Roadha Mihaaru
"ޕީޕީއެމް ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ވާޖިބެއް"

ޕީޕީއެމް ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް: އަބްދުއްރަހީމް

16 ފެބުރުއަރީ 2017

ލޯކަލް އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ގައުމުގެ ކުރިއެރުމަށްޓަކައި ކޮންމެ މީހެއްގެ މައްޗަށް އޮތް ގައުމީ ވާޖިބެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ލޯކަލް އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ގައުމުގެ ކުރިއެރުމަށްޓަކައި ކޮންމެ މީހެއްގެ މައްޗަށް އޮތް ގައުމީ ވާޖިބެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމަށް، "ހޭވައްލާ" ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރާ ދެކޮޅު ކައުންސިލަރުން ރަށްރަށަށް އިންތިހާބު ކުރުމުން އެ ރަށްރަށުގެ ތަރައްގީ އަށް އެޅުނު ހުރަސްތައް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ. އަދި ސަރުކާރަށް އެއްބާރުލުން ދިން ކައުންސިލްތައް ހިމެނޭ ރަށްތަކަށް ގެނައި ތަރައްގީ ތަޖުރިބާ ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ތަޖުރިބާއާ އެކީގައި އަޅުގަނޑުމެން އިންތިހާބަށް މި ނުކުންނަނީ. ތިޔަބޭފުޅުންނަކީ ރަށަށް ހެޔޮ އެދޭ ބަޔަކުނަމަ، ޕީޕީއެމްގެ ކެންޑިޑޭޓުން އެބަޖެހޭ ހޮވައިދޭން، މި ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންއާ އެކީގައި ތިޔަބޭފުޅުން އެބަޖެހޭ ކުރިއަށް ދާން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމު ހަމަޖެހިފައި އޮތް ގޮތުން ރަށްރަށަށް ތަރައްގީ ގެނައުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އެ ރަށެއްގެ ކައުންސިލަރުންނެވެ. ކައުންސިލަރުން ވާން ޖެހޭނީ ސަރުކާރަށް ތާއީދުކޮށް އެއްބާރުލުން ދީގެން ދާއިރާ އަށް ތަރައްގީ ގެންނަން މަސައްކަތް ކުރާ ކައުންސިލަރުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކާ މެދު ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ގައުމަށް ތަރައްގީ އަޔަ ނުދީ، ގައުމުގެ މަސްލަހަތު ނަގައިލަން ކަމަށެވެ. އަދި އެ ފަރާތްތަކަކީ ދީނީ ވަހުދަތު ނަގާލަން މަސައްކަތް ކުރާ ބައެއްގެ ގޮތުގައި އޭނާ ތުހުމަތުކުރެއްވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ މިދިޔަ ތިން އަހަރު ބައެއް ރަށްރަށުގައި ފުޓްސަލް ދަނޑުތައް އަޅަން އުޅުމުން އެ ރަށްރަށުގެ ކައުންސިލުން ބިން ނުދީ ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓާފައިވާ ކަމަށެވެ. އެ ގޮތަށް ކަންކަން ވަނީ ކައުންސިލްތަކުގައި އެމްޑީޕީ ކައުންސިލަރުން ތިއްބެވީމަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއާ ހިލާފަށް އަޅުގަނޑުމެން (ޕީޕީއެމް) މެޖޯރިޓީ އޮތް ކައުންސިލްތަކުގައި ބޭނުންވާ ހަލުވިމިނެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގޭކަން ވަނީ ތަޖުރިބާ ކުރެވިފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ތައުރީފް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ގައުމަށް އަންނަ ތަރައްގީ އާއި ގައުމުގެ މަސްލަހަތަށްޓަކައި ރައީސް ޔާމީން އިތުރު ދައުރަކަށް ހޮވަން ޖެހޭ ކަމަށެވެ.