03 މާޗް 2024
ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓް އަޅާނެ ތަނަކާ މެދު ރަށްތަކުގެ މެދުގައި ހިޔާލު ތަފާތުވެފައިވަނިކޮށް، އެ އެއާޕޯޓް އަޅާނީ ރައްޔިތުން އެންމެ ބޭނުންވާ، އެންމެ އެދޭ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓް އަޅާނެ ތަނަކާ މެދު ރަށްތަކުގެ މެދުގައި ހިޔާލު ތަފާތުވެފައިވަނިކޮށް، އެ އެއާޕޯޓް އަޅާނީ ރައްޔިތުން އެންމެ ބޭނުންވާ، އެންމެ އެދޭ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރ. އިނގުރައިދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު މަޝްރޫއުތައް ހިންގާނީ ރައްޔިތުން ބޭނުން ގޮތް އޮޅުން ފިލުވައިގެން ކަމަށާއި ރަށްރަށަށް ދަތުރުކޮށް ކައުންސިލްތަކާ ބައްދަލު ކުރަނީ އެ މަގުސަދުގައި ކަމަށެވެ.
ރައްޔިތުން އެދި ތިބި އެއާޕޯޓްގެ މަޝްރޫއު ވެސް ކުރިއަށް ގެންދާނީ އެގޮތުގެ މަތިން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއާޕޯޓާ ގުޅޭ ގޮތުން އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދަށް އިހްތިރާމް ކުރާނެ ކަމަށާއި އެއާޕޯޓްއާ ގުޅޭ ގޮތުން ރައްޔިތުން ބޭނުންވާ ގޮތް ބަލައި، ރައްޔިތުން އެދޭ ކަހަލަ އެއާޕޯޓެއް ހަދައިދޭނެ ކަމަށެވެ. އޭރަށް ރަށްތަކުގެ އިގުތިސޯދު ކުރިއަރައި، ވަޒީފާ އާއި އެހެންވެސް ގިނަ ފައިދާތައް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް، އެއާޕޯޓް އަޅާނީ ކޮން ރަށެއްގައި ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.
ރިޔާސީ ކެމްޕެއިންގައި ރ. އިނގުރައިދޫގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ރ. ފައިނުގައި އެއާޕޯޓް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެންގުޅުއްވި ތަސައްވުރާ އެއްގޮތަށް އެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އިނގުރައިދޫގެ ރައްޔިތުން ބޭނުން ވަނީ ވެސް ކައިރީގައި އޮތް ފައިނުގައި އެއާޕޯޓް އަޅާށެވެ.
އިނގުރައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަމީލު ވިދާޅުވީ ފައިނުގައި އެއާޕޯޓް އެޅުމަށް އިނގުރައިދޫގެ ރައްޔިތުން އެދޭ ކަމަށާއި އެ އެއާޕޯޓް ހަގީގަތަކަށްވުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. ނަމަވެސް، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވަނީ ރ. ދެކުނު ބިތުގައި އަޅާ އެއާޕޯޓަކީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަކަށް އަޅާ އެއާޕޯޓަކަށް ހެދުމާ މެދު ރައްޔިތުން ވިސްނަން އެދިވަޑައިގެންފަ އެވެ.
އޭނާ ވިދާޅުވީ އެއާޕޯޓަކީ އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރެވޭނެ އެއާޕޯޓަކަށް ވާން ޖެހޭނެ ކަމަށާއި އެ ނޫން ގޮތަކަށް އެއާޕޯޓް އަޅައިގެން ނުވާނެ ކަމަށެވެ. އެތައް ބައިވަރު ރިސޯޓްތަކެއް ކައިރީގައި އޮތް އިރު، ބޭނުން ވަނީ "ބޮނބި ފަޅިއެއް" ނޫން ކަމަށާއި އިންޓަނޭޝަނަލް އެއާޕޯޓެއް ކަމަށެވެ.
ފައިނުގައި އެއާޕޯޓް އަޅަން އިނގުރައިދޫ އިން އެދެމުންދާއިރު، އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރެވޭ މިންވަރަށް ފައިނު އިން ޖާގަ ލިބިދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ. ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރ. ދެކުނު ބިތުގެ އެއާޕޯޓް އަޅަން ނިންމައިފައިވާ ބެރިޔަންފަރު ހިއްކައިގެން ބޮޑު ބިމެއް ހޯދެން އެބަ އޮތެވެ.
ރ. އަތޮޅުގެ ބައެއް ރަށްތަކުން ވަނީ އެ މަނިކުފާނު ކެމްޕެއިންގައި ފައިނުގައި އެއާޕޯޓް އަޅަންވީ ވައުދު ބަދަލު ކުރައްވައި ބެރިޔަންފަރުގައި އެއާޕޯޓް އެޅުމަށް އެދިފަ އެވެ. ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ރ. އަތޮޅަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އިއްޔެ މީދޫ އަށް ވަޑައިގެން، ކައުންސިލްއާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސަށް ހުށަހަޅާފައި ވަނީ އެއާޕޯޓް ބެރިޔަންފަރުގައި އަޅައިދިނުމަށެވެ.
"ރ. ދެކުނު އެއާޕޯޓް ވެގެންދާނީ މުޅި ރާއްޖޭގައި ވެސް ހިނގާނެ އެންމެ އޮޕަރޭޝަން ބިޒީ އެއާޕޯޓަކަށް. ސަބަބަކަށް ވަނީ ރ. ދެކުނުގައި މިއޮތް ހުރިހާ ރިސޯޓް. 14-15 ރިސޯޓް. ބ. އަތޮޅު އުތުރުބުރީގައި ހުރި ރިސޯޓްތައް. މީހުން އުޅޭ ރަށްރަށުގެ އާބާދީ، މި ހުރިހާ ކަމަކަށް ބެލިޔަސް ރ. ދެކުނު ބެރިޔަންފަރު އެއާޕޯޓް ވެގެންދާނީ ވަރަށް ވެސް ބިޒީ އެކަމުގެ ސަބަބުން ނަފާ އިތުރުވެގެންދާނެ އޮޕަރޭޝަނަކަށް،" މީދޫ ކައުންސިލްގެ ރައީސް ހަސަން ޝަރީފް ރޭ މީދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ރޭގެ ޖަލްސާގައި ރައީސް ސާފު ޖަވާބެއް ނުދައްވަ އެވެ. ވިދާޅުވީ ރ. އަތޮޅު ދެކުނު ބިތުގެ އެއާޕޯޓް އަޅާނީ ރައްޔިތުންނަށް އެންމެ ނަފާވާ ގޮތަށް ކަމަށެވެ.
"އެއާޕޯޓްތައް އެޅުމަކީ އަޅުގަނޑުމެންގެ ސިޔާސަތު، ކައުންސިލްގެ ރައީސް ވެސް ވިދާޅުވި ފަދައިން ތިޔަ ބޭފުޅުން ޔަގީންކުރަންވީ މި ރަށުގެ ރައްޔިތުން ވެސް އުއްމީދު ކުރާ ގޮތަށް މި ސަރަހައްދަށް މި އަތޮޅަށް އެންމެ ނަފާވާ ގޮތަށް ކަން އެކަން ކުރާނީ. އެހެންވީމަ އެކަމުގައި އަޅުގަނޑުގެ ވިސްނުން މި ހިއްސާކޮށްލީ،" މީދޫ ސްކޫލްގައި ބޭއްވި ޖަލްސާގައި ރައީސް ރޭ ވިދާޅުވި އެވެ.
ޔާމީންގެ ސަރުކާރުގައި ފައިނުގައި އެއާޕޯޓް އެޅުމަށް އައިލެންޑް އޭވިއޭޝަން ސާވިސްއާ ހަވާލު ވެސް ކުރި އެވެ. އަށް މިލިއަން ޑޮލަރު އެކަމަށް ހަމަޖައްސައި މަސައްކަތް ވެސް ފެށި ނަމަވެސް އޭރުގެ އިދިކޮޅު އެމްޑީޕީ އާއި ތިމާވެއްޓަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ފައިނުގައި އެއާޕޯޓް އަޅާނަމަ، އެ ރަށް ނެތި ގޮސް، ބޮޑު ގަސްތަކާއި ގުދުރަތީ ވެށި ނެތިގެންދާނެ ކަމަށް ބުނެ އިހްތިޖާޖު ކުރުމުން މަޝްރޫއު ހުއްޓާލީ އެވެ.
ފައިނުގައި އެއާޕޯޓް އެޅުމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަތުމުން އަދި ރައީސް ރ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅާ ގުޅިގެން ވެސް ފައިނުގައި އެއާޕޯޓް އެޅުމާ ދެކޮޅަށް އަޑު އުފުލަން ވަނީ ފަށައިފަ އެވެ.
ބެރިޔަންފަރަކީ ވެސް ތިމާވެށީގެ ގޮތުން މުއްސަނދި ތަނަކަށް ވާއިރު އެ ތަނުގައި އެއާޕޯޓް އެޅުމާ ދެކޮޅަށް ވެސް ބައެއް މީހުން މަސައްކަތް ކުރެ އެވެ. މިދިޔަ ސަރުކާރުން ނިންމައިފައި އޮތީ ތިމާވެށި މެނޭޖް ކޮށްގެން މަޝްރޫއު ކުރިއަށް ގެންދާށެވެ.
ރ. އަތޮޅުގައި މިހާރު އެއާޕޯޓް އޮންނަނީ އިފުރުގަ އެވެ. ރ. އަލިފުށީގައި އެއާޕޯޓެއް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
މީދޫން އެދުނީ ބެރިޔަންފަރުގައި އެއާޕޯޓް އަޅަން
ފައިނު އެއާޕޯޓު އެޅުމުގެ ޝަކުވާތައް އަޑުއަހަން އެދިއްޖެ
ހިޔާލު ތަފާތުވެފައި އޮތް އެއާޕޯޓް ފައިނަށް
ރާއްޖޭގެ މިނިވަންކަން ޔަގީންވާ ވަރު ކުރާނަން: ރައީސް
ޔާމީނުގެ ތަސައްވުރަށް ފައިނުގައި އެއާޕޯޓްއަޅަން ވައުދެއް
ރައީސް ޔާމީން ނ. އާއި ރ. އަތޮޅަށް
އަންހެންގެ ކޮމިޓީއަށް މުސާރައެއް ކަނޑައަޅަނީ
ޑޮލަރު މާރުކުރުން ލާޒިމްކުރާ ބިލް ތަސްދީގުކުރައްވައިފި
ރައީސް މުއިއްޒު އދ. އަތޮޅަށް ފުރާވަޑައިގެންފި
ލައިވްގައި ގުރުއާނުގެ ކަލިމައެއް އުނިވީ އިހުމާލަކުން