Roadha Mihaaru
ލަސްކޮށްފިނަމަ ގާނޫނު ބުނާ ގޮތަށް އާމަޖިލިސް ނުހޮވިދާނެ

އާދީއްތަދުވަހަށް ވުރެ ލަސްކޮށްފި ނަމަ ގާނޫނުގައިވާ ގޮތަށް އާ މަޖިލިސް އިންތިހާބު ނުކުރެވިދާނެ: ފުއާދު

02 މާޗް 2024

އެޕްރީލް 21 ވާ އާދީއްތަދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ނިންމީ، އެއަށް ވުރެން ލަސްކޮށްފި ނަމަ މިހާރުގެ މަޖިލިސް އުވުމުގެ އެއް މަސް ކުރިން އިންތިހާބު ނުބޭއްވި ގާނޫނާ ޚިލާފުވެދާނެ ކަމަށް ފެންނާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އެޕްރީލް 21 ވާ އާދީއްތަދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ނިންމީ، އެއަށް ވުރެން ލަސްކޮށްފި ނަމަ މިހާރުގެ މަޖިލިސް އުވުމުގެ އެއް މަސް ކުރިން އިންތިހާބު ނުބޭއްވި ގާނޫނާ ޚިލާފުވެދާނެ ކަމަށް ފެންނާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބު މާޗް 17 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް، ރޯދަ މަހު އިންތިހާބުތައް ނުބޭއްވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން އިންތިހާބާ ބެހޭ ގާނޫނު ވަނީ އިސްލާހުކޮށްފަ އެވެ. އެ ބިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމުން، އީސީން ނިންމީ އިންތިހާބު އެޕްރީލް 21 ގައި ބާއްވާށެވެ.

އެ ދުވަސް އާދީއްތަ ދުވަހަކާ ދިމާވާތީ، އީސީގެ ނިންމުމަށް އިދިކޮޅު އެމްޑީޕީން ދަނީ ފާޑުކިޔަމުންނެވެ. އާއްމުކޮށް އިންތިހާބުތައް ބާއްވަނީ ހޮނިހިރުދުވަހު ކަމަށާއި އެ ނިންމުން ބަދަލުކުރި ސަބަބު ސާފުކޮށްދޭން އީސީއަށް ވަނީ ގޮވާލައިފަ އެވެ.

އެއަށް ރައްދު ދެއްވައި، ފުއާދު ވިދާޅުވި ގޮތުގައި އޭޕްރީލް 21 ގައި މަޖިލިސް އިންތިހާބު ބާއްވަން ނިންމީ، އެއީ ރޯދަ މަސް ނިމި، ފަހު 10 ދުވަސް ދޫކޮށް އަންނަ ފުރަތަމަ ދުވަސް ކަމަށްވާތީ އެވެ.

އިންތިހާބުތަކާ ބެހޭ ގާނޫނަށް ފަހުން ގެނައި އިސްލާހުގައި ބުނަނީ، "މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީ ނަމަވެސް ރަމަޟާން މަހުގެ ދުވަހެއްގައި އިންތިހާބު ބާއްވައިގެން ނުވާނެ އެވެ. އަދި އިންތިހާބު ބާއްވަން ޖެހޭ ތާރީހް ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމި 10 ދުވަސް ފަހުން" ކަމަށެވެ.

ފުއާދު ވިދާޅުވި ގޮތުގައި މިހާރު ކަނޑައަޅާފައި އޮތް ތާރީހަށް ވުރެން މަޖިލިސް އިންތިހާބު ލަސްކޮށްފި ނަމަ، މިހާރު އޮތް މަޖިލިސް އުވުމުގެ އެއް މަސް ދުވަސް ކުރިން އާ މަޖިލިސް ނުހޮވިދާނެ ކަމަށެވެ.

މަޖިލިސް އުވުމުގެ އެއް މަސް ކުރިން، އިލެކްޝަންސް ކޮމިޝަނުން އާ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރަން ޖެހެ އެވެ.

https://x.com/fuwadthowfeek/status/1763801898698575985?s=46&t=FL8VAC2pdF28EtdiwnsjIQ

އާދިއްތަ ދުވަހެއްގައި އިންތިހާބު ބާއްވާތީ އެކަމާ، ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެ ނިންމުމާ ގުޅިގެން އިބޫ ރޭ ވިދާޅުވީ، ރަސްމީ ބަންދު ދުވަސްތަކުގައި އިންތިހާބުތައް ބާއްވަނީ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެއްގެ ފުރުސަތު ގިނަ ބަޔަކަށް ހޯދައިދޭން ކަމަށެވެ.

އާދިއްތަ ދުވަހެއްގައި ބާއްވަނީ ސަރުކާރުގެ ނުފޫޒުން ކަމަށް ތުހުމަތު ކުރައްވައި އެމަނިކުފާނު ވަނީ ނުފޫޒުގައި އީސީން ނުޖެހުމަށް ގޮވާލައްވައިފަ އެވެ.

އީސީން ބުނެފައި ވަނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ނިންމުމުން، އިތުރު 560 މީހުންނަށް އަލަށް ވޯޓުލުމުގެ ހައްގު ލިބޭ ކަމަށެވެ.