Roadha Mihaaru

މަލާއިކަތުންގެ ދުއާ ލިބިގަންނަމާތޯ-3

(އިއްޔެގެ ނޫހާ ގުޅޭ)

މަލާއިކަތުންގެ ދުއާ ލިބިގަންނަމާތޯ-3
އަހުމަދު އަބުދުﷲ ސައީދު
އަހުމަދު އަބުދުﷲ ސައީދު

21 މާޗް 2025

(އިއްޔެގެ ނޫހާ ގުޅޭ)

ފުރަތަމަ ސަފުގައި ނަމާދުކުރުން

މުޅި އިސްލާމް ދީން ނަގަހައްޓައިދޭ، އިސްލާމީ ދީނުގެ ތަނބަކީ ނަމާދެވެ. އެ ތަނބު އެންމެ ފުރިހަމަ ގޮތުގައި ގާއިމުކޮށް ނެގެހެއްޓުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ. އެހެންކަމުން، ނަމާދުގެ އަޅުކަމަށް ދެއްވާ ދަރުމަޔާއި ސަވާބުގެ އިތުރުން، ނަމާދާ ގުޅިފައިވާ އެތައް ކަމަކަށް ވެސް އެހާމެ މަތިވެރި ދަރުމަ ކަނޑައަޅުއްވާފައިވެ އެވެ. ނަމާދަށް ވުޟޫ ކުރުމާއި ނަމާދަށްޓަކައި މިސްކިތަށް ދާ ދިޔުމާއި ނަމާދަށް އިންތިޒާރު ކުރުމަކީ ވެސް ގިނަގުނަ ދަރުމަ ހުރި ކަންކަމެވެ.

އެފަދަ އަނެއް ކަމަކީ، ނަމާދުގެ ފުރަތަމަ ސަފުގައި ނަމާދު ކުރުމެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރެއްވި އެވެ؛ لَوْ يَعْلَمُ النَّاسُ مَا فِي النِّدَاءِ وَالصَّفِّ الْأَوَّلِ ثُمَّ لَمْ يَجِدُوا إِلَّا أَنْ يَسْتَهِمُوا عَلَيْهِ لَاسْتَهَمُوا وَلَوْ يَعْلَمُونَ مَا فِي التَّهْجِيرِ لَاسْتَبَقُوا إِلَيْهِ. (ބުޚާރީ އާއި މުސްލިމް) މާނައީ؛ ނަމާދަށް ގޮވައިލެވޭ ގޮވައިލުމާއި (އެބަހީ ބަންގި އާއި) ފުރަތަމަ ސަފުގައި ނަމާދު ކުރުމުގެ ދަރުމަޔާއި ސަވާބުގެ މަތިވެރިކަން މީސްތަކުންނަށް އެނގޭ ނަމަ ފުރަތަމަ ސަފުން ޖާގަ ހޯދެން އޮތީ މީސްތަކުންގެ މެދުގައި ގުރުއަތު ލައިގެން ކަމަށްވާ ނަމަ ގުރުއަތު ލައިގެން ވިޔަސް މީސްތަކުން އެކަން ކުރާނެ އެވެ. އަދި އަވަހަށް ނަމާދަށް އައުމުގައި ހުރި ދަރުމަޔާއި ސަވާބުގެ މަތިވެރިކަން މީސްތަކުންނަށް އެނގޭ ނަމަ އެ ދަރުމަޔާއި ސަވާބު ހޯދުމަށްޓަކައި އެކަކު އަނެކަކާ ވާދަ ޖެހީހެވެ.

މާތް ﷲ ރުއްސުންލެއްވި أُبَىِّ بْنِ كَعْب ރިވާކުރެއްވިއެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރެއްވި އެވެ؛ وَإِنَّ الصَّفَّ الأَوَّلَ عَلَى مِثْلِ صَفِّ الْمَلاَئِكَةِ وَلَوْ عَلِمْتُمْ مَا فَضِيلَتُهُ لاَبْتَدَرْتُمُوهُ (ސުނަން އަބީ ދާވޫދު 554، ސުނަން އައްނަސާއީ 843). މާނައީ: އަދި ހަމަކަށަވަރުން (ނަމާދުގެ ޖަމާއަތުގައި ހަދާ) ފުރަތަމަ ސަފުގެ މިސާލަކީ މަލާއިކަތް ބޭކަލުންގެ ސަފުގެ މިސާލެވެ. އެ ސަފުގެ މަތިވެރިކަމާއި މާތްކަން ތިޔަބައިމީހުންނަށް އެނގޭ ނަމަ އެ ސަފުން ޖާގައެއް ހޯދުމަށް ތިޔަބައިމީހުން އެކަކު އަނެކަކަށް ވާދަޖެހީހެވެ.

އެފަދަ މަތިވެރި ތަނަކުން ޖާގަ ހޯދައިގެން ނަމާދުކުރާ މީހުންނަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާ އަނެއް ދަރުމަޔަކީ، އެ މީހުންނަށް ރަހުމަތް ލައްވައި ފާފަ ފުއްސެވުން އެދިވަޑައިގެން މަލާއިކަތް ބޭކަލުން ދުއާ ކުރެއްވުމެވެ. މާތް ﷲ ރުއްސުން ލެއްވި الْبَرَاءِ بْنِ عَازِب ރިވާކުރެއްވި އެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރެއްވި އެވެ؛ إِنَّ اللَّهَ وَمَلاَئِكَتَهُ يُصَلُّونَ عَلَى الصُّفُوفِ الْمُتَقَدِّمَةِ‏. މާނައީ؛ ހަމަކަށަވަރުން މާތް ﷲ އާއި އެކަލާނގެ މަލާއިކަތް ބޭކަލުން، (ނަމާދުގެ ޖަމާއަތުގެ) ކުރީ ސަފުތަކުގެ މައްޗަށް ސަލަވާތް ލައްވަތެވެ. (ސުނަން އައްނަސާއީ 811). އެހެން ރިވާޔަތެއްގައި ވަނީ ނަމާދުގެ ޖަމާއަތުގެ ފުރަތަމަ ސަފުގެ މައްޗަށް ސަލަވާތް ލައްވައެވެ. (ސުނަން އިބްނު މާޖާ 999)

ނަބިއްޔާއަށް ސަލަވާތް ކިޔެވުން

ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) އަށް ސަލަވާތް ކިޔެވުމަކީ، އެންމެހައި މުއުމިނުތަކުންގެ މައްޗަށް މާތް ﷲ އަމުރު ކުރައްވާފައިވާ ކަމެކެވެ. އެކަމަށް އަމުރު ކުރައްވައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެ އެވެ: إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا (ސޫރަތުލް އަޙްޒާބު 56) މާނައީ؛ ހަމަކަށަވަރުން، ﷲ އާއި އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ސަލަވާތް ލައްވަތެވެ. އޭ އީމާންވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ސަލަވާތް ލެއްވުން އެދި ދުއާ ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން ދުއާ ކުރާށެވެ.

މި ކަމާ ގުޅޭ ގޮތުން ނަބަވީ ސުންނަތުގައި ވާރިދުވެފައިވާ ހަދީސްތަކަށް ބަލާއިރު، ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) އަށް ސަލަވާތް ކިޔެވުމަކީ ދެ ގޮތަކުން ދަރުމަ އާއި ސަވާބު ލިބެނިވި ކަމެކެވެ. ފުރަތަމަ ގޮތަކީ، އިސްވެ ދެންނެވި އާޔަތުގައިވާ އަމުރުފުޅު ތަންފީޒު ކުރުމުގެ ގޮތުން، އެކަލޭގެފާނުގެ މައްޗަށް ސަލަވާތް ކިޔެވުމުން މާތް ﷲ ދެއްވާ ދަރުމަ އާއި ސަވާބެވެ.

ދެ ވަނަ ގޮތަކީ، އެކަލޭގެފާނުގެ މައްޗަށް ސަލަވާތް ކިޔެވީތީ، މަލާއިކަތް ބޭކަލުން އެމީހާއަށްޓަކައި ކޮށްދެއްވާ ހެޔޮ ދުއާ އެވެ. މިކަން ބަޔާން ކުރައްވައި ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރައްވާފައިވެ އެވެ؛ مَا مِنْ مُسْلِمٍ يُصَلِّي عَلَىَّ إِلاَّ صَلَّتْ عَلَيْهِ الْمَلاَئِكَةُ مَا صَلَّى عَلَىَّ فَلْيُقِلَّ الْعَبْدُ مِنْ ذَلِكَ أَوْ لِيُكْثِرْ (ސުނަން އިބްނު މާޖާ 907). މާނައީ؛ ތިމަން ކަލޭގެފާނުގެ މައްޗަށް ސަލަވާތް ލެއްވުން އެދި މުސްލިމަކު ދުއާ ކުރާ ނަމަ އެ މީހަކު ތިމަން ކަލޭގެފާނަށް ސަލަވާތް ކިޔަވުން މަތީ ދެމި އިންހާ ހިނދަކު، އެ މީހަކަށް ސަލަވާތް ލެއްވުން އެދި މަލާއިކަތް ބޭކަލުން ދުއާ ކުރައްވާނެތެވެ. އެ މީހަކު ކިތަންމެ މަދުން ނުވަތަ ކިތަންމެ ގިނައިން، ތިމަންކަލޭގެފާނުގެ މައްޗަށް ސަލަވާތް ކިޔެވި ކަމުގައި ވިޔަސް މެ އެވެ.

އެހެންވީމާ، ގުނައި ޢަދަދު ނުކުރެވޭހައި ގިނަ މަލާއިކަތް ބޭކަލުންގެ ހެޔޮ ދުއާގެ ނަސީބު ލިބިގަތުމަށްޓަކައި، ވީހާ ގިނަގިނައިން ކީރިތި މާތް ނަބިއްޔާ މުހައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ގެ މައްޗަށް ސަލަވާތް ކިޔެވުމަކީ، އެއްވެސް ބުރައެއް އުފުލުމެއް ނެތި، އެ މީހަކު ހުރި ތަނެއްގައި ހުރި ހާލަތެއްގައި ކުރެވިދާނެ ކަމެކެވެ.

ރޯދަވެރިޔާގެ ހާޒިރުގައި ކެއުން

أمُّ عُمَارَة (نَسِيْبَة) بِنْتِ كَعْب ރިވާ ކުރެއްވި އެވެ. އެއް ދުވަހަކު ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)، އަހުރެންގެ ގާތަށް ވަޑައިގަތުމުން، އަހުރެން އެކަލޭގެފާނަށް ފަރިއްކޮޅެއް އެރުވީމެވެ. އެ ހިނދު އިތުރު އެކަލޭގެފާނު ފަރިއްކޮޅު ފައްޓަވަމުން ހަދީސް ކުރެއްވި އެވެ؛ ކަމަނާ ވެސް ފަރިއްކުޅުއްވާށެވެ! ތިމަން ދެންނެވީމެވެ. ހަމަކަށަވަރުން އަޅުގަނޑު މިއަދު މި ހުރީ ރޯދައަށެވެ. އިތުރު އެކަލޭގެފާނު ހަދީސް ކުރެއްވި އެވެ؛ ރޯދައަށް ހުންނަ މީހެއްގެ ހާޒިރުގައި އެހެން ބަޔަކު ކައިފި ނަމަ އެބަޔަކު ކައި ނިމެންދެން، ރޯދަވެރިޔާ އަށް މަލާއިކަތް ބޭކަލުން ސަލަވާތް ލައްވާނެތެވެ. (ރިވާކުރެއްވީ އަޙްމަދު، ތިރްމިޛީ، އިބްނު މާޖާ އަދި އައްދާރަމީ)

އެހެން ރިވާޔަތެއްގައިވެ އެވެ؛ ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރެއްވި އެވެ؛ الصَّائِمُ إِذَا أَكَلَ عِنْدَهُ الْمَفَاطِيرُ صَلَّتْ عَلَيْهِ الْمَلاَئِكَةُ (ޖާމިޢުއް ތިރްމިޛީ 784، ސުނަން އިބްނު މާޖާ 1748). މާނައީ؛ ރޯދައަށް ހުރި މީހެއްގެ ހާޒިރުގައި، ރޯދަ ނޫން ބަޔަކު ކައިބޮއި ހަދައިފި ނަމަ، ރޯދައަށް ހުރި މީހާއަށް، މަލާއިކަތް ބޭކަލުން ސަލަވާތް ލައްވާނެތެވެ.

އެހެންވީމާ، ގުނައި ޢަދަދު ނުކުރެވޭހައި ގިނަ މަލާއިކަތް ބޭކަލުންގެ ހެޔޮ ދުއާގެ ނަސީބު ލިބިގަތުމަށްޓަކައި، ވީހާ ގިނަގިނައިން ކީރިތި މާތް ނަބިއްޔާ މުހައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ގެ މައްޗަށް ސަލަވާތް ކިޔެވުމަކީ، އެއްވެސް ބުރައެއް އުފުލުމެއް ނެތި، އެ މީހަކު ހުރި ތަނެއްގައި ހުރި ހާލަތެއްގައި ކުރެވިދާނެ ކަމެކެވެ.

އިސްވެ ދެންނެވި ދެ ހަދީސްގައި ވެސް ބަޔާންވެފައި އެ ވަނީ، ސުންނަތް ރޯދައިގެ ހާލަތްތަކެވެ. ރަމަޟާން މަހުގެ ރޯދައަކީ، ހުރިހާ މުސްލިމުންގެ މައްޗަށް މާތް ﷲ ފަރުޟު ކުރައްވާފައިވާ އަޅުކަމަކަށް ވުމުން، އެއް ބަޔަކު އެ ފަރުޟު އަދާކުރާ އިރު، އެ ފަރުޟު އަދާ ނުކުރާ އެހެން ބަޔަކު ނުތިބޭނެ އެވެ. ދަތުރުވެރިންނާއި ބަލިމީހުންނާއި ކުޑަކުދިންނާއި ޙައިޟު ނިފާސްވެރިންނާއި އެ ނޫން ވެސް ރޯދަ ނުހިފޭ އުޒުރުވެރިން މެނުވީ އެވެ.

އެހެންކަމުން، ސުންނަތް ރޯދައަކަށް ހުންނަ އިރު، ތިމާގެ ހާޒިރުގައި އެހެން ބަޔަކު ކައިބޮއި ހެދުމަކީ އެއްވެސް މައްސަލައެއް ހުރި ކަމެއް ނޫނެވެ. އަދި އެ ބަޔަކު ކައިބޮއި ހަދާ ތަނެއްގައި ރޯދަވެރިއަކު ހުރުމަކީ ވެސް މައްސަލައެއް ނޫނެވެ. އެފަދަ ތަނެއްގައި ހުރުމުން، އެ މީހަކަށް މަލާއިކަތް ބޭކަލުންގެ ހެޔޮ ދުއާ ލިބޭނެ އެވެ. އެއީ، އޭނާގެ ކުރިމަތީގައި އެހެން ބަޔަކު ކައިބޮއި ހަދާއިރު ވެސް، ކެތްތެރިކަމާ އެކު އޭނާގެ ރޯދަ ފުރިހަމަ ކުރާތީ އެވެ.

އިސްވެ ދިޔަ ވާހަކަތަކުން އަޅުގަނޑުމެންނަށް އެނގުނީ، މަލާއިކަތް ބޭކަލުންނަކީ މުއުމިނުންގެ މައްޗަށް ހެޔޮ ދުއާ ކުރެއްވުން މަތީގައި ތިއްބަވާ ބޭކަލުންތަކެއް ކަމެވެ. އެތައް ހާލަތްތަކެއްގައި އެބޭކަލުންގެ ހެޔޮ ދުއާ މުއުމިނުންނަށް ލިބެ އެވެ. އޭގެ ތެރެއިން ބައެއް ހާލަތްތަކަކީ، (ހ) މާތް ﷲގެ މަގުގައި ހޭދަކުރުން (ށ) އުނގެނުމާއި އުނގަންނައިދިނުން (ނ) މިސްކިތުގައި ވަގުތު ހޭދަކުރުން (ރ) އިމާމްގެ ފަހަތުން އާމީން ކިޔުން (ބ) ނަމާދުގެ ސަފުތައް ފުރައި އެއްވަރުކުރުން (ޅ) ފުރަތަމަ ސަފުގައި ނަމާދުކުރުން (ކ) ނަބިއްޔާއަށް ސަލަވާތް ކިޔެވުން (އ) ރޯދަވެރިޔާގެ ހާޒިރުގައި ކެއުން، މި އެވެ.

މީގެ އިތުރުން ވެސް، މަލާއިކަތް ބޭކަލުން މުއުމިނުންނާއި މުސްލިމުންގެ މައްޗަށް ހެޔޮ ދުއާ ކުރައްވާ ކިތަންމެ ހާލަތެއް އެބަހުއްޓެވެ. މިފަދަ ކަންކަމަކީ، މާތް ﷲގެ ޙަޟްރަތުން ދަރުމަޔާއި ސަވާބު ހޯދުމަށްޓަކައި މާ ގިނަ ތަކުލީފުތަކެއް އުފުލުމެއް ނެތި، ނުހަނު ލުއިފަސޭހަކަމާ އެކު ކުރެވިދާނެ ކަންކަމެވެ. އަދި އެކަންކަން ކުރުމުން، ގުނައި އަދަދު ނުކުރެވޭހައި ގިނަ ދަރުމަޔާއި ސަވާބު ލިބެނިވި ކަންކަމެވެ. (ނިމުނީ)