Roadha Mihaaru
ސްރީ ލަންކަން ގަންނަ ބަޔަކަށް ދަރަނި މާފުކޮށްދެނީ

ސްރީ ލަންކަން ގަންނާނެ ބަޔަކު ނުވެގެން އެއާލައިންގެ 510 މިލިއަނުގެ ދަރަންޏާ ސަރުކާރުން ހަވާލުވެއްޖެ

06 މާޗް 2024

ސްރީ ލަންކާއިން ގެއްލުމުގައި ހިންގަމުންދާ ގައުމީ އެއާލައިން ގަންނަ ބަޔަކަށް އެ އެއާލައިންގެ 510 މިލިއަން ޑޮލަރުގެ ދަރަންޏާ ހަވާލުވާން ނުޖެހޭނެ ކަމަށް ސަރުކާރުން އިއްޔެ ބުނެފި އެވެ.

ސްރީ ލަންކާއިން ގެއްލުމުގައި ހިންގަމުންދާ ގައުމީ އެއާލައިން ގަންނަ ބަޔަކަށް އެ އެއާލައިންގެ 510 މިލިއަން ޑޮލަރުގެ ދަރަންޏާ ހަވާލުވާން ނުޖެހޭނެ ކަމަށް ސަރުކާރުން އިއްޔެ ބުނެފި އެވެ.

ލަންކާއަށް 2022 ވަނަ އަހަރު ކުރިމަތިވި އިގްތިސާދީ ދަތިކަމުން އަރައިގަނެ ކަންކަން ހަމަޔަކަށް އަޅުވަން މަސައްކަތްކުރާއިރު ސްރީ ލަންކަން އެއާލައިންސް ވިއްކާލަން އެހާ ބޮޑަށް މަސައްކަތްކުރަމުން އަންނަނީ ފައިދާނުވެ ދައުލަތުގެ ބަޖެޓަށް ބާރު ބޮޑުވާތީ އެވެ. އެއާލައިން ގަންނަން ބޭނުންވާ މީހުން ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު މިއަދު ހަމަވާ ގޮތަށް އޮތް ނަމަވެސް އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕާލާ ޑި ސިލްވާ ވިދާޅުވީ ކެބިނެޓުން އެ މުއްދަތު 45 ދުވަހަށް އިތުރުކޮށްފައިވާ ކަމަށާއި އެކަމަކު އަދި އެއްވެސް ހުށަހެޅުމެއް ނުވެސް ލިބޭ ކަމަށެވެ.

ޑެ ސިލްވާ ވިދާޅުވީ 2023 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް އެއާލައިނުން ރިޕޯޓްކުރި 1.973 ބިލިއަން ޑޮލަރުގެ ގެއްލުމުގެ ތިންބައިކުޅަ އެއްބައި ސަރުކާރަށް ނަގަން ނިންމީ އިންވެސްޓަރުން ޝައުގުވެރި ކުރުވުމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ލަންކާއަށް 60-70 މިލިއަން ޑޮލަރު އިންޖެކްޓް ކުރަން ވެސް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެއީ އެއާލައިން ކުރިއަށް ގެންދިއުމަށާއި ޕްރައިވެޓައިޒް ކުރެވެންދެން 6،000 މުވައްޒަފުންގެ ވަޒީފާ ރައްކާތެރި ކުރުމަށް ކަމަށެވެ.

އެއާލައިންގެ ބައެއް ބޯޓުތަކުގެ އިންޖީނުތައް ކޮންމެހެން މަރާމާތުކޮށް ސާވިސްކުރަން ޖެހިފައި ވިޔަސް ފައިސާ ނެތުމުން އެއާބަސްގެ ތިން މަތިންދާބޯޓެއް މިހާރު ވެސް ގްރައުންޑްކޮށްފައި އޮންނަތާ އަހަރެއް ވެއްޖެ އެވެ.

ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސަގެ ވެރިކަމުގައި 2008 ވަނަ އަހަރު، އެމިރޭޓްސްއާ އެކު އޮތް މެނޭޖްމަންޓް އެގްރީމަންޓް ބާތިލްކުރުމާ ހަމައަށް އެ އެއާލައިނަކީ ފައިދާވަމުން އައި އެއާލައިނެކެވެ. މި މައްސަލަ ޖެހުނީ ރާޖަޕަކްސަގެ އާއިލާގެ 35 މެންބަރަކު އިނގިރޭސި ވިލާތުގެ ލަންޑަނުގައި ޗުއްޓީ ހޭދަކުރެއްވުމަށް ފަހު ގައުމަށް ވަޑައިގަންނަން ބެލި އިރު އެއާލައިނުން ޖާގަ ނުލިބުމުން، ޓިކެޓް ގަނެގެން ތިބި ފަސިންޖަރުން ބާކީކޮށްފައި ރާޖަޕަކްސަގެ އާއިލާގެ ބޭފުޅުނަށް ޖާގަ ދޭން އެއާލައިނުން ދެކޮޅުހެދި ފަހުންނެވެ.

އެ އެއާލައިނަށް އެންމް ބޮޑަށް ފައިދާވި އެއް އަހަރަކީ 2001 ވަނަ އަހަރެވެ. އެކަމަކު އެއީ ލަންކާގައި ދާހިލީ ހަނގުރާމަ އޮތް އިރު ތަމަޅަ ޓައިގަރުން އެއާޕޯޓަށް ހަމަލާދިން އަހަރެވެ. މި ހަމަލާގައި އެ އެއާލައިންގެ 12 ޖެޓްގެ ފްލީޓުގެ ދެބައިކުޅަ އެއްބައި ހަލާކުވި ނަމަވެސް އިންޝުއަރެންސުންނާއި ބޭކާރު ހަރަދުތައް ކުޑަކުރުމުން ގެއްލުން ފޫބެދުނެވެ. -- އޭއެފްޕީ