Roadha Mihaaru
ލަންދޫ ދަރިވަރުން މިހާރު ނަމާދުކުރާނީ ޖަމާއަތުގައި

ލަންދޫ ސްކޫލް ކުދިން ޖަމާއަތުގައި ނަމާދުކުރަން އާދަކުރުވައިފި

07 މާޗް 2024

ނ. ލަންދޫ ސްކޫލްގެ ފިރިހެން ދަރިވަރުން ޖަމާއަތުގައި ނަމާދުކުރުން މަދުވުމަކީ މީގެ ދުވަސްކޮޅެއް ކުރިން ސްކޫލާއި ބެލެނިވެރިންގެ ވެސް އޮތް ކަންބޮޑުވުމެކެވެ. އެ ސްކޫލްގެ 200 އަށް ވުރެ ގިނަ ދަރިވަރުންގެ ތެރެއިން ފިިރިހެން ދަރިވަރުންގެ އަދަދު 100 އަށް ވުރެ މައްޗެވެ. އެކަމަކު ޖަމާއަތަށް ނަމާދަށް ދަނީ ދެ ތިން ހަތަރު ދަރިވަރުންނެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ނ. ލަންދޫ ސްކޫލްގެ ފިރިހެން ދަރިވަރުން ޖަމާއަތުގައި ނަމާދުކުރުން މަދުވުމަކީ މީގެ ދުވަސްކޮޅެއް ކުރިން ސްކޫލާއި ބެލެނިވެރިންގެ ވެސް އޮތް ކަންބޮޑުވުމެކެވެ. އެ ސްކޫލްގެ 200 އަށް ވުރެ ގިނަ ދަރިވަރުންގެ ތެރެއިން ފިިރިހެން ދަރިވަރުންގެ އަދަދު 100 އަށް ވުރެ މައްޗެވެ. އެކަމަކު ޖަމާއަތަށް ނަމާދަށް ދަނީ ދެ ތިން ހަތަރު ދަރިވަރުންނެވެ.

އެކަމަށް ހައްލު ހޯދަން ސްކޫލުން ނިންމީ އެންމެ ގިނައިން ޖަމާއަތުގައި ނަމާދުކުރާ ފިރިހެން ދަރިވަރަކަށް އިނާމެއް ދޭށެވެ. މިދިޔަ އަހަރުގެ ޖެނުއަރީގައި ފެށި އެ ޕްރޮގްރާމު ކުރިއަށް ގެންދިޔައީ އެ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށެވެ.

"އަސްލު މިއީ ނަމާދަށް ކުދިން އާދަކުރުވަންވެގެން ފެށި ކަމެއް. ފިރިހެން ކުދިން މިސްކިތަށް ގެންދިއުމުގެ ބޭނުމުގައި، ހާއްސަކޮށް ޖަމާއަތަށް. އަޅުގަނޑުމެން ހުށަހެޅީ އެ މުއްދަތުގައި އެންމެ ގިނަ ނަމާދުކުރާ ދަރިވަރަކަށް ބައިސްކަލެއް ދޭން، ފެށީ ވެސް ހަމަ އެހެން ކިޔާފައި،" ސްކޫލްގެ ޕްރިންސިޕަލް ޔޫސުފް އަބްދުލްރަހީމް ވިދާޅުވި އެވެ.

ލަންދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ ނަމާދު ޕްރޮގްރާމުން އެއްވަނަ ހޯދި ދަރިވަރަށް ސްކޫލުން މަރުހަބާ ކިޔަނީ. -- ފޮޓޯ: ލަންދޫ ސްކޫލް

ލަންދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ ނަމާދު ޕްރޮގްރާމުން އެއްވަނަ ހޯދި ދަރިވަރަށް ސްކޫލުން މަރުހަބާ ކިޔަނީ. -- ފޮޓޯ: ލަންދޫ ސްކޫލް

ފިރިހެން ކުދިން މިސްކިތަށް ޖަމާއަތަށް އަރާތޯ ބަލަން ފެށީ މިސްކިތު އިމާމުންނާއި މަސައްކަތު މީހުން ލައްވަ އެވެ. ނަމަވެސް ފަހުން ލީޑިން ޓީޗަރުން ހަފްތާ އަކު ދެ ދުވަހު އެކަން ކްލާހުން ބަލާ ގޮތަށް ބަދަލުކުރި އެވެ.

ނަމާދަށްދާ ކުދިންގެ ނަންތައް ރަށުގެ ކޮމިއުނިޓީ ގްރޫފަށް މަހަކު އެއް ފަހަރު ލަމުން ގެންދިޔަ އެވެ.

މި ޕްރޮގްރާމާ އެކު، ޖަމާއަތަށް ނަމާދަށް ދާ ކުދިންގެ އަދަދު އިތުރުވިޔަސް ފަތިސް ނަމާދަށް ދާ ކުދިންގެ އަދަދު އެހާ ބޮޑަށް އިތުރެއް ނުވި އެވެ. އެހެންވެ އެކަން ވެސް ހައްލުކުރަން އާ މަސައްކަތެއް ފެށި އެވެ.

"ކޮންމެ ދުވަހަކު ސްކޫލު ވެސް ފަށާނީ ޕްރިފެކްޓުންގެ ތެރެއިން އެއް ދަރިވަރަކު އިއުލާން ކޮށްލާނެ، ޖަމާއަތުގައި ފަތިސް ނަމާދު ނުކުރާ ފިރިހެން ކުދިން. ފަތިސް ނަމާދު ނުކުރާ ކުދިންގެ ނަންތައް، އެ އެސެމްބްލީ އޭރިއާ އަށް ކުދިން ކުރިމައްޗަށް ނުކުންނަން،" ޕްރިންސިޕަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން ހަދަން ފެށުމުން ފަތިސް ނަމާދަށް ޖަމާއަތަށް ނުދާ ކުދިންގެ އަދަދު ވަރަށް ބޮޑަށް މަދުވި ކަމަށެވެ.

"ފަތިސް ނަމާދު މި ވަނީ މީހުންނަށް ވަރަށް ނުދެވޭ ނަމާދަކަށް. ސްކޫލުން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް އެއީ ނަމާދުކުރަން. ފަތިސް ނަމާދު ނުކޮށް އައިސްފި ނަމަ އަޅުގަނޑުމެން ސްކޫލުގައި އެ ކުދިން ލައްވައި ނަމާދު މި ކުރުވަނީ. ބެލެނިވެރިންނަށް ވެސް މަޖުބޫރު ވާނެ ކުއްޖާ ގޮވައިގެން ދާން ޖަމާއަތުގައި ނަމާދު ކުރަން. ވަރަށް ބޮޑަށް ގުޅިފައި މި އިންނަނީ މި ކަންކަން،" ޔޫސުފް ވިދާޅުވި އެވެ.

ލަންދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ ނަމާދު ޕްރޮގްރާމުން އެއްވަނަ ހޯދި ދަރިވަރަށް ސްކޫލުން މަރުހަބާ ކިޔަނީ. -- ފޮޓޯ: ލަންދޫ ސްކޫލް

ލަންދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ ނަމާދު ޕްރޮގްރާމުން އެއްވަނަ ހޯދި ދަރިވަރަށް ސްކޫލުން މަރުހަބާ ކިޔަނީ. -- ފޮޓޯ: ލަންދޫ ސްކޫލް

އެ ރަށުގައި ތިން މިސްކިތް ހުންނައިރު ހުރިހާ މިސްކިތަކަށް އަރާ ކުދިންގެ އަދަދު ވެސް އިތުރުވިކަން ފާހަގަ ކުރައްވަމުން ޕްރިންސިޕަލް ވިދާޅުވީ ނަމާދަށް ދިޔަ ކުދިން ފުރަތަމަ ދުވަސްކޮޅު ކުޑަކޮށް ސަކަރާތް ޖެހުން ފަދަ ކަންކަންވި ނަމަވެސް ފަހުން ރަނގަޅުވި ކަމަށެވެ.

"ވަރަށް މަދު ކުއްޖަކު މި ދަނީ ޖަމާއަތުގައި ނޫން ގޮތަކަށް. ގްރޭޑް އެކަކުން ފެށިގެން 10 އަށް ބަލަންޏާ ފަސް ކުދިން ތިން ކުދިން ވަރު މި ދަނީ ޖަމާއަތުގައި ނަމާދު ނުކުރެވި، ނަމާދު ކުރާނެ. އެކަމަކު އެކި ސަބަބުތަކާހެދި ޖަމާއަތަށް ނުދެވި. އެއީ ކޮންމެ ދުވަހަކު ގަވައިދުން އަޅުގަނޑުމެން ބަލާތީ،" އޭނާ ވިދާޅުވި އެވެ.

ހުކުރު ނަމާދުގެ ހުތުބާ ކިޔުމަށް އިމާމް މިމްބަރަށް އެރުމުގެ ކުރިން ކުދިން މިސްކިތަަށް އަރާތޯ ވެސް ސްކޫލުން އަންނަނީ ބަލަމުންނެވެ. އޭގެ ފަހުން ހުކުރު ނަމާދަށް ދާ ކުދިން ނަމާދުގެ ފަހުން މަޑުކުރުވައި ނަސޭހަތް ދެނީ އެވެ.

އާންމު ގޮތެއްގައި މެންދުރު ނަމާދު ގަޑި ސްކޫލުގެ ގަޑިއަކާ ދިމާވި ނަމަވެސް ލަންދޫ ސްކޫލްގައި ޓައިމް ޓޭބަލް ހަދާފައިވަނީ ޖަމާއަތަށް ނަމާދަށް ދެވޭ ގޮތަށެވެ.

"އެއީ މެންދުރު ނަމާދު ބްރޭކް ވާ ގޮތަށް. ކައިގެން އަނެއްކާ ސްކޫލަށް އަންނާނެ ސެކަންޑްރީ ގްރޭޑްތަކުގެ ދަރިވަރުން. އެ ކުދިން އެއްކޮށް ނިމޭނީ އެ ބްރޭކް ނިންމާފައި އައިސް އެއްގަޑި ނެގުމަށް ފަހު."

އެ ގަޑި ނޯންނަ ނަމަ ބަންގި ގޮވުމުގެ 10-15 ވަރަކަށް މިނެޓް ކުރިން ޖަމާއަތަށް ނަމާދަށް ދެވޭ ވަރަށް ވަގުތުދީ ސްކޫލު ނިންމާލަނީ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.

ނަމާދު މުބާރާތުން ވަނަ ހޮވުން

އެންމެ ގިނަ ނަމާދުކޮށް އެ މުބާރާތުން އެއްވަނަ ހޯދީ ގްރޭޑް 10ގެ ސްކޫލް ވައިސް ކެޕްޓަން މުހައްމަދު އަރްހަމް އަބޫބަކުރެވެ. އަރްހަމަށް އިނާމް ހަވާލުކުރީ އެ ސްކޫލުން އޯލެވެލްގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް މަރުހަބާ ކިޔުމަށް ބޭއްވި ހަފްލާއެއްގަ އެވެ.

"އޭގައި ހުރިހާ ކުދިން ބައިވެރިވާނެތީ އެތަނުން އިނާމް ހަވާލުކުރީ. އެ ކުދިން މި އަހަރަށް އަނެއްކާ ވެސް ވަރަށް ޝައުގުވެރިވާނެތާ އެގޮތަށް އިނާމް ހަވާލު ކުރީމަ،" އޭނާ ވިދާޅުވި އެވެ.

ޕްރިންސިޕަލް ވިދާޅުވީ އަރްހަމް ނޫން އެހެން ދަރިވަރުން ވެސް އެ ދަރިވަރާ އެއްވަރަށް ނަމާދު ކުރި ކަމަށެވެ.

"އަޅުގަނޑުމެން ނިންމީ ނަމާދުގައި ކިޔާ އެއްޗެހި ކިޔައިގެން މިސްކިތަށް ގޮސް އެއްވެސް ވަރަކަށް ސަކަރާތް ނުޖަހައި އެއްވެސް މައްސަލައެއް ދިމާނުވާ ދަރިވަރަަށް ދޭން. އެހެންވެ އެ ދަރިވަރަށް ދިނީ،" އޭނާ ވިދާޅުވި އެވެ.

ލަންދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ ނަމާދު ޕްރޮގްރާމުން އެއްވަނަ ހޯދި ދަރިވަރަށް އިނާމު ހަވާލުކޮށް މަރުހަބާ ކިޔަނީ. -- ފޮޓޯ: ލަންދޫ ސްކޫލް

ލަންދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ ނަމާދު ޕްރޮގްރާމުން އެއްވަނަ ހޯދި ދަރިވަރަށް އިނާމު ހަވާލުކޮށް މަރުހަބާ ކިޔަނީ. -- ފޮޓޯ: ލަންދޫ ސްކޫލް

ޕްރިންސިޕަލް ވިދާޅުވީ ނަމާދު ޕްރޮގްރާމް ފެށުމުގެ ކުރިން ފަތިސް ނަމާދު ޖަމާއަތުން ފެންނަންނީ ހަތަރު ފަސް ކުދިން ނަމަވެސް އެ ޕްރޮގްރާމް ފެށި ފަހުން ގްރޭޑް 1 ގެ ދަރިވަރުން ވެސް ބެލެނިވެރިން ގޮވައިގެން ފަތިސް ނަމާދަށް ވެސް ދާ ކަމަށެވެ.

"ބައިސްކަލް ދައްކައިގެން އަޅުގަނޑުމެން މި އާދަކުރުވަނީ ކުޑައިރު ނަމާދުކުރަން، ބޮޑުވީމާ ވަރަށް ފަސޭހަ ވާނެ. މިހާރު ދަރިވަރުން އެ ތިބީ ނަމާދަށް ދާން އާދަވެފައި. ހުރިހާ ދަރިވަރުން ޖަމާއަތަށް ނަމާދަށްދޭ،" ޕްރިންސިޕަލް ވިދާޅުވި އެވެ.

ފިރިހެން ކުދިންނަށް ހާއްސަކޮށް ޕްރޮގްރާމެއް ހިންގި އިރު އަންހެން ކުދިންނަކީ ގޭގައި ނަމާދުކުރަން އިސްކަންދޭން ޖެހޭ ބަޔަކަށް ވާތީ އެ ކުދިން ނަމާދުކުރަން ސްކޫލުން ވަގުތުދީ އެކަމަށް ހިތްވަރުދެ އެވެ.

އެ ސްކޫލުން ދެން ފަށަން ނިންމާފައި ވަނީ ނަމާދުގެ މުހިންމުކަން ދަރިވަރުންނަށް ކިޔައިދޭ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް ރޯދައިގެ ކުރިން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.