރިކުރާ ކަމަށް ސަނީފް ވިދާޅުވި އެވެ. އޭނާ ވަނީ އެ ވާހަކަތައް ދައްކާފައިވަނީ އެމްޑީޕީގެ ރައީސް ޝާހިދު ހިންގާ ނޫހަކުން ކަމަށް ތުހުމަތު ކޮށްފަ އެވެ.

އަޅުގަނޑުމެން ތްރީލައިން ވިޕް ނޫން ވިޕަށް ވޯޓު ނުދިނީމާ އަޅުގަނޑުމެންގެ ވާހަކަ ދެއްކީމާ މިއީ ލަދުވެތި ކަމެއް: ސަނީފް

ޝާހިދަށް ތުހުމަތުތައް އަމާޒުކުރަން ފެށުމުން މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވަނީ ބަހުސްގައި ވާހަކަދައްކަވާއިރު ޖަވާބުދާރީ ވެވެން ނެތް ބޭފުޅުން ފާހަގަ ނުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

ސަނީފް ވިދާޅުވީ، މި ބިލު ގާނޫނަކަށް ވެގެން އަންނައިރު ޕާޓީތައް ހަރުދަނާ ނުވެ އޮތް ނަމަ، ލީޑަޝިޕުން "މެންބަރުންނަށް ކޮންމެ ގޮތެއް ވެސް ހަދައިފާނެ" ކަމަށެވެ.

"އަޅުގަނޑު އެދެނީ މި މަޖިލީހުން މިއަށް ގޮތެއް ނިންމައި ރިޝްވަތުގެ ކަޅި ފައިސާގައި ޖެހޭ މީހުން، ހަގީގީ މީހުން އިނގޭ ގޮތަށް މިކަން ނިންމައިދިނުން،" ނިންމާލަމުން ސަނީފް ވިދާޅުވި އެވެ.

އެމްޑީޕީން ރުހުން ނުދޭން ނިންމި ބައެއް ވަޒީރުންނަށް ރުހުން ލިބިފައިވަނީ ކުޑަ ތަފާތަކުންނެވެ.

ސަނީފްގެ ފާޑުކިޔުން ޝާހިދަށް އަމާޒުވިއިރު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަނީފް މިހާރު ތަމްސީލް ކުރައްވާ ދާއިރާ އަށް އެމްޑީޕީން ވާދަކުރައްވަނީ ޝާހިދާ ގާތް ގުޅުމެއް އޮންނަ ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް ޒިފްލީނާ ހަސަނެވެ.