Roadha Mihaaru
ކަކުނި ކާން ދަތުރު ހަދައިގެން އަންނަންވީ ފުނަދުއަށް

ދަތުރު ހަދާފައި ވިޔަސް ކަކުނި ކާން އަންނަންވީ ފުނަދުއަށް

27 މާޗް 2024

ފުނަދޫން ލިބޭހާ މީރުކޮށް އެހެން ރަށަކުން ކަކުނި ކާކަށް ނުލިބޭނެ އެވެ. ވަރަށް ކެރިގެން މި ރަށުގެ ހާއްސަކަން ގުޅުވަނީ މި ރަށާ ޖެހިގެން އޮންނަ ގުދުރަތީ ރީތި ފަޅުތެރޭގައި އުޅޭ ކަކުންޏާ އެވެ. ދަށްފަޅުގައި އުޅޭ މި ކަކުނިން ހަދާ ޖާފަތަކީ މި ރަށުން އަރުވާ އެންމެ މަތީ މެހްމާންދާރީ އެވެ.

ފަޒީނާ އަހުމަދު ށ. ފުނަދޫން ފަޒީނާ އަހުމަދު

ފުނަދޫން ލިބޭހާ މީރުކޮށް އެހެން ރަށަކުން ކަކުނި ކާކަށް ނުލިބޭނެ އެވެ. ވަރަށް ކެރިގެން މި ރަށުގެ ހާއްސަކަން ގުޅުވަނީ މި ރަށާ ޖެހިގެން އޮންނަ ގުދުރަތީ ރީތި ފަޅުތެރޭގައި އުޅޭ ކަކުންޏާ އެވެ. ދަށްފަޅުގައި އުޅޭ މި ކަކުނިން ހަދާ ޖާފަތަކީ މި ރަށުން އަރުވާ އެންމެ މަތީ މެހްމާންދާރީ އެވެ.

ރާއްޖޭގެ ބައެއް ރައީސުން ވެސް ކަކުނި ފަރިއްކުޅުއްވަން އެއްފަހަރަށް ވުރެން ގިނައިން މި ރަށަށް ވަޑައިގަތެވެ.

ދަށްފަޅުން ކަކުނި ނަގަނީ: ކަކުނި ޖާފަތަކީ މި ރަށުން އަރުވާ އެންމެ މަތީ މެހްމާންދާރީ. ފޮޓޯ | އަބްދުﷲ އާދަމް

ދަށްފަޅުން ކަކުނި ނަގަނީ: ކަކުނި ޖާފަތަކީ މި ރަށުން އަރުވާ އެންމެ މަތީ މެހްމާންދާރީ. ފޮޓޯ | އަބްދުﷲ އާދަމް

"އަހަރެމެން މި ރަށަށް ބަދަލުވި އިރު ވެސް މީހުން ވަރަށް މީރޭ ކިޔާފައި ދަށްފަޅުން ކަކުނި ނަގައިގެން ކާނެ. އޭރު ރަހަ ބަލާފައި މަސްމީރުވީމަ ކަމުދިޔައީ. އެއީ މި ރަށުން ހަމަ ނުކައި ދޫކޮށްލާ ވަރުގެ އެއްޗެއް ނޫން," ފިރުނބައިދޫން ފުނަދުއަށް ދިރިއުޅުން ބަދަލުކުރި ޒުވާން އަބްދުﷲ އާދަމް ބުންޏެވެ.

ދަށްފަޅު: ނޭޗާޕާކެއް ހަދައި ކަކުނި އާލާކުރުމުގެ ޕްލޭނެއް ކައުންސިލުން ގެންގުޅޭ.

ދަށްފަޅު: ނޭޗާޕާކެއް ހަދައި ކަކުނި އާލާކުރުމުގެ ޕްލޭނެއް ކައުންސިލުން ގެންގުޅޭ.

މަޑް ކްރެބް ނެގުމަކީ އޭނާ މިހާރު އެންމެ ކުރާ ހިތްވާ އެއް ކަންތަކެވެ. ދަށްފަޅުން ނަގާ ބައެއް ކަކުނީގައި ތިން ކިލޯ ހުރެ އެވެ. އެއަށް ވުރެން ބަރު ކަކުނި ވެސް ފެނެ އެވެ.

ރަސްމީ ޖަލްސާއެއް ނުވަތަ ހަފުލާއެއް ކުލަ ގަދަކޮށް މި ރަށުގައި ބާއްވާ ނަމަ ކަކުނި ޖާފަތާ ނުލައި ފުރިހަމައެއް ނުވެ އެވެ. މިކަން ފެށުނުއިރެއް ނޭނގެ އެވެ. އެކަމަކު މިކަން މިހާރު އޮންނަނީ މި ރަށުން ކިޔާ މަރުހަބާއާ ގުޅިފަ އެވެ.

ކަކުންޏެއް ފިހެފައި.

ކަކުންޏެއް ފިހެފައި.

"މި ރަށަށް ހުރިހާ ރައީސުން ވެސް އެއްފަހަރު ނޫނީ ދެ ފަހަރު ވަޑައިގަތް. ރައީސް މައުމޫން 30 އަހަރުގެ ތެރޭގައި ވަރަށް ގިނައިން ވަޑައިގަތް. ޑރ. ވަހީދުގެ ވެރިކަމުގެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތިން ހަތަރު ފަހަރު މިކޮޅަށް ވަޑައިގަތް. ރައީސް ނަޝީދު ވެސް ރައީސް ޔާމީން ވެސް ވަޑައިގަތް. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އަޅުގަނޑު ހަނދާންވާ ގޮތުން ފަސް ފަހަރު ވަޑައިގަތް. ރައީސް މުއިއްޒު ކެމްޕޭންގައި ދެ ފަހަރަށް ވަޑައިގަތް," ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމްފުޅު ވިދާޅުވި އެވެ.

ދަށްފަޅުގައި ކަކުންޏެއް. ފޮޓޯ | އަބްދުﷲ އާދަމް

ދަށްފަޅުގައި ކަކުންޏެއް. ފޮޓޯ | އަބްދުﷲ އާދަމް

ރައީސްކަމަށް ހޮވިވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަން ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުއިއްޒު މި މަހުގެ ކުރީކޮޅު ފުނަދުއަށް ވަޑައިގަތެވެ. ފުނަދޫ ދަށްފަޅުގެ ކަކުނީގެ މަޝްހޫރުކަން, ރަށަށް ނަފާވާނެ ގޮތަކަށް ބޭނުންކުރުމާ ގުޅޭ ގޮތުން ސަރުކާރުގެ ވިސްނުންތަކެއް ހުރި ކަމަށާއި ކަކުނި ދިރުވައި އާލާކޮށް ޓޫރިޒަމްގެ ތެރެއިން ރަށްރަށަށް ފައިދާވާނެ ގޮތެއް އޮތްތޯ ދިރާސާކުރަމުން އަންނަ ކަން ފިޝަރީޒް މިނިސްޓްރީން ހާމަކުރި އެވެ.

ށ. އަތޮޅަކީ މެހްމާންދާރީގައި ނަމޫނާ އަތޮޅެއް ކަމަށް ފުނަދޫ ކައުންސިލުން ބުނޭ.

ށ. އަތޮޅަކީ މެހްމާންދާރީގައި ނަމޫނާ އަތޮޅެއް ކަމަށް ފުނަދޫ ކައުންސިލުން ބުނޭ.

"ކަކުނި އެކަންޏެއް ނޫން ހާއްސަވަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މުޅި ށ. އަތޮޅަކީ ވެސް މެހްމާންދާރީގެ ނަމޫނާ ބައެއް. އެހެންވެ ކަންނޭނގެ މި ރަށަށް ވެސް އެހާ ބޮޑު ލޯތްބެއް އޮންނަނީ. އެއްވެސް ރައީސަކު ނުހުންނާނެ ރަސްމީ ދަތުރުގައި ވަޑައިގެންފައި ޗުއްޓީއަކަށް އަދި ވަޑައިގަންނަވާނަމޭ ވިދާޅުނުވާ."

ރައީސަކު މި ރަށުގައި މަޑުކުރައްވައިފި ނަމަ ރައްޔިތުންގެ ފަރާތުން ކަކުނި ޖާފަތް އަރުވާނެ އެވެ. އެ ޖާފަތް އަރުވަނީ ވެސް ވަރަށް ތަފާތުކޮށް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"ކޮންމެ ރައީސަކު ވަޑައިގެން މި ރަށުގައި ރޭކުރެއްވިޔަސް ކަކުނި ޖާފަތް އޮންނާނެ. ދަށްފަޅު ކަހަލަ ތަނެއް ރީތިކޮށް ދިއްލައިގެން އެންމެ އާއްމުކޮށް ދެނީ. ނޫނީ އަހަރެމެން ބޭނުންވާ ކަމެއް އޭގެއިން ދައްކައިގެން. މިސާލަކަށް ދިއްލައިގެން ރައީސަށް ދައްކަނީ އަޅުގަނޑުމެން ބޭނުމޭ މިކަންކުރަން," އޭނާ ވިދާޅުވި އެވެ.

FUNADHOO MUD CRAB

FUNADHOO MUD CRAB

ރައީސުން ވަޑައިގަތުމުން ޖާފަތުން ދިން މެސެޖާއި އެ ނޫން ގޮތްގޮތުން ވެސް އެންމެ ގިނައިން އެދުނީ މި ރަށުގައި އެއާޕޯޓެއް އަޅައިދޭށެވެ. އެކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަގީގަތަށް ހައްދަވައި ދެއްވި އެވެ. އެކަމަކު ރަންވޭއަކުން ނިންމާލާފައި އޮތް ގޮތަށް ތަރައްގީ ނުކުރާތީ އިތުރު ފަސޭތަކެއް ނުލިބެ އެވެ.

"އެއާޕޯޓް އަޅަން ބޭނުންވާކަން ބޮޑަށް ދެއްކިފައި ހުންނާނީ ރައީސް ވަހީދުގެ ވެރިކަމުގައި."

ނޭޗާޕާކާ އެކު ކަކުނި ދިރުވަން ޕްލޭނެއް

ލޯކަލް ޓޫރިޒަމްގައި ކްރެބް އައިލެންޑްގެ ގޮތުގައި ވެސް ފުނަދޫ ބްރޭންޑްކުރެވޭވަރަށް މި ރަށާ ކަކުންޏާ އޮތީ ގުޅިފަ އެވެ.

ދަށްފަޅަށް އެރޭ ގޮތަށް އޮންނާތީ ބޭނުން ބަޔަކަށް ކަކުނި ނެގެ އެވެ. އެކަމަކު ރަށަށް ނަފާވާނެ ގޮތެއް ހޯދާ ނަމަ މިހާރަށް ވުރެން ރަނގަޅަށް އެކަން ކުރެވެން ވެސް އެބައޮތެވެ.

ކައުންސިލުން އެ ވިސްނުން ގެންގުޅެ އެވެ. ގުދުރަތީ ނަލަ ދަށްފަޅުގައި ނޭޗާޕާކަކާ އެކު ޕްލޭންގެ ތެރޭގައި ރަށަށް އާމްދަނީ ހޯދުމުގެ ތެރޭގައި ދަށްފަޅުގައި ކަކުނި ދިރުވައި އާލާކުރުން ހިމަނާފައިވެ އެވެ. އެކަން ކުރާނެ ގޮތް ހޯދަން ވެސް ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

"ބަޔަކު އައިސް ދަށްފަޅު ބަލައިފި އެކަން ކުރަން. ވަރަށް ބޮޑެތި ކަކުނި ކުރިން ހުރޭ ކުރިން،" އަހްމަދު ވިދާޅުވި އެވެ.

އެކަމަކު އާލާނުކޮށް އަބަދު ނަގާތީ މިހާރު ކުރިއަށް ވުރެން ކަކުނިތަކުގެ ސައިޒު ކުޑަވެއްޖެ އެވެ.

ދަށްފަޅު: މިއީ ގުދުރަތީ ރީތި ޓޫރިޒަމުން ނަފާ ހޯދެން އޮތް ފަޅެއް. -- ފޮޓޯ | އަބްދުﷲ އާދަމް

ދަށްފަޅު: މިއީ ގުދުރަތީ ރީތި ޓޫރިޒަމުން ނަފާ ހޯދެން އޮތް ފަޅެއް. -- ފޮޓޯ | އަބްދުﷲ އާދަމް

ސޯޝަލް މީޑިއާގައި ވެސް ފުނަދޫގެ މަޑް ކްރެބްގެ ވީޑިއޯތައް މިފަހުން އަންނަނީ ވައިރަލްވަމުންނެވެ. އަމިއްލައަށް މޫދަށް ފައިބައި މަޑް ކްރެބް ނަގައިގެން ގުދުރަތީ ރީތި މާހައުލުގައި ބާބެކިއު ހެދުމަކީ މި ރަށުގައި ތަޖުރިބާނުކޮށް ދޫކޮށްލާވަރުގެ ކަމެއް ނޫނެވެ.