Roadha Mihaaru
ބަޣުދާދުގައި ދިން ބޮމުގެ ހަމަލާއެއްގައި 48 މީހުން މަރު

ބަޣުދާދުގައި ދިން ބޮމުގެ ހަމަލާއެއްގައި 48 މީހުން މަރާލައިފި

17 ފެބުރުއަރީ 2017

ބަޣުދާދު (ފެބްރުއަރީ 16) - އިރާގުގެ ވެރިރަށް ބަޣުދާދުގައި މިއަދު ދިން ކާރު ބޮމުގެ ހަމަލާއެއްގައި 48 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (ފެބްރުއަރީ 16) - އިރާގުގެ ވެރިރަށް ބަޣުދާދުގައި މިއަދު ދިން ކާރު ބޮމުގެ ހަމަލާއެއްގައި 48 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ގޮވާތަކެތި އަޅާފައިވާ ކާރު ގޮއްވާލާފައި ވަނީ ވެރިރަށުގެ ދެކުނުގައި ޝިއައީން އުޅޭ ސަރަހައްދެއްގަ އެވެ. ބޮމުގެ ހަމަލާގައި ވަނީ 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ. ބޮން ގޮއްވާލުމާ އެކު ގިނަ އަދަދެއްގެ ވެހިކަލް ހަލާކުވި ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެ އެވެ.

ބަޣުދާދުގައި ބޮމުގެ ހަމަލާ ދިން ތަނުގައި ވަނީ ބޮޑު ވަޅުގަނޑެއް އުފެދިފައި. --ފޮޓޯ:އޭއެފްޕީ

ބަޣުދާދުގައި ބޮމުގެ ހަމަލާ ދިން ތަނުގައި ވަނީ ބޮޑު ވަޅުގަނޑެއް އުފެދިފައި. --ފޮޓޯ:އޭއެފްޕީ

ބޮމުގެ ހަމަލާގެ ޒިންމާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފަ އެވެ. އެ ޖަމާއަތުން ބުނެފައި ވަނީ ހަމަލާ އަމާޒުކޮށްފައި ވަނީ ޝިއައީންގެ އެއްވުމަކަށް ކަމަށެވެ. މޫސަލް ހިފުމުގެ އޮޕަރޭޝަން އިރާގު ސިފައިންނާއި އެމެރިކާ ކޯލީޝަން ގުޅިގެން މީގެ ހަތަރު މަސް ދުވަސް ކުރިން ފެށި ފަހުން ބަޣުދާދާއި އެ ނޫން ވެސް ސިޓީތަކުގައި އައިއެސް އިން ދޭ ހަމަލާތައް ވަނީ އިތުރުކޮށްފަ އެވެ. މޫސަލްގެ އިރުމަތީގެ ހިސާބުތައް މިހާރު ވަނީ އިރާގު ސިފައިންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ.

މިއީ ތިން ދުވަހު ތެރޭ ބަޣުދާދުގައި ދިން ތިން ވަނަ ހަމަލާ އެވެ. އަންގާރަ ދުވަހާއި ބުދަ ދުވަހު ދިން ހަމަލާތަކުގައި ވެސް ވަނީ 24 މީހުން މަރުވެފަ އެވެ. ޖެނުއަރީ 2 ވަނަ ދުވަހު ސަދުރް ސިޓީގައި ދިން ބޮމުގެ ހަމަލާއެއްގައި ވަނީ 35 މީހުން މަރުވެފަ އެވެ. އެ ހަމަލާ ވެސް ދިނީ އައިއެސް އިން ކަމަށް ބުނެފައިވެ އެވެ.