Roadha Mihaaru
މީދޫން އެދުނީ ބެރިޔަންފަރުގައި އެއާޕޯޓް އަޅަން

ރައީސް ވައުދުވެފައި އޮތީ ފައިނުގައި އެއާޕޯޓް އަޅަން، އެކަމަކު މީދޫ އިން އެދުނީ ބެރިޔަންފަރުގައި އަޅަން

02 މާޗް 2024

ހިޔާލު ތަފާތުވުން ބޮޑުވެފައިވާ ރ. އަތޮޅު ދެކުނު ބިތުގެ އެއާޕޯޓް އެ އަތޮޅުގައި ފައިނުގައި އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންގައި ވައުދުވެވަޑައިގެންފައިވީ ނަމަވެސް، ދެކުނު ބިތުގައި އޮތް ބެރިޔަންފަރުގައި އެއާޕޯޓް އަޅައިދިނުމަށް މީދޫ ކައުންސިލުން ރައީސަށް ހުށަހަޅައިފި އެވެ.

ނާޒިމް ހަސަން ރ. މީދޫ އިން ނާޒިމް ހަސަން

ހިޔާލު ތަފާތުވުން ބޮޑުވެފައިވާ ރ. އަތޮޅު ދެކުނު ބިތުގެ އެއާޕޯޓް އެ އަތޮޅުގައި ފައިނުގައި އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންގައި ވައުދުވެވަޑައިގެންފައިވީ ނަމަވެސް، ދެކުނު ބިތުގައި އޮތް ބެރިޔަންފަރުގައި އެއާޕޯޓް އަޅައިދިނުމަށް މީދޫ ކައުންސިލުން ރައީސަށް ހުށަހަޅައިފި އެވެ.

ރިޔާސީ ކެމްޕެއިންގައި ރ. އިނގުރައިދޫގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ރ. ފައިނުގައި އެއާޕޯޓް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެންގުޅުއްވި ތަސައްވުރާ އެއްގޮތަށް އެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ރ. އަތޮޅަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިއަދު މީދޫ އަށް ވަޑައިގެން، ކައުންސިލްއާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސަށް ހުށަހަޅާފައި ވަނީ އެއާޕޯޓް ބެރިޔަންފަރުގައި އަޅައިދިނުމަށެވެ.

"ރ. ދެކުނު އެއާޕޯޓް ވެގެންދާނީ މުޅި ރާއްޖޭގައި ވެސް ހިނގާނެ އެންމެ އޮޕަރޭޝަން ބިޒީ އެއާޕޯޓަކަށް. ސަބަބަކަށް ވަނީ ރ. ދެކުނުގައި މިއޮތް ހުރިހާ ރިސޯޓް. 14-15 ރިސޯޓް. ބ. އަތޮޅު އުތުރުބުރީގައި ހުރި ރިސޯޓްތައް. މީހުން އުޅޭ ރަށްރަށުގެ އާބާދީ، މި ހުރިހާ ކަމަކަށް ބެއްޔަސް ރ. ދެކުނު ބެރިޔަންފަރު އެއާޕޯޓް ވެގެންދާނީ ވަރަށް ވެސް ބިޒީ އެކަމުގެ ސަބަބުން ނަފާ އިތުރުވެގެންދާނެ އޮޕަރޭޝަނަކަށް،" މީދޫ ކައުންސިލްގެ ރައީސް ހަސަން ޝަރީފް މިރޭ މީދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވި އެވެ.

ރައީސް މިއަދު މީދޫ އަށް ވަޑައިގެންނެވުމުން ކައުންސިލްގެ ރައީސް މަރުހަބާ ދަންނަވަނީ

ރައީސް މިއަދު މީދޫ އަށް ވަޑައިގެންނެވުމުން ކައުންސިލްގެ ރައީސް މަރުހަބާ ދަންނަވަނީ

މިކަމާ ގުޅޭ ގޮތުން މިރޭގެ ޖަލްސާގައި ރައީސް ސަފު ޖަވާބެއް ނުދައްވަ އެވެ. ވިދާޅުވީ ރ. އަތޮޅު ދެކުނު ބިތުގެ އެއާޕޯޓް އަޅާނީ ރައްޔިތުންނަށް އެންމެ ނަފާވާ ގޮތަށް ކަމަށެވެ.

"އެއާޕޯޓްތައް އެޅުމަކީ އަޅުގަނޑުމެންގެ ސިޔާސަތު، ކައުންސިލްގެ ރައީސް ވެސް ވިދާޅުވި ފަދައިން ތިޔަ ބޭފުޅުން ޔަގީންކުރަން ވީ މި ރަށުގެ ރައްޔިތުން ވެސް އުއްމީދު ކުރާ ގޮތަށް މި ސަރަހައްދަށް މި އަތޮޅަށް އެންމެ ނަފާވާ ގޮތަށް ކަން އެކަން ކުރާނީ. އެހެންވީމަ އެކަމުގައި އަޅުގަނޑުގެ ވިސްނުން މި ހިއްސާކޮށްލީ،" މީދޫ ސްކޫލްގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓް އަޅަން މިދިޔަ ސަރުކާރުން ކަނޑައަޅާފައިވަނީ ބެރިޔަންފަރެވެ. މީދޫގެ އިތުރުން އެހެން ބައެއް ރަށްތަކުން ވެސް އެދިފައިވަނީ އެއާޕޯޓް ފައިނުގެ ބަދަލުގައި ބެރިޔަންފަރުގައި އެޅުމަށެވެ. ނަމަވެސް، އިނގުރައިދޫ ދާއިރާގެ ރަށްތަކުން އެދެނީ އެއާޕޯޓް ފައިނުގައި އެޅުމަށެވެ.

ޔާމީންގެ ސަރުކާރުގައި ފައިނުގައި އެއާޕޯޓް އެޅުމަށް އައިލެންޑް އޭވިއޭޝަން ސާވިސްއާ ހަވާލު ވެސް ކުރި އެވެ. އަށް މިލިއަން ޑޮލަރު އެކަމަށް ހަމަޖައްސައި މަސައްކަތް ވެސް ފެށި ނަމަވެސް އޭރުގެ އިދިކޮޅު އެމްޑީޕީ އާއި ތިމާވެއްޓަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ފައިނުގައި އެއާޕޯޓް އަޅާނަމަ، އެ ރަށް ނެތި ގޮސް، ބޮޑު ގަސްތަކާއި ގުދުރަތީ ވެށި ނެތިގެންދާނެ ކަމަށް ބުނެ އިހްތިޖާޖު ކުރުމުން މަޝްރޫއު ހުއްޓާލީ އެވެ.

ފައިނުގައި އެއާޕޯޓް އެޅުމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަތުމުން އަދި ރައީސް ރ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅާ ގުޅިގެން ވެސް ފައިނުގައި އެއާޕޯޓް އެޅުމާ ދެކޮޅަށް އަޑު އުފުލަން ވަނީ ފަށައިފަ އެވެ.

"ފައިނުގައި އެއާޕޯޓް އަޅަން ހިއްކަން ޖެހެނީ ވަރަށް ކުޑަ ބިމެއް. ބިން ހިއްކުން ވަރަށް ކުޑަ ހަރަދުކުޑަ ދެކޮޅުޖެހޭ މަޝްރޫއުއެއް. މީދޫ މަޑުއްވަރީ ދައިރާއަށާއި ރިސޯޓްތަކަށް ވެސް މި ސަރަހައްދަށް ދެކޮޅު ޖެހޭ ވަރަށް ރަނގަޅު އިންވެސްޓްމެންޓެއް، ފައިނުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނަން." ރައީސް، 30 އޯގަސްޓް 2023 ގައި ވިދާޅުވި އެވެ.

ބެރިޔަންފަރަކީ ވެސް ތިމާވެށީގެ ގޮތުން މުއްސަނދި ތަނަކަށް ވާއިރު އެ ތަނުގައި އެއާޕޯޓް އެޅުމާ ދެކޮޅަށް ވެސް ބައެއް މީހުން މަސައްކަތް ކުރެ އެވެ. މިދިޔަ ސަރުކާރުން ނިންމައިފައި އޮތީ ތިމާވެށި މެނޭޖް ކޮށްގެން މަޝްރޫއު ކުރިއަށް ގެންދާށެވެ. ރ. އަތޮޅުގައި މިހާރު އެއާޕޯޓް އޮންނަނީ އިފުރުގަ އެވެ. ރ. އަލިފުށީގައި އެއާޕޯޓެއް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ރ. އަތޮޅުގައި މިހާރު އެއާޕޯޓް އޮންނަނީ އިފުރުގަ އެވެ. ރ. އަލިފުށީގައި އެއާޕޯޓެއް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.