Roadha Mihaaru
ކުރެންދޫ ބިން އިތުރުކުރަން ޅޮސްއަލަފުށި އަނބުރާ ހޯދަނީ

ޓާޓާ އަށް ދީފައި އޮތް ޅޮސްއަލަފުށި، ކުރެންދު އަށް ބިން އިތުރުކުރަން އަނބުރާ ހޯދަނީ

09 މާޗް 2024

ޅ. ކުރެންދޫގެ ބޯހިޔާވަހިކަމާއި ތަރައްގީ އަށް ބޭނުންވާ ބިން އިތުރުކުރުމަށް، މި ރަށު ކައިރީގައި އޮތް ޅޮސްއަލަފުށި އަނބުރާ ދައުލަތަށް ނަގައި، ކުރެންދު އަށް އިތުރު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ ޅ. ކުރެންދޫން އައިޝަތު ނުޒުހާ

ޅ. ކުރެންދޫގެ ބޯހިޔާވަހިކަމާއި ތަރައްގީ އަށް ބޭނުންވާ ބިން އިތުރުކުރުމަށް، މި ރަށު ކައިރީގައި އޮތް ޅޮސްއަލަފުށި އަނބުރާ ދައުލަތަށް ނަގައި، ކުރެންދު އަށް އިތުރު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޅ. އަތޮޅުގެ ރަށްތަކަށް މިއަދު ހެނދުނު ފެއްޓެވި އެއް ދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ކުރެންދު އަށް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކުރެންދު އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަށުގެ ބިން ހުސްވެފައިވުން ކަމަށެވެ.

އެކަމުގެ ސަބަބުން ރަށް ތަރައްގީކުރަން ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައިވާ ކަމަށާއި ރަށުގެ ފަޅުތެރޭގައި ވެސް ބޭނުންވާ ވަރުގެ ބިމެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ބިން ހިއްކިދާނެ، އެކަމަކު އެއީ [ދިމާވެފައިވާ މައްސަލައެއް އެންމެ އެކަށީގެންވާ] ހައްލެއް ކަމުގައި ނުދެކެން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެންދޫއަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެންދޫއަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ވިސްނުންފުޅަކީ ކުރެންދުއާ މާ ދުރު ނޫން ހިސާބެއްގައި އޮތް ޅޮސްއަލަފުއްޓަކީ މި ރަށުގެ ބައެއް ކަމުގައި ހަމަޖެއްސުން ކަމަށެވެ. ނަމަވެސް އެއީ ފަސޭހަ މަސައްކަތެއް ނޫން ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ވަޒީރަކަށް ހުރި މިނިސްޓްރީގެ ތެރެއިން އޭރުގައި ވެސް އެކިއެކި މުއާމަލާތްތައް، އެގްރީމެންޓުތައް ހެދިފައި އޮތް ރަށެއް. އެހެންވީމާ އަޅުގަނޑު ކައުންސިލް ބައްދަލުވުމުގައި ދެންނެވި ގޮތަށް އެ ހުރިހާ އެގްރީމެންޓުތަކަކުން އެ ރަށް ވަކިކޮށް އޮންނަ އުސޫލުތަކުގެ ތެރެއިން ދައުލަތަށް ވެސް އެންމެ ގެއްލުން ކުޑަވާނެ ގޮތަކަށް އެކަން ކޮށް [ރަށް ހޯދާނަން]،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެ ރަށް ވަކިކޮށް ސަލާމަތްކޮށް، ޅޮސްއަލަފުށްޓަކީ ކުރެންދޫގެ ބައެއް ގޮތުގައި ހަމަޖައްސައިދޭން އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން."

ރައީސް ވިދާޅުވި ގޮތުގައި، އޭރުން ކުރެންދު އާއި މި ދާއިރާގެ ތަރައްގީއަށް ފަހިވެ، އަންނަ އޮތް ޖީލުތަކަށް އޭގެ ފައިދާތައް ކުރާނެ އެވެ.

ޅޮސްއަލަފުށީގައި ލަގްޒަކީ ވިލާ ހަދަން އިންޑިއާގެ ޓާޓާ ކުންފުންޏަށް ދީފައިވަނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ތެރޭގައި ކުރީގެ އަރަބިއްޔާ ހުރި ބިމާއި ގާކޮއްޓާއި އޯޑިއޯން އަދި ނާދީ ހުރި ބިމުގައި ފްލެޓު އިމާރާތްކުރަން އެ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ ތެރެއިންނެވެ.

އެ އެއްބަސްވުމާ އެއްގޮތަށް ނާދީ އާއި އޯޑިއޯން ބިމުގައި މަސައްކަތް ނުކުރާތީ ކުރީގެ ރައީސް އަބްުދުﷲ ޔާމީންގެ ވެރިކަމުގައި އެއްބަސްވުން ބާތިލްކުރުމަށް ފަހު، ވަކި މުއްދަތެއް ދީ، މަސައްކަތް އަލުން ފަށަން ހެދި އެއްބަސްވުމުގެ ދަށުން ޅޮސްއަލަފުށި ފަހުން ބަދަލުކުރީ ރިސޯޓު ހެދުމަށެވެ.

އެންމެ ފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހައުސިން މިނިސްޓްރީއިން އެންމެ ފަހުން ބުނެފައިވަނީ އެ ނިންމުން ބަދަލުކޮށް، ސަރުކާރަށް ނުވަ މިލިއަން ޑޮލަރު ލިބޭ ގޮތަށް އެ ރަށުގެ ބިމުން ބައެއް ލަގްޒަރީ ވިލާ އަޅަން ޓާޓާ ކުންފުންޏާ އެކު ސޮއިކޮށްފައިވާ ކަމަށެވެ.