Roadha Mihaaru
އިޒްރޭލު/ހަމާސް އެއްބަސްވުމަކާ ގާތް ވެސް ނުވޭ: ގަތަރު

ހަމަލާތައް ހުއްޓާލަން އިޒްރޭލާއި ހަމާސް އަދިވެސް އެއްބަސްވުމަކާ ހިސާބަކަށް ނުދޭ: ގަތަރު

13 މާޗް 2024

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށާއި ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުމާ ބެހޭ ގޮތުން އެ ދެ ފަރާތުން އެއްބަސްވުމަކަށް ގެނެވޭތޯ ކުރާ މަސައްކަތުގައި އަދިވެސް ކާމިޔާބު ނުވާ ކަމަށް މިކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުން ބުނެފި އެވެ.

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށާއި ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުމާ ބެހޭ ގޮތުން އެ ދެ ފަރާތުން އެއްބަސްވުމަކަށް ގެނެވޭތޯ ކުރާ މަސައްކަތުގައި އަދިވެސް ކާމިޔާބު ނުވާ ކަމަށް މިކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުން ބުނެފި އެވެ.

ގަތަރުގެ އިތުރުން މިސްރާއި އެމެރިކާ ވެސް ބައިވެރިވާ މަޝްވަރާތަކުގައި އެންމެ ފަހުން މަސައްކަތްކުރީ މި ރޯދަ މަސް ފެށުމުގެ ކުރިން ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ އެވެ. އެކަން ވެސް ކާމިޔާބުވެފައި ނުވާއިރު ގަތަރުން ބުނީ މި މަސައްކަތް "ވަރަށް އުނދަގޫ" ކަމަށެވެ.

"އަދިވެސް އެއްބަސްވުމަކާ ހިސާބަކަށް ނުދެވޭ. މާނަ އަކީ މިހާރު ހުށަހަޅާފައި ހުރި ކަންކަމުގައި ދެ ފަރާތުން އަދިވެސް ވާހަކަ ދައްކަނީ ދޫދޭ ގޮތަކަށް ނޫނޭ،" ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ އެންމެން ވެސް މަޝްވަރާގައި އިސްކަންދެނީ މި ރޯދަމަސް ތެރޭ އަދިވެސް ހަމަލާތައް ހުއްޓުމަަކަށް ގެނެސް ރަހީނުން މިނިވަންކުރެވޭނެ އެއްބަސްވުމަކަށް އާދެވޭތޯ ކަމަށެވެ.

ނަމަވެސް މިކަމުގައި ވަކި މުއްދަތެއް ވެސް ބުނަން ނޭނގޭ ކަމަށާއި ޣައްޒާގެ ހާލަތު އޮތީ ވަރަށް އުނދަގޫ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.

ގަތަރަކީ ހަމާސްއާ ގާތް ގުޅުމެއް ބާއްވާ ގައުމަކަށް ވާތީ މިކަމުގައި ގަތަރުން ހަމާސް އަށް "ޕްރެޝަރު" ކުރޭތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އަންސާރީ ވިދާޅުވީ ގަތަރަކީ ވެސް މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމެއް ކަމަށާއި އެހެންވެ މި ހާލަތުގައި "ޕްރެޝަރު" ކުރުން ނުވަތަ "ލިބިފައިވާ ބާރުގެ ބޭނުންކުރުން" ފަދަ އިބާރާތްތައް ބޭނުންކުރުން އެހާ ރަނގަޅު ކަމަށް ނުފެންނަ ކަމަށެވެ.

"އެކަމަކު ގަތަރުން މި ދަނީ މިކަމުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

އިޒްރޭލުން މީގެ ހަތަރު މަސް ކުރިން ޣައްޒާއަށް ހަމަލާތައް ދޭން ފެށީ އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލައި 250 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ އެކުގަ އެވެ. އެކަމުގެ ބަދަލު ހިފައި ހަމާސް ނައްތާލަން ކަމަށް ބުނެ ދޭން ފެށި ހަމަލާތަކުގައި 31،000 އަށް ވުރެ ގިނަ މީހުން ފަލަސްތީނުން ޝަހީދުވެފައި ވާއިރު އޭގެ ތެރޭގައި ހަމާސްގެ މެންބަރުންނަށްވުރެ ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. -- އޭއެފްޕީ