Roadha Mihaaru
ނޭނގޭ ކަމެއް ނުދެއްކޭނެ, ރަށުގައި މިހާރު ޗާޕްކުރަނީ

ކުރަން ނޭނގޭ ކަމެއް ނުދެއްކޭނެ, ރަށުގައި މިހާރު ޗާޕްކުރަނީ

02 އެޕްރީލް 2024

ގޭތެރެ އޮތީ ސާމާނުން ފުރިފަ އެވެ. ހަދަން ފަށާފައިވާ ގޭގެ ސިޓިން ރޫމާއި ކޮޓަރިތަކުން ފެންނަ ގޮތުގައި ހުސެއިން ފަހުމީގެ ދިރިއުޅުމުގައި އޮތީ ހުސް މަސައްކަތެވެ. ރޭނުމާއި ސިމެންތި ޖެހުމާއި ކަރަންޓް ވައިރިން އާއި އިލެކްޓްރޯނިކް އަދި އެލްމިނިއަމް އާއި ފައިބަރު މަސައްކަތަށް ބޭނުންވާ ތަކެއްޗެވެ. ޗާޕްކުރާ މެޝިނެއް ވެސް ހުއްޓެވެ. އޭގެ ކައިރީގައި ބަރިބަރި ޖަހާފައި ފޮތްތަކެއް ވެސް އަތުރާފައި ހުއްޓެވެ.

ފަޒީނާ އަހުމަދު ށ. މާއުނގޫދޫން ފަޒީނާ އަހުމަދު

ގޭތެރެ އޮތީ ސާމާނުން ފުރިފަ އެވެ. ހަދަން ފަށާފައިވާ ގޭގެ ސިޓިން ރޫމާއި ކޮޓަރިތަކުން ފެންނަ ގޮތުގައި ހުސެއިން ފަހުމީގެ ދިރިއުޅުމުގައި އޮތީ ހުސް މަސައްކަތެވެ. ރޭނުމާއި ސިމެންތި ޖެހުމާއި ކަރަންޓް ވައިރިން އާއި އިލެކްޓްރޯނިކް އަދި އެލްމިނިއަމް އާއި ފައިބަރު މަސައްކަތަށް ބޭނުންވާ ތަކެއްޗެވެ. ޗާޕްކުރާ މެޝިނެއް ވެސް ހުއްޓެވެ. އޭގެ ކައިރީގައި ބަރިބަރި ޖަހާފައި ފޮތްތަކެއް ވެސް އަތުރާފައި ހުއްޓެވެ.

އޭނާ ފޮތް ވެސް ޗާފްކުރަނީ އެވެ. އާދައިގެ ގޮތަކަށް ނޫނެވެ. އެ ފޮތްތަކަށް އިޝާރާތްކޮށްފައި އެއީ އެންމެ ފަހުން މާލެއިން ލިބުނު އޯޑަރު ކަމަށް ބުންޏެވެ.

މި ރަށުގައި ޗާޕްކޮށްގެން މާލެ ފޮނުވަނީހޭ ޔަގީންކޮށްލަން އެހުމުން ހިނިގަނޑެއް ޖަހާލާފައި ބުނީ އިހަށް ދުވަހު ވެސް 50,000 ފޮތް ނިންމައި މާލެ ފޮނުވައިފިން ކަމަށެވެ. އެ ހިސާބުން ޖެހުނީ ގަބޫލުކުރާށެވެ. މިއީ މަސައްކަތުގައި އާދަޔާ ޚިލާފު ވިސްނުމަކާއި ބުންވަރެއް ހުރި މީހެކެވެ.

ފަހުމީ ފޮތްތައް ޗާޕްކުރާ ގޮތް ދައްކާލަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފަހުމީ ފޮތްތައް ޗާޕްކުރާ ގޮތް ދައްކާލަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މާއުނގޫދޫގައި ވަރަށް ތަފާތު މަސައްކަތެއް ކުރާ މީހެއް ހުރިތޯ އެހުމުން ފަހުމީ ދެއްކިއިރު, ދުނިޔެމަތީގައި އޭނާ ނުކުރާ ކަމެއް ނެތެވެ. ކުރަން ނުދަންނަ ކަމެއް ވެސް ނޯވެ އެވެ. ޖެހޭ ކޮންމެ ކަމެއްގައި ހައްލު ހޯދައިދެ އެވެ. އޭނާގެ ތަފާތަކީ އެއީ އެވެ.

"ނުދެއްކޭނެ ކުރަން ނޭނގޭ ކަމެއް," މަޑުމައިތިރި މިޒާޖުގެ ފަހުމީ ބުންޏެވެ.

ދިރިއުޅުމުގައި ކުރަން ޖެހޭ ހުރިހާ ކަމަކަށް ފަރިތަ ފަހުމީ އެއްވެސް ކަމެއް ކުރަނީ ދަސްކޮށްގެން ނޫނެވެ. އޭގެތެރޭގައި އުޅެ ދަސްވަނީ އެވެ. ދުވަސްކޮޅަކު އެ މަސައްކަތްކޮށްލާއިރަށް އޭނާއަށް ވުރެން ވަކި މޮޅަށް, ރަނގަޅަށް ކުރާ އެހެން މީހަކު ނުހުރެ އެވެ. އެ ކަމެއް އޭނާއަށް ދަސްވާ މީހާއަށް ވުރެން ފަރިތަކޮށް ވެސް ކުރެ އެވެ.

ފަހުމީ ޕްރިންޓްކުރި ގަނޑުތަކެއް ތަރުތީބުކުރަނީ: މާލެ އިން ވަރަށް ގިނަ އޯޑަރުތައް ލިބޭ ކަމަށް އޭނާ ބުނި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފަހުމީ ޕްރިންޓްކުރި ގަނޑުތަކެއް ތަރުތީބުކުރަނީ: މާލެ އިން ވަރަށް ގިނަ އޯޑަރުތައް ލިބޭ ކަމަށް އޭނާ ބުނި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެލްމިނިއަމް މަސައްކަތް ކުރަން ހިތަށް އެރުމުން ފުރަތަމަ ގަތީ ސާމާނެވެ. އެކި އެއްޗެހި ހަދަމުން ގޮސް މިހާރު ދޮރާއި ދޮރުފަތްތައް ޖެހުމުގެ ތަޖުރިބާކާރަކަށް ވެއްޖެ އެވެ.

ފަހުމީ މިހާރު ރަށުގައި ދިރިއުޅުނަސް އޭނާ ކުރިން މަސައްކަތް ކުރީ މާލޭގަ އެވެ. ކޮންޓްރެކްޓަށް މަސައްކަތްތައް ނަގައިގެންނާއި އެކި ތަންތަނުގެ ވަޒީފާތަކުގައި 27 އަހަރު ހޭދަކުރި އެވެ. ރަށުގައި ހަރުލީ ކޮވިޑާ އެކު މީގެ ދެތިން އަހަރު ކުރިން ރަށަށް ބަދަލުވި ގޮތަށް އެނބުރި ދާ ހިތް ނުވުމުންނެވެ.

ފަހުމީ ބުނި ގޮތުގައި އެއްވެސް އިރެއްގައި އޭނާއަކީ ކަމެއް ނުކޮށް ދެއަތް އުރާލައިގެން ހުރެވޭ މީހެއް ނޫނެވެ. އަބަދުވެސް ކޮންމެވެސް ކަމެއްގެ ތެރޭގައި އުޅެ އެކަން އާދަވެއްޖެ އެވެ.

އާމްދަނީ ހޯދޭނެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ރޭނުމާއި ދޮރާއި ކަބަޑު ސެޓް ޖަހަން އެނގުމުގެ ފައިދާ ވެސް އޭނާއަށް ކުރި އެވެ.

ފަހުމީ: އޭނާ ބުނި ގޮތުގައި ކުރަން ނުދަންނަ އެއްވެސް ކަމެއް ނޯންނާނެ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފަހުމީ: އޭނާ ބުނި ގޮތުގައި ކުރަން ނުދަންނަ އެއްވެސް ކަމެއް ނޯންނާނެ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފަހުމީ ބުނި ގޮތުގައި މާލޭގެ ބައެއް އިމާރާތްތަކުގެ ފްލޯތައް އޭނާ ނިންމި އެވެ. ކޮންސްޓްރަކްޝަން މަސައްކަތްތަކުން ފެށިގެން އެތަނުގައި ދިރިއުޅެވޭވަރު ކުރާއިރު އިތުރު މީހެއްގެ އެހީ ހޯދަނީ ސާމާނުތައް މައްޗަށް އަރުވަން އެކަނި ކަމަށް ބުންޏެވެ.

"ދަސްކުރަނީ ކޮންމެ ކަމެއް ވެސް. ރާނަން ވެސް ދަސްކުރީ. މިގޭގައި އެހެން މީހަކު ބޭންދި އެންމެ ގާބުރިއެއް ވެސް ނީންނާނެ. އެކަނި ސިމެންތި ގަށައިގެން ރާނާ ސިމެންތި ޖަހައި ނިންމާލީ." ހަދަން ފަށައި އަދި ނުނިމި ހުރި ގެ ދައްކާލަމުން ބުންޏެވެ.

"ދަސްކުރަނީ ކޮންމެ ކަމެއް ވެސް. ރާނަން ވެސް ދަސްކުރީ. މިގޭގައި އެހެން މީހަކު ބޭންދި އެންމެ ގާބުރިއެއް ވެސް ނީންނާނެ. އެކަނި ސިމެންތި ގަށައިގެން ރާނާ ސިމެންތި ޖަހައި ނިންމާލީ." ހަދަން ފަށައި އަދި ނުނިމި ހުރި ގެ ދައްކާލަމުން ބުންޏެވެ.

އެ ގެ ނުނިންމައި ހުރީ ފަހުމީ ބުނި ގޮތުގައި ދަރިންނަށް ކިޔަވައިދޭން އަންހެނުން ރަށުން ބޭރުގައި އުޅޭތީ އެވެ.

ޗާޕް މެޝިންތައް މަރާމާތުކުރަން ހޯދަނީ ފަހުމީ

މި ވެސް އޭނާ ހާއްސަވާ ސަބަބެކެވެ; މާލޭގައި ޗާޕްކުރާ މެޝިންތަކުގައި ޖެހޭ މައްސަލަތައް ހައްލުކުރަން ބޮޑު އަގު ދީފައި ގެންދަނީ ފަހުމީ އެވެ. ދަތުރުގެ ހުރިހާ ހަރަދަކާއި މަރާމާތުގެ އަގު ދީފައި އޭނާ ގެންދަން ޖެހެނީ ކޮންމެވެސް ހައްލެއް ނެރެދޭނެކަން އެނގޭތީ އެވެ.

"ކިތަންމެ ބޮޑު ހަރަދެއް ކުރަން ޖެހުނަސް އަހަރެން ގެންދޭ. ކޮޓަރި ކުއްޔާއި ކެއުމާއި މަސައްކަތުގެ އަގު ވެސް ދޭ." ފަހުމީ ބުންޏެވެ.

އޭނާ ކުރިން މާލޭގެ ހޮލޯގްރާމްގައި މަސައްކަތް ކުރި އެވެ. ޕްރިންޓްކުރާ އެތަނަށް އޭނާ ވެއްދީ ހދ. ކުޅުދުއްފުށީގެ ރައްޓެއްސެކެވެ. ފޮތް ޗާޕުކުރުމާއި ބައިންޑްކުރުމާއި މެޝިން މަރާމާތުކުރުން ފަދަ ކަންކަމުގައި އެތަނުގައި ނުވަ އަހަރުވި އެވެ.

ރަށުގައި ޗާޕްކުރަން ފެށީ ހަލާކުވެގެން ތަންތަނުން އެއްލާލި މެޝިންތަކުގެ ބައިތައް އަތުރައިގެން އީޖާދުކުރި މެޝިނަކުންނެވެ. މެޝިންތައް އެއްލާލާއިރު ބޭނުން ހިފޭނެހެން ހީވާ ސާމާނުތައް އޭނާ ހުރީ ނަގައި ރަށަށް ފޮނުވައިގެން ރައްކާކޮށްފަ އެވެ.

އޭނާ ބުނި ގޮތުގައި މާލޭގެ ބައެއް ތަންތަނަށް ވުރެން ވަރުގަދަކޮށް އެ ގޭގައި މިހާރު ޗާޕްކުރެވޭނެ އެވެ. އެންމެ އާއްމުކޮށް ޗާޕްކުރަނީ ދީނީ ފޮތްތަކާއި ކުޑަކުދިންގެ ފޮތްތަކެވެ. އެންމެ ގިނައިން ލިބެނީ ފޮތްތަކުގެ ބޭރު ގަނޑު ޕްރިންޓްކުރާށެވެ.

"އެއް ފޮތް ދެ ފޮތުގެ އޯޑަރެއް ނުނަގަން. 100 އިން މަތިވެއްޖިއްޔާ މި ނަގަނީ. ހަމަ މާއުނގުދޫން ޕްރިންޓްކޮށްފައި ބޯޓަށް ލާފައި މާލެއަށް މި ފޮނުވަނީ. ނުކުރެވޭނެ ކަމެއް ނޫންތާ," ފަހުމީ ބުންޏެވެ.

އަހަރެމެން އެ ގެއަށް ވަތްއިރު ޗާޕްކުރަން ޖައްސާފައި ހުރީ އަސްރަފީ ބުކްޝޮޕްގައި އުޅޭ މީހަކު ފޮނުވާފައި ހުރި ފޮތްތަކެކެވެ.

"ޕްރިންޓަށް ޖައްސާފައި ބޭރަށް ދިޔައަސް ފަހަރަކު 3 ރުފިޔާ ނެރެނެރެ މެޝިން އިންނާނެ. އެހެންވީމަ އެއްޗަކަށް ވާނެތާ. ބޭނުންކުރާ ކަރުދާހާއި ކުލަ ވެސް ގެންނަނީ ބޭރުން," އެކަށީގެންވާ ފައިދާއެއް ލިބޭތޯ އެހުމުން ބުންޏެވެ.

ވަރަށް ބައިވަރު ބޮޑެތި އޯޑަރު ލިބުނަސް އޭނާ ހަވާލުވަނީ ނިންމޭނެ ކަމުގެ ޔަގީންކަން އޮންނަ ވަރަކުންނެވެ. މި ފަހުން ވެސް 40,000-50,000 ރުފިޔާގެ އޯޑަރެއް ލިބުމުން ވެސް ދޫކޮށްލީ ކަމަށް ފަހުމީ ބުންޏެވެ. އޭރު މަސައްކަތްތައް ހުރި ގޮތުން ބޭނުންވި ތާރީޚަށް ނުނިމިދާނެތީ ހަވާލުނުވީ އެވެ.

އޭނާ ބުނި ގޮތުގައި ހަރަދުގެ ގޮތުން ބަލާއިރު ރަށުގައި ޗާޕްކޮށްގެން މާބޮޑަށް ވެސް ފައިދާ ވެ އެވެ. އެހެންވެ މިކަން ފުޅާކުރުމުގެ ވިސްނުން ވެސް ފަހުމީ ގެންގުޅެ އެވެ. ކޮންމެވެސް ދުވަހަކުން އެކަން ވެސް ކުރާނެ ކަމަށް ބުންޏެވެ.

މޮޅަށް ބެރު ޖަހަން ވެސް އެނގޭ

އޭނާގެ މަސައްކަތުގެ ވާހަކަ ހުސް ނުވެ އެންމެ ފަހުން ބެރު ޖަހަން އުޅުނު ވާހަކަ ވެސް ކިޔައިދިނެވެ.

ރަށްރަށުގައި އެންމެ ފޯރީގައި އީދު ޝޯތައް ބޭއްވިއިރު ފަހުމީ އަމިއްލަ ބޭންޑެއް ހެދި އެވެ. މީހަކަށް ބެރު ޖަހަން ދަސްކޮށްދޭން ގެނައި މީހަކު ފަރިތަކުރާތަން ބަލަން އިނދެ ފަހުމީއަށް މާ މޮޅަށް އެކަން ދަސްވީ އެވެ. ބެރު ޖެހުމުގެ ތެރެއިން އުފަންކުރީ ބޭންޑެކެވެ.

މާއުނގޫދޫ "ސަރިންދަ" ނަމުގައި ބޭންޑެއް ހަދައި ޝޯތައް ވެސް ދިނެވެ.

ފަހުމީ "މިހާރު"އާ ވާހަކަ ދައްކަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފަހުމީ "މިހާރު"އާ ވާހަކަ ދައްކަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެކަމަށް ގެންގުޅުނު ބެރާއި ސްޕީކަރުތަކާއި މައިކާއި ޕިއާނޯ ވެސް ގޭތެރޭގައި ހުއްޓެވެ.

"ސިޔާސީ ކަންކަން ފެތުރިގަތީމަ ބޭންޑް ކަންތައް ދިޔައީ ޗޮކޮން. ދޭތެރެއަކުން ރައްޓެހިންނާ އެކު ފޫހިފިލުވަން މި އެއްޗެހި ކުޅެލަން," ބެރު ޖެހުމުގެ ހުނަރު އަހަރެމެންނަށް ދައްކާލަމުން ބުންޏެވެ.

އަހަރެމެން އެ ގޭތެރެއިން ނުކުތް އިރު ވެސް ހުރީ މަސައްކަތަކަށް ގެއްލިފަ އެވެ. އިންޓަވިއު ނިމެންދެން ވެސް އޭނާއަށް މަސައްކަތުން އަތް ދޫކޮށްލައިގެން ނުހުރެވުނީ އެވެ.