Roadha Mihaaru
ނިކަމެތި ދިރިއުޅުމަކުން ދިން ލޯބި: ބޭބޭފުޅުންގެ އާޔާ

ނިކަމެތި ދިރިއުޅުމަކުން ދިން ލޯބި: ބޭބޭފުޅުންގެ އާޔާ

19 މާޗް 2024

ރޫޖެހިފައިވާ މޫނުމަތީގައި ހުރީ ހިނިތުންވުމެވެ. ވާހަކައިގައި ހިތް ހެޔޮކަމެވެ. މީހުން މަދު, ހިމޭން ނޫމަރާގެ އައްޓެއްގައި ވަރަށް ގަޔާވެގެން ރޯނު ވަށަން އިން ޝަރީފާ ހުސެއިން އަކީ މި ރަށުގައި ދިރިއުޅުން ވޭތުކުރި މީހެކޭ ހީވިޔަސް އޭނާގެ ހަޔާތުގެ ބޮޑު ބައި އޮތީ މާލޭގަ އެވެ. އެއީ ވަރަށް ގިނަ ބޭބޭފުޅުންގެ ދިރިއުޅުމުގެ ފަސޭހައަކަށް ވި ހީވާގި މީހެކެވެ.

ފަޒީނާ އަހުމަދު ށ. ނޫމަރާއިން ފަޒީނާ އަހުމަދު

ރޫޖެހިފައިވާ މޫނުމަތީގައި ހުރީ ހިނިތުންވުމެވެ. ވާހަކައިގައި ހިތް ހެޔޮކަމެވެ. މީހުން މަދު, ހިމޭން ނޫމަރާގެ އައްޓެއްގައި ވަރަށް ގަޔާވެގެން ރޯނު ވަށަން އިން ޝަރީފާ ހުސެއިން އަކީ މި ރަށުގައި ދިރިއުޅުން ވޭތުކުރި މީހެކޭ ހީވިޔަސް އޭނާގެ ހަޔާތުގެ ބޮޑު ބައި އޮތީ މާލޭގަ އެވެ. އެއީ ވަރަށް ގިނަ ބޭބޭފުޅުންގެ ދިރިއުޅުމުގެ ފަސޭހައަކަށް ވި ހީވާގި މީހެކެވެ.

މާލޭގެ ބޮޑެތި ބައެއް ގޭގެ ތުއްޕުޅުބޭފުޅުން ބެލެހެއްޓި އެ އާއިލާތަކުގެ ނަމުން ނަމަ, އާޔާ އެވެ.

ޝަރީފާގެ ހުސް ވަގުތުތައް މިހާރު ހޭދަކުރަނީ ރޯނު ވެށުމުގައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޝަރީފާގެ ހުސް ވަގުތުތައް މިހާރު ހޭދަކުރަނީ ރޯނު ވެށުމުގައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވަރަށް ކުޑައިރު މާލެ ބަދަލުވެ އުޅުނުއިރު، އާއްމުކޮށް ނުފެންނަ ވަރަށް ގިނަ މަންޒަރު ވެސް އޭނާއަށް ފެނި އަދިވެސް ހަނދާނުގައި ހުރެ އެވެ. ބައެއް ވާހަކަތައް ޝައުގުވެރިކަމާ އެކު "މިހާރު"އަށް ކިޔައިދިނެވެ.

ދިވެހި ރަސްކަމުގެ ތަޚުތުގައި އެންމެ ފަހުން ރެނދަލިކުރެވުނު ރަސްކަލުން އަލްއަމީރު މުހައްމަދު ފަރީދު ގަނޑުވަރު ތެރޭގައި އިންނެވި އިރު ވަރަށް ގާތުން ދެތިން ދުވަހަކު ފެނުމުގެ ނަސީބު އޭނާއަށް ލިބުނެވެ. ގަނޑުވަރަށް ދެވުނީ ވަރަށް އާދައިގެ މީހެއްގެ ގޮތުގަ އެވެ. އެހެންވެ ރަދުންނާ ވާހަކައެއް ނުދެއްކުނެވެ. އެކަމަކު ވެސް އޭރަށް ބަލާއިރު އެއީ ޝަރީފާއަށް ވަރަށް އުފާވެރި ހަނދާންތަކެކެވެ.

"ފެނުނީމަ އުފާވާނެއެއް ނު. އޭރު ރާއްޖޭގެ ރަސްގެފާނު ވިއްޔަ," އުމުރުން 80 އަހަރަށް އަޅާފައިވާ ޝަރީފާ ކިޔައިދިނެވެ.

"ގަނޑުވަރުގެ ފެންޑާކޮޅުގައި ހުންނަ ސޯފާއެއްގައި އޮށޯވެވަޑައިގެން ފަރީދު އޮންނަވާނީ. އަޅުގަނޑު އިންނަނީ ބޭރުގައި ބައިންދާފައި. އެހެންވިޔަސް އެ މީހުންނަށް [ބޭފުޅުންނަށް] ގެންނަ އެއްޗެއް އަޅުގަނޑަށް ވެސް ގެނެސްދޭނެ," އޭނާ ބުންޏެވެ.

ޝަރީފާ ގަނޑުވަރަށް ދަނީ ވެލިދޫގޭ އާމިނާދީ ވަޑައިގަންނަވާ އިރެވެ. އޭރު ޝަރީފާ ހުރީ އަތަމާގޭގަ އެވެ.

"ވެލިދޫގޭ އާމިނާދީ ވަޑައިގަންނަވާނެ ފާތުމައިދީ އަރިހަށް [އަތަމާގެއަށް]، އެއީ ދެބެން. ވަޑައިގެން ވިދާޅުވާނެ ކޮއްކޯ މިއަދު މީނަ ފޮނުވައްޗޭ އަޅުގަނޑާއެކު. އެގޮތަށް ދެވެނީ."

ޝަރީފާ: ދަރިންނާ އެކު އޭނާ މިހާރު ދިރިއުޅެނީ ނޫމަރާގައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޝަރީފާ: ދަރިންނާ އެކު އޭނާ މިހާރު ދިރިއުޅެނީ ނޫމަރާގައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފަރީދުގެ ވެރިކަން 1968 ގައި ނިމި ގަނޑުވަރުން ނުކުމެވަޑައިގެން އިބްރާހިމް ނާސިރު ވެރިކަމަށް އިސް ކުރި ހަނދާން ވެސް ޝަރީފާ ހުރެ އެވެ.

ގަނޑުވަރާއި މާލޭގެ ބޭބޭފުޅުން އަރިހުގައި އުޅެން ޝަރީފާއަށް މެދުވެރިވީ އެ އާއިލާގެ ނިކަމެތި ދިރިއުޅުމެވެ. ކުޑައިރު އުޅެން ޖެހުނީ ވަރަށް ހާލުގަ އެވެ.

ބައްޕަ ނިޔާވުމުން އެ އާއިލާގެ ހަތަރު އަންހެން ކުދިންގެ ޒިންމާ ނަގަން ޖެހުނީ މަންމައަށެވެ. އެހެން މީހެއްގެ އެހީއާ ނުލައި ކުދިންގެ ކަންކަން އެކަނި ކުރަން ޖެހުމުން މަންމައަށް އުނދަގޫތަކެއް ހުއްޓެވެ. ހަތަރު ކުދިންނަށް އަމިއްލައަށް އުޅެވޭވަރު ވުމާ އެކު މަންމައަށް މަޖުބޫރުވީ މާލެ ފޮނުވާށެވެ. ނިޔަތަކީ ކުދިންނަށް ރަނގަޅު ގޮތެއް ހޯދައިދިނުމެވެ.

ޝަރީފާއަށް ހަވާލުވި ކަމަކީ ބޭބޭފުޅުންގެ ތުއްޕުޅު ބޭފުޅުން ބެލުމެވެ.

އޭނާ އަކީ ތުއްޕުޅު އެތައް ބޭފުޅުންނެއްގެ އާޔާ އެވެ. ކުޑަކުދިން ދެކެ ލޯބިވާތީ އެއީ އޭނާ ވަރަށް ކުރާ ހިތުން ވެސް ކުރި ކަމެއް ކަމަށް ޝަރީފާ ބުންޏެވެ.

"ވަރަށް ގިނަ ގޭގޭގައި ބޭފުޅުން އަރިހުގައި ތުއްޕުޅު ބޭފުޅުން ބަލަން އަޅުގަނޑު އުޅުނިން."

އާއިލާތަކާއި ބައެއް ގެތަކުގެ ނަން އޭނާ ކިޔައިދިނެވެ.

"އަޅުގަނޑު ބެލިން އަތަމާގޭ ފާތުމައިދީގެ ބޭފުޅުން. ވެލިދޫގޭގެ ބޭފުޅުން. ނައީމާ އާއި ފަހުރިއްޔާ އާއި ވަރަށް ގިނަ ބޭފުޅުންގެ އަރިހުގައި އުޅުނިން. އެހެން ގޮސް ބޭފުޅުންގެ ބޭފުޅުންގެ އަރިހުގައި އުޅުނިން. ވަރަށް ގިނަ ބޮޑެތި ގޭގެއަށް ވެސް ދިޔައިން. ރަންކޮކާގެ އާއި ކަރަންގާކެ. މިހެން ގޮސް ކިޔައިދޭކަށް ވެސް މިހާރަކު ނޭނގޭނެ."

ޝަރީފާ ބުނި ގޮތުގައި ވަރަށް ގިނަ ބަޔަކު އޭނާ ދަންނާނެ އެވެ. ހައްވައިދީ އާއި ފާތުމައިދީ އާއި ތުއްތީދި އާއި ދޮންދީދީ އަކީ އޭނާއާ ގާތް ގުޅުމެއް ބޭއްވި ބޭފުޅުންނެވެ. އެކަމަކު އެއިން އެއްވެސް ބޭފުޅަކު ދުނިޔޭގައި މިހާރަކު ނެތެވެ.

ކޮލިގޭ އުމަރު މަނިކުގެ ދެމަފިރިންގެ އަރިހުގައި ވެސް ކުދިން ބަލަން އުޅުނެވެ.

"ވަރަށް ލޯބިން ދައްތަ ކުދިން ގެންގުޅުނީ. އެހެން އުޅެލާފައި ރަށަށް އަޔަސް ރޯވަރުން ކުދިން ނުބެލިގެން ސިޓީ ފޮނުވާނެ. އޭރު ފޯނު ހުންނަ އިރެއް ނޫން. އެއްފަހަރު ލިބުނު ސިޓީގައި އޮތީ ކުދިން ރޮނީއޭ. ރޭގަނޑު ހޭލިޔަސް ކުދިން ބުނަނީއޭ މަންމައެއް ނޫން, އާޔާއޭ. ނެގިޔަވެސް ނުދޭނެއޭ," ޝަރީފާ ކިޔައިދިނެވެ.

"އެގޮތަށް އަންނަން ވެސް ޖެހިފައި އެބަހުރި. އެހާވެސް ރަނގަޅު."

ޝަރީފާ މާލޭގައި ދިރިއުޅުނު އިރުގެ ހަނދާންތައް "މިހާރު"އަށް ކިޔައިދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޝަރީފާ މާލޭގައި ދިރިއުޅުނު އިރުގެ ހަނދާންތައް "މިހާރު"އަށް ކިޔައިދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭނާ ބުނި ގޮތުގައި ކޮލީގޭ ފާތުމާފުޅު އެއްފަހަރަކު އޭނާއަށް ފޮނުވި ސިޓީއެއްގައި ވެސް އެދިފައި އޮތީ ކިޔާނެ މުސާރައެއް ކިޔާފައި ކުދިން ގާތަށް އައިސް ދިނުމަށެވެ. ކުދިންނާ މެދު އޭނާގެ އޮންނަ ގާތް ގުޅުމާއި ކުދިންގެ ކަންކަމުގައި ތަރުތީބުކަމާއި ސާފުތާހިރުކަން އެންމެންނަށް ކަމުދަނީ އެވެ.

އެއް ގެއިން އަނެއް ގެއަށް އޭނާ ގެންދިޔަ ސަބަބަކީ ވެސް އެ އެވެ.

"އަޅުގަނޑު ކުދިން ބެލިހެން އެހާ ލޯބިން ސާފުތާހިރުކޮށް ނުބެލޭނެ. ހަތް އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި ބޭފުޅަކު ވެސް ވަޑައިގެން ވިދާޅުވީ އަޅުގަނޑު ދަރިން ބަލާލެއް ތަފާތުކަން ފެނޭ. އެހާވެސް ރަނގަޅަށޭ ކުދިންގެ ކަންތައް ކުރަނީ," ޝަރީފާ ކިޔައިދިނެވެ.

މިޒާޖު ހުންނަ ގޮތުން ވެސް އެއްވެސް ގެއެއްގައި އުޅެން އޭނާއަށް އުނދަގުލެއް ނޫނެވެ. އެންމެ އުފަލުގައި އުޅުނީ މުޝްތަރީގޭގަ އެވެ. މަނާ އެއްވެސް ކަމެއް, އޭނާއަކީ އެ އާއިލާއާ ތަފާތު މީހެއް ކަމުގެ އިހްސާސް އެއްގޮތަކަށް ވެސް ވިޔަ ނުދެ އެވެ.

"ވަރަށް ސަމާސާ ސަކަ ބައެއް އެއީ," ޝަރީފާ ބުންޏެވެ.

ފޮޓޯގްރާފަރު، ފޮޓޯ ނަގާތީ ވާހަކަ މެދުކަނޑާލި ހިނިގަނޑަކުން އެދުނީ އެހާ ގިނައިން އޭނާގެ ފޮޓޯ ނުނެގުމަށެވެ.

އޭނާގެ ފޮޓޯ ނަގަން ޖެހޭ ޒަމާން ހިނގައްޖެ ކަމަށް ބުނެ ފޮޓޯގްރާފަރާ ވާހަކަ ދައްކަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭނާގެ ފޮޓޯ ނަގަން ޖެހޭ ޒަމާން ހިނގައްޖެ ކަމަށް ބުނެ ފޮޓޯގްރާފަރާ ވާހަކަ ދައްކަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އުމުރުން މިހާ ދުވަސްވެ ސިފަ ގެއްލިފައި އިންދައި ފޮޓޯ ނަގާތީ ލަދު ގަންނަ ކަމަށް ބުންޏެވެ. އޭނާގެ ފޮޓޯ އެހާ ގިނައިން ނަގައި އުޅުނީ ޝަރީފާ ބުނި ގޮތުގައި ފިރިމީހާ ހަސަން އާދަމް އެވެ. ގިނަ މީހުން އޭނާ ދަންނަނީ ނޫމަރާ ދޮންބެ ނުވަތަ ހަސަންފުޅުގެ ނަމުންނެވެ.

އޭނާއާ ދިމާވީ ވެސް ބޭބޭފުޅުން ބަލަން ގޭގައި އުޅުނު އިރެވެ. ފުރަތަމަ ދިމާވާން ފެށީ ކޮލިގޭގެ ކާރު ދުއްވަން އުޅުނު އިރެވެ. ރަސްގެފާނު ފަރީދު އަރިހުގައި ގަނޑުވަރުގައި އަރިހު ބޭކަލެއްގެ ގޮތުގައި ވެސް އުޅުނު ކަމަށް ޝަރީފާ ބުންޏެވެ. އެކަމަކު ފިރިމީހާ އެންމެ ފުރަތަމަ މަސައްކަތް ކުރީ ސިފައިންގެ ތެރޭގަ އެވެ. ކައިވެންޏަށް ފަހު ބޯޓު ދަތުރުކުރަން އުޅުނެވެ. ފަހުން ރިސޯޓްތަކުގައި ވެސް މަސައްކަތް ކުރި އެވެ.

ކުރިން މީހަކާ އިނދެ ދެ ދެރިން ލިބިފައި ވަނިކޮށް ޝަރީފާގެ އަލަތު ކައިވެނި ނޫމަރާ ދޮންބެއާ ކުރީ އުމުރުން 14 އަހަރުގަ އެވެ. ދެ މީހުންގެ ފުރަތަމަ ދަރިފުޅު ލިބުނީ ދެ އަހަރު ފަހުންނެވެ. ތިން އަންހެން ކުދިންނާއި ދެ ފިރިހެން ކުދިން ލިބުނަސް ދުނިޔޭގައި ތިބީ އަންހެން ކުދިން އެކަންޏެވެ.

ކައިވެންޏަށް ފަހު ވެސް ޝަރީފާ ދިރިއުޅުނީ މާލޭގަ އެވެ. އެނބުރި ރަށަށް ދިޔައީ ފިރިމީހާ ރިސޯޓުގައި ވަޒީފާ އަދާކުރަން ޖެހި މާލޭގައި ތަންތަން ކުއްޔަށް ހިފައިގެން އުޅުން ދެމަފިރިންނަށް އުނދަގޫވުމުންނެވެ.

ވަކި ހިސާބަކުން ފިރިމީހާގެ ސިއްހީ ހާލަތު ގޯސްވެ އެކަނި ނޫޅެވޭވަރު ވުމުން ރަށަށް ބަދަލުވީ އެވެ. މާގިނަ ދުވަހެއް ނުވެ އޭރު ކިޔާ ގޮތުން ނަމަ ވެއްޓޭ ބަލީގައި އޭނާ ނިޔާވީ އެވެ. ދަރިން ބަލައި ބޮޑު ކުރަން ޖެހުނީ އަމިއްލއަށް މަސައްކަތްކޮށްގެން އެކަންޏެވެ.

ފިރިމީހާ ނިޔާވި ފަހުން ގާތްގަނޑަކަށް 24 އަހަރެވެ.

"އިންނަން އަހާ އޭގެ ފަހުން ވެސް މީހުން. އެކަމަކު އޭނަގެ ހައްގުގައި މިގޮތަށް ދުނިޔެ ދޫކޮށްލަން ގަސްތުކުރީ. އެހާ ވެސް ރަނގަޅު އޭނަ."

ކުޑައިރު އުޅެން ޖެހުނު ނިކަމެތި ދިރިއުޅުމުން ޝަރީފާ އެހެން މީހުންނަށް ދިނީ ލޯތްބާއި އަޅާލުމެވެ. އިހްތިރާމެވެ. އޭނާގެ ފުށުން އެހެން މީހުންނަށް ދަސްވެފައި ހުންނާނީ ވެސް ރީތި އުޅުމާއި އަހުލާގު ކަމަށް ބުންޏެވެ. ވަގުތީ މި ދުނިޔޭގައި އެކަހަލަ ހެޔޮކަމެއް ބަޔަކަށް ކޮށްދެވުމަކީ, ޝަރީފާ ބުނިގޮތުގައި ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ޝަރީފާ މޫސާ: ވަރަށް ކުޑައިރު މާލެ ދާން ޖެހުނީ އެ އާއިލާގެ ހާލަތާ ހެދި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޝަރީފާ މޫސާ: ވަރަށް ކުޑައިރު މާލެ ދާން ޖެހުނީ އެ އާއިލާގެ ހާލަތާ ހެދި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެކަމަކު އެ ޒަމާނާ އަޅާބަލާއިރު މިހާރުގެ ކުދިން ބޮޑެތިކުރާ ގޮތާ މެދު އޭނާ ކަންބޮޑުވެ އެވެ. އޭނާގެ ތަޖުރިބާ އިން ދެކޭ ގޮތުގައި މި ފަހުން ކުދިންނާ މެދު ބައެއް މީހުން ދަނީ އިހުމާލުވަމުންނެވެ.

"ވަރަށް ސަކަރާތް. ކަމަކުނުދޭ ކުދިން ބަލާގޮތެއް. ކޭބަލް ޓީވީ އާއި ފޯނާއި ލެޕްޓޮޕާ 24 ގަޑިއިރު ދީގެން ބަލަހައްޓައިގެން ތިބެ ކުދިން ހަލާކުވެ އެދަނީ. އަޅުގަނޑުމެން އިރަކު އެކަހަލަ އެއްވެސް އެއްޗެއް ނުގެންގުޅެން. އަޅުގަނޑު ތަރުބިއްޔަތު ކުރި ކުދިން ދީނަށް ލޯބިކުރާނެ. ތިމާއަށް ވުރެން ބޮޑު މީހަކާ ދިމާލަށް އިސްވެ އެއްޗެއް ނުބުނާނެ. އަދަބު އިހްތިރާމްކުރަން އެނގޭނެ, ތިމާއާ ނުބެހޭ ކަންކަމާ ނުބެހޭނެ،" ޝަރީފާ ބުންޏެވެ.

މާލެއާ މާ ދުރުގައި 300 މީހުންގެ ތެރޭގައި ޝަރީފާގެ ހަޔާތުގެ ފަހު ދުވަސްތައް ހޭދަކުރަމުން އަޔަސް ހަޔާތުން ހުޅުވި ސޮފްހާތަކުގައި އޮތީ އޭނާގެ ހިތްހެޔޮކަމެވެ. އެއީ، އެހެން މީހުންނަށްޓަކައި މުއްސަނދި ހިތެކެވެ.