13 މާޗް 2024
އަޑެއް ބަޑެއް, މީހެއްގެ ހިލަމެއް ނެތެވެ. ހެނދުނުގެ އެންމެ ހަލަބޮލި ވަގުތު, ރަށަށް އަރައި ހިނގާލި އިރު އިހްސާސްވީ ފަޅުކަމެވެ. އަތިރިމަތީގެ ހޮޅުއަށިތައް ހުރީ ހުހަށެވެ. މީހުން އުޅޭ ސަރަހައްދާ ހަމައަށް ދެވުނު އިރު ވެސް ހިމޭންކަމެވެ.
އަޑެއް ބަޑެއް, މީހެއްގެ ހިލަމެއް ނެތެވެ. ހެނދުނުގެ އެންމެ ހަލަބޮލި ވަގުތު, ރަށަށް އަރައި ހިނގާލި އިރު އިހްސާސްވީ ފަޅުކަމެވެ. އަތިރިމަތީގެ ހޮޅުއަށިތައް ހުރީ ހުހަށެވެ. މީހުން އުޅޭ ސަރަހައްދާ ހަމައަށް ދެވުނު އިރު ވެސް ހިމޭންކަމެވެ.
ގާމަތި މި ރަށާ ރާއްޖޭގެ އެހެން ރަށްތަކާ ހުރި ތަފާތަކީ ގެތައް ހުރި ގޮތެވެ. މިއާދެވުނީ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ އެންމެ ކުރީ ޒަމާނުގެ ދިރިއުޅުމުގެ ތެރެއަށެވެ. އެ ގެތަކާއި އިހުގެ ދިރިއުޅުން ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ށ. ނޫމަރާގައި މިހިރީ ހަމަލޮލަށް ފެންނާށެވެ.
ނޫމަރާގެ ގެއެއް: ގިނަ ގެތައް ހުރީ ތެޅިގަލުން މިގޮތަށް އިމާރާތްކުރި ގޮތަށް ބަަހައްޓާފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މަގުތަކުގެ ދެ ފަރާތުގައި ހުރީ ތެޅިގަލުން ރާނާފައި ހުރި އެންމެ ކުރީ ޒަމާނުގެ ގެތަކެވެ. އޭގެތެރޭގައި މި ރަށަށް އުފަންވެ ބައިގަރުނުވީ މީހުންގެ ހަނދާން ހުންނަން ފެށީއްސުރެން މާކުރީގެ އިމާރާތްތައް ވެސް އެބަހުއްޓެވެ. ބައެއް ގެތަކުގެ ބޭރުގައި ބަރިބަރިއަށް ފަންގި ބޮޑިތައް ބަހައްޓާފައި ހުއްޓެވެ. ގެ އާއި ބަދިގެ ވަކިން ރާނައި ކަޅުކުލަ އަރާފައިވާ ގިނަ އިމާރާތްތަކެވެ. ސިމެންތި ޖަހައި ޒަމާނީ, ރަނގަޅު ފެންވަރަކަށް ހަދާފައިވާ ގެތައް މަދެވެ.
ނޫމަރާގައި މީހުން ދިރިއުޅޭ ގެއެއްގެ ބޭރުގައި ތެލިތައް ބަހައްޓާފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"އަޅުގަނޑަށް އިއްޔެ 51 އަހަރު މި ފުރުނީ. މިއީ އަޅުގަނޑުމެން ދުނިޔެއަށް އުފަންވުމުގެ ވެސް މާކުރީގެ ތަންތަން. ތި ގެ ވެސް ތިތަނުގައި ނެތް ހަނދާނެއް އަޅުގަނޑު ނެތް," ދެތިން ހަތަރު ގެއެއް ދައްކަމުން މި ރަށު މީހަކު ބުންޏެވެ.
ނޫމަރާގައި މީހުން ދިރިއުޅޭ ގެއެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ސިމެންތި ޖަހައި ކުލަލައި ދިރިއުޅެން ރީތިކޮށް ހަދާފައި ހުރީ ވެސް ގިނައިން އާ އިމާރާތްތަކުގައެއް ނޫނެވެ. ކުރީ ޒަމާނުގެ ގެތައް ބަދަލުކޮށްލައިގެންނެވެ. މި ރަށުގެ ކައުންސިލް އިދާރާ ވެސް ހިންގަނީ އެންމެ ކުރީ ޒަމާނުގެ ގާތްގަނޑަކަށް 45 އަހަރުވީ އިމާރާތެއްގަ އެވެ. ފުރާޅު ތިރިކޮށް ހަދާފައިވާ އެ އިމާރާތް ހުރީ ބާވެ, ބޮލަށް ވެއްޓެން ގާތްވެފަ އެވެ.
އެކަމަކު ހިންގުމުގެ ދާއިރާ އިން 2022 ވަނަ އަހަރުގެ އެއް ވަނަ ކައުންސިލްގެ މަގާމު ހޯދީ މި އިމާރާތުގެ ތެރޭގައި ކުރި މަސައްކަތުންނެވެ.
ނޫމަރާގެ ކައުންސިލް އިދާރާ: މި އިމާރާތަކީ ވެސް މިހާރު ގާތްގަނޑަކަށް 45 އަހަރުވެފައިވާ ތަނެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ނޫމަރާއަށް މާދަމާ ދާންވާނެއޭ ބުނެ ނުނިމެނީސް އެތަނުގައި އެއްވެސް ކަމެއް ނޯންނާއޭ ބުނެ މި ރަށަށް ނާރަންވީ ސަބަބުތައް ށ. ކަނޑިތީމުން "މިހާރު"ގެ ޓީމާ ހަވާލުވެ ހުރި ޒުވާނާ ދެއްކި އެވެ. މަޑުކޮށްލާނެ ގެސްޓްހައުސްއެއް, ރަނގަޅު ރެސްޓޯރެންޓެއް ނުހުންނާނެއޭ ބުނެ އޭނާގެ ފޫހި ތަޖުރިބާ އިން އަހަރެމެންގެ ވިސްނުން ބަދަލުވާ ވަރު ކުރީ ކީއްވެކަން ރަށު ތެރެއިން ފެނެ އެވެ.
އެކަމަކު އަހަރެމެން އައި ބޭނުމަށް މީ ހަމަ ސަތޭކައިގެ ރަށެކެވެ. ފޮޓޯގްރާފަރު ފަޔާޒް މޫސާ އާއި ވީޑިއޯގްރާފަރު އަމާނީ އަބްދުﷲ އަދި ނޫސްވެރިޔާ އިފްރާޒް އަލީ ބުނި ގޮތުގައި މިހާތަނަށް ދަތުރުކުރި އެއްވެސް ރަށަކުން ކުރީ ޒަމާނުގެ މި ތަޖުރިބާ ނުކުރެވެ އެވެ. އެ މީހުންގެ ދަތުރުކުރި ރަށްތަކުގެ ލިސްޓުގެ އެންމެ ތަފާތު އެއް ރަށުގެ ގޮތުގައި އޮތީ ނޫމަރާ އެވެ.
ރާއްޖޭގެ އާބާދީ މަދު ލިސްޓުގައި ހިމެނޭ އަދި ށ. އަތޮޅުގެ އެންމެ އާބާދީ މަދު ނޫމަރާގައި ދިރިއުޅޭ އާބާދީއަކީ ގާތްގަނޑަކަށް 300 އެވެ. އެކަމަކު ރަޖިސްޓްރީގައި 500 މީހުން ތިބެ އެވެ.
ނޫމަރާ: މި ރަށުގެ ގެތަކުން ސިފަވަނީ އެންމެ ކުރީ ޒަމާނުގެ ހަނދާންތައް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފުރޮޅުލީ ބައިސްކަލެއްގައި ދިޔަ މީހެއްގެ ގާތު މި ރަށުގެ މައުލޫމާތުކޮޅެއް ދޭން އެދުމުން ދެކޮޅު ހެދި އެވެ.
"އަހަރެން އެކައްޗެއް ވެސް ކިޔައެއް ނުދޭނަން. ތިޔަގޮތަށް މިރަށަށް އައިސް މައުލޫމާތު ހޯދައިގެންދޭ. އާރުލާ ގޮތެއް ނުވޭ ތިޔައިން އެއްވެސް ވާހަކައެއްގައި ވެސް. މާލޭގައި ތިތިބަ މުއްސަނދިވެފައި ތިބި އެންމެން މުއްސަނދިވެފައި ތިބީ މި ރަށުން އެއްޗެހި ގަނެގެން," މިހެން ބުނެ ހިނިގަނޑެއް ޖަހާލާފައި ބައިސްކަލް ދުއްވާލައިފި އެވެ.
އޭނާގެ ރާގު ހުރި ގޮތަށް ބަލާއިރު ތަރައްގީ އާއި ކުރިއެރުމުން މި ރަށް މަހްރޫމްވެފައި އޮތަސް މި ރަށުގެ ސާދާ ދިރިއުޅުން އޭނާއަށް އުފާވެރި އެވެ. ރަނގަޅު ގޮތެއް ދެން ވެދާނެ ކަމަށް ހިތައި ކުރާނެ މާބޮޑު ޝަކުވާއެއް ނެތެވެ.
ކައުންސިލް އިދާރާ ފަސްދެވުނު އިރު އާދެވިފައި ތިބީ ބަނދަރާ ހިސާބުން ރަށުގެ އެންމެ ކޮޅަށެވެ. ކަނޑުގެ ބިޔަ ރާޅުތައް ފެންނަ އެ ސަރަހައްދުގެ އައްޓެއްގައި, ބޯމަތީގައި އަތް ބާއްވައިގެން އޮށޯވެ އޮތް މުސްކުޅި ފިރިހެންމީހާ އޮތީ ފިކުރުތަކުގެ ތެރެއަށް ގެއްލިފަ އެވެ.
މޫސާ ހުސެއިން ހޮޅުއަށީގައި ޖައްސާލައިގެން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އޭނާގެ ގާތަށް މަޑުކޮށްލާފައި ބޭބެ ކިހިނެއްހޭ އެހުމުން ވަރަށް ކުރުކޮށް ރަނގަޅޭ ބުނެ ނިންމާލީ އެވެ. އިރުކޮޅެއް ފަހުން އަހަރެމެން މި އައި ބޭނުން ކިޔައިދިނުމުން ވިސްނަން އޮވެފައި "މި ރަށުގައި އަހަރެމެން މިއުޅެނީ ވަރަށް ހިތްހަމަޖެހިގެންނޭ" ބުންޏެވެ.
މިއީ އުއްމީދެއް ނެތް ރަށެއްގެ ގޮތަށް އަހަރެމެންނަށް ސިފަކޮށްދީފައި އޮތް ގޮތް މޫސާ ހުސެއިން 90, އަށް ކަމުނުދިޔައީ އެވެ. އޭނާގެ ބަހުން ނަމަ ދިރިއުޅެން ނޫމަރާއަށް ވުރެން ތަނަވަސް ހިތްފަސޭހަ, އަމާން އެހެން ރަށެއް މި ރާއްޖެއަކުން ވަކި ނުދެއްކޭނެ އެވެ.
ކުރީ ޒަމާނުގެ ގެތައް މި ރަށުން ފެނުމަކީ ރައްޔިތުންނާ މެދު ސަރުކާރުތަކުން ވެފައިވާ ވަރަށް ބޮޑު "އިހުމާލެއް" ކަމަށް ބުންޏެވެ.
މޫސާ ހުސެއިން އޭނާގެ ގެ "މިހާރު"ގެ ނޫސްވެރިންނަށް ދައްކާލަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އޭނާގެ ބަހުން ނަމަ ކާއްޓާއި މަހާއި ކަށިކޭލާއި ފަލަމަޑީގެ ބާވަތްތައް ބޭނުންވަރަކަށް ލިބޭ މި ރަށަކީ އެންމެ މުއްސަނދި އެއް ރަށެވެ. މަދު މީހުންކޮޅެއް ތިބެފައި, ށ. އަތޮޅުގެ އާބާދީ ބޮޑު ރަށްތަކަށް ކާބޯތަކެތި ފޮނުވައި ހެދީ ވެސް މި ރަށުން ކަމަށް ފަޚުރުވެރިކަމާ އެކު ބުންޏެވެ.
"ދެވަނަ ބޮޑު ހަނގުރާމައިގައި މުޅި ރާއްޖެ ބަނޑަށް ޖެހިގެން ތިބިއިރު ވެސް މި ރަށް ނުޖެހޭ. ބަނބުކޭލާއި ކަށިކޭލާ ބޭނުން ވަރަކަށް ނެރެވުނު. ރުއް އަރާ ރައިވެރިން ތިބޭ. ހަކުރު އޮވޭ ބޭނުން ވަރަކަށް. މަސްވެރިންނަށް މަސް ލިބޭ. 28 ދޯނި ވަދާ ދާނެ. ބަނޑަށް ޖެހޭ ހާލަތަށް ނުދޭ,"
އޭނާ ދެކޭ ގޮތުގައި އެ ތަނަވަސްކަން އެހެން ރަށަކަށް ބަދަލުވެގެން ނުލިބޭ އެވެ.
އަނބިމީހާއާ އެކު އާއްމުކޮށް ޖެހި ލަވަތަކުގެ ކެސެޓް ރޯލެއް ނަގަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ގެއަޅައިދޭނަމޭ ބުނި. އަޅާފައި ވެސް ދެއްކި. ހަމަ ނުދިޔައީ. ބޭނުން ނުވީ ދާން. ވަރަށް އުފާވޭ ނުދެވުނީތީ ވެސް. އަހަރެން ގެ އަޅާފައި ތިޔަ ހުރީ މިރަށުގައި. ލޯނެއް ނުނަގަން. އަހަރެމެންގެ ޒަމާނުގައި ގެދޮރު ނޭޅިގެން ސަރުކާރަކަށް ދާކަށް ނުޖެހޭ," މޫސާ ހުސެއިން ބުންޏެވެ.
އޭނާގެ ޒުވާން ދުވަސްވަރު އަމިއްލަ ދޯނިތައް ދުއްވި އެވެ. ކެޔޮޅެއްގެ ގޮތުގައި ހޭދަކުރީ ތަނަވަސް ދިރިއުޅުމެކެވެ.
ގޭގެ ކޮޓަރިއެއްގައި ހުރި އެނދެއްގައި މަޑުކޮށްލައިގެން: އޭނާގެ ދިރިއުޅުމުގެ ހުރިހާ ސާމާނެއް މި ގޭގައި ވަނީ ރައްކާކޮށްފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ ވާހަކަތަކަކީ ތެދެއްކަން ދައްކަން އަހަރެމެންނަށް ވެއްދީ އޭނާގެ ގެއަށެވެ. ބޮޑު އަށިލައި ތަނަވަސްކޮށް ހަދާފައިވާ ތިން ކޮޓަރީގެ އޭރާ އަޅާބަލާއިރު ބޮޑު ގެއެކެވެ. ބަދިގެ ހުރީ ގޭ ކުރިމަތީގައި ވަކިންނެވެ. އެތެރެ އާއި ބޭރު ވެސް ހުރީ ތެޅި ގަލުންނެވެ. އެންމެ އިހުގެ ގޮތަށް ފާނޫޒުތައް އެލުވައި ފަހާ ފޮއްޓާއި ކެސެޓު ރޯލުތަކާއި ރޭޑިއޯ އާއި ބަނޑިޔަލާއި އަލިފާން އިސްތިރި ފަދަ ހުރިހާ ސާމާނެއް ވެސް އެ ގޭތެރޭގައި ތަރުތީބުން ހުއްޓެވެ.
މޫސާ ހުސެއިންގެ ގޭގެ އެތެރެ ދައްކާލަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެވާލާ ދިރިއުޅުން ފެންނާނެ މައުޒަރެއްގައި ބަހައްޓާނެ ހުރިހާ ސާމާނެއް އެ ގޭތެރޭގައި ހުއްޓެވެ.
އޭނާ ބުނި ގޮތުގައި ކުޑައިރު މާލޭގައި ވަޒީފާ އަދާކުރުމަށް ފަހު އުމުރުން 17 އަހަރުގައި ކައިވެންޏަށް ނޫމަރާއަށް އައި ގޮތަށް ދިރިއުޅުން އޮތީ މި ރަށުގަ އެވެ. އަތޮޅުން އަންނަ މެހްމާނުންނަށް ހާއްސަކޮށްގެން ބޮޑެތި ކެއުންތަކާއި އެއްވުންތައް މި ގޭގައި ބޭއްވި ހަނދާންތައް ތާޒާކަމާ އެކު ހުރެ އެވެ.
އަނބިމީހާ ނިޔާވުމުން މި ގޭގައި އެކަނި ނިދަން ހަ ދަރިންގެ ހުއްދައެއް ނޯވެ އެވެ. އެހެންވެ ހެނދުނު އަންނަ ގޮތަށް ދުވާލު އެއްކޮށް ހޭދަކުރަނީ ކުރީގެ ހަނދާންތަކުގެ ތެރޭގައި މި ގޭގެ އެވެ. އަނބިމީހާގެ ހުރިހާ ސާމާނަކާއި ދިރިއުޅުން ފަށައިގެން ދެމަފިރިން ހޯދި ތަކެތި ވެސް ހުރި ގޮތަށް ގޭތެރޭގައި ބަހައްޓާފައި ހުއްޓެވެ.
އަނބިމީހާގެ ހެނދުންތައް ވެސް ހުރީ ރީތިކޮށް ފަތްޖަހައި ބޮޑު ފޮށީ ތެރެއަށް ލައި ފޮރުވައިފަ އެވެ. ފޮށިމަތިން ހިރަފުސް ފޮޅައި ހުޅުވައި އަހަރެމެންނަށް ދައްކަމުން ބުނީ އެ ހެދުންތައް ދޭން އެހެން މީހަކު ނުވި ކަމަށެވެ.
މޫސާ ހުސެއިންގެ ގެ: ބަދިގެ އާއި ގެ ހުރީ އޭރުގެ ގޮތަށް ވަކިން ހަދާފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި ރަށުގެ ބައެއް މީހުން ކިޔައިދިން ގޮތުގައި ގެތައް ނުހަދައި ހުރީ މީހުން ބާލަން އަބަދުވެސް ކިޔާތީ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ކުރީކޮޅުން ފެށިގެން ވެސް ރައްޔިތުންނަށް އިވިފައި އޮތީ އެއް ބަޔަކު ނުރުހުނަސް އަބާދީ ބޮޑު ރަށަކަށް މީހުން ބަދަލުކުރާނެ ކަމެވެ. މުސްތަގުބަލެއް ނެތް ކަމަށް ދުށް ރަށެއްގައި ރަނގަޅު ފެންވަރަކަށް ގެތައް ހަދަން މީހުން ފަސްޖެހުނީ އެވެ.
"މީހުން ބަދަލުކުރަން އެ އަޑެއް އަބަދުވެސް ކިޔަނީ. އެހެން ކިޔާކިޔާ މިއަދާ ހަމައަށް ވެސް އެގޮތަށް ކިޔާ. ދެ ހަރަދުކުރަން ބޭނުން ނުވާތީ މި ޒަމާނުގެ ފެންވަރަށް ގެދޮރު މީހުން ބިނާ ނުކުރީ. އެއީ މީހުންނަށް ނުވާތީއެއް ނޫން. ރިސޯޓްތަކަށް ގޮސް ރުފިޔާ ވެސް އެބަހޯދާ. އެހެން ކިޔާތީ ތިބީމަ މި ރަށް މިގޮތަށް ހަޑިވެފައި އޮންނަނީ." މެދު އުމުރުގެ މީހަކު ބުންޏެވެ.
ނޫމަރާގެ ގެއެއް. -- ފޮޓޯ: ފަޔާޒް މޫސާ
މި ރަށުގެ އެއް ބަޔަކު މި އަތޮޅު ފުނަދުއަށް ބަދަލުކުރި އެވެ. އޭރު ބައެއް މީހުން ނުދިޔައީ, އޭނާ ބުނި ގޮތުގައި ތިން ރަށެއްގެ މީހުން އެތަނަށް ބަދަލުކުރުމުން ހިތްހަމަނުޖެހުނީ އެވެ.
އޭނާ ބުނިގޮތުގައި ރަށުން ބަދަލުވާން ބޭނުމެވެ. އެކަމަކު އެކަން ކުރެވޭކަށް ވެސް ނެތެވެ.
ނޫމަރާ ކުދިންތަކެއް މޫދަށް އެރޭ ސަރަހައްދުގައި ކުޅެނީ: ގާމަތި ރަށަކަށް ވާތީ މި ރަށުގައި މޫދަށް އެރޭނެ ރަނގަޅު ބީޗެއް ނޯވޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ދާން ބޭނުންވާ ސަބަބަކީ މި ރަށް ތަރައްގީއެއް ނުވޭ. އަހަރެމެން ވެސް ތަރައްގީ ބޭނުންވޭ. އެކަމަކު މިހާރު އޮތް ބިރަކީ ކުރިން ބަދަލުވި މީހުންނަށް ކޮށްދިން ވަރެއް އަހަރެމެންނަކަށް ނުކޮށްދޭނެ ބަދަލުވިޔަސް. އެއަށް ވުރެން ރަނގަޅުތާ މިތާ ހަމަޖެހިގެން ތިބުން. މިވަގުތަށް ބޭނުންވާ ވަރަށް މިތަނުން ކަންކަންވޭ."
ރަށުގެ ލަފާފުރުމުގެ ދަތިކަމަކީ ވެސް މި ރަށް ތަރައްގީ ނުވެ އޮތް ސަބަބެކެވެ. ސިމެންތި އާއި ހިލަވެއްޔާއި ދަގަނޑު ރަށަށް ގެނައުމުގައި ގޮންޖެހުން ބޮޑެވެ. އުމްރާނީ ތަރައްގީގައި މި ރަށް އެންމެ ފަހަތުގައި އޮތް ސަބަބަކީ އެ އެވެ.
"ނެރުގެ މައްސަލައާ ހެދި އެއީ. ދޯންޏަކަށް ގުޅާލިޔަސް ބުނާނެ ތި ނޫމަރާ އެއްޗެއްސެއް ނުގެންދެވޭނެއޭ," އެކަކު ބުންޏެވެ.
ނޫމަރާގެ ގެއެއް: މިއީ ހިމޭން، ޖަޒީރާވަންތަ ރަށެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި ރަށުގެ ނެރަށް ބޯޓާއި ދޯނި ފަހަރު އަރައި ބިރުވެރި އެތައް ހާދިސާއެއް ހިނގި އެވެ.
ތަރައްގީ އާއި ކުރިއެރުމާއި ވަސީލަތްތައް މި ރަށުން ވެސް ބޭނުމެވެ. އެކަމަކު އާބާދީ މަދުވުމުން އެއީ މި ރަށުގެ ނަސީބުގައި ހުރި ކަމެއް ނޫނެވެ. ސަރުކާރުތަކަށް ވެސް އަޅާނުލެވިފައި އޮތީ ރާއްޖޭގެ ރަށްތައް އޮންނަ ގޮތުން މިއަށް ވުރެން ބޮޑެތި އާބާދީތައް ވެސް ކުރިއަރުވަން ޖެހިފައިވާތީ އެވެ.
ނޫމަރާގެ ގެއެއް: މި ރަށުގެ. ގިނަ ގެތައް ހުރީ މިގޮތަށް އެޅި ގަލުން ރޭނި ގޮތަށް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރަށުގައި ތިބެން ގިނަ ބަޔަކު ބޭނުން ވިޔަސް ދަރިންގެ ތައުލީމާއި ސިއްހީ ކަންކަމުގައި އުފުލަން ޖެހޭ ތަކުލީފަށް ބަލައި ބަދަލުވާން ބޭނުންވެފައި ތިބި އާއިލާތައް ވެސް އެބަތިއްބެވެ. އެކަމަކު އެ މީހުންގެ ހުށަހެޅުމަކީ މި އަތޮޅުގެ ރަށަކަށް ބަދަލުކޮށްދިނުމެއް ނޫނެވެ. މާލެ ސަރަހައްދުން ޖާގަ ހޯދައިދިނުމެވެ. ގެދޮރު ދައްކައި ދިރިއުޅެން ފެށޭވަރު ކޮށްދިނުމެވެ.
"އަބަދު މާލޭގައި ތިބެން ޖެހެނީ ކާފަ ދެ ދަރިން ގޮވައިގެން. ދުވަސް ނުފުރާ ވިހެއީމަ އެ ދެ ކުދިންނަށް ބޭނުންވާ ފަރުވާއަށް ދާން ޖެހޭ. ތިން މަސް ވަންދެންވެސް ތިބެން ޖެހޭ. ހަރަދަށް މަހެއްގެ މައްޗަށް 10,000 އެބަދޭ އެންމެ ކުޑަކޮށް ބެލިޔަސް. އެހެންވީމަ މި ރަށުގައި މިހެން ތިބެން އުނދަގޫ. ޗާންސެއް ލިބިއްޖިއްޔާ އެންމެ ފުރަތަމަ ބަދަލުވާ މީހުންގެ ތެރޭގައި ހިމެނޭނެ," އެކަކު ބުންޏެވެ.
"މި ރަށުން މީހުން ބަދަލުވި އިރު މަންމަ އާއި ބައްޕަ ތިބި ދުނިޔޭގައި. މަންމަ ވަރަށް ނުރުހޭ ދާން. އެހެންވެ ނުދެވި ތިބީ. އެގޮތަށް ނުވިސްނި އެހެންވުމުން އަހަރެމެންގެ މުސްތަބަލް ގެއްލުނީ ހަގީގަތުގައި. ވަޒީފާ އާއި އެހެނިހެން ހިދުމަތް ހުރި ތަންތަނަކީ މުސްތަގުބަލަކީ. މިއަދު މިތިބީ އެ ފުރުސަތު ނުލިބިފައި."
ނޫމަރާގެ ގެއެއް: މި ރަށުގައި މިހާރު ބަނދަރު ހަދާފައި އޮތަސް ލަފާފުރުމުގެ ދަތިކަަމަކީ ކުރިން ވަރަށް ބޮޑު މައްސަލައެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރަށުން ބަދަލުވާން އެއް ބަޔަކު ތާއީދުކުރި އިރު އަނެއް ބަޔަކު ނުރުހުނީ އެވެ.
މި ވާހަކަ ދައްކާ މީހުންނަށް މިއީ ހަގީގަތަކަށް ވެދާނެ ހުވަފެނެއް ނޫން ކަން ވެސް އެނގެ އެވެ. އެހެންވިޔަސް ބަދަލުވާން އެ މީހުންގެ ޝަރުތަކީ މި އެވެ.
ދެން ތިބީ މާލެ ސަރަހައްދަށް ވެސް ބަދަލުނުވާން އަޒުމް ކަނޑައަޅައިގެން ތިބި ބައެކެވެ. އެ މީހުންގެ ފަހު ނޭވާ ވެސް ދޫކޮށްލަން ބޭނުމީ މި ރަށަށެވެ. އޭގެ ތެރެއިން އެކަކީ އޭނާގެ ދިރިއުޅުން އަހަރެމެންނަށް ހުޅުވާލި މޫސާ ހުސެއިންނެވެ.
މޫސާ ހުސެއިން ހޮޅުއަށީގައި އިށީނދެލައިގެން: އެންމެން ބަދަލުވިޔަސް އޭނާ މި ރަށުން ބަދަލުވާން ބޭނުމެއް ނުވޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ނުދާނަން, ނުދާނަން, ދާނެ އެހެން އެއްވެސް ތަނެއް މި ބިން ދޫކޮށްލާފައި ނޯންނާނެ. މަރުވެދާނީ އިރާދަކުރެއްވިއްޔާ މި ތަނުގައި," ރަށުން ބަދަލުވެދާނަންތޯ އެހުމުން ބުންޏެވެ.
ތަރައްގީ ނުވެ އޮތަސް، ނޫމަރާގެ ހިމޭންކަމާއި ޖަޒީރާވަންތަ ދިރިއުޅުން ހިތްގައިމެވެ. މިއީ މިފަދަ ދެވަނައެއް ނެތް ތަފާތު ރަށެކެވެ. ށ. އަތޮޅުގައި ޓޫރިޒަމް ފައްކާވަމުން އަންނައިރު އިހުގެ ދިރިއުޅުން ބަލާލަން ބޭނުންވާ ނަމަ އޮތީ ނޫމަރާ އެވެ. ރައްޔިތުންނަށް ރަނގަޅު ގޮތެއް ހޯދައިދީ، މި ރަށް މިގޮތުގައި ބޭއްވުމަކީ ކުރަން ހަމަ ރަނގަޅު ކަމެކެވެ.
ކޮންމެ ދުވަހަކު ދަތުރު ހަދާފައި ވަޒީފާއަށް
ހިރިލަންދޫ ފައިބަރު ލޯންޗުގެ ފްލީޓް ރާއްޖެ ހިފަނީ
ނަލަންދޫ: ގުދުރަތީ ފުރިހަމަ ކަމުގެ އަޖައިބެއް
ކަކުނި ކާން ދަތުރު ހަދައިގެން އަންނަންވީ ފުނަދުއަށް
ވަންދޫގެ މި އާއިލާގެ ނުރަކޮޅު ހަތަރު ޖީލަކަށް!
މަރޮށި ފަޅުވެދާނެ، އެންމެން ވެސް ބަދަލުވާން ބޭނުން
ގޮއިދޫ: ވަރަށް ހާއްސަ, މަދީ "ރަންބިސްއަޅާ ކުކުޅެއް"
ގެއްލުނީ އެއް ފައި، ހާލުގައިޖެއްސި ބަޔަކު ވެސް ނޭނގެ
ކަށިކޭލުގެ ފޮނި މީރުންކަން މާ ތަފާތު ގޮތަކަށް
ނިކަމެތި ދިރިއުޅުމަކުން ދިން ލޯބި: ބޭބޭފުޅުންގެ އާޔާ